ދުނބުރި އަނބަކަށް ވާނެބާ އަނބެކޭ ކިޔައި ނަން ކުރިޔަކަސް
ދުނބުރި ގަހަކުން އެދުނަކަސް ބިންނަން އަނބެއް ލިބިދާނެބާ؟
ކުލަކުލައިން މާ ފޮޅުނަކަސް ވާދީ ތެރޭގައި ފަރިވަމުން
ފަލަކުގައިވާ އިރު ހަނދާ ތަރި އައިސް މަލަށް ބޮސްދޭނެބާ؟
ނީލަ ކޯރުގެ ސާޙިލުން ދަތުރެއް ފަށައިގެން ކުރިޔަކަސް
ހީލަތުން ފެށި ދަތުރަކަށް ވާނަމަ. ދަތުރު ނިންމޭނެބާ؟
ރީތި މަސްތައް ފަރު ތަކާ މޫދާ ފަޅުން ފުމެ އުޅުނަކަސް
ރީތި ޖައްވާ އަދިފަޒާ ގައި އުދުހިފައި ދެވިދާނެބާ؟
ހަށި ނަގައި މަތި ބިންމަތީގައި ފަޚުރުވެރި ވިޔަކަސް ތިބާ
ކަށިތަކާ އެކު މަސްތަކާ ބިންގަނޑު ދަށަށް ނުލެވޭނެބާ؟
ވެރިކަމާ އާރާއި ބާރާ ލިބި މިދުނިޔޭގައި ވިޔަސް
މެރިދެލޯ ޢާފިލު ވުމުން ފަހެ ޢިއްޒަތެއް ލިބިދާނެބާ؟