...

Support Us

ކޮލަމް ކޯދު: ހިނިތުންވުމާ ބެހޭ ގޮތުން މީހުން ބުނާ އިތުރު ބުނުންކޮޅެއް

ތިރީގައި މިވަނީ ހިނިތުންވުމާ ބެހޭ ގޮތުން މީހުން ބުނާ އިތުރު ބުނުންކޮޅެކެވެ.

  1. ރަބީއު މޫސުމަކީ، ތަބީއަތް އޭގެ ހިބަކުރުން ތަކުގެ ކުރިން ހިނިތުންވެލާ ހިނިތުން ވެލުމެވެ. އެހެނީ، އެއްވެސް، އެއްޗެއް ހިބަކޮށް، ދިނުމާ އެކުގައި ރުހުމުގެ ހިނިތުން ވެލުމެއް ނުވާ ނަމަ، އެ ދިނުމުގައި އޮންނާނީ ކޮން އަގެއް ހެއްޔެވެ؟

އެހެންވެ، ތަބީއަތުގެ މި ސިފައިން ފިލާވަޅު ލިބިގަނެ، ރުހުމުގެ ހިނިތުން ވުމަކުން ހިނިތުން ވެލައި، ސަދަގާތް ކުރާށެވެ.

  1. ތިން ކަމަކާ މެދު ސަމާލުވެ، ރައްކާތެރިކަން ހޯދައިގެން ހުރުން ބުއްދިވެރިއެވެ. ނައަމް ސޫފިތަކުގެ ދަޅުންނާއި އަހުގެ މޮށްގަޑުންނާއި ސިޔާސީ މުނާފިގު މީހުންގެ ހިނިތުން ވުމުންނެވެ.
  2. ހިނިތުންވެލުން ގަނޑުފެންގަނޑު ވެސް ވިރުވާލައެވެ. ހިތްހަމަޖެހުން ގެނެސް ފަތުރާލައެވެ. ޒަޚަމްތައް ފަސޭހަކޮށްލައެވެ. އިންސާނީ ސާފު ތެދުވެރި ގުޅުންތައް ހުޅުވާލަދޭ ރަން ތަޅުދަނޑިއަކީ ހިނިތުންވެލުމެވެ.
  3. ބައެއް ފަހަރުފަހަރު، ހިނިތުންވެލުމުގެ ސަބަބަކަށް ވަނީ އުފާވުމެވެ. ނަމަވެސް، އަނެއް ބައިފަހަރު ހިނިތުންވެލުމަކީ އުފާވުމުގެ ސަބަބަކަށް ވެސް ވެދެއެވެ.
  4. ކޮންމެ މީހަކާ ބައްދަލުވާ ބައްދަލުވުން ހިނިތުންވުމަކުން ފެށުން ރިވެތި އަޚުލާގުގެ ތެރެއިން ހިމެނެއެވެ. ހަމަ އެހެންމެ، ބައްދަލުވުން ނިމި، ވަކިވެލާއިރު، ހިނިތުންވެލުން، އެ ބައްދަލުވުމުގެ އެންމެ ފަހުގެ ހަނދާނަށްވެ، އެ ބައްދަލުވުމަށް އިތުރު ފުރިހަމަކަން ގެނެއެވެ.
  5. ހަޔާތަކީ ލޯގަނޑެއް ފަދަ އެއްޗެކެވެ. ލޯގަނޑެއްގެ ކުރިމަތީ ހުއްޓި ހުރެ ހިނިތުންވެލުމުން، އިނބަގެ އެންމެ ހިތްގައިމު ސޫރަ ފެންނަ ފަދައިން، ހަޔާތް މެދުވެރިކުރުވާ ކަންކަމާ، ހިނިތުންވެ ކުރިމަތިލުމުން، އެންމެ އެކަށީގެންވާ ހެޔޮ ނަތީޖާ ފެންނަގޮތް ވެއެވެ.
  6. ހިނިތުންވާން ނޭނގޭ ނަމަ، ފިހާރައެއް ހުޅުވަން ގަސްދު ނުކުރާށެވެ.
  7. އިނބަގެ ނުރައިގެ ވިދުމާ މެދު ކަން ބޮޑު ނުވާށެވެ. އެހެނީ އެ ވިދާވިދުމަކީ އިނބައަށް ހެޔޮ ރައުޔާއި އަދަބުވެރިކަމުގެ ރީތި ސިފަތައް ލިބިގެންވާ ކަމުގެ ނިޝާނެކެވެ.
  8. އިނބަގެ ތުންފަތް ހިނިތުންވެލާއިރު، އިނބަގެ ހިތް ވެސް ހިނިތުންވެލިޔަ ދޭށެވެ.
  9. ދުނިޔެއަކީ ކެމެރާއެކެވެ. އެ ކެމެރާ ކުރިމަތީ ހިނިތުންވެލައިގެން ހުންނާށެވެ.
  10. ދެރަވެ، ހިތާމަކުރާ ވަގުތުގައި ވެސް ހިނިތުންވެލަން ހަނދާންކުރާށެވެ. އެހެނީ، އެ ހިނިތުންވެލުން އެހެން މީހަކަށް ފެނި، އޭނާގެ ހިތަށް ހަމަޖެހުން އެކަމުން ލިބިދިނުމަށެވެ.
  11. ނަބަވީ އިރުޝާދެއްގެ މާނައިގައި އޮވެއެވެ. އެއްވެސް ހެޔޮ އަމަލަކީ ކުޑަކަމެއް ކަމުގައި ނުދެކޭށެވެ. އެހެން މީހަކާ ބައްދަލުވާ ހިނދު ހިނިތުންވެލުމަކީ ވެސް ސަދަގާތެކެވެ.