Support Us

ކޮލަމް ނާރެސް: އުންމީދު ކަނޑާނުލާށެވެ.

ކުއްޖަކަށް ވަރަށް ނުރައްކާތެރި ބައްޔެއް ޖެހުނެވެ. އެ ބަލީގެ ސަބަބުން އެ ކުއްޖާ ތަންމަތީގައި އޮންނަން ޖެހުނެވެ. އެކުއްޖާ ކުޑަދޮރުން ބޭރުގައި ހުރި ގަހަކަށް ނަޒަރު ހުއްޓާލައިގެން އޮތުމަށްފަހު، ފެންކަޅިވެފައިވާ ލޮލަކުން ދައްތައާ ދިމާޔަށް ބަލައިލުމަށްފަހު ސުވާލުކުރިއެވެ.

"އެ ގަހުގައި މިހާރު ބާކީ ހުރީ ކިތައް ފަތް ހެއްޔެވެ؟" ޖަވާބުގައި ދައްތަ ބުންޏެވެ. "ލޯބިވާ ކޮއްކޯއެވެ. ތި ސުވާލު ތިކުރީ ކީއްވެގެން ހެއްޔެވެ؟" އެ ބަލި ކުއްޖާ ޖަވާބުގައި ބުންޏެވެ. "އެ ގަހުގައި އިން އެންމެ ފަހު ފަތް ވެއްޓުމާ އެކު އަހަރެންގެ ޙަޔާތް ވެސް އެގޮތަށް ނިމިގެންދާނެކަން އެނގެއެވެ."

ދައްތަ ހިނިތުންވެލާފައި ބުންޏެވެ. "އެހެންކަމަށް ވާނަމަ، ޙަޔާތުގައި ބާކީ އޮތް ދުވަސްތައް ހިތްހަމަޖެހުމާއި އުފަލުގައި ހޭދަކުރަމާ ހިނގާށެވެ."

ދުވަސްތައް ފާއިތުވަމުން ދެއެވެ. އެންމެ ފަތެއް ފިޔަވައި ގަހުގައި ހުރި ހުރިހާ ފަތެއް ފައިބާ ނިމިއްޖެއެވެ. އެ ފަތް ނުވެއްޓި އިނދެއްޖެއެވެ. އެ ބަލި ކުއްޖާ އެ ގަހަށް ބަލަމުން ގެންދިޔައެވެ. އެ ގަހުގައި އިން އެންމެ ފަހު ފަތް ވެއްޓި އޭނާގެ ޙަޔާތުގެ ބައްތި ނިމިގެންދާނެ ވަގުތަކަށް އިންތިޒާރު ކުރަމުން ދިޔައެވެ.

ޚަރީފު މޫސުމް ނިމި، ރަބީޢު މޫސުމް އަތުވެއްޖެއެވެ. އެހެން ނަމަވެސް އެ ގަހުގައި އިން ފަތް އަދިވެސް ނުވެއްޓި އިނެވެ. އެ ކުއްޖާ ދައްތައާ އެކު އުފާވެރި ދުވަސްތަކެއް ހޭދަކުރަމުން ދިޔައެވެ. އަދި މަޑުމަޑުން އެ ކުއްޖާގެ ޞިއްޙަތު ރަނގަޅުވަމުން އަޔެވެ. އަދި ބަލިން މުޅިން ރަނގަޅުވިއެވެ.

ފުރިހަމަ ޞިއްޙަތެއް ލިބުމާ އެކު އެ ކުއްޖާ އެންމެ ފުރަތަމަ ވެސް ގޮސް އެ ގަހުގައި ނުވެެއްޓި އިން ފަތަށް ބަލައިލިއެވެ. އެ ކުއްޖާ ބަލައިލިއިރު، އެއީ ޕްލާސްޓިކް ފަތެކެވެ. އެއީ އެ ކުއްޖާގެ ދައްތަ އެ ގަހުގައި ހަރުކޮށްފައި އިން ފަތެކެވެ.