...

Support Us

ކޮލަމް: ރަންދެލި

ކޮލަމް ރަންދެލި: މަންމަބޯވަގެ އަމިއްލަ އެދުމެއްނުވާ ތެދުވެރި ލޯބި

މައިންނަކީ އަބަދުވެސް ވަރަށް ބޮޑެތި ގުރުބާނީތަކެއް ވަމުންދާ ބައެއްކަން އަޅުގަނޑުމެންނަށް އެނގެއެވެ. ދަރިން ރަނގަޅަށް ތަރުބިއްޔަތު ކުރުމަށްޓަކައި ކޮންމެ މަންމައަކުވެސް ވަރަށް ގިނަ ވޭނާއި ތުރާލާއި ދަތި އުނދަގޫތަކާއި ކޮންމެ ދުވަހަކު ކުރިމަތިލާން ޖެހެއެވެ. މާތް ﷲ ޚަލްޤުކުރެއްވި މަޚުލޫޤުންގެ ތެރެއިން، އެއީ ހައިވާނުން ކަމުގައިވިޔަސް އަދި އިންސާނުން ކަމުގައިވިޔަސް، މައިންނަކީ ދުނިޔޭގައި ލެއްވި އެންމެ ލޭފަވެތި އެންމެ ރަނގަޅު އެއް މަޚުލޫޤެވެ.

ވިހެއުމުގެ ތެރޭގައި މައިން މަރުވާ ވަރަށް ގިނަ ހާދިސާތައް މިއަދުވެސް ދުނިޔެއިން ފެންނަމުންދެއެވެ. އަދި މައިންނަކީ ހަގީގީ ބަޠަލާއިންކަން ބަޔާންކޮށްދޭ އަސަރުގަދަ ކިތަންމެ ވާހަކަތަކެއްވެސް އަޅުގަނޑުމެންނަށް އެނގެ އެވެ. ނަމަވެސް މިހުރިހާ ވާހަކަތަކެއްގެ ތެރެއިންވެސް އެންމެ ހިތްދަތި އަދި އެންމެ ހިތާމަވެރި ވާހަކައަކީ މަންމަ ބޯވައިގެ ވާހަކައެވެ.

ބޯވައަކީ އޭގައި އަށް ފައި ހުންނަ މަޚުލޫޤެކެވެ. މި މަޚުލޫޤު އެންމެ ގިނައިން ދިރިއުޅެނީ ކަނޑުގެ ފުން ހިސާބުތަކުގައެވެ. ދާދިފަހުން ކުރި ދިރާސާއަކުން، ބޯވައާ ބެހޭގޮތުން ވަނީ ވަރަށް ޝައުޤުވެރި ހަގީގަތެއް ގެނެސްދީފަ އެވެ. އެއީ މަންމަ ބޯވަ، އޭތީގެ ދަރިންތައް ދުނިޔެއަށް އުފަންކުރުމަށްޓަކައި ނަފުސު ޤުރުބާންކުރާ ވާހަކައެވެ. މި ޙާދިސާ ވީޑިއޯ ކޮށްފައިވަނީ ކަނޑުއަޑީގެ ދިރުންތަކާ ބެހޭ ކަންތައްތަކަށް ޝައުގުވެރިކަމެއް ހުންނަ މަޝްހޫރު ބްރޫސް ރޮބިސަން އެވެ.

ރޮބިސަން 2007 ވަނަ އަހަރު ވަނީ ކެލިފޯނިއާގެ ބޭ އޮފް މޮންޓެރީގެ ކަނޑުގެ އަޑިއަށް ކެމެރާއެއް ފައްތައިގެން އެ ހިސާބުގަނޑުގެ ކަނޑުގެ ދިރުންތައް ތަޙުލީލުކުރުމުގެ މަސައްކަތްކޮށްފައެވެ. އެގޮތުން ގާތްގަނޑަކަށް 1400 މީޓަރުގެ އަޑީގައި އަންހެން ބޯވައެއް އޮތްތަން ފެނުނެވެ. އެހެންކަމުން ރޮބިސަން ނިންމީ އެ ބޯވައިގެ ޙަރަކާތްތައް ވީޑިއޯކުރުމަށެވެ. އެ ބޯވައިގެ ޙަރަކާތްތައް ވީޑިއޯ ކުރަންފެށިތާ 38 ދުވަސް ފަހުން ކަނޑުގެ އަޑިން ކެމެރާއަށް އެރީ ވަރަށް އާދަޔާ ޚިލާފު މަންޒަރެކެވެ. އެމީހުންނަށް ފެނުނީ ބޯވަ ދުވެފައި ގޮސް ގާތަކެއްގެ ތެރެއަށް ވަދެގެންދިޔަ މަންޒަރެވެ.

އިތުރަށް ބަލާލުމުން އެމީހުންނަށް އެނގުނީ އެ ބޯވަ އުޅުނީ އޭތީގެ ބިސްތައް ރައްކާތެރިކޮށް ބެލެހެއްޓުމުގެ މަސައްކަތުގައިކަމެވެ. ސަތޭކަ އަށްޑިހައަށްވުރެ ގިނަ ބިސް ބަލަހައްޓަމުން ދިޔައީ މަންމަ ބޯވަ އެކަނިމާއެކަންޏެވެ. މުރަކަތަކުގެ ތެރެއިން ބިސްތައް ރައްކާކޮށްފައިވާ ތަނަށް ދިއުމަށް ކުރި މަސައްކަތުން ބޯވަ ޒަހަމްވެފައިވާތަން ފެނިފައިވެ އެވެ.

މިހިސާބުން މި ފެށެނީ ދަރިންނަށް އާ ޙަޔާތެއް ހޯދައިދިނުމަށްޓަކައި މަޔަކުވާ ޤުރުބާނީއާއި އަދި އެ ޤުރުބާނީގައި މަންމަ މަރުވެ ފަނާވެގެންދާގޮތުގެ ވަރަށްވެސް ހިތްދަތި ހިތާމަވެރި ވާހަކައެކެވެ. މަންމަ ބޯވައިގެ ޙަޔާތުގެ ހިތާމަވެރި، ހިތްދަތި ވާހަކައައިގެން ކުރިއަށްދަމާ ހިނގާށެވެ.

މަންމަ ބޯވައާއި ބިސްފީކުރުން

އެންމެ ފުރަތަމަ، މާބަނޑު އަންހެން ބޯވަ އެއްފަހަރާ ހުރިހާ ބިހެއް އަޅައެވެ. އެއަށްފަހު އެ ބިސްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ލޮލުފިޔަ ނުޖަހާ އޭގެ ކައިރީގައި ފާރަޔަށް ހޭލާއިނދެ ބިސްތައް ބަލަހައްޓައެވެ. ބިސްތަކަށް ރަނގަޅަށް އަޅައިލައި ބޮޑުކުރުމަށްޓަކައި ބިސްތައް ދޫކޮށްލާފައި އެއްވެސް ތާކަށް މަންމަ ބޯވައެއް ނުދާނެއެވެ. މިއީ ޖަނަވާރުންނަށް ވަރަށް ބޮޑަށް ހާސްވުމާއި ކަންބޮޑުވުން ގެނުވައިދޭ ދުވަސްވަރެކެވެ. އެހެނީ އެންމެ ފަޅި ސިކުންތަކަށްވެސް ބިސްތައް ދޫކޮށްލާފައި މަންމަ ބޯވައެއް ނުދާނެއެވެ.

އެ ދުވަސްތަކުގެ ތެރޭގައި މަންމަ ބޯވަ އެއްވެސް އެއްޗެއް އަރުތެރެއަށް ލައި ކައިބޮއި ހެދުމެއް ނޯންނާނެއެވެ. އަދި އެ ދުވަސްވަރު ބޮޑުކަމު ދިއުމެއްވެސް ނޯންނާނެއެވެ. ބިސްތަކަށް ބޭނުންވާ އޮކްސިޖަން އެކުލެވޭ ތާޒާ ލޮނު ފޯރުކޮށްދިނުމަށްޓަކައި މަންމަ ބޯވަ އަބަދުވެސް މަސައްކަތް ކުރާނެއެވެ.

ރޮބިސަންގެ ޓީމަށް ހޯދުނު އެންމެ އަޖައިބު ކުރުވަނިވި އެއް ހޯދުމަކީ ބިސްތައް ފީކުރުމުގެ، އެ ދިގު މަރުހަލާގެ ތެރޭގައި އެއްގޮތަކަށްވެސް މަންމަ ބޯވަ ނުނިދާކަމެވެ. އެއްގޮތަކަށްވެސް ލޮލުފިޔައެއްވެސް ޖަހާލުމެއް ނޯންނާނެއެވެ. އެއީ ބިސްތައް ޝިކާރަކުރަން އަންނަ މަސްމަހާމެހީގެ ކިބައިން ބިސްތައް ސަލާމަތްކޮށް، އެފަދަ މަސްމަހާމެހިގެ ޙަރަކާތްތަކަށް ފާރަވެރިވުމަށްޓަކައެވެ. މި ބޯވަ ބިސްތަކަށް ފާރަވެރިވެ ރައްކާތެރިކުރުމުގެ މަސައްކަތް 53 ހަފްތާގެ މުއްދަތަކަށް ކުރިއަށް ގެންދިޔައެވެ. އެއީ ގާތްގަނޑަކަށް 371 ދުވަހެވެ. އެ ހުރިހާ ދުވަހެއްގައި ކެއުމެއް ބުއިމެއް އަދި ނިދުމެއް ނެތި ދަރިންތަކެއް ދުނިޔެއަށް އުފަންކުރުމަށްޓަކައި، މިއީ މަޔަކުވާ ކޮންފަދަ މަތިވެރި ޤުރުބާނީއެއްތޯއެވެ. އާންމުކޮށް މި 53 ހަފްތާއަށްފަހު ދެން އަންނާނީ މި ވާހަކައިގެ އެންމެ ހިތާމަވެރި އެންމެ ހިތްދަތި ވަގުތުކޮޅެވެ.

ބަނޑުހައިވެ، ވަރުބަލިވެ، ޒަހަމްވެފައިވާ މަންމަ ބޯވަ، އޭތީގެ ޅަ ދަރިންތައް މި ދުނިޔެއަށް އުފަންކުރުމަށްފަހު، އެންމެފަހުން މިދުނިޔެއާއި ވަކިވެގެންދަނީއެވެ. މިއީ ދަރިންނަށްޓަކައި މަޔަކަށް ވެވޭނެ އެންމެ މަތިވެރި ޤުރުބާނީއެވެ. އަހަރަކަށްވުރެ ގިނަ ދުވަސް ވަންދެން، ނުކައި ނުބޮއި އަދި ލޮލުފިޔަ ނުޖަހާ އިނުމަކީ މަންމައަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެންމެ ފަހުން އެ ލިބުނު ބަނޑުހައިހޫނުކަމާއި ވަރުބަލިކަމާއި ހާސްވުމާއި ކަންބޮޑުވުމުގެ ޝިކާރައަކަށްވެ އެންމެފަހުން ފުރާނައިން ޤުރުބާންވެގެން އެ ދަނީ، އެ މަންމަގެ ފުރާނައަށްވުރެ އަގުބޮޑު، އެ މަންމަގެ ދަރިންކޮޅަށް ޓަކައެވެ.

ޖިމް ކޮސްގްރޯވް އަކީ މަޝްހޫރު ބަޔޮލޮޖިސްޓެކެވެ. މި މައުޟޫއަށް ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފައިބަމުންދިޔައެވެ.

ދިރާސާވެރިން ކުރިއަށް ގެންދިޔަ މި ދިރާސާއިން ދައްކާ ގޮތުގައި މަންމަ ބޯވަ އިންނަނީ އޭތީގެ ބިސްތަކުގެ ވަށައިގެން ތަތްކޮށްލައިގެންނެވެ. ބައެއް ފަހަރު ގާތްގަނޑަކަށް އަހަރެއް ވަންދެން މަންމަ ބޯވަ އެތަނުގައި އޮވެއެވެ. އަދި ބޯވައިގެ ފުރާނަ ނެތް ހަށިގަނޑުގެ ބައިތައް ޝިކާރަ ކުރުމަށްޓަކައި މަސްމަހާ މެއްސާއި ޑިނގާ ފަދަ ތަކެތި އެތަނަށް ޖަމާވެއެވެ. މަންމަ ބޯވައަށް ކުރިމަތިވި ހިތާމައާއި ހިތްދަތިކަމާއި ވޭނުގެ ކުޑަ މިންވަރެއް ނަމަވެސް މިވާހަކައިން ތަޞައްވުރު ކޮށްލެވޭނެ ކަމަށް ހީކުރަމެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.