Support Us

ކޮލަމް ގާދޫކޮލުން ބޭރުން

ހެޔޮ ކަމަކަށް ތެޔޮ "ހުސްކުރި" ހަމެއް

ކުޑައިރުގެ ހަނދާނެކެވެ. އދ. މަހިބަދޫއަކީ އާއިލާއާ ވަރަށް ގާތް ގުޅުމެއް އޮންނަ ރަށަކަށްވީތީ، ވަރަށް ގިނައިން ގޮސް އުޅުނީމެވެ. މިފަދަ އެއް ދަތުރުގައި، މާލެއާ މަހިބަދޫއާ ދެމެދު އޮންނަ އަލިހުރަސް ކަނޑުމަތިން ދުރުން ފެންނަން ހުރި ބޮޑު އިމާރާތެއްފަދަ އުޅަނދަކާމެދު ބައްޕަ އަރިހުން ސުވާލު ދެންނެވީމެވެ.

"އެއީ ކޮން އެއްޗެއްތޯ؟" އެވެ. ދުރުން ފެންނަމުންދިޔަ އުޅަނދަކީ ރާއްޖޭގައި ތެޔޮ ހުރިތޯ ބެލުމަށް ބޭރުން އައިސް އުޅޭ ބަޔަކު ތަހުލީލުކުރަން ބޭނުންކުރަމުންދާ އުޅަނދެއް ކަމަށް ބައްޕަ ވިދާޅުވި ހަނދާން އަދިވެސް އެބަހުއްޓެވެ. ލަފާކުރެވޭ ގޮތުގައި އެއީ 1980ގެ ފަހުކޮޅު ނުވަތަ 1990ގެ ކުރީކޮޅެވެ.

އެއަށްވުރެ ފަހުގެ ހަނދާނަކަށް ޖެހިލާނަމެވެ. މީގެ 15 ވަރަކަށް އަހަރު ކުރިއެވެ. ރައީސް މައުމޫން ބޭރު ޤައުމަކަށް ކުރެއްވި ފުރަމާނަ ދަތުރުފުޅެކެވެ. (ޤައުމު ދެންނެވުން އެއީ މުނާސަބު ކަމަކަށް ނުވާނެއެވެ.) އެދުވަސްވަރު އަޅުގަނޑު ހުރީ ރައީސް އޮފީހުގެ ޕްރެސް ކަންތައްތައް ބަލަހައްޓާ އިސް މުވައްޒަފެއްގެ ގޮތުގައެވެ. ނަމަވެސް، ލިޔެވިފައި އޮންނަ ވަޒީފާ ބަޔާނުން ބޭރުން ތަފާތު ތިން މަސައްކަތެއް ކުރަން ޖެހެއެވެ. އެއީ، ރައީސުލްޖުމްހޫރިއްޔާ އިނގިރޭސިބަހުން ދައްކަވާ ވާހަކަފުޅުތަކާއި ދެއްވާ ތަޤްރީރުތަކުގެ ދެލިކޮޕީ ލިޔެ ތައްޔާރުކުރުމެވެ. އަދި، ބޭރުގެ އެކި ބޭބޭފުޅުންނާ އެމަނިކުފާނު ރަސްމީ ހައިސިއްޔަތުން ބައްދަލުކުރައްވާއިރު، ދެކެވޭ ވާހަކަތައް ނޯޓުކޮށް، ޔައުމިއްޔާ ނެގުމެވެ. އޭގެ އިތުރުން، މި މަސައްކަތްތަކާ ގުޅިގެން އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރައްވާ ހުރިހާ ދަތުރުފުޅުތަކުގެ ވަފުދުގައި ހިމެނިގެން، އަރިހުގައި އެކި ޤައުމުތަކަށް ޒިޔާރަތްކުރުމެވެ. އެގޮތުން މިދަންނަވާ ދަތުރުފުޅުގައިވެސް އަޅުގަނޑު ހިމެނުނެވެ.

ދަތުރުފުޅުގެ އެންމެ ފަހު ދުވަހު، ފުރާވަޑައިގަތުމަށްޓަކައި އެއަރޕޯޓަށް ވަޑައިގަތުމުން، އޮންނަ އުޞޫލުން އެޤައުމުގެ ޚާރިޖީ ވުޒާރާގެ ޕްރޮޓޮކޯލް ކަންކަމާބެހޭ އިސް ބޭފުޅަކު ވަފުދާއި ބައްދަލުކުރައްވާ، ރައީސްއާ ވަދާއީ ސަލާމް ކުރާގޮތަށް އޮތީ ހަމަޖެހިފައެވެ. ނަމަވެސް، އެތަނުން އަޅުގަނޑުމެންނާ ބައްދަލުކުރެއްވީ އުންމީދުކުރި ބޭފުޅާއެއް ނޫނެވެ. ވަޑައިގެން ހުންނެވީ ޚުދު އެޤައުމުގެ ޚާރިޖީ ވަޒީރެވެ. މިފެންވަރުގެ ބޭފުޅަކު އެއަރޕޯޓަށް އަލްވަދާއު ވިދާޅުވަން ވަޑައިގަތުމަކީ ޢާންމު ޕްރޮޓޮކޯލުން ބޭރުކަމެކެވެ. މަޤްސަދެއް އޮންނާނެތާއެވެ. އެދަނޑިވަޅުގައިވެސް އަޅުގަނޑުގެ ހިތަށް އެރިއެވެ.

މިދެންނެވި ބޭފުޅާއާ ރައީސް މައުމޫނާ ދެމެދު ދެކެވުނު ވާހަކަތައް، އަބަދުވެސް ކަންކުރާ އުޞޫލުން، އަޅުގަނޑު ގެންދިޔައީ ޔައުމިއްޔާ ކުރަމުންނެވެ.

އޭނާ އެއްސެވިއެވެ. ރާއްޖޭގައި ތެޔޮ އެބަހުރި ދެއްތޯއެވެ؟ ރައީސް މައުމޫނަށް ކުއްލި ހައިރާންކަމެއް ލިބިވަޑައިގަތެވެ. ނަމަވެސް، ކުރުކޮށް، ފޮނިކޮށް ޖަވާބު ދެއްވިއެވެ. ޝެލް ކުންފުނިން މީގެ އެތައް އަހަރެއް ކުރިން ރާއްޖޭގައި ދިރާސާތަކެއް ކުރިއެވެ. ތެޔޮ ހުރި ކަމަށްވެސް ވެއެވެ. ނަމަވެސް، ބާޒާރުގައި ތެލުގެ ފީފާއެއް ވިކޭ އަގަށް ބަލާއިރު، ރާއްޖެއިން ތެޔޮ ނެގުން "ފީޒިބަލް" ކަމަކަށް ނުވެއެވެ. އެބޭފުޅާ ރައްދުގައި ވިދާޅުވިއެވެ. "ފީޒިބަލް" ވާ ދުވަހެއް އަންނާނެތާ، ދެއްތޯއެވެ؟ އެދުވަހަކުން، ރާއްޖެއިން ތެޔޮ ނަގަން އަޅުގަނޑުމެންގެ ޝައުޤުވެރިކަން އެބަހުއްޓެވެ. ރާއްޖެއަށް ފައިދާ ކުރާނެ ގޮތަށް، މިކަން އަޅުގަނޑުމެން ކުރިއަށް ގެންދަން ފުރުޞަތު ދެއްވާނެ ކަމަށް އުންމީދުކުރަމެވެ.

ރައީސް ޔާމީންގެ ޒަޢާމަތުގެ ކުރީކޮޅަށް ޖެހިލާނަމެވެ. އެހާތަނަށް އައި އިރު، ތެލުގެ ވާހަކަ ދިވެހިންނަށް އަލެއް ނުވާނެއެވެ. ރިޔާސީ އިންތިޚާބުގެ ތެރޭގައި، ވާދަވެރި އެމް.ޑީ.ޕީ އިން ދިޔައީ ރައީސް ޔާމީން ތެލުން ވަގު ވިޔަފާރި ކުރައްވާ ކަމަށާއި، އެކަމުން 800 މިލިއަން ޑޮލަރު ނުހައްޤުން ހޯއްދަވާފައި ކަމަށް އަޑު ފަތުރަމުންނެވެ. ޒައްރެއްގެ މިންވަރަށް ހެކި ނެތަސް، އެއީ ދިވެހި ސިޔާސީ އިމުގެ ތެރޭގައި ކަން ހިނގާ ގޮތްކަން އެނގިވަޑައިގަންނަވާނެއެވެ.

ސަމާސާ ރާގުގައި އަޅުގަނޑު ރައީސް ޔާމީން އަރިހުގައިވެސް ދަންނަވާ އުޅުނީމުއެވެ. މަނިކުފާނު ތިޔަހާ ގިނަ ފައިސާ ނެންގެވި ކަމަށް ވާނަމަ، ކުޑަ އެތިކޮޅެއް އަމިއްލަފުޅު ކެމްޕޭނަށް ހޭދަ ކުރެއްވި ނަމަ، އަޅުގަނޑުމެން ދެވަނަ ބުރަކަށް ނުގޮސް ކާމިޔާބު ވީސްތާއެވެ. ރައީސް ޔާމީނަކީ ސަކަ މިޒާޖެއްގެ ބޭފުޅެކެވެ.

ކޮންމެއަކަސް، ތެލާއި 800 މިލިއަނެއްގެ ވާހަކަ މާ ގިނައިން ދައްކާތީ، ރައީސް ޔާމީން ކަންކުރެއްވީ ހަމަ އެމަނިކުފާނުގެ ސްޓައިލްގައެވެ. "ރާއްޖެއިން ތެޔޮ ނަގާނީވެސް ހަމަ ތިމަން މަނިކުފާނުގެ ސަރުކާރުގައި" ކަމަށް އިޢްލާން ކުރެއްވީއެވެ. ސިޔާސީ ގޮތުން އަންނަ ހަމަލާތަކަށް ފިއްލެވުމެއް ނޯންނާނެއެވެ. ކުރިމަތިލައްވާނީއެވެ. ގަޓު ހުރެގެންނެވެ. އެއީ ރައީސް ޔާމީނެވެ.

ކޮންމެއަކަސް، ރާއްޖޭގައި ތެޔޮ އެބަ ހުރިކަން އެއިރު ރައީސް މައުމޫން އެވިދާޅުވި ފަދައިން، ރައީސް ޔާމީން އަށްވެސް ވަރަށް ރަނގަޅަށް އެނގިވަޑައިގަންނާނެ ނޫންތޯއެވެ؟ ޝެލް ކުންފުނިން އެދިރާސާއާއި ތަހުލީލުތައް ހިންގިއިރު ސަރުކާރުން އެކަން ބަލަހައްޓަން އެއިރު ހަވާލުވެ ހުންނެވި އިސް އެއް ބޭފުޅަކީ އެއިރު ޓްރޭޑް މިނިސްޓްރީގެ ސީނިއަރ މަޤާމެއްގައި ހުންނެވި ޢަބްދުﷲ ޔާމީނެވެ.

 

ދެހާސް ތޭރައިގެ ކެމްޕޭނު މެނިފެސްޓޯ އެކުލަވާލުމުގެ މަސައްކަތުގެ ތެރެއިން، ތެޔޮ ނުވަތަ ނެޗުރަލް ގޭހާ ގުޅޭ ތަޞައްވުރު އެމަނިކުފާނު ޙިއްޞާ ކުރެއްވުމުން އަޅުގަނޑު ދެންނެވީމެވެ. އެއީ ވަރަށް ރަނގަޅު ވިސްނުމެއް ކަމަށް އަޅުގަނޑު ޤަބޫލުކުރާ ކަމަށެވެ. ސަބަބެއް އެބަ އޮތެވެ. އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރުގެ ހައިސިއްޔަތުން، ކޮމަންވެލްތް ޒުވާނުންގެ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވާން ޕަޕުއާ ނިއު ގިނީއަށް ކުރި ދަތުރާ ގުޅޭ ހާދިސާއެކެވެ. އެދަތުރުގައި އަޅުގަނޑާއެކު މިހާރުގެ ޔޫތު މިނިސްޓަރ އަޙްމަދު މަޙްލޫފް ބައިވެރިވެވަޑައިގަތެވެ. އެއިރު އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެކެވެ. އެހެންކަމުން މިކަން އެމަނިކުފާނުވެސް ހަނދުމަފުޅު ހުންނާނެއެވެ. އެބައްދަލުވުމުގެ ތެރެއިން، އެޤައުމުގެ ބޮޑުވަޒީރު ދެއްވި ރިސެޕްޝަނެއްގައި އަޅުގަނޑުމެން ދެމީހުން ބައިވެރިވީމެވެ. އެރަސްމިއްޔާތުގައި އެމަނިކުފާނު ދެއްކެވީ އެޤައުމަށް އައި ކުއްލި އަދި ބޮޑު އިޤްތިޞާދީ އިންޤިލާބެއްގެ ވާހަކައެވެ. ފުދުންތެރިކަން އެތައް ގުނައެއް އިތުރުވީ ވާހަކައެވެ. އަދި، އެކަމުގެ ސިއްރަކީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިން އެޤައުމުގެ ކަނޑުގެ ސަރަޙައްދުން ތެޔޮ ފެނިފައިވުން ކަމަށް ވިދާޅުވިއެވެ. އަދި، ތެޔޮ ނެގުމަށް ބައިނަލްއަޤްވާމީ ބޮޑެތި ކުންފުނިތަކުން އެޤައުމުގެ ސަރުކާރަށް ދެމުންދިޔަ ޖިޒީއިން ޤައުމު ކުރިއަށް ގިޔަރެއް ހިއްލާލީއެވެ. މިވާހަކަ ހަނދާނުގައި ހުރުމުން، އަޅުގަނޑު ރައީސް ޔާމީންގެ ހުށަހެޅުއްވުމަށް ތާއީދު ކުރީއެވެ.

ކޮންމެއަކަސް، ރައީސް ޔާމީންގެ ސަރުކާރުގައި ތެލާ ގުޅޭގޮތުން ކުރެވުނު އެންމެ ބޮޑު މަސައްކަތަކީ ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ތެޔޮ ނުވަތަ ގުދުރަތީ ގޭސް ހުރިތޯ ބެލުމަށް ޖަރުމަނު ކުންފުންޏަކުން އެއިރު ކުރި ދިރާސާއެއް ނޫނެވެ. އެއީ، ރާއްޖޭގައި ބޭނުންކުރެވޭ ތެޔޮ، މިހާރަށްވުރެ އަގު ހެޔޮކޮށް ލިބޭނެ މަގެއް ހޯދުމުގެ މަސައްކަތެވެ. ރައީސް ޔާމީނަކީ އިޤްތިޞާދީ ކަންކަމާ މެދު ފުންކޮން ވިސްނުން ހިންގަވާ، ޤައުމުގެ އިޤްތިޞާދަށް އިތުރު އާރޯކަން ގެނެވިދާނެ އެކި ކަންކަން ބެއްލެވި ވެރިއެއްކަން ވާދަވެރި ފަރާތްތަކުންވެސް ޤަބޫލުކުރެއެވެ. އެގޮތުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ޚަބަރުތަކުގެ ފަލަ ޞުރުޙީތަކަށް ނާރާ ވާހަކައެއް ޙިއްޞާ ކޮށްލާނަމެވެ.

ދައުލަތަށް ލިބޭ އާމްދަނީގެ ތިން ބައިކުޅަ އެއްބައި އެއިރު ޚަރަދުވަނީ ތެޔޮ ގަންނާށެވެ. ޕެޓްރޯލް، ޑީސަލް އަދި މަތިންދާބޯޓުތަކުގެ އުދުހުމަށް ބޭނުންކުރާ ޖެޓް އޭ-ވަން އޭވިއޭޝަން ފިއުލް ގަތުމަށެވެ. މި ތިން ބާވަތްވެސް ގަންނަނީ މައިގަނޑު ގޮތެއްގައި އެސް.ޓީ.އޯ މެދުވެރިކޮށްކަން ވެސް ގިނަ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެއެވެ. އަދި ސަޕްލަޔަރަކީ އެއިރު ހަމަ އެންމެ ކުންފުންޏެކެވެ. ދުބާއީގެ ޤައުމީ ތެޔޮ ކުންފުނި އައިނޮކް އެވެ. މިކުންފުންޏަށް ކޮންމެ މަހަކު 30 މިލިއަން އެމެރިކާ ޑޮލަރު އައީ ދިވެހިރާއްޖެއިން ދައްކަމުންނެވެ. އަދި، ތެޔޮ ލިބޭ އަގަކީ އެންމެ ހެޔޮ އަގެއްވެސް ނޫންމެއެވެ. މޮނޮޕޮލީއެކެވެ. މިކަން ބަދަލުކުރައްވަން ރައީސް ޔާމީން ކުރެއްވި މަސައްކަތްޕުޅު އަޅުގަނޑު ވަރަށް ގާތުން ދުށީމެވެ.

މޮޅު ޕްލޭނެކެވެ. އަރަބި ޤައުމުތަކުން ސާފު ނުކުރާތެޔޮ ގަނެ، އެ ތެޔޮ ކައިރި ހިސާބަކުން ސާފުކޮށް، ރާއްޖެއަށް ހެޔޮ އަގުގައި ގެނެވޭނެތޯ ބެއްލެވިއެވެ. ދިރާސާތައް ދެއްކި ގޮތުގައި، މިގޮތަށް ރާއްޖެއަށް ތެޔޮ އެތެރެކުރެވޭ ފޯމިއުލާ ބަދަލުކުރެވުނު ނަމަ، އިސްވެ ދެންނެވުނު 30 މިލިއަން އެމެރިކާ ޑޮލަރުން ތިން ބައިކުޅަ އެއްބައި އަގު ހެޔޮވީއެވެ. ފަސް އަހަރުގެ ތެރޭގައި އެއީ ދައުލަތުގެ މާލިއްޔަތަށް 600 މިލިއަން ޑޮލަރުގެ ލުޔެކެވެ. ތަރައްޤީގެ އެހެން ލަނޑުދަނޑިތައް ހާޞިލުކުރުމަށް އިތުރު ހޭދަކުރަން ހުޅުވިގެންދާ އާ މަގެކެވެ.

މިއަދު ގިނަ ބަޔަކަށް ހީވެފައި އޮންނަނީ ރައީސް ޔާމީން މިފަދަ ކޯޕަރެޓް ޑިޕްލޮމަސީގެ މުޢާމަލާތުތައް ހިންގެވީ ހަމައެކަނި ސައުދީ އެރެބިއާ އަދި ޗައިނާއާ އެކުގައި ކަމަށެވެ. މިއީ ކަން ހިންގި ގޮތެއް ނޫނެވެ. މިދެންނެވި ގޮތަށް ތެޔޮ ސާފުކުރުމަށް އަދި ހެޔޮ އަގުގައި ރާއްޖެއަށް ގެނައުމުގެ ފުރަތަމަ ފިޔަވަހީގައި އަޅުގަނޑުވެސް އަދި އެހެން ބައެއް ބޭފުޅުންވެސް އަރަބި ޤައުމުތަކަށް އަދި އުތުރު އޭޝިއާގެ ބައެއް ޤައުމުތަކަށް ޒިޔާރަތްކުރީމެވެ. އެބައި ކާމިޔާބުވިއެވެ. ހެޔޮ އަގުގައި މިފަދައިން ތެޔޮ ވިއްކާނެ ޤައުމުތައް ފާހަގަކުރެވުނެވެ.

ދެން އޮތީ ދެވަނަ ފިޔަވައްސެވެ. އަގު ހެޔޮކޮށް މިތެޔޮ ސާފުކޮށްދޭނެ އިތުބާރު ހިފޭނެ ފަރާތެއް ހޯދުމެވެ. މިކަމުގައި އެމަނިކުފާނު އިޚްތިޔާރު ކުރެއްވީ އިންޑިޔާއެވެ. އާދެ! ލިޔުމުގެ ކުށެއް ނޫނެވެ. އަވަށްޓެރި އިންޑިޔާއެވެ. އެކަން އެންމެ ރަނގަޅަށް އަދި އަގު ހެޔޮކޮށް ކުރެވޭނީ އިންޑިޔާގެ ކޮން ހިސާބެއްގައި ހުރި ކޮން ތަނަކުންތޯވެސް އެމަނިކުފާނު އޮޅުންފިލުއްވިއެވެ. އެކަން ކުރެވޭނެ ތަނަކަށް އިޚްތިޔާރު ކުރެއްވީ އެޤައުމުގެ ކަރްނާޓާކާ ސްޓޭޓުގައި ހުންނަ ދައުލަތުގެ ކުންފުންޏެއް ކަމުގައިވާ މެންގަލޯރ ރިފައިނަރީސް އެވެ. ރަސްމީގޮތުން އިންޑިޔާ ސަރުކާރަށް މިކަން ހުށަހެޅުނެވެ. މިއީ، ދެޤައުމަށްވެސް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމަކަށް ވާތީއެވެ. އަދި، ޒަމާންތަކަށް ދެމިގެންދާނެ ގޮތަށް ގުޅުން ރަމްޒުކޮށްދޭނެ ކަމަކަށް ވާނެތީވެސްމެއެވެ. އެޤައުމުގެ އެދެވޭ ޖަވާބެއްގެ އިންތިޒާރުގައި އެތައް މަހެއް ހޭދަ ކުރެއްވި އެވެ. އެކި ފަހަރު މަތިން ސިޓީބިޓީ ފޮނުވުނެވެ. އިސް ބޭބޭފުޅުންނާ ބައްދަލުކޮށް މިވާހަކަ ދެންނެވުނެވެ. މިގޮތުން ކުރެވުނު ބައެއް މުޢާމަލާތުތައް ދިވެހި ދައުލަތުން ހަވާލުވީ އަޅުގަނޑެވެ. ނޫނެކޭ ނުބުނެއެވެ. ބުނަމުންދިޔައީ ވިސްނަނީ ކަމުގައެވެ. ކޮންމެއަކަސް، މިކަން އާޚިރުގައި ކާމިޔާބުވާ ގޮތެއް ނުވިއެވެ. އެކަން އެހިސާބުން ހުއްޓުނީއެވެ. ތެލަށް ކުރި އުންމީދު ދިޔައީ ފެނަށް ވެގެންނެވެ.

އެ ހިސާބުންވެސް ރައީސް ޔާމީން ދުލެއް ނުކުރައްވައެވެ. ދެން މަސައްކަތް ކުރެއްވީ ރާއްޖެއަށް މިއެތެރެކުރާ ތެލުގެ ބާވަތްތަކުގެ ބަދަލުގައި "ނެޗުރަލް ގޭސް" ނުވަތަ "ހެވީ ފިއުލް" ކިޔާ ބާވަތުގެ ތެޔޮ އެތެރެ ކުރެވިދާނެތޯ ބެއްލެވުމަށެވެ. މަޤްސަދު ހަމަ އެކައްޗެކެވެ. މިހާރަށްވުރެ އަގު ހެޔޮކުރުމެވެ. އެމަނިކުފާނުގެ ކުރިން ވެރިކަން ކުރެއްވި ބައެއް ބޭފުޅުން، ޤައުމުގެ ދުރު މުސްތަޤްބަލަށް ނުވިސްނަވާ ހައްދަވާފައި ހުރި ބައެއް އެއްބަސްވުމުގެ ސަބަބުން ވަމުންއައި ގެއްލުން ކުޑަކުރެއްވުމެވެ. މިކަމުގައި ދިރާސާތަކެއް ހެދުނެވެ. މިކަމުގައި އެހީތެރިވާނެ ފަރާތެއް ހޯދުމަށް ކުރި މަސައްކަތުން ފާހަގަވީ ހަމަ އެންމެ ފަރާތެކެވެ. ހަމަ އަނެއްކާވެސް ޗައިނާއެވެ. ނަމަވެސް، އޭރު އިދިކޮޅުގައި ތިބި ފަރާތްތަކުން ކަރުން ނާރު ނަގައި ލަވަމުންދިޔަ ހަޅޭކުގެ ސަބަބުން، އެޤައުމުންވެސް ނިންމީ އެކަން ތަންފީޒުކުރުން ރައީސް ޔާމީންގެ ދެވަނަ ދައުރަކަށް މަޑުޖައްސާލާށެވެ. އަނެއްކާވެސް ހުއްޓުނީއެވެ.

ރައީސް ޔާމީންގެ އިޤްތިޞާދީ ކާމިޔާބީގެ ޞަފްޙާތައް ކިތަންމެ ގިނަ ނަމަވެސް މިދަންނަވާލީ ކާމިޔާބުނުވި ކަމެއްގެ ވާހަކައެވެ. ކުލަ ނުޖެއްސެވި އޮތް ހުވަފެނެކެވެ. މިކަން ރައްޔިތުންނާ މި ޙިއްޞާ ކުރީ އެންމެ ބޭނުމެއްގައެވެ. އެމަނިކުފާނުގެ ނިޔަތާއި ހިތްވަރު ބަޔާންކުރުމަށެވެ. މިއީ އަންނަން އޮތް ޖީލުތަކަށް އެނގުން މުހިންމު ކަމެއް ކަމަށް ވިސްނޭތީއެވެ. މިޤައުމު އަބަދުވެސް ކުރިއަށް ދާންޖެހޭނީ ބަޔަކު އިޚްތިޔާރުކުރާ މަޑު ގިނީގައި ނޫން ކަމަށް ޤަބޫލު ކުރައްވާ، ކަންކަން ބަދަލުކުރައްވަން ހިތްވަރާއެކު ކުރިމަތިލެއްވި ވެރިއަކުވެސް އަޅުގަނޑުމެންނަށް ލިބުނުކަން ދަންނަވާލުމަށެވެ. ހިތާމަޔަކީ ކަން ވެގެންދިޔަ ގޮތެވެ. ހެޔޮ ކަމަކަށް ތެޔޮ ހަމެކޭވެސް ދެންނެވޭކަށް ނެތެވެ. ހަމުގައި ތެލެއްވެސް ނެތްތާއެވެ. އެ އޮންނެވީ ހުރަގޭގައެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް، އިސްވެ މިދެންނެވި ވާހަކަތަކުން އިބްރަތްތަކެއް ލިބޭނެ ކަމަށް އުންމީދުކުރަމެވެ. ފަހު ބަހެއް ނުވަތަ ޚުލާސާއެއް ބޭނުންވާނެ ކަމަކަށް ނުދެކެމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2921266

6 Responses

  1. ވަރަށް ރަނގަޅު ލިއުމެއް. އިންޑިއާއާ އެކު ބޭއްވޭނީ ގޭދޮށު ފެކްޓްރީ ޑިޕްލޮމެސީއެއް. އައިޖީއެމްއެޗު މަރާމާތު ކުރުމުގެ ހާދިސާގެ ވާހަކަވެސް ލިއުއްވާނެ ބޭފުޅަކު ވާނެނަނަ ……

  2. ދުރުވިސްނުން ގެންގުޅުއްވާ ޤައުމުގެ ލާބަޔާ މަންފާއަށް އެތަކެއް ޤުރުބާނީއެއް ވެވަޑައިގެން ރައްޔިތުންނަށް އުޖާލާ ޒަމާނެއް ހޯއްދަވާދެއްވެވި ހަމައެކަނި ލީޑަރަކީ ރައީސް ޔާމީން

  3. ލިއުމަށް ޝުކުރު ދަންނާވަން. ރައީސް ޔާމީން އަކީ ހިތްވަރުގަދަ ރަނގަޅުވިސްނުން ގެންގުޅުއްވި ހަރުދަނާ ބޭފުޅެއް. ކޮންމެ ފޭރާމެއްގައިވެސް ނުބެދޭ މަޅިއެއް އިނީވިއްޔާ ލީކުވުމެއް ހުންނާނެ. އަދި އެލީކުން ބޭރުވާތަކެތި އެއްދުވަހުން އަނެއްދުވަހަށް އިތުރު ވަމުން ދާނެ. އަޅުގަނޑުވެސް މިލިއުމަށް ވަރަށް ސަޕޯޓް ދޭހާލުގައި ދަންނަވާނީ ރައީސް ޔާމީންގެ ސަޚްޞިއްޔަތުގައި އަނިޔީ ވެރިކަން އިސްކުރުމުގެ ދެރަ އެއައްވުރެ ބޮޑު ޤައިމީ ދެރައަކަށް މިއަދު ބަދަލުވެފައި ވެއޭ. އެހެންނޫންނަމަ. އެހެން ނުވި ނަމަތާއޭ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *