...

Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައަކާއި އަދި ތައުލީގެއް

މަތީގައިވާ ތަސްވީރުން ފެންނަނީ ހުޅަނގު އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖަރުގެ މަންޒަރެކެވެ. ނައިޖަރުގެ ސިފައިންގެ މީހަކު ފަރަންސޭސީންގެ ކުންފުންޏެއް ކަމަށްވާ އީރްފާގެ މަސްލަހަތުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމުގެ ގޮތުން ފާރަވެރިވެ، ބަލަހައްޓަން ހުންނަ މަންޒަރެވެ.

ފަރަންސޭސީންގެ މި ކުންފުނިން ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ ނައިޖަރުގެ ޔުރޭނިއަމް، ކުޑަ އަގެއް ދީފައި ފަރަންސޭސި ވިލާތަށް ގެންދިޔުމެވެ. ފަރަންސޭސިވިލާތުގެ އިންޖީނުގެތަކުގެ އިންޖީނުތައް ރޯކޮށް ހަކަތަ އުފެއްދުމަށްޓަކައެވެ. އޭގެ ބަދަލުގައި ސިފައިންގެ މީހާއަށް ލިބެނީ ކޮން އެއްޗެއް ހެއްޔެވެ؟ މަހެއްގެ މައްޗަށް ގާތްގަނޑަކަށް 70 ޔޫ.އެސް. ޑޮލަރެވެ. އާދެ، ޔޫ.އެސް. 70 ޑޮލަރު ލިބުމުން އޭނާ އެހުރީ އޭނާގެ ރާއްޖޭގެ ޚައިރާތު ވަގަށް ނަގައިގެން ގެންދާތަން ބަލަހައްޓައިގެން، އެކަން ހިމާޔަތް ކުރާށެވެ.

މިހާރު މިފަދަ މަންޒަރުތައް އަޅުގަނޑުމެންގެ ރާއްޖެއިން ވެސް، ބައެއް މީސްމީހުންގެ ބަހުންނާއި އަމަލުން ފެންނަމުން އެބަދެއެވެ. މިސާލަކަށް، އިއްޒަތްތެރި މެމްބަރަކު ވިދާޅުވި ކަމަށް ޚަބަރުތައް ބުނަނީ 'އިންޑިޔާ އައުޓު' ގޮވީމަ [އިލާހީ] ނިއުމަތުން ވެސް މަހުރޫމުވާނެ ވާހަކައެވެ! އަނެއް ވަޒީރަކު ވިދާޅުވަނީ އެންމެ ޕައިލަޓަކަށް ދޭނޭ މުސާރައިގެ ފައިސާ ވެސް ނެތް ކަމަށެވެ. ނަމަވެސް އެންމެ މީހަކަށް ދުވާލަކު ތިރީސް ހާހުން ޚަރަދުކުރާނޭ ފައިސާ އެބަހުއްޓެވެ! އަދި، ސިޔާސީ ވަޒީފާތަކަށް މީހުން އައްޔަަނުކޮށް ބޮޑެތި މުސާރަތައް ދޭނޭ ފައިސާ ވެސް އެބަހުއްޓެވެ. އަދި، ބޭނުން ވަގުތަކު މިލިޔަނުން ޚަރަދުކޮށްފައި ދަތުރު ކުރާނޭ ފައިސާ ވެސް އެބަހުއްޓެވެ. އެއްފަހަރާ އެތައް ތަނަކަށް އެތައް ބަޔަކު ދަތުރުކޮށް، ޚަރަދުކުރާނޭ ފައިސާ ވެސް އެބަހުއްޓެވެ! އަދި، އަމިއްލަ ވާޖިބު އަދާނުކޮށް، ބޭރު ގައުމުތައް ތަމްސީލުކުރަން، ދަތުރުކޮށް، ދާނޭ ފައިސާ ވެސް އެބަހުއްޓެވެ!

މީގެ އިތުރުން، ބޭރު ބައެއްގެ އަސްކަރީ މަރުކަޒުތައް ހަދައި، އެމީހުން ބައިތިއްބައި އެމީހުންގެ ޚަރަދުތައް ކުރާނޭ ފައިސާ ވެސް އެބަހުއްޓެވެ! އަޅުގަނޑުމެންގެ ވެރިންނާއި ފޮޓޯއިން އެ ފެންނަ ނައިޖަރުގެ ސިފައިންގެ މީހާއާ ދެމެދު މާ ބޮޑު ތަފާތެއް އެބަ އޮތް ހެއްޔެވެ؟ ސިފައިންގެ މީހާ އެހުރީ އޭނާގެ ގައުމުގެ ޚައިރާތުތައް ބޭރު ބަޔަކު ވަގަށް ނަގައިގެން ގެންދާތައް ބަލަހައްޓައިގެން އެކަމަށް ފާރަވެރިވާށެވެ! އަޅުގަނޑުމެންގެ ވެރިން އެތިބީ ރައްޔިތުންގެ އަތުން ނަގާ ފައިސާ ބޭރު ބަޔަކަށްޓަކައި، އެމީހުންގެ މަސްލަހަތު ދިފާކުރުމަށްޓަކައި، ޚަރަދުކުރާށެވެ! ދެން، އަޅުގަނޑުމެން މިތިބީ ޖާހިލިއްޔަތުގެ ތައައްސުބު ފަދަ، ޕާޓީ ތައައްސުބެއްގައި ޖެހި، އުދުހިފައި ދިޔައީ ދޫންޏެއް ކަމަށް ވިޔަސް، އަޅުގަނޑުމެން ތާއީދުކުރާ މީހާ އެ ދޫންޏަކީ ބަކައްޓެކޭ ބުނެފި ނަމަ، އެވާނީ ހަމަ ބަކައްޓަކަށޭ ބުނެ ހިތުން ރުހުމުން އަތްތިލަބަޑި ޖެހުމުގައެވެ!

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.