...

Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް- އަފްޣާނިސްތާނުން ފިލާވަޅެއް

ތިރީގައި އެވަނީ އަފްޣާނިސްތާނުން ލިބެން އޮތް ފިލާވަޅު ކަމަށް މީހަކު ބުނެފައި އޮތް ވާހަކައެއްގެ ޖުމްލަ މާނައާއި އަދި އެއާ ގުޅުވާލައިގެން ލިޔެފައި އޮތް ދެތިން ޖުމްލައެކެވެ.

  1. ކަލޭ ބޭނުންވާ ފުލެޓު، ކަލޭ ބޭނުންވާ ސައިކަލު، ކާރު، މަސްދޯނި، ބޭންކުގައި ކަލޭ ރައްކާކުރާ ފައިސާ، ކަލޭގެ ވިޔަފާރި، ކަލޭ އުޅެން ބޭނުންވާ ދިިރިއުޅުން، މި ހުރިހާ އެއްޗިއްސާއި ކަންކަން ހިރަފުހަށް ވެގެން ދެއެވެ. ކަލޭގެ ގައުމަށް، ގައުމުގެ މިނިވަންކަންމަތީ ކޮޅަށް ނުހުރެވޭ ނަމައެވެ. އެހެންވީމައި ކަލޭގެ ހުރިހާ އެދުމެއް ގުޅިފައި އޮތީ ކަލޭގެ ގައުމުގެ މިނިވަންކަމާ މެދު ވިސްނައި، ގައުމުގެ މިނިވަންކަން ރައްކާތެރިކުރުމަށް މަސައްކަތް ކުރުމާއެވެ.
  2. ކަލޭގެ އަމިއްލަ މިލްކިއްޔާތުގައިވާ އެއްޗެއްގައި އެއްވެސް އަގެއް ނުހުންނާނެއެވެ. ކަލޭގެ ގައުމުގެ އެއްވެސް އަގެއް ނެތް ނަމައެވެ. ކަލޭގެ ގައުމުގެ އެއްވެސް ރައުސްމާލެއް، ހަރު މުދަލެއް ނެތް ނަމަ، ކަލޭގެ ގައުމުގެ އެއްވެސް އަގެއް ނޯންނާނެއެވެ. [މި މަގާމުގައި އިރާގު މަތިން ވެސް ހަނދާންކޮށްލުން އެންމެ ރަނގަޅެވެ. ހަތްދިހައިގެ އަހަރުތަކުގެ ފަހާ ޖެހެން ދެންވެސް އިރާގުގެ ދީނާރަކަށް ޔޫ.އެސް. ތިން ޑޮލަރު ލިބެއެވެ! ނުވަދިހައިގެ އަހަރުތައް ނިމުނު އިރު ކަން އޮތީ ކިހިނެއް ހެއްޔެވެ؟ ފަނަރަސަތޭކަ ދީނާރަށް އެންމެ ޑޮލަރެއް ވެސް ނުގަނެވޭހާ ދަށަށް އިރާގުގެ ދީނާރުގެ އަގު އޮތީ ވެއްޓިފައެވެ.]
  3. ހަމަ ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި، ކަލޭގެ އަމިއްލަ ރަށުގައި ކަލޭ ރެފިޔުޖީއަކަށް ވެދާނެއެވެ. ކަލޭގެ ލީޑަރުން ކަމުގައި ތިބި މީހުން ކަލޭގެ މިނިވަންކަން ވިއްކާލާފައި ދުވެ ފިލުމުންނެވެ.

[މި މަގާމުގައި ފަލަސްތީނުގެ މީހުން މަތިން ހަނދާންކޮށްލުން އެންމެ ރަނގަޅެވެ. އެމީހުންގެ ލީޑަރުން ކަމުގައި ބެލި، އަރަބީންގެ ބައެއް ވެރިން، އެ މީހުންގެ އަމިއްލަ ވެރިކަމެއް ގާއިމުކުރުމުގެ ދަހިވެތިކަމުގައި، އިސްތިއުމާރީ ބާރުތަކާ އެއްބައިވެ، އޭރު އޮތް އިސްލާމީ ޚިލާފަތާ ދެކޮޅަށް ހަނގުރާމަކުރުމުގެ ނަތީޖާއަކަށްވީ އިރާގާއި ފަލަސްތީނާއި މުޅި ޝާމުކަރަ އެއްކޮށް އިސްތިއުމާރީ ބާރުގެ ދަށަށް ދިޔުމެވެ. ދެންވީ ކިހިނެއްކަން އެ އޮތީ ފެންނާށެވެ! ޝާމުކަރަ ބައިބައިކޮށްލިއެވެ. އަދި، ޝާމުކަރައިގެ އެކި ބައިބަޔަށް، އެތަންތަނުގެ އަގައްލިޔަތުގެ ތެރެއިން މީހުން ވެރިކަމަށް ގެނައެވެ. މިކަމުގެ ސަބަބުން، އެ ތަންތަނަށް އައި ވެރިންގެ އެންމެ މުހިއްމު ކަމަކަށް އޮތީކީ ގައުމު ބިނާކުރުމެއް ނޫނެވެ. އެ މީހުންގެ އާއިލާގެ ތެރޭގައި ވެރިކަން ދެމެހެއްޓޭތޯއެވެ. އެކަމުގެ ހިތި ނަތީޖާ މިއަދުވެސް ޝާމުކަރައިން ފެންނަމުން އެ ދަނީއެވެ. ދެން ފަލަސްތީނަށްވީ ކިހިނެއް ހެއްޔެވެ؟ ތަނުގެ އަހުލުވެރިންގެ އެއްބަޔަކު، އެމީހުންގެ އަމިއްލަ ގައުމުގައި ރެފިޔުޖީންނަށްވީއެވެ. އަނެއް ބަޔަކު، އެމީހުންގެ އަމިއްލަ ގައުމުން ބޭރުކޮށް، ކައިރި އެހެން ގައުމުތަކުގައި ރެފިޔުޖީންނަށް ވީއެވެ. އަދިވެސް، އެ މީހުންގެ އެ ހާލަތަށް ބަދަލެއް ނާދެއެވެ. މިކަން ދިމާވީ މައިގަނޑު ދެ ސަބަބަކާ ހެދިއެވެ. ލީޑަރުންނޭ ކިޔާ ބަޔަކަށް، ހުރިހާ ކަމަކަށް ވުރެ ވެސް ވެރިކަން މުހިއްމުވުމެވެ. ދެވަނަ ސަބަބަކީ ހޭލުންތެރި ރައްޔިތެއް ނެތުމެވެ. އެ މީހުންގެ ގައުމު ބައިބައިކޮށް ބަހާލައި އެތަނުން ބައެއްގައި އެހެން ބަޔަކު ވަޒަންވެރި ކުރުވުމުގެ މަސައްކަތް ކުރަމުން ދިޔަ އިރުވެސް، އެކަމުގެ އިހުސާސު ނުވުމެވެ.]

މިއިން ލިބޭ އިބުރަތަކީ ކޮބައި ހެއްޔެވެ؟

ކަލޭމެންގެ ގައުމު ބިނާކުރަން އުޅެންވާނީ ކަލޭމެންނެވެ! އެއީ ކަލޭމެން އަމިއްލައަށް އިސްނަގައިގެން ކަލޭމެންގެ އަމިއްލަ މަސައްކަތުން ކުރެވޭނޭ ކަމެކެވެ. އެއީ ބޭރު ބަޔަކަށް ކޮށްދެވޭނޭ ކަމެއް ނޫނެވެ! ކަލޭމެންނަށް އެކަން ކުރެވި ދިޔުމަށްޓަކައި ވަރުގަދަ ލީޑަރުންގެ ބަޔަކު ކަލޭމެން ހޮވަން ޖެހެެއެވެ.

[މިތަނުގައި ހަނދާންކޮށްލުން އެންމެ ރަނގަޅު ވާހަކައެއް އެބަ އޮތެވެ. މިހާރު ކަލޭމެން އިންތިޚާބުކޮށްފައި ތިބި ރަންޑީންތައް ފަދަ މީހުން މަތިން ހަނދާންކުރާށެވެ! އެމީހުންގެ ބަހާއި އަމަލުތަކާ މެދު ވިސްނާށެވެ! އެފަދަ ސޭވާލި، ގައުމާ މެދު އެއްވެސް ޣީރަތްތެރިކަމެއް ނެތް ބަޔަކު ދެވަނަ ފަަހަރަށް އިންތިޚާބު ނުކުރާށެވެ! އެއް ހޮރުން ކަލޭމެން އަތަށް ދެ ފަހަރު ކަށި ޖެހިޔަ ނުދޭށެވެ!

ކަލޭމެންގެ ފައިސާއިން ފައިސާ ނަގައިގެން ކަލޭމެންނަށް ބަހާލާ ކޮޅުދާލި ފައިސާ ފޮއްޗަކަށް ކަލޭމެންގެ ވޯޓު ވިއްކާ ނުލާށެވެ! އެފަދަ ކޮޅުދާލި ބަހާ މީހުންގެ ބަހަށް ނުހެއްލޭށެވެ! އެމީހުން އެ ކޮޅުދާލިކޮޅު ބަހާލަނީ އޭގެ އެތައް ގުނައެއް ނުހައްގުން ފަސް އަހަރު ދުވަހުގެ ތެރޭގައި ހޯދުމުގެ މަގުސަދުގައެވެ!

ކަލޭމެންގެ ލީޑަރުންގެ ގޮތުގައި ކަލޭމެން ހޮވަން ޖެހޭނީ އެފަދައިން ކަންތައްކޮށް ވައްކަންކުރުމުގެ މަގުފަހިކުރާ މީހުންނެއް ނޫނެވެ. ނޫނީ އަމިއްލަ ގައުމުގައި ބޭރުގެ ބާރުތައް ބާރުވެރިކުރާ ބައެއް ނޫނެވެ. އެކަންކަން ކުރި އަދި ކުރާ މީހުންނާ ކަލޭމެން ދުރުވާން ޖެހެއެވެ. ޕާޓީގެ ތައައްސުބުގައި ޖެހި، މިފަދައިން ކަންތައް ކުރި މީހުންނަށް ދެވަނަ ފުރަސަތެއް ދޭނީ ކުޑަވެސް ގައުމީ ހޭލުންތެރިކަމެއް ނެތް ބައެކެވެ.

ކަލޭމެން ހޮވަން ޖެހޭނީ ކަލޭމެންނާއި ކަލޭމެންގެ ގައުމު، ކަލޭމެންގެ ޖަމާއަތް ހިމާޔަތް ކުރާނޭ ބައެެކެވެ. ކަލޭމެންގެ ގައުމަކީ ކަލޭމެންގެ 'އާއިލާ' ކަމުގައި ދެކޭށެވެ! އެ އާއިލާއަށް ބޭނުންވަނީ ހަރުދަނާ މައިންބަފައިންނެވެ. ކަލޭމެންގެ ގައިގައި ދަނޑިމާރު އަޅައިގެން ވެސް މަދަރުސާއަށް ފޮނުވާނޭ މައިންނާއި ބަފައިންނެވެ! ކަލޭމެންގެ ގައުމުގެ އާއިލާ ހިންގަން ކަލޭމެން ހޮވަން ޖެހޭނީ އެފަދަ ލީޑަރުންނެވެ. ކަލޭމެންނަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދީ، ކަލޭމެން ލައްވާ މަސައްކަތްކުރުވައިގެން ކަލޭމެންގެ ގައުމު ކުރިއަށް ގެންދާނޭ ފަދަ ލީޑަރުންނެވެ.

[މި މަގާމުގައި ހުޅުލޭ ވައިގެ ބަނދަރު ފަސްދޮޅަހުގެ އަހަރުތަކުގެ ކުރީކޮޅު، އެންމެ ފުރަތަމައިން ބިނާކުރި ގޮތް މަތިން ހަނދާންކޮށްލާށެވެ! މާ ނިކަމެތި ހާލުގައި ގައުމު ވަނިކޮށް، އަމިއްލަ ކެރުމާއި ހިއްވަރުން، އަދި، ވަރުގަދަ ލީޑަރެއްގެ ބެލުމުގެ ދަށުން ކާމިޔާބާއެކު އެ މަސައްކަތް ނިންމާލިއެވެ!]