Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: މާދަމާ ހިފާ އިރުކޭތަ ފެންނާނީ ކޮން ރަށްރަށަކަށް؟

މާދަމާ، 25 އޮކްޓޯބަރުގައި، ހިފާ އިރުކޭތަ ރާއްޖޭގެ އުތުރުގެ ސަރަޙައްދު ތަކަށް ފެންނާނެއެވެ. ރާއްޖެއަށް ފެންނާނީ ކޭތައިގެ %2ގެ މިންވަރެވެ. ރާއްޖެއަށް މި ކޭތަ ފެންނާނީ ކ. ކާށިދޫ އާއި ބ. ގޮއިދޫން ފެށިގެން އުތުރުގައި ހިމެނޭ ސަރަހައްދުތަކަށެވެ.

ކާށިދޫ އާއި ގޮއިދޫގެ ދެކުނު ސަރަޙައްދުތަކަށް މި ކޭތައެއް ނުފެންނާނެއެވެ. މާލެ ހިމެނެނީ މި ކޭތަ ނުފެންނަ ސަރަޙައްދުގެ ތެރޭގައެވެ.

މި ކޭތަ ރަނގަޅަށް ފެންނާނީ ދުނިޔޭގެ އުތުރު ބައްރަށެވެ. އޭޝިޔާގެ ބައެއް ގައުމުތަކަށާއި ހިޖާޒުކަރަޔަށާއި އެފްރިކާ ބައްރުގެ އުތުރު ސަރަޙައްދަށާއި އިރުމަތީ ބައެއް ގައުމު ތަކަށާއި ޔޫރަޕުން ސްޕޭނުގެ ބޮޑު ބަޔަކަށާއި ރަޝިޔާގެ ހުޅަނގު ސަރަހައްދުތަކަށް މިކޭތަ ފެންނާނެއެވެ. މިކޭތަ އެންމެ ފުރިހަމައަށް ފެންނާނީ ރަޝިޔާއަށެވެ. ރަޝިޔާއަށް މި ކޭތައިގެ %82 ފެންނާނެއެވެ.

މިކޭތައިގެ ވަގުތުގެ ދިގުމިނަކީ، 3 ގަޑިއިރާއި 4 މިނެޓެވެ. ކޭތަ ހިފާން ފަށާނީ މާދާމާގެ މެންދުރުފަހު 2:59 ގައެވެ. ކޭތަ ވީއްލާނީ މާލޭގަޑިން އިރުއޮއްސި 6.04 ގައެވެ.

މާދަމާ މާލޭ ގަޑިން މެންދުރުފަހު 3.47 ގައި ވިރުސިކަ ރާހީގެ ހެއި ނަކަތުގެ 21 ދަރަޖައިގައި ހަނދާއި އިރު ބައްދަލުވެ އެއްއުއިވާ ވަގުތަކީ، ކޭތަ އެންމެ ފުރިހަމަވާ ވަގުތެވެ. ރަޝިޔާގެ މެދުތެރޭ ސަރަޙައްދަށް އެ ވަގުތު %82 ގައި މި ކޭތައެއް ފެންނާއެވެ. އެއީ، މި ކޭތަ ދުނިޔޭގެ ބައްރަށް ފެންނާނެ އެންމެ ބޮޑު މިންވަރެވެ.

ރާއްޖޭގެ އުތުރު ސަރަޙައްދަށް ފެންނަ މިކޭތަ، ކާށިދޫއާއި ގޮއިދޫއަށް އެންމެ ބޮޑަށް ފެންނާނީ މާދަމާ ހަވީރު 5.28 ގައެވެ. އެއީ %0.05 ގެ މިންވަރަށެވެ. އެއީ އެ ކޭތަ، އެ ދެ ރަށަށް އެންމެ ބޮޑަށް ހިފައިފައި ހުންނަ ހިނދުކޮޅެވެ.

މި ކޭތަ ކާށިދޫ އާއި ގޮއިދޫއަށް ހިފާން ފަށާނީ މާދަމާ ހަވީރު 5.21 ގައެވެ. ކޭތަ ފުރިހަމަވާނީ މާދަމާ ހަވީރު 5.28 ގައެވެ. ކޭތަ ވީއްލާނީ 5.34 ގައެވެ. މި ކޭތަ ހިފުމާއި ފުރިހަމަވުމާއި ވީއްލުމާ ދެމެދު ހުންނަ ތަފާތު ކާށިދޫއާއި ގޮއިދޫއަށް ސިކުންތުކޮޅަކުން ނޫނީ، ގަޑިއާއި މިނެޓްގައި އެއްވެސް ތަފާތެއް ނުހުންނާނެއެވެ. ކާށިދޫއަށް ކޭތައިގެ ދިގުމިނަކީ 13 މިނެޓް 44 ސިކުންތެވެ. ގޮއިދޫއަށް ކޭތައިގެ ދިގުނިނަކީ 13 މިނެޓް 25 ސިކުންތެވެ. މި ދެ ރަށަށް ކޭތައިގެ ދިގުމިނުގެ ތަފާތަކީ 19 ސިކުންތެވެ.

ރާއްޖޭން މިކޭތަ އެންމެ ބޮޑަށް ފެންނާނީ ގައްލަންދޫ އެތެރެވަރީގެ ރަށްރަށަށެވެ. އެންމެ ބޮޑަށް ފެންނާނީ ތުރާކުނަށެވެ. ތުރާކުނަށް ކޭތަ ހިފާން ފަށާނީ މާދަމާ ހަވީރު 5.02 ގައެވެ. ކޭތަ ފުރިހަމަވާނީ 5.26 ގައެވެ. ކޭތަ ވީއްލާނީ 5.48 ގައެވެ. ތުރާކުނަށް ކޭތަ ވީއްލާތާ އެއް މިނެޓް ފަހުން، 5.50 ގައި އެ ރަށަށް އިރުއޮއްސޭނެވެ. ތުރާކުނަށް މި ކޭތައިގެ ދިގުމިނަކީ 46 މިނެޓް 5 ސިކުންތެވެ.

ރާއްޖެ ހިމެނޭ ސަރަޙައްދަށް މި އަހަރު ދެން ކޭތައެއް ހިފާނީ، އަންނަ ނޮވެމްބަރު މަހުގެ އަށް ވަނަ ދުވަހުގެ ރޭ، ނދުކޭތައެވެ.