Support Us

ކޮލަމް ކޯދު: އެމެރިކާއިން ފިލާވަޅެއް- އިންތިޚާބުގެ ދުވަސްވަރު ކުރިމަތިވަމުން އަންނައިރު ވިސްނާލުމަށްޓަކައި

އެމެރިކާގެ އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގެ މައްޗަށް ބަލައިލާއިރު އެތައް ކަންތައްތަކެއް ފާހަގަކޮށްލެވިދާނެއެވެ. ރަނގަޅު ކަންތައްތަކާއި ނުރަނގަޅު ކަންތައްތަކެވެ. ނަމަވެސް، މިތާނގައި ފާހަގަކޮށްލަން ބޭނުންވަނީ ރަނގަޅު އެއްކަމެއްގެ ވާހަކައެވެ. އެކަން ފާހަގަކޮށްލައި އެކަމުން ލިބެން އޮތް ފިލާވަޅުގެ މައްޗަށް ވިސްނާލުމަށްޓަކައެވެ.

މިތަނުގައި ފާހަގަކޮށްލަން ބޭނުންވަނީ ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ކެންޑިޑޭޓު ބައިޑެން ވިދާޅުވި ވާހަކައެކެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމަށް ފަހު، އޭނާގެ ގައުމާ މުޚާތަބުކުރައްވާ އޭނާ ވިދާޅުވީ އޭނާއަކީ ހަމައެކަނި އޭނާއަށް ވޯޓުދިން މީހުންގެ ރައީސެއް ނޫންކަމެވެ. އޭނާއަކީ އޭނާއަށް ވޯޓުދިން މީހުންނާއި އަދި އޭނާއަށް ވޯޓު ނުދޭ މީހުންގެ ރައީސް ވެސް މެއެވެ. އާދެ، އޭނާއަކީ މުޅި އެމެރިކާގެ މުވާތިނުންގެ ރައީސްކަމެވެ. އޭނާއަށް ވޯޓުދިން މީހުންނާއި ވޯޓު ނުދޭ މީހުންގެ އިތުރުން އަދި ވޯޓުލުމުގައި ބައިވެރިނުވާ މީހުންގެ ވެސް ރައީސެވެ.

މރ. ބައިޑަން މިކަން ފާހަގަކޮށްދެއްވީ ކީއްވެގެން ހެއްޔެވެ؟ ޑިިމޮކުރަސީ ޕާޓީ ނިޒާމެއް ލާޒިމުކުރަނީ ވެރިކަމަށް އިސްކުރުމަށް އިންތިޚާބުކުރުމަށްޓަކައި އޮންނަ ކެންޑިޑޭޓެއްގެ ތެރެއިން ރައްޔިތުން ބޭނުންވާ މީހަކު ހޮވުމެވެ. އެމެރިކާގެ ޑިމޮކުރަސީ ނިޒާމު ނިޔާކުރާ ގޮތުން، އާންމު ގޮތެއްގައި، މައިގަނޑު ދެ ސިޔާސީ ޕާޓީއަކުން، ރައީސްކަމަށް ކުރިމަތިލާ މީސްމީހުން ފުރޭނިގެން، އާންމުންގެ ކުރިމައްޗަށް މައްސަލަ އަންނައިރު، އޮންނަނީ ދެ ކެންޑިޑޭޓަކު ހަމަޖެހިފައެވެ. ރައްޔިތުންނަށް އޮންނަނީ މި ދެ ކެންޑިޑޭޓުން ކުރެ އެކަކު ރައީސަކަށް ހޮވުމެވެ. އުސޫލެއްގެ ގޮތުން، މިހޮވުން ބިނާވެފައި އޮންނަނީ ދެ ކެންޑިޑޭޓުންކުރެ ގައުމަށް އެ ވަގުތަކު ކުރިމަތިވެފައިވާ އާންމު މައްސަލަތައް ހައްލުކުރުމުގެ ހަރުދަނާ ސިޔާސަތުތަކެއްގެ ވެރިޔަކީ ކޮބައިތޯ ދެނެގަތުމުގެ މައްޗަށެވެ. މި ދެނެގަތުން ދެނެގަނެވެނީ ދެ ކެންޑިޑޭޓުންގެ އިންތިޚާބީ މަސައްކަތުގައި އާންމުންނާ މުޚާތަބުކޮށް ދައްކާ ވާހަކަތަކުގެ އަލީގައެވެ. މީގެ އިތުރުން، ދެ ކެންޑިޑޭޓުންގެ މެދުގައި، އާންމުންގެ ކުރިމަތީގައި، ބޭއްވޭ ބަހުސުތަކެއް އަޑުއަހައި، އެ ބަހުސްތަކުގެ އަލީގައި ވެސް މެއެވެ.

ނިމިދިޔަ އިންތިޚާބު ކާމިޔާބުކުރެއްވި ބައިޑަންގެ، އޭނާގެ މި ނަންގަތް ވާހަކަތައް ގުޅިފައި އޮތީ މިވަގުތު އެމެރިކާއާ ކުރިމަތިވެފައިވާ މައްސަލަތަކާއެވެ. ކޮރޯނާ ރޯގާގެ މައްސަލައެވެ. އެކަން ހައްލުކުރާނެ އޭނާގެ ސިޔާސަތުގެ ވާހަކައެވެ. ވެށީގެ މައްސަލައާއި އެކަމާ ގުޅޭ މޫސުމަށް ބަދަލު އަންނަމުންދާ މައްސަލައެވެ. މިވަގުތު އެމެރިކާއަށް ކުރިމަތިވެފައިވާ އިގުތިސާދާ ގުޅޭ މައްސަލަތަކެވެ. ޚާއްސަ ގޮތެއްގައި ކޮރޯނާ ރޯގާގެ ސަބަބުން، ވިޔަފާރިތަކަށް ލިބެމުންދޭ ގެއްލުންތަކާއި އަދި ވަޒީފާތައް ގެއްލެމުންދާ މައްސަލައެވެ. މިކަމަށް ހައްލުހޯދާނޭ ގޮތުގެ ވާހަކައެވެ. ހުރިހާ މުވާތިނުންނަށް ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމުގެ މައްސަލައެވެ. ތަނުގައި އޮތް ބައިބައިވުމާއި ނަސްލުތަކުގެ މެދުގައި އޮންނަ ދެބަސްވުންތަކާއި އަރާރުންތަކުގެ މައްސަލައެވެ. އަދި، އެމެރިކާގެ ޚާރިޖީ ސިޔާސަތަކީ އެހެން ގައުމުތަކާއި ގުޅުންތައް ރަނގަޅުކުރުމުގެ މައްޗަށް ބިނާވާ ސިޔާސަތަކަށް ހެދުމެވެ. އާދެ، ވެރިކަމަށް އަންނަނީ ތިމާއާއި ތިމާގެ ގާތް މީހުންގެ ޒާތީ މަސްލަހަތުތައް ހޯދުމުގެ ބޭނުމުގައެއް ނޫނެވެ. ގައުމަށް ޚިދުމަތްކުރުމަށްޓަކައެވެ. އަދި، ގައުމުގެ މައްސަލަތަކަކީ ކޮބައިކަން ދެނެގަނެ، އެކަން ހައްލުކުރެވިދާނެ ކަމުގެ އެކަށޭނަކަން އޮތް ގޮތެއް ރައްޔިތުންގެ ކުރިމައްޗަށް ހުށަހަޅާލައިގެންނެވެ.

ދެން، ރައްޔިތުންގެ ވާޖިބަކަށް އޮންނަނީ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ވާހަކަތައް އަޑުއަހައި އެމީހަކު ދެކޭ ގޮތުގައި، ގައުމުގެ މައްސަލަތައް ހައްލުކުރުމުގެ އެންމެ ރަނގަޅު ސިޔާސަތުތަކެއް ވެރިޔަކީ ކޮބައިކަން ދެނެގަނެ އެމީހަކު އިންތިޚާބު ކުރުމެވެ. މީގެ މާނައަކީ ހުރިހާ އެންމެންނަކީ މިފަދައިން ވިސާނާފައި ވޯޓު ދޭނޭ ބައެއް ނޫނެވެ. ޝައްކެއް ނެތް ގޮތުގައިި 'ހަމުގެ ކުލައަށް' ބަލާފައި ވޯޓުދޭނޭ މީީހުންވެސް އުޅޭނެއެވެ. އެހެން ކަމަށް ވިޔަސް، ގިނަ ބަޔަކު ވޯޓުދެނީ މިނަންގަތް އުސޫލުގެ މަތިންނެވެ. ގައުމަށް ކުރިމަތިވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެންމެ ރަނގަޅު ސިޔާސަތުތަކެއް ކަނޑައަޅާލެވިފައިވަނީ ކާކަށްތޯ ބަލާފައެވެ.

މިފދަ ގޮތަކަށް ވޯޓުދޭ އިރު، މީހުންގެ ޚިޔާލު ތަފާތުވާނެތާއެވެ. ހުރިހާ މީހުންނަށް ފެންނާނީ އެއްގޮތަކަށް ނޫންތާއެވެ. އެހެންވީމާ ގިނަ ޕާޓީތަކުގެ ޑިމޮކުރަސީ ނިޒާމެއްގެ ދަށުން ކުރިއަށް ގެންދެވޭ އިންތިޚާބެއްގައި ފެނިގެންދަނީ ގައުމު ބައިބައިވެފައި އޮންނަ މަންޒަރެވެ. ގިނަ ބަޔަކު ފާހަގަކުރި ގޮތުގައި ނިމިދިޔަ އެމެރިކާގެ ރިޔާސީ އިންތިޚާބަކީ އެމެރިކާގެ ތާރީޚުގައި ބައިބައިވުން އެންމެ ބޮޑު އިންތިޚާބެވެ.

މިވެސް މައްސަލައަކަށް ނުވެއެވެ. ސަބަބަކީތޯއެވެ؟ އިންތިޚާބު ނިމި، ވެރިޔަކު ހޮވުމުން، އެ ހޮވޭ މީހަކީ، ކުރިން ބުނިހެން، ހަމަ އެކަނި އޭނާއަށް ވޯޓުދިން މީހުންގެ ވެރިޔާއަށް ވުމުގެ ބަދަލުގައި އެންމެންގެ ވެސް ވެރިޔާއަށްވާތީއެވެ. އަދި، ހޮވޭ ރައީސްވެސް މިކަން ހަނދާންކޮށްދީ އޭނާގެ ސިޔާސަތުތައް އަމާޒުވާނީ ހަމައެކަނި އޭނާގެ ޕާޓީގެ މީހުންނަށާއި އޭނާއަށް ވޯޓުދިން މީހުންނަށް ނޫންކަމަށާއި އެކަން އަމާޒުވާނީ އެންމެންނަކަން ބުނެދޭތީއެވެ. އެހެންވެ، ބައިޑަންވެސް ކަންތައް ކުރައްވާނީ ހުރިހާ ރައްޔިތުން ވެސް ޝާމިލުކޮށް އެންމެންގެ ލާބައާއި ފައިދާއަށްޓަކައި ކަމުގައި ވިދާޅުވިއެވެ. ގައުމު ބައިބައިވެފައި އޮތް އޮތުން ނެތިކޮށްލުމަށާއި ރިޔާސީ ކެމްފޭނުގައި އޭނާ ފާހަގަކުރެއްވި މައްސަލަތަކުގެ ހައްލު ހޯއްދަވައި ދެއްވަން މަސައްކަތް ކުރައްވާނެ ވާހަކަ ވިދާޅުވިއެވެ. ވަކި ބަޔަކަށްޓަކާއެއް ނޫނެވެ. އެންމެންނަށްޓަކައެވެ.

މިކަމުން ލިބިގަނެވިދާނޭ ފައިދާއަކީ ކޮބާހެއްޔެވެ؟ އިންތިޚާބީ ކެމްޕޭނުގެ ވާހަކަތައް ބިނާވާން ޖެހޭނީ ގައުމުގެ މައްސަލަތައް ނަގައި އެކަންކަން ހައްލުކުރުމުގެ ސިޔާސަތުތަކުގެ މައްޗަށް ކަމެވެ. ރައްޔިތުންގެ ވާޖިބަކަށް ވާން ޖެހޭނީ ކެންޑިޑޭޓުންގެ ގޮތުގައި ކުރިމަތިލާ މީހުންގެ މިފަދަ ސިޔާސަތުގެ ހަރުދަނާކަން ހުރިި މިންވަރު ދެނެގަތުމެވެ. އަދި، އޭގެމައްޗަށް ބިނާކޮށް، ގައުމުގެ މަސްލަހަތަށް އިސްކަންދީގެން، ވެރިން ހޮވުމެވެ. މިވެނި މީހަކު ނުހޮވުމަށްޓަކައި ވެރިން ހޮވައިގެން ނުވާނޭ ކަމެވެ. ފުރަތަމަ ގޮތުގައި ވެރިން ހޮވާނަމަ، އޭރުން ހޮވޭނީ ގާބިލު ކަމަށް އެކަށީގެންވާ މީހުންނެވެ. ދެވަނަ ގޮތުގައި ހޮވާނަމަ ހޮވޭނީ ކޮންމެހެން ކަމަށް އެކަށީގެންވާ ގާބިލު މީހުންނެއް ނޫނެވެ. އެހެނީ، އޭރުން މަގުސަދަކަށް ވެފައި އޮންނާނީ ވެރިޔަކު ހޮވުމެއް ނޫނެވެ. ވެރިޔަކު ވެރިކަމުން ދުރުކުރުމެވެ. އެމެރިކާގެ އިންތިޚާބުން ލިބޭ އެއް ފިލާވަޅަކީ މިއެވެ. ރިޔާސީ އިންތިޚާބުވާންޖެހޭނީ ވެރިޔަކު ހޮވަން އޮންނަ އިންތިޚާބެއް ކަމެވެ. އެއީ ވެރިޔަކު ދުރުކުރަން އޮންނަ އިންތިޚާބެއް ނޫންކަމެވެ. އަދި، އޭރުން، ވެރިކަމަށް އެކަށޭނަ ގާބިލު މީހުން ގެނެވޭނޭ ކަމެވެ.