Support Us

ކޮލަމް ކޯދު: ފަސާދައާ ބެހޭ ގޮތުން މީސްމީހުން ބުނެފައި ހުރި ބައެއް ވާހަކަ

ތިރީގައި މި ވަނީ ފަސާދައާ ބެހޭ ގޮތުން މީސްމީހުން ބުނެފައި ހުރި ބައެއް ވާހަކައެވެ.

  1. ފިރުއަނަކީ އިލާހެއް ކަމަށް އޭނާ ދައުވާކުރިއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އެއްވެސް އަމިއްލަ ވިސްނުމެއް ފިކުރެއް ނެތް، އަދި އެހެންވެ، އެއްވެސް ގައުމީ ހޭލުންތެރިކަމެއް ނެތް ރައްޔިތަކު އޭނާއަށް ތަބާވާން ތިބީމައެވެ.

ހުރިހާ ޒަމާނެއްގައި ވެސް އަދި ހުރިހާ ތަނެއްގައި ވެސް، އަމިއްލަ ވިސްނުމެއް، ފިކުރެއް ނެތް އަދި އެހެންވެ، އެއްވެސް ގައުމީ ހޭލުންތެރިކަމެއް ނެތް މުޖުތަމައުތަކުގައި ފިރުއަނުން އުފެދޭނެއެވެ. އެމީހުން ފަތްފުށް، އެމީހުންގެ ގައުމީ ލޯތްބާއި ގައުމީ އިޚުލާސްތެރިކަން ހުރި ނެތްވަރު، އެނގެން އޮންނައިރު ވެސް، މިކަންކަމީ ހޭލުންތެރިކަމެއް ނެތް ރައްޔިތެއް ތަނެއްގައި، ފިރުއައުނުން އުފެދެން އޮތް ހުރަހަކަށް ނުވެއެވެ.

  1. ތަނެއްގައި ފަސާދައިގެ އަމަލުތައް ފެތުރި އާންމު ވަނީ ރައްޔިތުންގެ ކިބައިގައި ފަރުދީ މަސްއޫލިއްޔަތު އުފުލުމުގެ ވާޖިބު ނެތިދިޔުމުންނެވެ.
  2. ވެރިކަމުގައި އާރާއި ބާރު ނެތުމުން، ތަނުގައި ވެރިން ގިނަވެގެން ދެއެވެ. އަދި މިކަން ފަސާދައަށް މަގުފަހިކޮށްދެއެވެ.
  3. މާތްﷲ އުފެއްދެވީ ފެނެވެ. ރާ ހަދައި ތައްޔާރުކުރީ އިންސާނާއެވެ.
  4. ފަސާދައިގެ އަމަލުތައް މަތިން ފެށި ތިރިއަށް އާދެއެވެ. ނަމަވެސް، އިސްލާހުވުން އޮންނަނީ ތިރިން ފެށިގެން މައްޗަށް ދިޔުމެވެ.
  5. ވެރިން ފާސިދުވެއްޖެ ނަމަ، ރައްޔިތުން ވެސް ފާސިދުވެދެއެވެ.
  6. ދީން ފާސިދުވެގެންދަނީ ދީނަކީ ހަމައެކަނި ބޭރު ފުށުގެ ކަމަކަށް ވުމުންނެވެ.
  7. އަމިއްލަ ހަވާ ނަފްސަށް ތަބާވެެއްޖެ ނަމަ، ހައްގު ބަސް ބުނުމުން ފެއަށް ޖެހެއެވެ.
  8. ފަސާދައީ ނުބައި ވަސް ކަހަލަ އެއްޗެކެވެ. ނުބައި ވަސް ދުވާ ނަމަ، އެކަން ފިލުވައިލެވެނީ އެ ވަހުގެ މަސްދަރު، އާދެ، އެ ވަސް މެދުވެރިކުރުވާ ކަމެއް ހޯދައި އެކަން ނައްތާލެވިގެންނެވެ. ހަމަ އެހެންމެ، ފަސާދައިގެ އަމަލުތައް ނައްތާލަން އެދޭ ނަމަ، އެކަމުގެ މަސްދަރު ހޯދައި އެކަން ނެތިކޮށްލަން ޖެހެއެވެ.
  9. ރިޝްވަތުގެ އަމަލުތައް ހިންގާކަން، ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކަށް އެނގުމުން ވެސް އެކަން ނުހުއްޓުވަނީ ފަސާދައިގެ އަމަލުތަކަށް ފުރުސަތުދީ އެކަން ފަތުރާލުމަށްޓަކައެވެ.
  10. ބޭރުގެ ބާރުތަކުން، ގައުމުގެ ކަންކަމާ ބެހޭތީ ޝަކުވާކުރަނީ، އެފަދަ ބާރުތަކަށް، ދައުވަތު އޮންނަ ތަނަށް އައުމަށް ދައުވަތުގެ ކާޑު ފޮނުވުމަށް ފަހުއެވެ.