Support Us

ކޮލަމް ކޯދު: ރާއްޖެއަށް ތައާރުފު ކުރެވުނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ފައިދާގެ ތެރެއިން!

މިއީ ރާއްޖެއަށް ތައާރުފު ކުރުވެނު ގިނަ ޕާޓީތަކުގެ ޑިމޮކުރަސީގެ ފައިދާތަކުގެ ތެރެއިން އެންމެ ފަހުން ފެނުނު މަންޒަރެވެ. ރާއްޖޭގެ ވެރިން، ބޭރުގެ އެހެން ގައުމުތައް ތަމްސީލުކޮށް އެހެން ގައުމުތަކުގެ މަސްލަހަތު ދިފާއުކުރުމުގެ މަސްއޫލިއްޔަތު އުފުލައި އެކަމަށް ވަކާލާތުކުރަން އަތުކުރި އޮޅާލިތަނެވެ! އާދެ، ރާއްޖޭގެ ރައްޔިތުންގެ ޖީބުން ބޮޑެތި މުސާރަތައް ދީ، ރާއްޖޭގެ ރައްޔިތުންގެ ޚަރަދުގައި، ހުންނާނެ ޚަރަދާއި ހަށިފާރައާއި ރައްކާތެރިކަމުގެ ޚަރަދާއި ބޭސް ފަރުވާގެ ޚަރަދު ކުރަނީ ރާއްޖެ ތަމްސީލު ކުރާކަށް ނޫނެވެ. އެހެން ގައުމުތައް ތަމްސީލުކުރާށެވެ!

ކޮންމެއަކަސް، އެ މީހެއްގެ ހިތުގައި އެ ތަނަކަށް އެއްވެސް ވަލާއެއް ނެތް ނަމަ، ކަންތައް ވާނީ މިހެންނެވެ. މިއީ މައްސަލައަކަށް ނުވެދާނެއެވެ. ކޮންމެ މީހަކަށް ވެސް އެމީހަކު ބޭނުން ގޮތަކަށް ކަންތައް ކުރެވިދާނެއެވެ. ޚާއްސަކޮށް، ތިމާއީ ގާނޫނުން، ބޭރުގައި، ގާނޫނުގެ އަތްނުފޯރާ ފަށުގައި ހުރި ކަމަށް ތިމާއަށް ގަބޫލުކުރެވޭ، ނަރުގިސީ- (ނާސިސިސްޓު، ތިމާގެ އަމިއްލަ މުހިއްމުކަން، ފުއްޕާހަމެއްހެން ވައިޖަހައި އަމިއްލައަށް، އިންތިހާއަށް، ބޮޑުކޮށް، ހަމައެކަނި މުހިއްމު މީހަކީ ތިމާކަމާއި މުޅި ދުނިޔެ އެނބުރެނީ ތިމާގެ ވަށައިގެން ކަމަށް ދެކޭ) ޝަޚުޝިއްޔަތުގެ ވެރިންނަށެވެ.

މައްސަލައަކީ، މިކަން އާންމު ރައްޔިތުން ބަލައިގަތުމުގެ މައްސަލައެވެ. އެމީހުން ތަމްސީލުކުރަން ހޮވާފައި ހުންނަ މީހަކު، އެމީހުންގެ ޖަމާއީ މަސްލަހަތު ރައްކާތެރިކުރަން އެމީހުން އިންތިޚާބުކޮށްފައި ހުރި މީހަކު، އަދި ގައުމުގެ ރައްޔިތުންގެ މަޖުލިހޭ ކިޔާ ތަނެއްގެ އިސް މީހަކު، އަމިއްލަ ގައުމުގެ މަސްލަހަތަށް ވުރެ އެހެން ތަނެއްގެ މަސްލަހަތު އިސްކުރާތަން އެއީ އެންމެ ރަނގަޅު ކަމެއް ކަމުގައި ބަލަހައްޓައިގެން ތިބުމެވެ.

މިތަނުގައި މޮޔައަކީ ކާކު ބާވައެވެ؟ އެކަން ކުރާ މީހާ ބާވައެވެ؟ ނޫނީ ތިމާގެ އެންމެ އިސް ވާޖިބަކީ ކޮބައިކަން ނުދަންނަ، ތިމާ އެ މަގާމަކަށް އިންތިޚާބު ކޮށްފައިވާ މަގާމާއި އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ވުރެ، އެހެން ގައުމެއްގެ ކަންތަކައިގެން އުޅޭ މީހަކު ހޮވި އާންމު ރައްޔިތުން ބާވައެވެ؟ މާތްﷲ ބަޔަކަށް މީހުންގެ ހަގީގަތް ދައްކަވާނީ މިވަރަށެވެ. ނަމަވެސް، އަނދިރިކަން ޚިޔާރުކޮށް، ނޫހުގެފާނުގެ ގައުމުގެ މީހުން ފަދައިން އެމީހުންގެ ކަންފަތްތަކަށް އިނގިލި ހަރައިގެން އެއްވެސް އެއްޗެއް ނީވޭ ކަމަށް ހަދައިގެން އުޅެފި ނަމަ، އެނގޭނޭ އެއްވެސް ކަމެއް ނޯންނާނެއެވެ! މިއީ ރާއްޖެއަށް ތައާރުފުކުރެވުނު ޑިމޮކުރަސީގެ ފައިދާއޭ ބުނެ ނިންމާލެވިދާނެއެވެ!