Support Us

ތިނެއް ނޮވެންބަރުގެ ޝަހީދުންގެ ޒިކުރާ- ޝަހީދުވި ސިފައިން

މި ޖީލުގެ ދިވެހީން ދުށް އެންމެ ނުރައްކާތެރި ޢުދުވާނީ ހަމަލާއަކީ 1988 ނޮވެންބަރު 3 ވަނަ ދުވަހު ހެންވޭރު ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ ޕެރިސް ހޮލިޑޭ ސަގަރު އަޙްމަދު ނާޞިރު އިސްވެ ތިބެ ސްރީލަންކާގެ ތަމަޅަ ޖަމާޢަތެއް ކަމަށްވާ ޕްލޯޓް ޖަމާޢަތާ ގުޅިގެން ދީފައިވާ ނިރުބަވެރި ޙަމަލާއެކެވެ. މި ޙަމަލާގައި ދިވެހީންގެ ތެރެއިން 19 ބޭފުޅުން ޝަހީދުވިއެވެ.

"ތިނެއް ނޮވެންބަރުގެ ޝަހީދުންގެ ޒިކުރާ"ގެ އެއްވަނަ ބައިގައި މިވަނީ އޭގެ ތެރެއިން ޝަހީދުވި ސިފައިންގެ އަށް ބޭފަލުންގެ މަޢުލޫމާތާއި އެ ބޭކަލުންގެ އަގުމާތް ޒިކުރާއެވެ. އެ ޝަހީދުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް މިންވަރުކުރައްވާށިއެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމް

ހދ. ކުޅުދުއްފުށީ، މާވާގޭ، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް (ސނ: 856)، ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ދޭން ދުޝްމަނުން ފެށިއިރު ހުންނެވީ ސިފައިންގެ މައިމަރުކަޒުގެ މައިގޭޓުގެ ޑިއުޓީގައެވެ. އޭރު އެއީ އުމުރުން އެންމެ 20 އަހަރުގެ ޕްރައިވެޓެކެވެ. އެކަމަކު އޭރު ސިފައިންގޭގައި އޮތް އެންމެ އެލީޓް ފޯސް ކަމަށްވާ ޓާސްކް ފޯސްގެ ބޭފުޅެކެވެ. ދުޝްމަނުން ހަމަލާދޭން ފެށުމާއެކު އެންމެ ފުރަތަމަ ދުޝްމަނުންނާ ދެކޮޅަށް ހަމަލާދެއްވައި، ސިފައިންގެ މައިގޭޓު ދިފާޢުކޮށްދެއްވިއެވެ. ދުސްމިނުން ދެމުންގެންދިޔަ ބަޑީގެ ނުރައްކާތެރި ޙަމަލާތަކާއެކު ސިފައިންގެ މައިމަރުކަޒަށް ވަދެގަތުމަށް ކުރި މަސައްކަތް ހުއްޓުވިއެވެ. ދުޝްމަނުންނާ ދެކޮޅަށް ޙަމަލާ ދެއްވަމުން ގޮސް ވެންނެވީ ސިފައިންގެ މައިގޭޓުގެ ހުޅަނގު ފަރާތުގައި ހުރި ސެގަރުގެ ތެރެއަށެވެ. ދުޝްމަނުން ސީދާ ޝަހީދު ކޯޕްރަލް ޙުސައިން އާދަމަށް އަމާޒުކޮށް ދިން ވަރުގަދަ ހަމަލާތަކުގައި އޭނާގެ ހަށިކޮޅުގެ އެތަން މިތަނަށް ވަޒަން އަރައި ޝަހީދުވެވަޑައިގަތީ ނޮވެންބަރު ތިންވަނަ ދުވަހުގެ ފަތިހު ގާތްގަނޑަކަށް 04:40 ހާއިރުއެވެ. ޝަހީދުވެވަޑައިގެންނެވިއިރު ސިފައިންގެ ޚިދުމަތަށްވީ 4 އަހަރާއި 5 މަހާއި 24 ދުވަހެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް މަޤާމުގެ ކުރިއެރުންދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

ޝަހީދު ލެފްޓިނަންޓް މޫސާ އަޙްމަދު (ކުޑަނެވި ތުއްތުމަނިކު)

މާލެ، މއ. ދާރީގޭ ޝަހީދު ލެފްޓިނަންޓް މޫސާ އަޙްމަދު ނުވަތަ ޝަހީދު ލެފްޓިނަންޓް ކުޑަނެވި ތުއްތުމަނިކު (ސނ: 243) ޝަހީދުވެވަޑައިގަތީ، ސިފައިންގެ ވެރިޔާގެ ނާއިބު އަދި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނާއިބު އޮނަރަބަލް އިލްޔާސް އިބްރާހިމް ހުންނެވި، މއ.ކިނބިގަސްދޮށުގެއަށް ވަންނަވަން މަސައްކަތް ކުރެއްވުމުގެ ތެރޭގައެވެ. މި ކުރިމަތިލުން ހިނގީ ކިނބިގަސްދޮށުގޭ ދޮރޯށި ކުރިމަތީގައެވެ. ސާޖަންޓް ރޭންކުގައި އޭރު ހުންނެވި ޝަހީދު ކުޑަނެވި ތުއްތުމަނިކަކީ ސިފައިންގެ ވެރިޔާގެ ނާއިބުގެ ކާރުކޮޅުގެ ޑްރައިވަރެވެ. އަދި އެއީ ޤައުމީ ސަލާމަތަށް ނުރައްކާތެރި އިމަޖެންސީ ޙާލަތެއް ކުރިމަތިވެއްޖެނަމަ ކިނބިގަސްދޮށުގޭގައި ބޭނުންކުރުމަށް ބަހައްޓާފައި ހުރި ހަތިޔާރުތަކުން ބޭނުންކުރުމަށް ކަނޑައަޅުއްވާފައިވާ ސިފައިންގެ ހަތަރު ބޭކަލުންގެ ތެރެއިން ބޭކަލެކެވެ. ޝަހީދު ކުޑަނެވިތުއްތުމަނިކު ޝަހީދުވެވަޑައިގަތީ ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވުމުން ކިނބިގަސްދޮށުގެއަށް ވަންނަވަން އުޅުއްވަނިކޮށް ދުސްމިނުން ބަޑިޖެހުމުގެ ސަބަބުންނެވެ. ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ މއ.ކިނބިގަސްދޮށުގޭ ކުރިމަތިން ޒަމާނީހިނގުމަށެވެ. ޝަހީދުވެވަޑައިގެންނެވިއިރު ސިފައިންގެ ޚިދުމަތަށްވީ 17 އަހަރާއި 3 މަހާއި 18 ދުވަހެވެ. ޝަހީދު ލެފްޓިނަންޓް ސާޖަންޓުގެ މަޤާމުން ލެފްޓިނަންޓްގެ މަޤާމަށް މަޤާމުގެ ކުރިއެރުންދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

ޝަހީދު ސާޖަންޓް އާދަމް ނަޞީރު

މާލެ، ހ. ޝޭޑީވިލާ ޝަހީދު ސާޖަންޓް އާދަމް ނަޞީރު (ސނ: 635) ސިފައިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ "ޝޭޑީ"ގެ ނަމުންނެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާދޭން ފެށިއިރު ޝަހީދު ސާޖަންޓް އާދަމް ނަޞީރު ހުންނެވީ ސިފައިންގެ އެތެރޭގައެވެ. ޝަހީދުވެވަޑައިގެންނެވީ ސިފައިންގެއިން ރެކީ ޕެޓްރޯލަށް ނުކުންނެވި 11 ބޭކަލުންގެ ތެރެއިން މަގުމައްޗަށް ނުކުންނެވި ނުވަ ބޭކަލުންގެ ތެރޭގައި ނިކުންނަވައިގެންނެވި ވަގުތު ދުޝްމަނުން ދިން ބަޑީގެ ހަމަލާގައި ވަޒަން އަރައިގެން އެ ދުވަހު ގާތްގަނޑަކަށް 11:30 ހާއިރުއެވެ. ޝަހީދު ސާޖަންޓް އާދަމް ނަޞީރު ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ ސިފައިންގެ މައިމަރުކަޒުގެ އިރުއުތުރު ކަނާ ދިމާއިން އަމީރު އަޙްމަދު މަގަށެވެ. ޝަހީދުވެވަޑައިގެންނެވިއިރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާވީ 8 އަހަރާއި 23 ދުވަހެވެ. ޝަހީދު ސާޖަންޓް އާދަމް ނަޞީރުގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވައި، ލާންސް ކޯޕްރަލުގެ މަޤާމުން ސާޖަންޓުގެ މަޤާމަށް މަޤާމުގެ ކުރިއެރުންދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް

ހއ. މޮޅަދޫ، އަނބުގަސްދޮށުގެ، ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހިމް (ސނ: 606) ސިފައިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ "މެކާނޯ" ގެ ނަމުންނެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާދޭން ދުޝްމަނުން ފެށިއިރު ހުންނެވީ ސިފައިންގެ އެތެރޭގައެވެ. ޝަހީދުވެވަޑައިގެންނެވީ ސިފައިންގެއިން ރެކީ ޕެޓްރޯލަށް ނުކުންނެވި 11 ބޭކަލުންގެ ތެރެއިން މަގުމައްޗަށް ނުކުންނެވި ނުވަ ބޭކަލުންގެ ތެރޭގައި ނިކުންނަވައިގެންނެވި ވަގުތު ދުޝްމަނުންދިން ބަޑީގެ ހަމަލާގައި ވަޒަން އަރައިގެން އެ ދުވަހު ގާތްގަނޑަކަށް 11:30 ހާއިރުއެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމް ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ ހުރަވީ ބިލްޑިންގގެ ހުޅަނގު އުތުރު ކަނާ ދިމާލުން އަމީރު އަޙްމަދު މަގަށެވެ. ޝަހީދުވެވަޑައިގެންނެވިއިރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާވީ 8 އަހަރާއި 5 މަސްދުވަހާއި 1 ދުވަހެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު އިބްރާހީމުގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވައި، ޕްރައިވެޓުގެ މަޤާމުން ކޯޕްރަލުގެ މަޤާމަށް މަޤާމުގެ ކުރިއެރުންދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން

ތ. ދިޔަމިގިލި، ރަބީޢުގެ، ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން (ސނ: 821) ސިފައިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ އުފަން ރަށް، "ދިޔަމިގިލި" މި ނަމުންނެވެ. ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާދޭން ފެށިއިރު ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ހުންނެވީ ސިފައިންގެ އެތެރޭގައެވެ. ޝަހީދުވެވަޑައިގެންނެވީ ސިފައިންގެއިން ރެކީ ޕެޓްރޯލަށް ނުކުންނެވި 11 ބޭކަލުންގެ ތެރެއިން މަގުމައްޗަށް ނުކުންނެވި ނުވަ ބޭކަލުންގެ ތެރޭގައި ނިކުންނަވައިގެންނެވި ވަގުތު ދުޝްމަނުން ދިން ބަޑީގެ ހަމަލާގައި ވަޒަން އަރައިގެން އެ ދުވަހު ގާތްގަނޑަކަށް 11:30 ހާއިރުއެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ ހުރަވީ ބިލްޑިންގ ހުޅަނގު އުތުރު ކަނާދިމާއިން އަމީރު އަޙްމަދު މަގަށެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވެވަޑައިގެންނެވިއިރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާވީ 4 އަހަރާއި 10 މަހާއި 8 ދުވަހެވެ. ޝަހީދު ކޯޕްރަލް މުޙައްމަދު ޙަސަނުގެ ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވައި، ޕްރައިވެޓުގެ މަޤާމުން ކޯޕްރަލުގެ މަޤާމަށް މަޤާމުގެ ކުރިއެރުންދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު

ގދ. ތިނަދޫ، އަރިނަގާގެ، ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު (ސނ: 830) ނޮވެންބަރު ތިނެއްގެ ޙަމަލާ ދުޝްމަނުން ދޭންފެށިއިރު ހުންނެވީ، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ހުޅަނގު ގޭޓު ޑިއުޓީގައެވެ. ދުޝްމަނުން ބަޑިޖަހައި ޝަހީދުކޮށްލީ އެ ޑިއުޓީގައި ހުންނަވަނިކޮށް ފަތިހު ގާތްގަނޑަކަށް 04:20 ހާއިރުއެވެ. ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރަށް ހަމަލާދިނީ ފުލުސް އޮފީސް ގޭޓުން ސިފައިންގެ އެތެރެއަށް ވަންނަން އައި ވަސަންތީގެ ގްރޫޕުންނެވެ. ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު ޝަހީދުވެވަޑައިގެންނެވިއިރު ސިފައިންގެ ޚިދުމަތަށްވީ 5 އަހަރާއި 7 މަހާއި 22 ދުވަހެވެ. ޝަހީދު ކޯޕްރަލް ޢަބްދުﷲ ޒުހައިރު ޝަހީދުވެވަޑައިގަތީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ، ދިވެހި ދަޢުލަތުން މިކަން ފާހަގަ ކުރައްވައި ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

ޝަހީދު ސާޖަންޓް ކުޑަ އާދަމް ކުޑަތުއްތު

މާލެ، ހ. އަންހީޓް، ޝަހީދު ސާޖަންޓް ކުޑައާދަމް ކުޑަތުއްތު (ސނ: 120)، ތިނެއް ނޮވެންބަރުގައި ދުޝްމަނުން ހަމަލާދޭން ފެށިއިރު އުޅުއްވީ މާލެތެރެ ބެލެހެއްޓުމުގައި ޒޯން ޑިއުޓީގައެވެ. ޝަހީދުވެވަޑައިގެންނެވީ ސިފައިންގެ މައި މަރުކަޒަށް ދުޝްމަނުން ހަމަލާދޭން ފެށުމާއެކު އެކަމުގެ ޚަބަރު ބައްލަވަމުން ސައިކަލްގައި ސިފައިންގެއަށް ވަޑައިގެންނެވި މަގުމަތީގައި މެދުޒިޔާރަތް މަގުން ވަޑައިގަންނަވަނިކޮށް ދުޝްމަނުން ދިން ބަޑީގެ ޙަމަލާއިން ވަޒަން އަރައިގެންނެވެ. ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ އިސްލާމީ މަރުކަޒުގެ ދެކުނު ފަރާތުން މަގުމަތީ ފާރުކައިރިއަށް މެދުޒިޔާރާތް މަގަށެވެ. ޝަހީދު ކޯޕްރަލް ކުޑައާދަމް ކުޑަތުއްތު ޝަހީދުވެވަޑައިގެންނެވިއިރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާވީ 27 އަހަރާއި އެއްމަހާއި 24 ދުވަހެވެ. ޝަހީދު ސާޖަންޓް ކުޑައާދަމް ކުޑަތުއްތު ޝަހީދުވެވަޑައިގަތީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދަޢުލަތުން އެކަމުގެ އަގުވަޒަން ކުރައްވައި ލާންސް ކޯޕްރަލެއްގެ މަޤާމުން ސާޖެންޓެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު

ބ. ތުޅާދޫ، މަބުސްތާނުގެ، ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު (ސނ: 264) ސިފައިންގޭގައި މަޝްހޫރުވެފައިވަނީ "މަސްތަކާ"ގެ ނަމުންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު، ތިނެއް ނޮވެންބަރުގައި ދުޝްމަނުން ހަމަލާދޭން ފެށިއިރު ހުންނެވީ މާލެތެރެ ބެލެހެއްޓުމުގައި ޒޯން ޑިއުޓީގައެވެ. ޝަހީދުވެވަޑައިގެންނެވީ ސިފައިންގެ މައި މަރުކަޒަށް ދުޝްމަނުން ހަމަލާދޭން ފެށުމާއެކު އެކަމުގެ ޚަބަރު ބައްލަވަމުން ބައިސްކަލްގައި ސިފައިންގެއަށް ވަޑައިގެންނެވި މަގުމަތީގައި ދުޝްމަނުން ދިން ބަޑީގެ ހަމަލާއިން މެދުޒިޔާރަތް މަގުން މުލިއާގޭ މައިގޭޓާ ހިސާބުން ވަޒަން އަރައިގެންނެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވެގެން ވެއްޓިވަޑައިގެންފައިވަނީ މުލިއާގޭ މައިގޭޓާއި ދިމާއިން މެދުޒިޔާރާތްމަގަށެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވެވަޑައިގެންނެވިއރު ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާވީ 17 އަހަރާއި 3 މަހާއި 18 ދުވަހެވެ. ޝަހީދު ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވެވަޑައިގަތީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ، ދިވެހި ދަޢުލަތުން މިކަން ފާހަގަ ކުރައްވައި ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލެއްގެ މަޤާމަށް މަޤާމުގެ ކުރިއެރުން ދެއްވިއެވެ. އަދި އަސްކަރީ ޝަރަފުގެ ނިޝާންތަކުގެ ތެރެއިން ހުރަވީ ރަން މެޑެލި (މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ) އާއި ޖިހާދުގެ ރަތް މެޑެލި (ޕާރޕްލް ހާޓް) އާއި ތިނެއް ނޮވެންބަރުގެ މެޑެލި (ތާޑް ނޮވެމްބަރ މެޑަލް) ދެއްވިއެވެ.

(ނުނިމޭ)

މަސްދަރު:

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު (2012) ނޮވެންބަރު ތިނެއް. ސ.256 – 272. ނޮވެލްޓީ ޕްރެސް.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *