Support Us

ކޮލަމް ކޯދު: ފަޔާއި ޕަޖާމާ- ތިމާގެ ދެ ލަފްޒު

ދަރިފަސްކޮޅު ފެތުރި، އާއިލީ ގަހުގައި ހިމެނޭ މެންބަރުން ދުރުވެ، އެންމެ ފަހުން ތާރީޚީ އަނދިރިކަމުގެ ތެރެއަށް ގެއްލިދެއެވެ. ނަމަވެސް، މަދުން ވިޔަސް، މީސްމީހުން ބައްދަލުވެ، އެ މީހުންގެ ދެމެދުގައި އޮތް، ތިމާގެކަން އެނގޭ ފަހަރު ވެސް އާދެއެވެ.

ބަސްބަހުގެ މެދުގައި ވެސް ލޭގެ ގުޅުން ފަދަ އާއިލީ ގުޅުން އޮވެއެވެ. ބައެއް ފަހަރު، ގާތްކަން ހާމައަށް ފެންނަން އޮތަސް، އެކަން އެނގިނުގަނެވި އޮވެދާނެއެވެ. އިނގިރޭސި ޕަޖާމާއާއި ދިވެހި ފައި މިއީ މިފަދަ ގުޅުމެއް އޮންނަ ދެ ލަފްޒު ކަމުގައި ވެދާނެއެވެ. ޕަޖާމާ ނުވަތަ ޕިޖާމާ އާއި ދިވެހި ފައި މި ލަފްޒާ އޮންނަ ތިމާގެ ކަމުގެ ގުޅުން ފެންނަން އެބަ އޮތެވެ. ޕަޖާމާ އުފެދިފައި އޮތީ ޕަ + ޖާމާ އިންނެވެ. ޕަ އަކީ ފަޔެވެ. ދިވެއްސައް ވަދެ، ޕާގެ ޕަވިޔަނި ފާފަށް ބަދަލުވީއެވެ. ޕާގެ އަސްލަކީ ސެންސްކުރިިތުގެ ޕަޑާއެވެ. އޭގެ އަސްލު ފާރިސީ ބަހާ ގުޅިފައިވެއޭ ވެސް ބުނެވެއެވެ. ކޮންމެ ގޮތެއް ވިިޔަސް، ދިވެހި ފައި އައީ ސިންގަޅަ ބަހުން ކަމަށް ލަފާކުރެވެއެވެ. ސެންސުކުރިތުގެ ޕަޑާ، ޕާއަށާއި އަދި ޕަޔަ އަށް ވެސް ބަދަލުވެ، ދިވެއްސަށް ފަޔާ (ހުވަދޫ ބަސް) އަށާއި އަދި ފައި، މި ސޫރައަށް އެލެފްޒު ބަދަލުވެ ދިވެހިވެގެން ދިޔައީއެވެ.

ޖާމާގެ އަސްލު ގުޅެނީ ފާރިސީ ބަހާއެވެ. މާނައަކީ ހެދުމެވެ. އާދެ، ޕަޖާމާގެ ލަފްޒީ މާނަ އަކީ 'ފައިގެ ހެދުމެވެ'. މިއިން ޕަޖާމާއާއި ދިވެހި ފައި މި ދެލަފްޒުގެ ތިމާގެކަން ސާފުވާހެން ހީވެއެވެ.

މި މަގާމުގައި އިތުރު ވާހަކައެއް ވެސް ލިޔެލުން އެންމެ ރަނގަޅު ކަމަށް ދެކެމެވެ. ބަސްބަހުގެ ތިމާގެ ގުޅުން އެނގުމަކީ އެ ބަސްބަހުން ވާހަކަ ދެއްކި މީހުން ދަތުރުކުރި މަގު ހޯދަން އެހީވެދޭނޭ ކަމެކެވެ. ބަސްބަސް އެއްތަނުން އަނެއް ތަނަށް ދަތުރު ކުރާ މަގު ފާހަގަކޮށް، އެއް ރަށުން އަނެއް ރަށަށް ދަތުރުކޮށްފައި ދާތަން ފާހަގަކުރެވުމުން، އެ ބަހުގެ އަހުލުވެރިން ދަތުރުކުރި މަގުވެސް ފެންނަ ކަހަލައެވެ. ކޮންމެވެސް ތަނެއްގައި ސެންސުކުރިތުން ވާހަކަ ދެއްކި ބަޔަކު، ނުވަތަ އެމީހުންނާ ކޮންމެ ވެސް ގުޅުމެއް އޮތް ބަޔަކު، ސިލޯނަށް ދާތަން ޕަޑާއާއި ޕާ، ޕަޔައަށް ބަދަލުވެގެންދާ ގޮތް ފާހަގަކުރެވުމުން އެ މަންޒަރު ވެސް ފެނިގެން ދެއެވެ. އަދި ޕާ އާއި ޕަޔަ، ފަޔަ އާއި ފައި އަަށް ބަދަލުވެގެން ދިޔަ ތަނުން، ޕާ އާއި ޕަޔަ ކިޔައި އުޅުނު ބަޔަކު ރާއްޖެ އައިތަން ވެސް ފެނެއެވެ.

ދެން ސުއާލަކީ، ފަޔައާއި ފައި އޭގެ އަސްލު ޕާ، ނުވަތަ ޕަޔަ އާ އަޅާކިޔާއިރު ޕަޔައާ ބޮޑަށް ތިމާގެ ކަމަށް ފެންނަނީ ކޮން ލަފްޒެއް ހެއްޔެވެ؟ ފަޔަ ހެއްޔެވެ؟ ނުވަތަ ފައި ހެއްޔެވެ؟ މި ސުއާލުގެ ޖަވާބުގައި ފަޔަ ޕަޔަ އާއި ބޮޑަށް ތިމާގެ ކަމަށް ބުނެވިއްޖެ ނަމަ، ފަޔަ ކިޔައި އުޅުނު ބަޔަކު ފައި ކީ ބަޔަކަށް ވުރެ ކުރިން ރާއްޖެ އައި ކަމުގައި ބެލެވިދާނެ ހެއްޔެވެ؟ ނުވަތަ ފަޔަ ކީ މީހުންގެ ތެރެއިން ބަޔަކު ފަހުން ރާއްޖޭގެ އެހެންތަންތަނަށް ދިޔަ ކަމަށް ބެލެވިދާނެ ހެއްޔެވެ؟ މިފަދަ ސުއާލުތަކަށް އެކަށީގެންވާ ޖަވާބެއް ހޯދުމުގައި ބަހުގެ އިތުރުން ބަލަން ޖެހޭ އެހެން ކަންކަންވެސް ހުންނާނެތާއެވެ؟ އިހުގެ ތާރީޚެވެ. އާސާރުތަކުގެ އިލްމެވެ. ކޮންމެއަކަސް، އެކަމުގެ އަހުލުވެރިންނަށް މި ސުއާލުތަކުގެ ޖަވާބު ހޯދުން ދޫކޮށްލަމެވެ.