Support Us

ވަކިވެވަޑައި އެގަތީ ޖުމުހޫރީ އެޖެންޑާގެ މުހިންމު ނަންބަރެއް

"ކޮންމެ ނަފުސެއް މަރުގެ ރަހަ ދެކި ދުނިޔެއިން ނިމިދާނެޔޭ

ކޮންމެ ވަގުތަކު ވެސް ޙަޔާތުގެ ނޫރު ހަމަ ނިވިދާނެޔޭ"

އަލްމުޙްތަރަމާ ފާޠިމަތު ޢަބްދުލްވައްޙާބް އަވަހާރަވި ޚަބަރު އެހީ ނުހަނު ފުން ހިތާމައާ އެކުއެވެ. އެ ކަމަނާއީ ދިވެހިރާއްޖޭގެ ތާރީޚުގެ ސަފުހާތަކުން މުހިންމު ސަފުހާއެއް ކަމުގައިވާ ފުރަތަމަ ޖުމުހޫރިއްޔާގެ ތާރީޚީ ސަފުހާގެ މުހިންމު ޝަޚްޞިއްޔަތެކެވެ. ޖުމުހޫރީ ދަރުބާރުގައި އެ ކަމަނާގެ މުހިންމު ނަންބަރެއް އޮތެވެ. ރަސްކަމަކުން ޖުމުހޫރިއްޔަތަކަށް ބަދަލުވެއްޖެ ކަމުގެ ބަޔާނުގެ އިނގިރޭސި ބަޔާން އެ ދަރުބާރަށް އިއްވަވައިދެއްވި ބޭފުޅަކީ ފާޠިމަތު ޢަބްދުލްވައްޙާބެވެ.

އެ ކަމަނާއަކީ ފުރަތަމަ ޖުމުހޫރިއްޔާގެ ބާނީ އަދި ރާއްޖޭގެ ފުރަތަމަ ރައީސުލްޖުމުހޫރިއްޔާ ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޚާރިޖީ ޕްރައިވެޓް ސެކްރެޓަރީ ވެސްމެއެވެ.

ފުރަތަމަ ޖުމުހޫރިއްޔާއާ ބެހޭ ގޮތުން ވާހަކަދެއްކުމުގައި އަޅުގަނޑު އެ ކަމަނާއާ އެކު ވަރަށް ގިނަ ވަގުތުތަކެއް ހޭދަކުރީމެވެ.

 

އެ ކަމަނާގެ ސާބިތުކަމާއި ދެއްވާ ޖަވާބުތަކުގެ ސާދާކަމާއި ބޭނުންތެރިކަން ބޮޑުކަން ފާހަގަވިއެވެ. ހަޔާތުގައި ދިމާވި އެތައް ތުރާތަކާއި ކުރެއްވި ހިތި އަދި ފޮނި ތަޖުރިބާތައް ހިއްސާކުރެއްވީ ހިނިތުންވެވަޑައިގަތުމާ އެކުއެވެ. ލިބިވަޑައިނުގެންނެވި އެއްޗަކާ މެދު ކަންބޮޑުވެވަޑައިގަތުމެއް ނެތިއެވެ.

ފާޠިމަތު ޢަބްދުލްވައްޙާބަކީ ވަރަށް ހިތްޕުޅުތިރި, ހިތްޕުޅު ހެޔޮ ބޭފުޅެކެވެ. އެކަމަނާއަކީ ލިޔުންތެރިއެއް ވެސް މެއެވެ. އެކި މައުޒޫގައި ވަރަށް ގިނަ މަޒުމޫނުތައް ލިޔުއްވައިފައި އެބަ ހުއްޓެވެ. ފަތްތޫރައަށް ވެސް ލިޔުއްވިއެވެ.

ގެންގުޅުއްވި ސަމާސާ މިޒާޖުފުޅުން ކޮންމެ ވާހަކައެއް ވެސް ހިއްސާކުރާ ހިތްވި ޒާތު ބޭފުޅެކެވެ.

މިއަދު އެ ކަމަނާ އަވަހާރަވި ޚަބަރު އިވުމުން ވަރަށް ގިނަ ހަނދާންތަކެއް ހިތަށް ޖަމާވިއެވެ. ދެއްކެވި ވާހަކަފުޅުތައް އަޅުގަނޑު ހަނދާން ކުރާނަމެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ މާތްރަސްކަލާނގެ އެ މަރުޙޫމާގެ ފުރާނަ ޖަންނަތުލްފިރުދައުސްގައި ލެއްވުމެވެ. ޢާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން މިންވަރުކޮށްދެއްވުމެވެ.

"ކާކުތޯ ނުދާނެނީ މި ގުލްޝަނުން ވަކިވެ ހިނގާ

ކާކުތޯ އެ ހަރުލަނީ ނުދާނެހެން މި ތާކުގާ"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *