Support Us

ކޮލަމް ކޯދު: ކަރާއާ ބެހޭ ދެތިން ވާހަކައެއް

ތިރީގައި މި ވަނީ ކަރާއާ ބެހޭ ދެތިން ވާހަކައެކެވެ.

  1. އެއްބައި އެއްޗިއްސަކީ ކާ އެއްޗިއްސެވެ. އަނެއްބައި އެއްޗިއްސަކީ ބޯ އެއްޗިއްސެވެ. ނަމަވެސް، ކަރައަކީ ކާ ވެސް އަދި ބޯ ވެސް އެއްޗެކެވެ.
  2. ކަރާ ވައްވިޔަސް ނޫނީ ކުކުޅު ބިސް ބުރަށް އޮތް ކަމަށް ވިޔަސް، ކުޑަވިޔަސް ނޫނީ ބޮޑުވިޔަސް، ކަރައެއް ފެނުމުން އެއީ ކަރައެއް އެނގޭނެއެވެ. ހަމަ އެހެންމެ، އިންސާނަކު ކޮންމެ ވައްތަރަކަށް ހުއްޓަސް އެއީ ހަމަ އިންސާނެއްކަން އެނގޭނެއެވެ.
  3. ހަޔާތަކީ ކަރާ ކެއުން ކަހަލަ ކަމެކެވެ. ބައެއް ފަހަރު އޮށް ވެސް އަނގައަށް ލެވޭނެއެވެ. އެހެންވެއްޖެ ނަމަ، ކަރާ ކެއުން ހުއްޓާލާކަށް ނުޖެހެއެވެ. އޮށް އެއްލާލައިފައި ކަރާ ކެއުމައިގެން ކުރިއަށް ދާންވީއެވެ.
  4. ކަރާ ފަޅާލައި ކަރާގެ އޮށްތައް ފެނުމުން، ކަރާ ނުކާން ނިންމައިފި ނަމަ، ކަރާގެ ހުރި މީރުކަމެއް ނޭނގޭނެއެވެ.
  5. ކައިވެންޏަކީ ކަރައެއް ގަތުން ކަހަލަ ކަމެކެވެ. ކަރާ ގަންނަނީ އޭގެ ބޭރުފުށަށް ބަލައި އެތެރެ އޮންނާނޭ ގޮތް ލަފާކޮށްފައެވެ. ނަމަވެސް، ހަގީގަތް އެނގެނީ ފަޅައިގެން ބެލީމައެވެ. ބައެއް ފަހަރު ފޮނިވެފައި މީރެވެ. އަނެއް ބައި ފަހަރު ލޮނުވެފައި ހިއްޗެވެ.
  6. ބޭރު ރާއްޖެއެއްގައި އުޅުނު ދިވެއްސަކު ކަރައެއް ކާ ހިތުން، ކަރައެއް ގަންނަން މާރުކޭޓަށް ދިޔައެވެ. ދެން، ކަރާ ފުނިން ކަރާ ނަގައި، އެ ގޮތް މިގޮތަށް، ހަލުވަން ފެށިއެވެ. އިރުގަނޑެއް ވަންދެން މި ގޮތަށް ހަލުވައި ކަރާތަކުގެ އެކޮޅާއި މިކޮޅު ބަލައި، އަދި ކަރާތަކުގައި އަތް ކޭތުމަށް ފަހު، ކަރައެއް ހޮވައި ނެގިއެވެ. ދެން މިތަން ބަލަން ހުރި، މެދު އުމުރުގެ އަންހެނަކު އެ ދިވެހި މީހާ ކުރެން އެއްސެވެ. "ކަރާތަކަށް ތިޔަހެން ހަދައި ބެލުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ؟" ދެން އެ ދިވެހި މީހާ ވަރަށް ފަޚުރުވެރިކާމާއެކު ބުންޏެވެ. "އަހަރުމެންގެ ރާއްޖެއަކީ ވެސް ކަރާ ހައްދާ ރާއްޖެއެކެވެ. އަދި، އަހަރުމެންގެ ރާއްޖޭގައި ރަނގަޅު ކަރައެއް ހޮވުމަށްޓަކައި އަހަރެން ކަންތައް ކުރި ގޮތަށް ކަންތައް ކޮށްއުޅެއެވެ. އެހެންވެ، އަހަރުމެންނަށް ރަނގަޅު ކަރައާއި ނުބައި ކަރާ ވަކިކޮށް ހޮވަން އެނގެއެވެ."

ދެން، އެ އަންހެން މީހާ، އޭނާއަށް ވެސް ކަރައެއް ހޮވައިދިނުމަށް އެ ދިވެހި މީހާގެ ކިބައިން އެދުނެވެ. އަދި، އެ ދިވެހި މީހާ ވަރަށް އުފަލުން ހުރެ، ކަރާތައް ތަޅުވައި ބަލާފައި އަންހެން މީހާއަށް ވެސް ރަނގަޅު ކަރައެއް ހޮވައިދިނެވެ.

އަންހެން މީހާ ކަރާ ގަތުމަށް ފަހު، ދިވެހި މީހާ ކުރެން އަހާލިއެވެ. "ކޮއްކޯއެވެ! ކޮއްކޮ ކޮން ރަށެއް ހެއްޔެވެ؟"

ޖަވާބުގައި ދިވެހި މީހާ ބުންޏެވެ. "އަހަރެންމީ ދިވެހި ރާއްޖޭގެ މީހަކީމެވެ!"

އެހެން ބުނުމުން އަންހެން މީހާ ބުންޏެވެ. "ދިވެހި ރާއްޖޭގެ ވާހަކަ އަހަރެން ވެސް އަޑުއަހަމެވެ. ގުދުރަތީ ގޮތުން ވަރަށް ވެސް ރީތި ރަށްތަކެއްގެ މައްޗަށް އެކުލެވިފައިވާ ރާއްޖެއެކެވެ. ނަމަވެސް، ތަނުގައި ސިޔާސީ ހަލަބޮލިކަމެއް ވެސް އޮންނަ ޚަބަރުތައް މިހާރު ލިބެއެވެ. އަހަރެން ހައިރާންވަނީ ކަލޭމެން، ރަނގަޅު ކަރައެއް ހޮވުމަށް ތިހާ ބޮޑު އަހައްމިއްޔަތު ކަމެއް ދޭއިރު، ރަނގަޅު ވެރިޔަކު ހޮވައި، އިންތިޚާބު ކުރަން ނޫޅޭތީއެވެ. ކަރާގެ އެކޮޅު މިކޮޅު ބަލައި، އެކި ގޮތްގޮތަށް ތަޅުވައި އަތްކާއްތައި ހަދައި، ކަލޭމެންނަށް ރަނގަޅު ކަރާ ހޮވަން ދަސްވެއްޖެއެވެ. ނަމަވެސް، ކަލޭމެން ކަރާ ހަލުވާހެން ނުހެލުވިއެއް ކަމަކު، އެ މީހުންނަކީ ކަލޭމެންގެ ގައުމަށް ވެސް އަދި ކަލޭމެންގެ ރާއްޖެއަށް ވެސް އަދި ކަލޭމެން އެ ދީނަކަށް ތަބާވާ ދީނުގެ އަގުތަކަށް ވެސް ކުޑަކޮށް ވެސް އިހުތިރާމު ނުކުރާ މީހުންކަން އެނގޭ މީހުން ކަލޭމެން ވެރިކަމަށް ގެންނާތީއެވެ! ކަރައަކަށް ދެވޭ ގަދަރު ކަލޭމެންގެ ރާއްޖެއަށާއި ކަލޭމެންގެ ދީނަށް ވެސް ނުދެވެނީތާއެވެ!"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31

2 Responses

  1. ވެރިކަމާ ދިމާލަށް އަންނާނެ ރަނގަލު މީހަކު އެބަހުރިތޯ؟ ތިގޮތައް ކަރާފަޅާ މީހުން މިގައުމުގައި ގިނައީ.. މޮޅެތި ވާހަކަ ދައްކާނީ ވާކަމެއް ޙަރާމް.. އަމިއްލަ އަންބޮނޑި ބޮޑުކުރެވޭތޯ ކޮންމެ މީހަކު ވެސް ބަލާނީ..

  2. އަދި މިރާއްޖޭގައި ފެޅި ހުރިހާ ކަރާވެސް އެއްގޮތް. ވައްކަންކުރާ ކަރާ, ލާދީނީ ކަރާ, އަންހެނުން ބުރުގާ ނާޅުވާ ކަރާ, ހުސް އެފަދަ ކަރާ. ކޮބާ ރަގަޅު ކަރައަކީ ?

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *