...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާދަމާގެ ފުރިހަމަ ރަތް ހަނދުކޭތަ ރާއްޖެއަށް ފެންނާނެތަ

މާދަމާ، 8 ނޮވެމްބަރުގައި ފުރިހަމަ ހަނދުކޭތަ (Total Eclipse) އެއް ހިފައެވެ. މިކޭތަ އެންމެ ފުރިހަމައަށް ފެންނާނީ ޕެސިފިކް އޯޝަންގެ ބައެއް ގައުމު ތަކަށާއި، އޭޝިޔާ އާއި އެމެރިކާ ކޮންޓިނެންޓްގެ ބައެއް ގައުމުތަކަށެވެ. އަދި އޭޝިޔާއާއި އެމެރިކާ ކޮންޓިނެންޓްގެ ބައެއް ގައުމުތަކަށް ފަޅިކޭތަ (Partial Eclips) އެއްގެ ގޮތުގައި ވެސް މިކޭތަ ފެންނާނެއެވެ. މި ކޭތަ ފަސް ގަޑީރާއި 53 މިނެޓުގެ ދިގުމިނަށް ދެމިގެން ދެއެވެ. ވީމާ މިކޭތަ ޕެސިފިކު ސަރަހައްދަށް ނޮވެމްބަރ 8 ވަނަ ދުވަހު ޔޫ.ޓީ.ސީ. ޓައިމުން 08:02 އިން 13:56 އަށް ދެމިގެން ދެއެވެ.

ނަމަވެސް، ދިވެހިރާއްޖެއަކަށް މިކޭތައެއް ނުފެންނާނެއެވެ. ސަބަބަކީ، އެދުވަހު ސިމާގު އީރާނުން 17:48 ގައި މާލެއަށް ހަނދު އުދަވާއިރު، ވަރަށް ފަނޑުކޮށް ހަނދަށް އަރާފައި ހުންނަ އަނދިރިކަމުގެ ކުލަވަރެއް ފިޔަވައި، މި ކޭތައިގެ ފުރިހަމަހަނދުކޭތަ (Total Eclipse) އާއި، ފަޅިކޭތަ (Partial Eclips) ވެސް، ރާއްޖެއަށް ނުފެންނާނެތީއާއި، 17 ދަރަޖައިގެ އުސްމިނަށް އުދަރެހުން ހަނދަށް ނޭރެނީސް ރާއްޖެއަށް މި ކޭތަ ވީއްލޭތީއާއި، ރާއްޖެއަށް މިކޭތަ ހިފާނީ ފަނޑުހިޔަނި ކޭތަ (Penumbral Eclipse) އެއްގެ ގޮތުގައި ކަމަށް ވާތީއެވެ. އަދި އެދުވަހުގެ 18:50 ގައި މިކޭތަ ރާއްޖެއަށް ވީއްލާތީއެވެ.

އަދި އުދަރެހުގައި ހަނދު ހުންނަ އުސްމިން ކުޑަވެފައި، މޫސުމުގެ ގޮތުން މިދުވަސްވަރު އުދަރެހުގައި ފުސްބޯވުމުން، ހަނދު ނުފެނުން އެކަށީގެންވެއެވެ. ހަނދު ފެނުނުކަމުގައި ވިޔަސް، ހަނދަށް އަރާފައި ހުންނަ ކޭތައިގެ ރަތްކުލަވަރެއް ރާއްޖެއަކަށް ނުފެންނާނެއެވެ. އެކަމަކު، ހަނދުގެ އާންމު އަލިކަމަށް ވުރެން އަލިކަން ފަނޑުވެފައިވާކަން ފާހަގަ ކުރެވޭނެއެވެ. އެހެން އެ ދިމާވަނީ މާލެއަށް ފެންނާނީ މި ކޭތައިގެ ފަނޑުހިޔަނި ކޭތަކަމުގައި ވާތީއެވެ.

ގައްލަންދޫ އެތެރެވަރީގައި އޮންނަ ރަށްރަށް ފިޔަވައި، ހާއަަލިފު އަތޮޅުގެ އިރުމަތީ ދުނީގައި އޮންނަ ރަށްރަށަށާއި މާލެއަތޮޅާއި ވާވުއަތޮޅާއި މީމުއަތޮޅުގެ ވެސް އިރުމަތީ ދުނީގައި އޮންނަ ރަށްރަށަށް، އެދުވަހު ހަނދު އުދަރެހުން އުދަވަމުންދާ ވަގުތުން ފެށިގެން 17:56 ވާންދެން ހަނދުގެ އަރިމަތީން ހަނދަށް އަރާފައިވާ ކޭތައިގެ ކުލަވަރުގެ އަސަރު، ރާއްޖޭގެ އެހެން ސަރަޙައްދުތަކަށް ވުރެ ބޮޑަށް، ހަނދުން ފާޅުވާނެއެވެ.

އަދި ރާއްޖެއަށް މި ކޭތައިން ހަނދަށް އަންނަ ބަދަލުތައް ފެނުމަށް ހުރި ހުރަހެއްގެ ގޮތުގައި ހަނދު ރާއްޖެއަށް އުދަވާއިރު ކޭތަ ހިފާފައި ހުރުމާއެކު ސަތަޙައާ އެހައި ކައިރީގައި ހަނދު ހުރުމުން އުދަރެހުފައި ހުންނަ ދުންކަމާއި ފުސްކަމުގެ އަސަރުތަކުން ނެއްޓިގެން ހަނދުގެ ފުރިހަމަ އަލިކަން ފާޅުވާ މިންވަރަށް ހަނދު ނޫފުލެނީސް 18:56 ގައި މި ކޭތަ ވީއްލާކަން ހިމެނެއެވެ. ރާއްޖެއަށް މި ކޭތައިގެ ދިގުމިނަކީ 01:08 އެވެ.

ރާއްޖެއަށް ފެންނާނީ ހަނދު ދުނިޔޭގެ ހިޔަނީ (ރޭގަނޑު) ގެ ތެރެއިން ނުކުމެ، ފަނޑުހިޔަނީގެ ތެރޭގައި ނުވަތަ ފަނޑުހިޔަނިކޭތަ (Penumbral Eclipse) ނުވީއްލައި ހުންނަ ހިނދުކޮޅުގައެވެ. ހަނދު ދުނިޔޭގެ ހިޔަނީގެ ތެރެއިން ހުރަސްކޮށްފައި ނުކުންނަ ވަގުތު ކަމުގައިވާ 17:49 ގައި، ހަނދުގެ އަރިމައްޗަށް އަރާފައި ހުންނަ ކޭތައިގެ ކަޅުކުލައިގެ އަސަރު، ހަނދު ފާހަގަ ކުރެވޭނެއެވެ.