Support Us

ކޮލަމް ކޯދު: ކުރުވާހަކަ- މުދައްރިސާގެ ސުއާލާއި އެ ސުއާލުގެ ޖަވާބު

ފަސްވަނަ ކުލާހުގެ ސައިންސް މުދައްރިސާ ކުދިންނާ ސުއާލު ކުރެއްވިއެވެ.

"އިންސާނާގެ ގުނަވަންތަކުގެ ތެރެއިން، އެ ގުނަވަނެއް ހިލުވާލުމުން، ދިހަ ގުނައަށް ބޮޑުވަނީ ކޮން ގުނަވަނެއް ހެއްޔެވެ؟"

މުދައްރިސާގެ ސުއާލަށް ޖަވާބު ދޭނޭ ކުއްޖަކު ކުލާހުގައި އިންހެނެއް ހިޔެއްނުވެއެވެ. އެހެނީ އެއްވެސް ކުއްޖަކު ސުއާލަށް ޖަވާބު ދޭން އަތްމައްޗަކަށް ނުނަގައެވެ.

ނަމަވެސް، ކުޑަ އިރުކޮޅެއް ކޮށްލާފައި ތުއްތު ރާނީ އަތް ނެގިއެވެ. އަދި، ވާހަކަދައްކަން އިޒުނަ ދިނުމުން ތުއްތު ރާނީ ބުންޏެވެ.

"މުދައްރިސާއެވެ! އަޅެ ނިކަން ވިސްނާލައްވާށެވެ! ތިޔަ ކަހަލަ ސުއާލަކީ ފަސް ވަނަ ކިލާހު ކުދިންނާ ކުރަން އެކަށީގެންވާ ސުއާލެއް ހެއްޔެވެ؟ އަޅުގަނޑު ގެއަށް ގޮސް މުދައްރިސާގެ ވާހަކަ މަންމަ ގާތު ބުނާނަމެވެ. އޭރުން މަންމަ މުދައްރިސާގެ މައްސަލަ އިސްކޫލުގެ ނާޒިރަށް ހުށަހަޅައި މުދައްރިސާގެ މައްޗަށް ފިޔަވަޅު އަޅާނެއެވެ. ފަހަރެއްގައި މުދައްރިސާގެ ވަޒީފާ ވެސް ގެއްލިދާނެއެވެ."

ތުއްތު ރާނީގެ ވާހަކައަކާ މުދައްރިސާ އަޅައެއް ނުލައްވައެވެ. އަދި، ދެން ވެސް، މުއްދަރިސާ އެއްސެވީ ހަމަ އެ ސުއާލެވެ. "އިންސާނާގެ ގުނަވަންތަކުގެ ތެރެއިން، އެ ގުނަވަނެއް ހިލުވާލުމުން، ދިހަ ގުނައަށް ބޮޑުވަނީ ކޮން ގުނަވަނެއް ހެއްޔެވެ؟"

މިފަހަރު ކުޑަ އަލިކޮއި އަތް އުފުލާލިއެވެ. އަދި، ވަރަށް ވެސް ނުކެރި ހުރެ، މަޑުމަޑުން ބުންޏެވެ. "އެއީ އިންސާނާގެ ލޮލުގެ ކޮއެވެ."

ދެން، މުދައްރިސާ ކުޑަ އަލިކޮއިގެ ޖަވާބު ރަނގަޅު ކަމުގައި ބުނުއްވައި އަލިކޮޔަށް ތާރީފުކޮށް ސާބަސްދީ ހިއްވަރުދެއްވިއެވެ. އެއަށް ފަހު، މުދައްރިސާގެ ނަޒަރު ތުއްތު ރާނީއަށް ހުއްޓުނެވެ. އަދި، ތުއްތު ރާނީއާ މުޚާތަބުކޮށް މުދައްރިސާ ބުނުއްވިއެވެ.

"ކުޑަ ކުޑަ އަންހެނާއެވެ! ތިން ކަމެއް އަހަރެން ފާހަގަކޮށްލަން ބޭނުމެވެ. އެންމެ ފުރަތަމަ ކަމަކީ ތިޔަ ކުޑަކުޑަ އަންހެނާގެ ހިތް ވަރަށް ވެސް ގޯސްކަމެވެ. ދެވަނަ ކަމަކީ ތިޔަ ކުޑަކުޑަ އަންހެނާ ގޭގައި ސައިންސު ފިލާވަޅު ކިޔައި ދަސްނުކުރާ ކަމެވެ. ތިންވަނަ ކަމަކީ، މުސްތަގުބަލުގައި، އެކަމުގެ ހަގީގަތް އެނގުމުން، ތިޔަ ކުޑަކުޑަ އަންހެނާ ހިތްމަރުވާނޭ ދުވަހެއް އަދި އަންނާނެއެވެ.!"