ލޯބިވާ މަންމަގެ އެހީ އަބަދަށް މަށަށް ބޭނުންވެޔޭ
ލޯބިވާ ބައްޕަގެ ނަސޭހަތް އަޑުއަހަން ބޭނުންވެޔޭ
އެކުއުޅޭ މިތުރުން ރަނގަޅުތޯ ފާރަލައި ދޭށޭ ބަލައި
އެކުވެރީން ކުރެ ގޯސްކުދީންނާ ދުރުވުމަށް ބޭނުންވެޔޭ
މަދްރަސީ ދައުރަށް ފަހުން މަގު ގެއްލިގެން ބޭކާރުވާ
ބަދްނަސީބުގެ ކުއްޖަކަށް ނުވެވޭނެ ގޮތް ބޭނުންވެޔޭ
ދީނަށާ ގައުމަށްޓަކައި ޤުރުބާންވުމަށް ޖެހިލުންނުވާ
ފީނަމުން ޢިލްމީ ކަނޑުން ރަންމުތް ނަގާން ބޭނުންވެޔޭ
ދިވެހިގައުމުގެ ނަންހިނގާ ބަޠަލުންގެ ސަފުގައި ހިމެނުމަށް
ދިވެހިގައުމަށް ޖާނު ހިބަކޮށްދޭން ނިކަން ބޭނުންވެޔޭ
ގަސްގަހުގެ ގޮފި ޅަފަތުގައި އެކި ގޮތްގޮތަށް ލަންބައިލެވޭ
އަޞްލު ދަނެގެން އާރު ލާންދެން ނުލެނބުމަށް ބޭނުންވެޔޭ