Support Us

ކޮލަމް ކޯދު: ލޯތްބާ ބެހޭ ގޮތުން މީހުން ބުނާ ބައެއް ވާހަކަ

ތިރީގައި މިވަނީ ލޯތްބާ ބެހޭ ގޮތުން މީހުން ބުނާ ބައެއް ވާހަކައެވެ.

  1. އެކަނބުލޭގެ ކިބައިން ލަފްޒެއްގެ ދެބައިކުޅަ އެއްބައި އަޑު އެހުމުގެ އިންތިޒާރުގައި، އަބަދުމެ އޭނަ ހުންނަ ކަމެއް އެކަނބުލޭގެއަކަށް ނޭނގެއެވެ. އެއްޗެއް ބުނެ، ވާހަކައެއް އޭނާ ފަށެމުގެ އިންތިޒާރުގައި އެކަނބުލޭގެ އަބަދުމެ ހުންނަ ކަމެއް އޭނައަކަށް ނޭނގެއެވެ. ލޯބީގެ ފަލްސަފާއަކީ ހާދަހާވާ އަޖައިބުކުރުވަނިވި އެއްޗެކެވެ.
  2. ހަގީގީ ލޯތްބަކުން ލޯބިވެވިއްޖެ ނަމަ، ލޯބިވެރިޔާ ރުއްސާނެ އެތައް ހާސް ގޮތެއް އެނގިގެން ދެއެވެ.
  3. އިނބަގެ ހިތާ އެންމެ ގާތް މީހަކީ، ދުލުން އެއްޗެއް ނުބުންޏަސް، އިނބަގެ ލޮލުން ބުނާ ވާހަކަ ދޭހަކޮށްގަންނަން އެނގޭ މީހާއެވެ.
  4. އޭނާގެ ލޯބިވެރިޔާގެ ކަންފަތް ބުޑުގައި ސިއްރުސިއްރުން އޭނާ ބުންޏެވެ. "އަހަރެން އުފާވުމަށް މާ ގިނަ ސަބަބުތަކެއް ބޭނުން ނުވާކަން ކަލާ އަހަންނަށް ދަސްކޮށްދިނެވެ. ހަމައެކަނި ކަލާގެ ހިނިތުންވެލުން، އަހަރެންގެ ހިތް ހިނިތުން ކުރުވައި އެ ހިތް ތަޅުވާލައި އެހިތުގައި ދިރުން އުފައްދާލުމަށް ފުދެއެވެ."
  5. ލޯބި އޭގެ ފައިތިލައިގެ އިނގިލިތަކުގެ މަތީގައި މަޑުމަޑުން ހިނގާފައި އަންނަން ސަބަބުތަކެއް މެދުވެރިވާކަށް ނުޖެހެއެވެ. ލޯބި އަންނަނީ ރީތިކަން ހިފައިގެންނެއް ނޫނެވެ. ނޫނީ ފައިސާވެރިކަމާއި މުދާވެރިކަން ވެސް ހިފައިގެންނެއް ނޫނެވެ. ލޯބިވުމަކީ ތަގުދީރުގެ ނިޔާއާ ގުޅިފައި އޮންނަ ކަމެކެވެ. ތަގުދީރުން އެކަން ނިންމެވުމުން، ލޯބިވެވިދެއެވެ.
  6. އެންމެ ތެދުވެރި ލޯތްބަކީ މީހަކު ދެކެ ލޯބިވެވި، އެކަމުގެ ވަކި ސަބަބެއް އޮތްކަން ނޭނގުމެވެ.
  7. ތިމާގެ ރޫހުގައި އިށީނދެއްޖެ މީހާގެ މަތިން ހިތަށް ހަނދާން ނައްތާލެވޭނީ ކިހިނަކުން ހެއްޔެވެ!
  8. ލޯތްބަކީ ވަރުގަދަ ރަހުމަތްތެރިކަމެކެވެ. އެކަކު އަނެކަކު ރަނގަޅަށް ދަނެ، އެކަކު އަނެކަކުގެ ގޮތް ވިސްނުމެވެ. އެކަކު އަނެކަކަށް އިތުބާރުކޮށް އެކަކު އަނެކަކުގެ ކަންކަމުގައި ބައިވެރިކުރުމެވެ. އަދި އެކަކު އަނެކަކަށް މާފު ވެސް ކުރުމެވެ. މިހެން ވުމުން، ލޯބިވެގެންދަނީ ހުރިހާ އިރެއްގެ ހިތުގެ ބައިވެރިޔާއަށެވެ. ކަންކަން އެންމެ އެދެވޭ ގޮތަށް އޮންނަ އިރުގައްޔާއި އަދި އެނޫން އިރުގައި ވެސް މެއެވެ. ލޯބިވެރިޔާ އޭނާގެ ލޯބިވެރިޔާއާ އެކުވައި ވުމުން، އެކަކު އަނެކަކުގެ އުނިކަންކަން މަތިން ހަނދާންނެތި، އެކަކު އަނެކަކުގެ ސަބަބުން، ދެމީހުންނަކީ ވެސް ފުރިހަމަވެފައިވާ ދެ މީހުންކަމުގެ އިހުސާސުވެއެވެ.
  9. އޭނާގެ ލޯބިވެރިޔާ ގާތު އޭނާ ބުންޏެވެ. "ކަލާގެ އަޑު އިވުމާއި ކަލާގެ ހިނިތުންވުން ފެނުމަށް ވުރެ ވަކިން ރީތި އެއްޗެއް އަހަންނަކަށް ނުވެއެވެ. ދެން، އޭގެ އިތުރުން، އެހެން އެއްވެސް އެއްޗެއް ވެސް އަހަރެން ބޭނުމެއް ނުވެއެވެ. އަހަރެން ކަރު ހިއްކައި ގަތުމުން، ކަލާގެ ތަސްވިރު ނަގައި ކަލާގެ މޫނަށް އަހަރެން ބަލާލަމެވެ. ދެން އަހަރެންގެ ކަރު ހިއްކުމާއި ވަރުބަލިކަން ވެސް ފިލައިދެއެވެ.
  10. ލޯތްބަކީ އަޖައިބެކެވެ. އެއީ ފެންނަ އެއްޗެއް ނޫނެވެ. އަދި އޭގައި އަތްލެވޭ އެއްޗެއް ވެސް ނޫނެވެ. ނަމަވެސް، ހިތަށް އޭގެ އިހުސާސުވޭވޭ ހުރެއެވެ.
  11. ލޯތްބަކީ އިންސާނީ ޖަޒުބާތުތަކުގެ ތެރެއިން އެންމެ ވަރުގަދަ ޖަޒުބާތެވެ. އެހެނީ، އިންސާނާގެ ސިކުނޑިއަށާއި ހިތަށާއި ހުރިހާ ހިއްސުތަކަށް ވެސް ލޯބި ވެރިވެ، މުޅި އިންސާނާ އޭގެ ބާރުގެ ދަށަށް ގެނެއެވެ.