Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: ވަގުތުކޮޅެއް ދޭށެވެ!

މަޝްހޫރު ސޫފީ ޝެއިޚު ޝަމްސުއްދީން މުޙައްމަދު ތަބްރީޒީ އޭނާގެ ދަރިވަރުން ކޮޅަކާއެކު އެއް ދުވަހަކު ދަތުރުކުރައްވަމުން ވަޑައިގަތެވެ. އެމީހުން ދަތުރުކުރަމުން ގޮސް ކޯރެއްގެ އައްސޭރިއަށް ފޯރުމުން، އެތަނުގައި މަޑުކޮށްލެއްވުމަށްފަހު، ތަބްރީޒީ، އޭނާގެ ދަރިވަރުންގެ ތެރެއިން އެކަކު ގާތު ވިދާޅުވިއެވެ.

"އަހުރެން ފެންބޮވައިގެންފިއެވެ. އަހުރެންނަށް މި ކޯރުން ފެންފޮދެއް ގެނެސްދީބަލާށެވެ."

ފެންފޮދެއް ނެގުމަށްޓަކައި، ދަރިވަރު ކޯރުގެ އައްސޭރިއަށް ނުކުތެވެ. އަދި އެވަގުތު، އެދިމާލުން ކޯރުގެ ތެރެއިން ގެރިގާޑިޔަލެއް ހުރަސްކުރަން ފެށިއެވެ. ނަތީޖާއެއްގެ ގޮތުން، ކޯރުގެ ފެންގަނޑު ކިސަޑު ހެދި ވަރަށް ބޮޑަށް ހަޑިވެއްޖެއެވެ. އެވަގުތު ދަރިވަރު ހިތާހިތާ ބުންޏެވެ.

"ތަބްރީޒީއަށް މި ކިސަޑު ފެން އަހުރެން ބޯން ދޭނީ ކިހިނެއް ހެއްޔެވެ؟"

އެހެންކަމުން އޭނާ އެނބުރި އައިސް ތަބްރީޒީ ގާތު އެ ވާހަކަ ދެންނެވިއެވެ.

"ގެރިގާޑިޔަލެއް ކޯރު ހުރަސް ކުރުމުގެ ސަބަބުން ކޯރުގެ ފެންގަނޑު ވަރަށް ބޮޑަށް ހަޑިވެއްޖެއެވެ. އަދި އެ ފެން އެއީ ބޯންކަމުދާ އެއްޗެއް ކަމަކަށް އަހުރެންނަކަށް ނުފެނުނެވެ."

އަނެއްކާވެސް، އޭގެ ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ފަހުން ތަބްރީޒީ، ހަމަ އެ ދަރިވަރު ގާތު، ކޯރުން ފެންފޮދެއް ގެނެސްދިނުމަށް ވިދާޅުވިއެވެ.

ދަރިވަރު އެނބުރި ކޯރުގެ އައްސޭރިއަށް ނުކުމެ ބެލިއިރު ކޯރުގެ ފެންގަނޑުގައި އޭރުވެސް ކިސަޑު ހުރިކަން ފާހަގަކުރެވުނެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް އެނބުރި އައިސް އެވާހަކަ ތަބްރީޒީއަށް ދެންނެވިއެވެ.

އިރުކޮޅެއް ފަހުން، އަނެއްކާވެސް ތަބްރީޒީ ހަމަ އެ ދަރިވަރު ގާތު އަލުން އެނބުރި ކޯރަށް ގޮސް ފެން ފޮދެއް ގެނެސްދިނުމަށް އެދިވަޑައިގަތެވެ.

މިފަހަރު ދަރިވަރު ކޯރުގެ އައްސޭރިއަށް ނުކުތުމުން ދަރިވަރަށް ފެނުނީ ކިސަޑުތައް ހިނދި، ކޯރުގެ ފެންގަނޑު ހަމަޖެހި ސާފުވެފައި އޮތް ތަނެވެ. އެހެންކަމުން އޭނާ ގެންދިޔަ ކަންވާރަށް ކޯރުން ފެން ފުރުމަށްފަހު، ތަބްރީޒީ އަރިހަށް ގެންދިޔައެވެ.

އެވަގުތު، ތަބްރީޒީ އެ ކަންވާރުގެ ތެރޭގައިވާ ފެނަށް ބެއްލެވުމަށްފަހު، ދަރިވަރާ ދިމާލަށް އިސް އުފުލާލައްވައި ވިދާޅުވިއެވެ.

"ކޯރުގެ ފެންގަނޑު ސާފުކުރުމަށް ތިބާ ކުރީ ކޮންކަމެއްތޯ ވިސްނާލަބަލާށެވެ. ތިބާ އެ ފެންގަނޑު އަމިއްލައަށް ސާފުވާން ދޫކޮށްލީއެވެ. އެހެންކަމުން، ފެނުގައިވާ ކިސަޑުތައް އަމިއްލައަށް އޭގެ ޒާތުގައި އަޑިއަށްގޮސް ހިނދި ހަމަހިމޭންވެ، ފެންގަނޑު އިހު އޮތްގޮތަށް އިޢާދަވީއެވެ. އަދި އަހުރެމެންނަށް ސާފު ބޯފެން ލިބުނީއެވެ."

"ތިބާގެ ސިކުނޑިއަކީވެސް އެފަދަ އެއްޗެކެވެ. ސިކުނޑިއަށް ހާސްކަމާއި ކަންބޮޑުވުން ކުރިމަތިވުމުން، ސިކުނޑިއަށް ކުރިމަތިވި އުނދަގޫތައް ފިލުވާލުމަށްޓަކައި ކުޑަ ވަގުތުކޮޅެއް ދޭށެވެ! އޭރުން އަމިއްލައަށް ހާސްކަން ފިލައި ހަމަޖެހުން ލިބިދާނެއެވެ. ސިކުނޑި ހަމައަކަށް އެޅުވުމަށްޓަކައި ތިބާ މާ ބުރަ މަސައްކަތެއް ކުރާކަށް ނުޖެހޭނެއެވެ. ކުރަންވީހާވެސް ކަމަކީ އެކަމަށްޓަކައި ކުޑަ ވަގުތުކޮޅެއް ހޭދަކޮށްލަންވީއެވެ. އޭރުން އަމިއްލައަށް އެކަން ހަމަޖެހިގެން ދާނެއެވެ. އެއީ އެއްވެސް މަސައްކަތެއް ކުރަންޖެހޭ ކަމެއް ނޫނެވެ."

ޝަމްސުއްދީން ތަބްރީޒީ ވިދާޅުވެފައިވެއެވެ.

"މި ދުނިޔެ ފަރުބަދައެއް ފަދައެވެ. ތިބާގެ ރައްދުއަޑު (އެކޯ) ބިނާވާނީ ތިބާގެ މައްޗަށެވެ. ރަނގަޅު ވާހަކައިން ތިބާ ހަޅޭއްލަވައިފިނަމަ، ދުނިޔެ އަނބުރާ ތިބާއަށް އިއްވައިދޭނީ ރަނގަޅު ވާހަކައެވެ. ނުބައި ވާހަކައިން ތިބާ ހަޅޭއްލަވައިފިނަމަ، ދުނިޔެ އަނބުރާ އިއްވައިދޭނީ ނުބައި ވާހަކައެވެ. މީހަކު ތިބާއާ ބެހޭގޮތުން ގޯސް ވާހަކައެއް ދެއްކި ކަމުގައިވިޔަސް، އެމީހަކާ ބެހޭގޮތުން ރަނގަޅަށް ވާހަކަ ދައްކާށެވެ. ދުނިޔެ ބަދަލު ކޮށްލުމަށް، ތިބާގެ ހިތް ބަދަލުކޮށްލާށެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1

One Response

  1. ތިވެސް ރަނގަޅު. އެކަމަކު ބާހްބަލީ ބަލަން ދިއުން ވެސް ރަނގަޅު. ތިޔަ ވިދާޅުވާ ސޫފީ ޝައިޚްގެ ނަމަކީ ޝަމްސެ ތަބްރޭޒީ. ސީނުގައި އިބިފިލި ޖެހީމާ އަންނަ އަޑުން ކިޔާނީ. އެ ޝައިޚަކީ މައުލާނާ ޖަލާދުއްދީން ރޫމީގެ ވެސް ރޫޙީ އުސްތާޒު. ވަރަށް ސަލާމް

Leave a Reply to އަނދޭ. ރައްދު ކެންސަލް

Your email address will not be published. Required fields are marked *