Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް

ތިރީގައި މީހަކު ބުނާ ވާހަކައެކެވެ.

  1. އިންސާނާ ދުނިޔެއަށް އުފަންވެ، ވާހަކަ ދައްކަން ދަސްވާން ދެ އަހަރު ނަގައެވެ. ނަމަވެސް، ހަނު ހުންނަން އޭނާއަށް ދަސްވާން ފަސް ދޮޅަސް އަހަރު ނަގައެވެ. އެެވެސް، ބައެއް މީހުންނަށެވެ.

އާނއެކެވެ! މިކަމުން އިސްތިސްނާ ބައެއް ވެސް އުޅެއެވެ. އެއީ މުޖުރިމުންނެވެ. އެ މީހުންގެ ކުށްތަކަށް، މަސްއޫލުކުރުވަން، އަދާލަތުގެ ކުރި މައްޗަށް ހުށަހެޅޭ ވަގުތު ހަނު ތިބޭ ބޮޑެތި ފިނޑި މުޖުރިމުންނެވެ. ކުށްތަކަށް އަރައިގަތުމުގެ ކެރުމާއި ހިއްވަރު އެމީހުންގެ ހުރެއެވެ. ނަމަވެސް، އެ ކުށްތައް އެމީހުންނާ އަރާ ހަމަކޮށް، އަދާލަތުގެ ކުރިމައްޗަށް ގެނެވުމުން، އެ މީހުން ދެކެނީ ހަނުހުރެ ކުށްތަކުން ރެކިގަތުމަކީ މޮޅު ކަމެއް ކަމުގައެވެ.

  1. ސިންގާއާއި ވިހަ ގަދަ ހަރުފަތަކާއި ވިޔަޅުތަކުގެ ނުރައްކާތެރިކަމާ މެދު އަހަރުމެން ބިރުގަންނަވައި އެއްޗިއްސަކީ އަހަރުމެންނަށް އޮތް އެންމެ ނުރައްކާތެރިކަން ބޮޑު އެއްޗެހި ކަމުގައި އަހަރުމެންނަށް ވިސްނައިދިނެވެ.

ނަމަވެސް، މިފަދައިން ކަންތައް ކުރުމުން އަހަރުމެންނަށް ހަގީގަތް އޮޅެއެވެ. އަހަރުމެންނަށް އެންމެ ބޮޑެތި ނުރައްކާ ކުރިމަތިކުރަނީ ހަމަ އަހަރުމެން ކަހަލަ އިންސާނުންނެވެ. ބައެއް ފަހަރު ގާތް މީހުންނާއި އެކުވެރި ރަހުމަތްތެރިންނެވެ. އަދި، ވަރަށް ގިނަ ފަހަރު، އެ މީހުންނަށް އިތުބާރުކޮށް އަހަރުމެންގެ މުޖުތަމައީ ކަންކަން އިންތިޒާމު ކުރަން އެ މީހުންނާ ހަވާލު ކުރެވޭ މީހުންގެ ފަރާތުންނެވެ. އެފަދަ މީހުން، އެ މީހުންނާ ހަވާލުކުރެވޭ ކަމަކީ ބޮޑު އަމާނާތެއް ކަމަށް ނުދެކި، އެއީ އެ މީހުންގެ އަމިއްލަ މުއްސަނދިކަމަށް ހުޅުވާލެވޭ މަގެއް ކަމުގައި ދެކިގެން، އެ ކަންކަުރުމަށް އަވަސްވެގަނެއެވެ. މިކަމުގެ ނަތީޖައަކީ، ވަލު ޖަނަވާރުންގެ ފަރާތުން ވެސް ކުރިމަތިނުވާ ފަދަ ނުރައްކާތައް ކުރިމަތިވުމެވެ. ތަން އިފުލާސްވެ ބަނގުރޫޓުވުމެވެ. ތަނުގެ ސިޔާދަތާ މިނިވަންކަމަށް ބުރު އެރުމެވެ. މިކަންކަމަކީ ވެސް، އަމިއްލަ ފައިދާއަށްޓަކައި ބޭނުން ކުރަން އޮންނަ ވަސީލަތަކަށް ހަދާލެވުމުންނެވެ.

  1. ކޮންމެ ކަމެއް ވެސް ހަނދާނުން ފިލައި ދެއެވެ. ހިތުގައި ބީހިލާ ބީހިލުން ފިޔަވައެވެ.

ކޮންމެ ތަނެއް ވެސް ދޫކޮށްލެވިދާނެއެވެ. ކަލޭގެ ރޫހު އެތަނެއްގައި ވާތަން ނޫން ފިޔަވައެވެ.

އެންމެން ވެސް ބަދަލުވެދެއެވެ. ކަލޭ ދެކެ ހަގީގަތުގައި ވެސް ލޯބިވާ މީހުން ފިޔަވައެވެ.

  1. ކަންބޮޑުވެ ފިކުރު ކުރުމަކުން، ވީ ކަމެއް ނުވާ ކަމަކަށް ހަދައެއް ނުލެވެއެވެ. މާޒީއާ މެދު ކިތަންމެ ވަރަކަށް ރުއި ކަމުގައި ވިޔަސް، އެ މާޒީ ބަދަލެއް ނުކުރެވެއެވެ. މާޒީން އިބުރަތް ލިބިގަނެ މުސްތަގުބަލު ބިނާކުރާށެވެ. އެކަން ކަނޑައަޅާލުމުގެ މަސައްކަތްކުރުމުގެ އިޚްތިޔާރު ކޮންމެ މީހަކަށް ވެސް ލިބިގެން ވެއެވެ.
  2. މޫނުގެ ރީތިކަން ލޯގަނޑު ބުނެދީފާނެއެވެ. ނަމަވެސް، ހިތުގެ ރީތިކަން ގުޅިފައި އޮންނަނީ ނިޔަތާއެވެ.
  3. މީހެއްގެ ކިބައިން އަނިޔާވެރިކަމެއް ލިބުމުން، އެކަމުގެ ބަދަލު، ތިމާ އަމިއްލައަށް ހިފާކަށް ނުޖެހެއެވެ. އެ އަނިޔާވެރިޔާ މެދު ކަންތައް ވާގޮތް، ބަލަން ދުރުގައި ހުންނާށެވެ. ތަގުދީރު އެފަދަ އަނިޔާތައް މަތިން ހަނދާން ނައްތައެއް ނުލައެވެ. އެފަދަ އަނިޔާތަކުގެ ބަދަލު، ތަގުދީރުގެ އަތުން ދޭތަން ފެންނާނެއެވެ.
  4. މުޖުތަމާތަކުން މިހާރު ފެންނަމުންދާ މަންޒަރެކެވެ. އެކި ވައްތަރު ވައްތަރުގެ ޖަނަވާރުތައް ގޭގައި ގެންގުޅެ، އެ އެއްޗެހި ތަރުބިއްޔަތު ކުރާ ތަނެވެ. ނަމަވެސް، އަމިއްލަ ދަރިން، ތަރުބިއްޔަތުވާން މަގުމައްޗަށް ދޫކޮށްލެވެއެވެ.
  5. މުނާފިގަކަށްވެ، ޚުޝާމަދުކުރުމުން ސާބަސްދީ ހިއްވަރުދޭ ވަރަށް ގިނަ މީހުން އުޅެއެވެ. ނަމަވެސް، ހައްގު ބަހެއް މީހަކު ބުނެފި ނަމަ، އެންމެންހެން އެމީހަކާ ފެއަށް ޖެހިލައެވެ.
  6. ވަފާތެރިކަން މިނެވެނީ ކަލޭގެ ކުރިމަތީ ހިނގާ ކަންކަމުގެ މައްޗަށް ބެލިގެންނެއް ނޫނެވެ. ނަމަވެސް، ކަލޭގެ ފުރަގަހުގައި ހިނގާ ކަންކަމުގެ މައްޗަށް ބެލެވިގެންނެވެ.
  7. ހަމަޖެހުމާއި އުފާވެރިކަން އެދޭ ނަމަ، މި ބުނާ ދެކަމުން ކުރެ އެއް ކަމެއް ކުރެވިދާނެއެވެ. ތުއްތު ކުއްޖަކާ ސަމާސާކޮށްލައި އޭނައާ އެކު ކުޅުމެވެ. ނޫނީ މުސްކުޅިެއްގެ ދަރުސެއް އަޑުއެހުމުގައި ވަގުތު ކޮޅެއް ހޭދަކޮށްލުމެވެ. އެހެނީ، ތުއްތު ކުއްޖާއަށް ދުނިޔެއަކީ ކޮން އެއްޗެކަމެއް ނޭނގެއެވެ. އަދި، މުސްކުޅިޔާ ވަނީ ދުނިޔެ މަތިން ފޫހިވެފައެވެ.
  8. މާޔޫސް ނުވާށެވެ. ކޮންމެ އަނދިރިކަމެއް ވެސް ފޮހެ ނެތިކޮށްލާނޭ އާ އަލިކަމެއް މާތްﷲ މެދުވެރިކުރައްވާނެއެވެ.