Support Us

ކޮލަމް ކޯދު: ޝޭކްސްޕިޔަރގެ ސޮނެޓެއްގެ ތަރުޖަމާއެއް

ވިލިޔަމް ޝޭކްސްޕިޔަރ އަކީ އިނގިރޭސިބަހުގެ އެންމެ މަޝްހޫރު އަދީބުކަމުގައި ބެލެވޭ ލިޔުންތެރިއާއެވެ. އޭނާއަކީ ޅެންވެރިއެކެވެ. އަދި ޑުރާމާއާއި ތަމްސީލު ލިޔުންތެރިއެކެވެ. މީގެ އިތުރުން މުމައްސިލެއް ވެސް މެއެވެ. އޭނާ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1564 ގައެވެ. އަދި އަވަހާރަވީ 1616 ގައެވެ. އޭނާގެ އަދަބީ މަސައްކަތްތަކުގެ ތެރޭގައި 38 ތަމްސީލު ހިމެނެއެވެ. އަދި އޭނާގެ ޅެންތެކުގެ ތެރޭގައި 154 ސޮނެޓުއާއި އިތުރު އެހެން ގަސީދާ، ޅެންތައް، ވެސް ހިމެނެއެވެ. އޭނާގެ ތަމްސީލުތައް ވަނީ ދުނިޔޭގެ މައިގަޑު ހުރިހާބަހަކަށްހެން ތަރުޖަމާ ކުރެވިފައެވެ. ދިވެހި ބަހަށްވެސް ޝޭކްސްޕިޔަރގެ ބައެއް ތަމްސީލުތައް، އަލްމަރުހޫމް އަބްދުﷲ އިސްމާއީލު، ތަރުޖަމާކުރެއްވިކަމުގެ ވާހަކަ އިވިފައި ވެއެވެ. (މިކަމުގެ ހަގީގަތް އެނގިލައްވާ ބޭފުޅެއްވާ ނަމަ، ކިޔުންތެރިންނަށް، އެކަން އިތުރަށް ސާފުކޮށްލަދެއްވުން އެދެމެވެ.)

ތިރީގައި އެވަނީ ޝޭކްސްޕިޔަރގެ ޅެންތަކުގެތެރޭ ހިމެނޭ ސޮނެޓު ތަކުގެ ތެރެއިން 116 ވަނަ ސޮނެޓުގެ ތަރުޖަމާއެކެވެ.

ސޮނެޓްގެ ލަފުޒީ މާނައަކީ 'ކުރު ލަވަ' މިއެވެ. އަދަބީ އިސްތިލާހީ މާނައިގައި ސޮނެޓަކީ އާންމު ގޮތެއްގައި ސާދަ ބައިތުގެ މައްޗަށް އެކުލެވޭ ވަކި ވަޒަނަކަށް ހެދިފައިވާ ޅެމެކެވެ. މި ސާދަ ބައިތުގައި ހިމެނެނީ ހަތަރުވަތުގެ (ކުއަޓްރެއިން- ހަތަރު ފޮޅުވަތުގެ މައްޗަށް އެކުލެވޭ ބައެއްގެ) މައްޗަށް އެކުލެވޭ ތިންބަޔާއި އިތުރު ދެބައިތެވެ. ސޮނެޓުގެ ވަޒަނަކީ 'އިއަމްބިކް ޕެންޓަމީޓަރ' އެވެ. މާނައަކީ ކޮންމެ ބައިތެއް އެކުލެވިގެންވަނީ 10 ސިލަބަލްގެ މައްޗަށެވެ. އަދި ކިޔުމުގައި ބާރު އެޅެނީ ކޮންމެ ދެވަނަ ސިލަބަލެއްގެ މައްޗަށެވެ. މީގެ އިތުރުން ކޮންމެ ހަތަރު ވަތެއްގައި ކާފިޔާ (ރައިމް) އެއްގޮތް ކުރެވެނީ އެއްބައިތު ދޫކޮށް އަނެއްބައިތާއެވެ. މިސާލަކަށް ފުރަތަމަ ބައިތާއި ތިން ވަނަ ބައިތެވެ. ދެވަނަ ބައިތާއި ހަތަރު ވަނަ ބައިތެވެ.

އާދެ، ޝޭކްސްޕިޔަރގެ ސޮނެޓުތަކުގެ ތެރެއިން 116 ވަނަ ސޮނެޓުގެ ތަރުޖަމާއެއް ހުށަހަޅާލަމެވެ.

ތެދުވެރި (ލޯބީގެ) ހިތްތަކުގެ ކައިވެނީގެ ދެމެދަށް އަހަރެން

ހުރަސްތައް އެޅިއަނުދޭށެވެ. ލޯތްބަކީ ލޯތްބެއް ނޫނެވެ.

ބަދަލުވުމެއް ފެންނައިރަށް (އެލޯބި) ބަދަލުވެދާ ނަމައެވެ.

ނޫނީ އުހުރައިލާނެ މީހަކު އައިސް އުހުރައިލާން ހިފާލާއިރަށް (އެލޯބި) ލެނބި (އުހުރޭ) ނަމައެވެ.

ނޫން، ނޫނެކެވެ! އެއީ އަބަދުގެ އަބަދަށް ޖެހޭ ފާހަގައެކެވެ.

ތޫފާންތަކަށް ބަލަން ހުރެއެވެ. އެއްވެސް ގުޑުމެއްނުވެއެވެ.

އެއީ މަގު ގެއްލިފައިވާ އުޅަނދަކަށްވާ ތަރިއެކެވެ.

އެތަރީގެ ހަގީގީ އަގެއް ނޭނގެއެވެ. އޭގެ އުސްމިން ދެނެގަނެވުނަސް ވެހެވެ.

ލޯތްބަކީ ޒަމާނަށް ސޭކު ހެއްދޭނޭ އެއްޗެއް ނޫނެވެ. ޖަންބު ތުންފަތްތަކާ ކޯތާފަތްތައް

[ޒަމާނުގެ] ބަޅުވަޅީގެ ދާއިރާގެ ތެރެއަށް އަޔަސް،

ލޯބި ބަދަލެއް ނުވާނެއެވެ. މަދު ސާއަތް ކޮޅަކާއި ހަފްތާ ކޮޅެއް ވޭތުކޮށްލުމަށް ފަހުއެވެ.

އަދި ކިއެއް ހެއްޔެވެ؟ [ލޯބި] ދެމިގެންދެއެވެ. މަރުގެ ތުންފަތް މައްޗާ ހަމައަށް ދާންދެނެވެ.

މިއީ ދޮގެއްކަމަށްވާ ނަމަ އަދި އެކަން ސާބިތު ކޮށްދެވިއްޖެ ނަމަ

އަހަރެން ދުވަހެއްގައި ވެސް ނުލިޔަމެވެ. އަދި އެއްވެސް އިންސާނަކު (އެހެންމީހަކު ދެކެ) ލޯތްބެއް ވެސް ނުވެއެވެ.