Support Us

ކޮލަމް ކޯދު: ޝުކުރުވެރިވުމާ ބެހޭ ގޮތުން މީހުން ބުނެފައި އޮންނަ ވާހަކަކޮޅެއް- 2

ތިރީގައި މި ވަނީ ޝުކުރުވެރިވުމާ ބެހޭ ގޮތުން މީހުން ބުނެފައި އޮންނަ ވާހަކަކޮޅެކެވެ.

  1. ޝުކުރުވެރިކަމުގެ އިހުސާސަކީ އިލާހީ މާތް އިހުސާސެކެވެ. ފުދި ރުހިފައިވާ ހިތަކަށް ޝުކުރުވެރިވާން ފަސޭހަވެއެވެ. ޝުކުރުވެރިކަމުން ހިތް ފުރާލިކަމުގައި ވިޔަސް، ހިތް ފަޅައިގެން ނުދެއެވެ. އެކަމުގެ ސަބަބުން، ހިތަށް ހޫނުކަމާއި ދިރުން ލިބެއެވެ.
  2. އަބަދުމެ މި ދުއާކުރުން މަތީ ދެމިހުންނާށެވެ. 'އޭ އަޅުގެ ސާހިބުވަންތަ ރަސްކަލާނގެއެވެ. އަޅާއަށް ދިރުން ދެއްވިފަދައިން ޝުކުރުވެރި ހިތެއް ވެސް އަޅާއަށް ދެއްވާށިއެވެ.'
  3. ޝުކުރުވެރިވާން ހަނދާން ނެތިއްޖެ މީހާ، ހަޔާތުގެ ދަތުރުގައި ނިދައިފިއެވެ.
  4. ޝުކުރުވެރިވުމަކީ އުފާވެރިކަމަށް ގެންގޮސްދޭ އެންމެ ކުރު މަގެވެ.
  5. ކަލޭގެ ހަޔާތް ހެޔޮ މަގަށް އަނބުރާލަން ބޭނުން ނަމަ، ޝުކުރުވެރިވެވޭތޯ މަސައްކަތްކުރާށެވެ. ޝައްކެއްނެތް ގޮތުގައި، ވަރަށްވެސް ބޮޑު ހެޔޮ ބަދަލެއް ކަލޭގެ ހަޔާތަށް އެކަން ގެނެސްދޭނެއެވެ.
  6. ކިތަންމެ ކުޑަ ހެޔޮ ކަމެއް ކަލެއަށް ލިބުނު ކަމުގައި ވިޔަސް، އެކަމަށް ޝުކުރުވެރިވުމުގެ އާދަ ހިފޭތޯ މަސައްކަތްކޮށް، އަބަދުވެސް، ޝުކުރުވެރިވާން ދަސްކުރާށެވެ. ކަލޭގެ ކުރިއެރުމަށް އެތައް ކަމެއް މެދުވެރިވެފައި އޮތް އިރު، އެކަމުގެ ހައްގު ފަރާތްތަކަށް، އެ ހުރިހާ ކަމެއް ލިބިދިންކަމަށްޓަކައި ޝުކުރުވެރިވާން ޖެހެއެވެ.
  7. އިރު އޮއްސުމުގެ ކުރިން، ޝުކުރުއަދާ ކުރާނޭ ކޮންމެ ވެސް މީހަކު ހޯދާށެވެ. ދުނިޔަވީ ހަޔާތުގައި، އެހެން މީހެއްގެ އެހީއާ ނުލައި އެއްވެސް މީހަކަށް ކުރިއަށް ދެވޭކަށް ނޯވެއެވެ.
  8. ކަލެއަށް ލިބިފައި އޮތް ނިއުމަތްތަކާ މެދު ވިސްނައި ފިކުރުކޮށްލާށެވެ. ހަމަ ޔަގީނުންވެސް، ކޮންމެ މީހަކަށް ވެސް ކޮންމެ ވެސް ނިއުމަތެއް ނުވަތަ ނިއުމަތްތަކެއް، ލިބިފައި އޮންނާނެއެވެ. މިއާ ޚިލާފަށް ކުރިމަތިވާ ބަދުނަސީބު ގޮތްތަކާ މެދު މާ ބޮޑަށް ވިސްނައި ފިކުރު ނުކުރާށެވެ. ޝައްކެއްނެތް ގޮތުގައި ބަދު ނަސީބު ހާލަތްތަކާ ކުރިމަތިލާން ޖެހޭ ބައެއް ވެސް އުޅެއެވެ.
  9. ހަޔާތުގެ މަގުގައި ހިނގަމުންދާއިރު، ދޭތެރެ ދޭތެރެއިން މަޑުޖައްސާލަން ޖެހެއެވެ. އަހަރުމެންނަށް އެހީވި މީހުންގެ މަތިން ހަނދާންކޮށް އެމީހުންނަށް ޝުކުރުއަދާ ކުރުމަށްޓަކައެވެ.
  10. ޝުކުރު އަދާކުރާ ހިތަކީ އުފާވެރި ހިތެކެވެ. އެހެނީ، ޝުކުރުވެރިކަމާއި ހިތާމަވެރިކަމުގެ އިހުސާސު އެއްފަހަރާ، އަހަރުމެންނަކަށް ނުކުރެވެއެވެ.