Support Us

ސިންގާގެ ނިޔާ

އެއް ދުވަހު ޖަންގަލިތެރޭން ދިޔައޭ ހިމާރެއް
ނެތް އަމާޒެއް، ދިޔަ އިރަކު ދާން ވަކި ދިމާއެއް

ވިނަގަނޑެއްގެ ތެރޭން ހުރަސްކޮށްފައި އެ ދިޔަ އިރު
ވިނަ ނުލެއް ނޫން ހެއްޔެ؟ ހިތް ކުރިއޭ ސުވާލެއް

ލޯ ދިނޭ ކެހި "ވިނަ މި ފެނުނީ އަލަކަށެއް ނޫން!
ދޯ؟ ނުލޭ މިހިރީ ވިނައިގައި! ނެތް ސުވާލެއް!"

ދެން ދަމުން ދިޔައީ އެހެން ގޮވަމުންނެ ބާރަށް
"ހުންނަނީ ނޫކުލަ ވިނައިގައި! ހަމަ ޝަހާދެއް!"

ދިޔަ މަގުން ބައްދަލުވިހައި ޖަނަވާރު ކުދިބޮޑު
ދިޔަ ގޮތަށް ދިޔަ ނުހުޅުވައި ބަހުސެއްގެ ބާބެއް

މަގުމަތީން ބައްދަލުވިޔޭ މިނިކާވަގެއް، ދެން-
ވަގު ބުނެއްޕޭ "ނޫނެ ރަނގަޅެއް ތިޔަ ގޮވާލެއް!"

ކުލަ ނުލެއް ނޫނެއްނު؟ ވިނަ މިހިރީއެ ފެންނަން!
ލޮލަކަށެއް ނުފެނޭތަ ނޫ އުޑު؟ ހުރި ތަފާތެއް؟"

ހުއްޓިފައި ބުންޏޭ ހިމާރު ވަގާ ދިމާއަށް
"ރުއްގަހާ ކުލަ އުޑުގެ ދަންނަން! ކޮން ޒަމާނެއް؟"

ކުޅިބަލާން ހުއްޓޭ ބައެއް ޖަނަވާރު ފެނުމުން
ރުޅިއައޭ ވަގު، ދެން ބުނެއްޕޭ ނެތި މަޖާޒެއް

ހުންނަނީ ފެހިކުލަ ވިނައިގައި! ވިނަ ނުލެއް ނޫން!
ފެންނަ ނަމަ ނޫކުލަ! އެއީ ކުލަކަނު ގަމާރެއް!"

ދޫކުރާކަށް ނެތް ހިމާރެއް ވެސް އެ ވަގަކަށް
ދޫނުކޮށްލާން "ހައްގު ބަސް" ނުކިއަސް ހަރާދެއް

"ހުންނަނީ ނޫކުލަ ވިނައިގައި، ހަމަ ޔަގީނޭ!
ދެން ބުނަން! މަށަކީ ގަމާރެއް ނޫން، ހިމާރެއް!"

އަޑު އިސާހިތު އުފުލެމުން ދޮންބޮޑުވަމުން ދޭ
ކުޑަކޮށެއް ވެސް ނުވެއެ ފިންޏެއް ފެށި ޒުވާބެއް

ހުއްޓައެއް ނުލިއޭ ވަގެއް ވެސް ޖާހުފެނިފައި
ހުއްޓުމެއް ނެތި ފަސްދެމުންދާ އިރު ދުވާލެއް

ކަނޑައެޅިއްޖޭ ދާން މި ކަމުގައި ރަސްގެ ގާތަށް
ކަނޑައަޅާން ދެން މައްސަލައިގައި އޮތް ނިޔާއެއް

މާދުރުން، ނުމެ ފެންނަނީސް އަދި ރަސްގެ ސިންގާ
ބާރަކަށް ބުންޏޭ ހިމާރު، ނެތަސް މިޢާދެއް

"އަޅެ ނުލެއް ނޫންތޯ؟ މި ވިނަތައް ކުލަ މަސާހިބު!
އޮޅުވަމުން އެބަ ދޭ މި ވަގު ކުރަމުން ޒުވާބެއް!"

ރަސްގެ ސިންގާ އެބަ ބަލައިލިއެ ވަގުގެ މޫނަށް
ބަސް ނުބުނެ ވަގު ހަނުއޮތޭ ނުމެ ދީ ބަޔާނެއް

އިސްޖަހައިލިއެ ވަގު ވަރަށް ޖެހިލުންވެ އޮވެފައި
ބަސް ނުހުއްޓާ، އޭރު ވެސް، އަޑުގަދަ ހިމާރެއް

ރަސްގެ ސިންގާ ދެން ބަލައިލައިފައި ހިމާރަށް
މައްސަލައިގައި އިއްވި ހުކުމެއް، ނެތް މިސާލެއް

"ފެންނަ ނަމަ ވިނަތައް ހިމާރަށް ނޫކުލައިގައި
ދެން ކުރާކަށް ނެތް މަ ކުޑަވެސް އިއުތިރާޒެއް!"

ރަސްގެ ބަސް އިވުމުން ހިމާރު ބުނެފި އަނެއްކާ
"އަސްލަކަށް ނެތް ވަގުގެ އެހެނަސް އިއުތިރާފެއް

އަދު ނަހައްގުން ވަގު ހިމާރާ ދެކޮޅުވެއްޖޭ
ބަދަލުގައި ހައްގޭ ވަގަށް ދެއްވުން ލަގާއެއް!"

ދެން އެ ހިނދު އިއްވައިފި ސިންގާ ވަގުގެ މައްޗަށް
ތިން ދުވަހު ނުކިޔައި ބަހެއް އުޅުމުގެ ސަޒާއެއް

ވީ އުފަލުގައި ރަސްގެ ދަރުބާރުން ނުކުމެފައި
ހީނލަމުން ފެށި ލަވަ ހިމާރުގެ ނެތް ތަފާތެއް

"ހުންނަނީ ނޫކުލައެ ނޫކުލައޭ ވިނައިގައި!
ހުންނަނީ ފެހި ކުލައެ ބުނަނީ ކޮން ގަމާރެއް!"

ނުރުހިފައި ބުންޏޭ އެ ހިނދު ސިންގާ ވަޒީރަށް
"ހުރި ތަނެއް ފަހެ ބުނެބަލާށެ އެ ނޫން ގަމާރެއް!

ކުލަ ނުލެއް ފެއްސެއް ނުވޭ ވަތްކެއް! އެހެނަކަސް
ދުލަކަށެއް ނާދޭ ބަހެއް، ނޫން ވާހިޔާތެއް!

ނޭނގެއޭ! ނޭނގޭ ކަމެއް ވެސް، ހީކުރާ އިރު-
ނޭނގެނީ އަނެކުންނަށޭ އަލިފެއް މެ ބާއެއް!"

ރަސްގެ ވާހަކަ ވަގު އަހައިފައި ވެއްޖެ ހައިރާން
ފަސްނުޖެހި ދެން ރަސްގެއާ ކުރިއޭ ސުވާލެއް

"ކީއްވެގެންތޯ ކުލަ ހިމާރަށް ނޭނގުމުން ވެސް،
ވީއްލަވައި އޭނާ، އަޅަށް ދެއްވީ ސަޒާއެއް؟"

ރަސްގެ ސިންގާ ދެން ބަލައިލިއެ ވަގުގެ މޫނަށް
ރަސްގެ ދެލޮލުން ފެންނަނީ ނުރުހުމުގެ ރާޅެއް

"ނެތް! ކުލައަކާ، ވިނައަކާ، ގުޅުމެއް އަދަބަކާ!
އޮތް ގުޅުމަކީ ވަގު ނުދަތުމެ ދެބަންދިހާރެއް!

ބުއްދިވެރި މިނިކާވަގެއް، ކުލަ ދަންނަ ފެހި، ނޫ!
ވެއްޓުމީ ގޯހެއް! ދަރަޖައަށް ގަބު، ގަމާރެއް

ކީއްކުރަން އަގުހުރި ވަގުތުތައް ވަގު ނަގައިލީ؟
ފީ ޒުވާބެއްގައި، ކުރާ ހެން ބޮޑު ޖިހާދެއް

އަދި ނުފުދި އެ ވަރުން، މަގޭ އަގުހުރި ވަގުތު ވެސް
އަދު ނަގައިލީމާ ދެވުނު ތިޔައީ ސަޒާއެއް!"

ފަހުގެ
މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
އިތުރު ޅެންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *