Support Us

ކޮލަމް ކޯދު: މީހަކު ބުނި ވާހަކައެއް

އެމެރިކާގެ މަދަނީ ހައްގުތައް ހޯދުމުގައި ޖިހާދުކުރި ޑރ، މާޓިން ލުދަރ ކިންގ ބުނެފައި އޮވެއެވެ. "އާޚިރުގައި އަހަރުމެން ހަނދާން ހުންނާނީ އަހަރުމެންގެ ދުޝްމަނުންގެ ބަސްތަކެއް ނޫނެވެ. ނަމަވެސް، އަހަރުމެންގެ ރަހުމަތްތެރިންގެ ހަނުހުރުމެވެ." މި އިބާރާތް އެހެން ގޮތަކަށް ވެސް ލިޔެލެވިދާނެއެވެ. އާދެ، 'އަހަރުމެންގެ ޖިހާދުގެ ދަތުރު ނިމި އެނބުރި ފަހަތް ބަލާލާއިރު، އަހަރުމެންގެ ހަނދާނުގައި ހަރުލާ ހުންނާނީ އަހަރުމެންނާ އިދިކޮޅުވި މީހުންގެ ވާހަކަތަކާއި ހަޅޭލެވުންތަކެއް ނޫނެވެ. އަހަރުމެންގެ ހަނދާނުގައި އެންމެ ވަރުގަދައަށް ޖެހޭ ރަނގަބީލުގެ އަޑަކީ އަހަރުމެންގެ ޖިހާދުގައި ބައިވެރިނުވެ، ހަނު ތިބި އަހަރުމެންގެ ރަހުމަތްތެރިންގެ ހަނުތިބުމުގެ ގަދަފަދަ އަޑެވެ!'

މި އިބާރާތް އަދިވެސް އެހެން ގޮތަކަށް ބަދަލުކޮށްލައި، އަޅުގަނޑުމެންގެ ހާލަތުގެ މައްޗަށް ފައްތާލެވިދާނެއެވެ. ވަރަށް ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި އަޅުގަނޑުމެންގެ މުޖުތަމައުގެ ހާލަތު އޮތީ ވަރަށް ވެސް ނާޒުކު ފައްތަރެއްގައެވެ. ގައުމުގެ ވެރިކަމުގައި އެއްވެސް އާރެއް ބާރެއް ނެތޭ ބުނެވިދާނެއެވެ. އެހެންވެ، ގާނޫނީ ވެރިއެއް ހުރި ކަމުގައި ވިޔަސް، ގައުމުގެ ވެރިއަކީ ކާކު ކަމެއް ނޭނގެއެވެ. ގާނޫނީ ވެރިޔާގެ މައްޗަށް ވެސް ބާރު ހިންގާ މީހުން އުޅޭތީއެވެ. ޣައިރު ގާނޫނީ ސިފައެއްގައި ގައުމުގެ މަސްލަހަތަށް ބުރޫ އަރާ ގޮތަށް ބައެއް މީހުން ކަންތައް ކުރަމުންދާ އިރު އެކަން ހުއްޓުވޭ ބާރެއް ގާނޫނީ ވެރިޔާގެ އަތުގައި ނެތް ކަހަލައެވެ. ގައުމުގެ އަގުތަކާ އަދި ދީނާ ގާނޫނާ ވެސް ޚިލާފު އަމަލުތައް ހިންގާއިރު އެކަމުގައި ވަކި ބަޔަކު ޝާކިލުވުމުން އެ މީހުންގެ މައްޗަށް، އެންމެ ފުރިހަމަ ގޮތުގައި ގާނޫނު ހިންގާލެވޭ ގޮތެއް ނުވެއެވެ. ގައުމުގެ ހަރު މުދާ، އެކިއެކި މުއައްސަސާތަކަށް ވެސް ވިއްކާލެވޭތަން ފެނެއެވެ. ގައަމު ދަރަނިވެރިވެ، އެންމެ ކުޑަވެގެން، ދަރަންޏަށް ނޫން ގޮތަކަށް، ކާޑު ވެސް ނުގަނެވޭ ދަރަޖައަށް ފައިސާގެ ދަތިކަން ހިނގައްޖެއެވެ. ނަމަވެސް، ތެލުގެ މުއްސަނދިކަން ލިބިފައި އޮތް މެދުއިރުމަތީގެ ގައުމުތައް ޚަރަދުކުރާ ގޮތަށް ސަރުކާރުގެ އޮފީސްތަކުން ޚަރަދުކުރަމުން ދަނީއެވެ.

މިފަދަ ހާލަތަކަށް ކަންތައްތައް ގޮސްފައި އޮތް އިރު، އާންމު ގޮތެއްގައި މިކަމާ ކަންބޮޑުވުން ފާޅުކުރާތަން ނުފެނެއެވެ. ކަންކަން ގޯހުން ގޯހަށް ދާއިރު، ކުރީ ސަރުކާރަށް ކަންކަން ފޫޅުކަނޑައި ކުރީ ސަރުކާރުން ކުރި ނަމަ ހުރިހާ ފަސާދައެއް އޭގެ އެތައް ގުނައެއް އިތުރަށް ހިންގަމުންދެއެވެ. ދެން، މިހާރު މި އޮތް ހާލަތުގެ ސަބަބުން، އަދި އެކަމާ މެދު އެކަށީގެންވާ ފިޔަވަޅު ނޭޅުމުން، ހީވެސް ނުކުރާ ބޮޑެތިބޮޑެތި ދަތިތަކާ އާންމުން ކުރިމަތިލާން ޖެހުމަކީ ވަރަށް ވެސް ކައިރީގައި އޮތް ކަމެކެވެ. ނަވާރަ ސަތޭކަ ސާޅީހުގެ އަހަރުތަކުގެ ފަހުކޮޅު ރާއްޖެއަށް ކުރިމަތިވި ދަތިތައް ފަދަ ދަތިތަކެކެވެ. އެހެން ދިމާވެއްޖެ ނަމަ، އެނބުރި ފަހަތް ބަލާލުމުން ހަނދާނަށް އަންނާނީ، ވެރިކަމުގައި ތިބި ބަޔާކާއި އެމީހުންނަށް ކަނު ސިފައެއްގައި ތަބާވަމުން، އަޑުގަދަކޮށް ހަޅޭލަވަމުން ދިޔަ މީހުންގެ އަޑެއް ނޫނެވެ. މިކަންކަން ކުރިމަތީ، ފާޅުގައި، އެންމެންގެ ލޮލަށް ފެންނަހެން ކުރަމުން ދިޔައިރުވެސް، ނުފެންނަ ކަމަށް ހަދައިގެން ބީރު ކަންފަތެއް ދީގެން ހަނުތިބި މީހުންގެ ހަނުތިބުމުގެ ގަދަފަދަ އަޑެވެ.

މިކަންކަން އިސްލާހުކުރުމުގެ މަގުކޮށައި، ކަންކަން ހަމައަކަށް އެޅުވުމުގެ މަސައްކަތް ފެށުމުގެ ބާރު އަދިވެސް އާންމުންގެ އަތްމަތީ އެބަ އޮތެވެ. ކުރިއަށް ދުވަސްތަކުގައި މަތީގައި ނަންގަނެވުނު ކަންކަމާ މެދު އެންމެން ވެސް ފުންކޮށް ވިސްނައި ހެޔޮ ބަދަލެއް ގެންނަން ވޯޓުލާން ދަސްކުރަންވީއެވެ. ޕާޓީ ތައައްސުބުން އެއްކިބާވެ، ތަން ހަލާކުކޮށްލުމުގައި ބައިވެރިވި މީހުންނަށް އިތުރަށް ވާގިވެރި ނުވާންވީއެވެ.