Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް- ލަކުޑިއާއި ރަނުގެ އަގު

ލަކުޑި ފިލާ ފޮއްޗަކާއި ރަންގަނޑެއް އަޅާކިޔާއިރު، އެ ފިލާފޮތީގައި އޮންނާނީ ކޮން އަގެއް ހެއްޔެވެ؟ އެއްވެސް އެއްޗަކަށް ނުވާނެއެވެ. ނަމަވެސް، ރާޅު ބޮޑު، ގަދަ ކަނޑެއްގައި، ފެތެމުންދާ މީހަކަށް މުހިއްމު ވާނީ ކޮން އެއްޗެއް ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ލަކުޑި ފިލާފޮއްޗެވެ.

ހަމަ އެހެންމެ، ބޮޑުތި ބަލިތަކުގެ ބަރުދާސްތައް އުފުލައި މަރުގެ ތުންފަތްމައްޗަށް ހުށަހެޅިއެޅިފައިވާ ނަފްސުތައް ކުރިމަތީގައި ފައިސާގެ އަގެއް ނޯވެއެވެ. އެ ވަގުތު އެފަދަ ނަފްސުތަކަށް އެދެވެނީ ހެޔޮ ދުއާއަށާއި އެ ނަފްސުތަކުގެ ބަލިތައް ތަހައްމުލު ކުރުމުގެ ހިއްވަރާއި ބާރު ލިބުމަށެވެ. އަދި ފުރިހަމަ ޝިފާއަކާއި ހެޔޮ ސިއްހަތެއް ވެސް ލިބުމެވެ.

އާދެ، ކަންކަމާއި އެއްޗެހީގެ މުހިއްމުކަމާއި އަގު ކަނޑައަޅާލެވެނީ ހަމައެކަނި އޭގެ ޒާތަށް ބެލިގެނެއް ނޫނެވެ. އޭގެ ހާލަތާ ވެސް ގުޅުވާލައިގެންނެވެ!