Support Us

ކޮލަމް ކޯދު: ލަވައެއް ކިޔައިދޭ ވާހަކައެއް- އެ ނަސީބު ދެން ލިބޭނީ ކާކަށް ބާވައެވެ؟

"ހަޔާތުގެ އެއްވެސް ތަޖުރިބާއެއް ނެތް މައުސޫމު ޅަފަތުގައި އަހަންނަށް ހީވެފައި އޮންނަނީ ލޯތްބަކީ، ދުވަހެއްގައި ވެސް އެއަށް ނިމުނެއްނުވާ އެއްޗެއް ކަމެވެ. އަދި ކިއެއް ހެއްޔެވެ! އަހަންނަން ހީވެފައި އޮންނަނީ، ތަނަވެސްކަމާއެކު ފެތުރެމުންދާ ކައުނު ފަދައިން، ލޯބިވެސް، ނިމުނެއް ނެތި، އަބަދުގެ އަބަދަށް ދެމިއޮންނާނޭ ކަމެވެ. ނަމަވެސް، މިހާރު، އެކަމުގެ ހަގީގަތް ވިސްނޭހާ ދުވަސް އަހަންނަށް ވެއްޖެއެވެ. ހަޔާތަކީ ހޫނު މޫސުމުގައި ފޮޅޭ މަލެއް ފަދަ އެއްޗެއް ކަމެވެ. އެ މާ ދިރި އިންނަނީ ސާއަތެއްހާ މަދު ހިނދުކޮޅަކަށެވެ. އަދި، އެ ހިނދުކޮޅު ނިމުމުން، އޭނާގެ ލޯބީގެ ހަޔާތް ވެސް ނިމިދެއެވެ!"

އަހަރެންގެ ހަޔާތް ނިމުމުން، ދެން، އެ ނަސީބު ލިބޭނީ ކާކަށް ބާވައެވެ؟

ދެން، އެ އުފާތައް ހާސިލުކުރެވޭނީ ކާކަށް ބާވައެވެ؟

ކަލާގެ ފަރާތުން އަހަންނަށް ލިބިދިން އެ އުފާތަކެވެ.

ކަލާގެ މޫނުގައި މަޑުމަޑުން ބީހިލައި ފިރުމާލާނީ އެހެން ކާކުގެ އަތަކުން ބާވައެވެ؟

ކަލާގެ އުރުތެރޭގައި ދެން، ނިދާނީ ކާކު ބާވައެވެ؟

އެގޮތުން، އަހަރެންގެ މަގާމު ދެން ލިބޭނީ ކާކަށް ބާވައެވެ؟

(ކަށްވަޅުގައި) އެކަނިމާއެކަނި އަހަރެން ނިދަން އޮންނައިރުއެވެ.

އަހަރެންގެ ހަޔާތުގެ ދުވަސްތަކަކަށް ނިމުން އައުމުންނެވެ.

އެ ދުވަހުން، އަހަރެން ނަލަނަލަ ލޯބިވާގެ އަތުގައި ހިފަހައްޓައިގެން ހުންނާނީ ކާކު ބާވައެވެ؟

އެ އުސްތަކާ ހަމައަށް ދެން އެރޭނީ ކާކަށް ބާވައެވެ؟

ކަލާއާ އެކު ހޭދަކޮށްލި ރޭތަކުން، އަހަންނަށް އެކަނި ލިބިދިން،

އެ ހުރިހާ ލައްޒަތާއި މިރުކަން ލިބިގަންނަމުންނެވެ.

އަހަރެން ދެކެ ލޯބިވާނެ ވާހަކަ ކަލާ އަބަދުވެސް ބުނަމުތާއެވެ!

ނަމަވެސް، ޒަމާން ބުނެ އަންގައިދެނީ (މިއާ ޚިލާފު) މުޅިން އެހެން ވާހަކައެކެވެ!

މިފަދަ އަނިޔާވެރި ކުޅިގަނޑެއް، އަހަންނާ ތަގުދީރު ކުޅެނީ ކީއްވެ ބާވައެވެ؟

އާހް! ހަޔާތަކީ އަހަރުމެން ހީކުރާ ކަހަލަ އެއްޗެއް ނޫނެވެ!

ހަޔާތަކީ ވައިރޯޅިއެއް ފަދައިން ބަދަލުވެބަދަލުވެ ހުންނަ އެއްޗެކެވެ.

އަދި، ހުވަފެނެއް ފަދައި، ފުނޑުފުނޑުވެ، ނެތިދާ އެއްޗެއްކެވެ.

ލޯބި ވެސް ހަމަ އެފަދައެވެ.

ދެން، އެހެންވުމުން، އަހަރެންގެ ހަޔާތުގެ ދުވަސްތައް ނިމުމަކަށް އައުމުން،

ކަލާގެ ހިތާމަތަކަށް ލުޔެއް ގެނެސްދޭނީ ކާކު ބާވައެވެ؟

އަދި، އޭނާގެ ތުންފަތުގެ ބީހިލުމަކުން ކަލާގެ ކަރުނަތައް ފޮހެލައި

އަހަރެންގެ ހަނދާންތަކަށް ފަސް އަޅައި އަހަރެން އަލުން ވަޅު ލާނީ ކާކު ބާވައެވެ؟