...

Support Us

ކޮލަމް ކޯދު: އިލްމީ ހެދުމާ ބެހޭ ވާހަކަކޮޅެއް

މުސްލިމުންގެ މެދުގައި، މި ޒަމާނުގައި، އިލްމީ އަގުލާނީ ހޭލުންތެރިކަން އުފެއްދުމަށްޓަކައި، ނިޒާމީ ސިފައެއްގައި، އެންމެ ފުރަތަމަ މަސައްކަތްކުރެއްވި ބޭކަލެއްގެ ގޮތުގައި 19 ވަނަ ގަރުނުގެ އިންޑިޔާގެ މުސްލިމެއް ކަމުގައިވާ ސައްޔިދު އަހުމަދު ޚާނު ފާހަގަކުރެވެއެވެ. އޭނާގެ މި މަސައްކަތް ކުރިއަށް ގެންދެވުމަށްޓަކައި ތަފާތު މަސައްކަތްތައް ކުރެއްވިއެވެ. ތަހުޒީބު އަލްއަޚްލާގުގެ ނަމުގައި މަޖައްލާއެއް ނެރުއްވިއެވެ. ކީރިތި ގުރުއާނުގެ ތަފްސީރެއް ލިޔުއްވިއެވެ. އަދި ބައިބަލްގެ ތަފްސީރެއް ވެސް ލިޔުއްވަން ފެއްޓެވިއެވެ. މީގެ އިތުރުން، ޒަމާނީ އިލްމީ މައިދާންތަކުގެ ތެރެއަށް މުސްލިމުން ވެއްދުމަށްޓަކައި އެކަމަށް ޚާއްސަ އިލްމީ މުއައްސަސާއެއް އުފެއްދެވިއެވެ. އާދެ، ފަހުން، އަލިގަޅު ޔުނިވަސިޓީގެ ނަމުން ނަންދެވުނު އިލްމީ މުއައްސަސާއެވެ.

މިއަދުގެ ވާހަކަ ގުޅެނީ ސައްޔިދު އަހުމަދު ޚާނުގެ އިލްމީ މަސައްކަތްޕުޅަކާ ނޫނެވެ. ނަމަވެސް، އޭނާ އެ މަސައްކަތް ކުރައްވަން ފެއްޓެވުމުން ދިމާވި ބައެއް ހުރަސްތަކާއެވެ. އެ ހުރަސްތައް ކުރިމަތިކުރުވީ އެބައެއްގެ ފައިދާއަށްޓަކައި އޭނާ މަސައްކަތްކުރެއްވި މުސްލިމުންގެ ޖަމާއަތުގެ ފަރާތުންނެވެ. އޭނާއަކީ ކާފަރެއް ކަމުގައި ކަނޑައަޅައި އޭނާ ދީނުން ބޭރުކުރިއެވެ. ބައެއް މިސާލުތައް ލިޔެލާ ނަމެވެ. މޭޒެއް ކައިރީ ތިބެ ކެއުމަކީ ބިދުއައެއް ކަމަށް އޭނާއާ އިދިކޮޅު މުސްލިމުން ކަނޑައެޅިއެވެ. ކެއުމުގައި އުލާއި ސަމުސާ ބޭނުން ކުރުމަކީ ވެސް ބިދުއައެއް ކަމުގައި އެމީހުން ކަނޑައެޅިއެވެ. މުސްލިމުން ނޫން ބައަކާ އެއް ޖަމާއަތެއްގައި ކާންތިބުން ވެސް ބިދުއައެއް ކަމުގައި އެފަދަ ބައެއް މީހުން ކަނޑައެޅިއެވެ.

ހަމަ އެހެންމެ، އެހެން ބައެއް އިލްމީ އަގުލާނީ މުސްލިމުންނާ މެދުވެސް، މިފަދަ ގޮތެއްގައި ބައެއް މުސްލިމުން ކަންތައް ކޮށްފައި ވެއެވެ. އައްލާމާ އިގުބާލަކީ ވެސް ބައެއް މީހުން ދެކޭ ގޮތުގައި ކާފަރެކެވެ. ހަމަ އެހެންމެ، ކީރިތި ގުރުއާނުގެ މަގުބޫލު ތަފްސީރެއް ލިޔުއްވި އަބުލް އައުލާ އަލްމައުދޫދީ އަކީ ވެސް ބައެއް މުސްލިމުންގެ ނަޒަރުގައި ކާފަރެކެވެ. މިކަމުގެ ސަބަބު ކަމުގައި، ތުނބުޅި ބެހެއްޓުމަކީ, އޭނާގެ ރައުޔުގައި، އާދަކާދައާ ގުޅޭ ކަމެއް ކަމުގައި ވިދާޅުވުން ހިމެނެއެވެ.

މީގެ އިތުރުން، 20 ވަނަ ގަރުނުގައި އުފެދުނު އެންމެ ވަރުގަދަ އިސްލާމީ އިލްމުވެރިންގެ ތެރޭގައި ހިމެނޭ ޕާކިސްތާނުގެ އިލްމުވެރިއެއް ކަމަށްވާ ފަޒްލުއް ރަހުމާނު މާލިކުވެސް، ކާފަރުކޮށް އޭނާގެ ފުރާނަ ދުއްވާލަން ނިންމިއެވެ. ދެން، އޭނާއަށް ޖެހުނީ އެނާގެ އަމިއްލަ ވަޒަންކަމުގައިވި ޕާކިސްތާނު ދޫކޮށް އެހެން ގައުމަކަށް ހިޖުރަކުރާށެވެ. އޭނާގެ އުމުރުގެ އެންމެ ފަހުގެ ވިއްސަކަށް އަހަރު ހޭދަކުރެއްވީ އެމެރިކާގެ ޗިކާގޯ ޔުނިވަރސިޓީގައި އިސްލާމީ ދިރާސާތުއާ ބެހޭ މާއްދާތައް ކިޔަވައިދެއްވުމުގައެވެ.

މީގެ އިތުރުން ވެސް އެކިއެކި ޚިދުމަތްތެރި މުސްލިމު އިލްމުވެރިންނާ މެދު މިފަދައިން މުސްލިމުން ކަންތައް ކޮށްފައި ވެއެވެ. އެއް އިރެއްގައި މި ޒަމާނުގައި އަގުހުރި އިސްލާމީ އިލްމީ ޚިދުމަތްތަކެއް ކުރެއްވި، ބޮޑެތި އިލްމުވެރިންކަމުގައި ބެލެވުނު ސައްޔިދު ގުތުބާއި ޑރ. ޔޫސުފު އަލްގަރުޟާވީ ފަދަ އިލްމުވެރިންނަކީ ވެސް ބިދުއަވެރި، އިރުހާބީން ކަމުގައި މިހާރު ބެލެވެން ފަށައިފިއެވެ. ދެން، ދާދި ފަހުން، ޑރ. ޔޫސުފު އަލްޤަރްޟާވީ އަވަހާރަވުމުން، އޭނާއަކީ ރަނގަޅު މީހެއް ނޫންކަން ދޭހަވާ ގޮތަށް ވެސް ވާހަކަތައް ދައްކާފައި ވެއެވެ. އަދި، ބައެއް އިސްލާމީ ގައުމުތަކުގެ ނޫސްތަކުގައި އޭނާގެ ލިޔުންތައް ސިފަކޮށްފައިވަނީ އޭނާ ދޫކުރައްވައިފައި ދިޔަ ޒަހަރެއްގެ ގޮތުގައެވެ.

ތިމާމެން ގަބޫލުކުރާ ގޮތާ ތަފާތު ގޮތަކަށް މީހަކު އެއްޗެއް ބުނެފި ނަމަ، ނުވަތަ ވެރިކަމުގެ ނިޒާމާ މެދު ފާޑުކިޔުމުގެ ނަޒަރަކުން ބަލައި މީހަކު އެއްޗެއް ބުނެފި ނަމަ، އެ ބުނާ މީހާ ބުނި އެއްޗެއްގެ މައްޗަށް އިލްމީ ސިފައެއްގައި ނަޒަރު ހިންގައި ބަލައިލުމެއް ނެތި، އަދި އެފަދައިން ބަލައި، އިލްމީ އަދި އަގުލާނީ ސިފައެއްގައި ރައްދު ދިނުމެއް ނެތި، އެފަދަ މީހަކީ ބިދުއަވެރިއެއް ކަމަށް ހެދުމާއި އަދި، ބައެއް ފަހަރު، ކާފަރަކަށް ހެދުން، ނޫން ނަމަ، ތަނެއް ދޮރެއް ނުދަންނަ ދޮގުވެރިއަކަށް ހެދުމަކީ މުސްލިމު މުޖުތަމާތަކުން ފެންނަ ކަމެކެވެ. ރާއްޖޭގައި ވެސް މިފަދަ ކަންކަން ފެނެއެވެ. މިސާލަކަށް ރާއްޖޭ އިލްމުވެރި ލިޔުންތެރިއަކު، 12 ދުވަސް ފާހަގަކުރުމާ ބެހޭ ގޮތުން އޭނާގެ ރައުޔު ފާޅުކުރައްވައި ބަޔާންކުރައްވައިފި ނަމަ، އޭނާއަކީ ދޮގުވެރިއެއް ކަމާއި އަދި ތަންދޮރު ނުދަންނަ މީހެއްކަން ދޭހަވާ ގޮތަށް ލިޔުންތައް ލިޔެ އޭނާއަށް ރައްދު ދެވެއެވެ. ފަހަރެއްގައި ވެސް އޭނާގެ ހެއްކާއި ދަލީލުތަކުގެ މައްޗަށް ބަލައި، އެކަން ތަހުލީލުކޮށް، ގޮތެއް ނިންމައިގެނެއް ނޫނެވެ.

މީގެ އިތުރުން ވެސް މިފަދަ ކަންކަން ރާއްޖޭގައި ހިނގައެވެ. މިސާލަކަށް، ރާއްޖޭގައި އެކިއެކި ދަސްވެނިވުމުގެ ހަފްލާތަކާ ބެހޭ ގޮތުން، މި ބީދައިން ބައެއް މީސްމީހުން ވާހަކަ ދައްކައެވެ. ދަސްވެނިވުމުގެ ހަފްލާތަކުގައި ދަސްވެނިވާ ދަރިވަރުން އަޅާ ހެދުމަކީ ނަސްރާނީންގެ ހެދުމެއް ކަމުގައި ބުނެއެވެ. އަދި، މުސްލިމުން މިފަދަ ހެދުން އެޅުމަކީ ބިދުއައެއް ކަމުގައި ފާހަގަކުރަމުންނެވެ. އެހެންވެ، ދެން، އެއީ މުސްލިމުން އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫންކަމަށް ވެސް ކަނޑައަޅާލައެވެ.

މި މަގާމުގައި ބިދުއައަކީ ކޮބައިކަމާއި މިވެނި ކަމެއް ބިދުއައެއް ކަމުގައި ކަނޑައަޅާލުމުގެ މިންގަނޑަކީ ކޮބައިކަން ބަޔާންކުރާކަށް ގަސްދެއް ނުކުރަމެވެ. އެކަމާ ގުޅޭ ތަފާތު ބަހުސުތައް ބޭނުން މީހަކަށް ހޯދާކަށް މާ އުނދަގުލެއް ނުވާނެއެވެ. ނަމަވެސް، މިތަނުގައި ނަންގަނެ، ފާހަގަކޮށްލަން ބޭނުންވަނީ ހުޅަނގުގެ ޔުނިވަސިޓީތަކުގައި އޮންނަ ދަސްވެނިވުމާ ގުޅޭ ބައެއް އާދަތަކުގެ އަސްލު ގުޅެނީ އިހުގެ އިސްލާމީ ސަގާފަތާކަމާއެވެ. ވަކި މަންހަޖެއްގެ ދަށުން ކިޔަވައި، ކުދިން ދަސްވެނިވުން ފާހަގަކުރުން، ތާރީޚީ ގޮތުން ގުޅެނީ އިހުގެ އިސްލާމީ އިޖާޒާ ދިނުމާއެވެ. އެ އިޖާޒާ ނުވަތަ ހުއްދައަކީ ވަކި އިލްމުވެރިއެއްގެ ދަށުން ކިޔަވައި، އެ އިލްމުވެރިޔާ ދެކިލައްވާ ފެންވަރަކަށް ދަރިވަރަށް ތަކެތި އުނގެނިދިޔުމުން، އެހެން މީހުންނަށް އެ ތަކެތި އުނގަންނައިދިނުމުގެ ހުއްދައެއްގެ ގޮތުން ދެވޭ ފާހެކެވެ.

ހަމަ އެހެންމެ، ޔޫރަޕުގައި މިކަންކަން މީލާދީ ގޮތުން 13 ވަނަ ގަރުނުގެ ހިސާބުގައި ފެށުނީ، އިސްލާމީ އަންދަލުސްގެ އިލްމީ ތައުސީރުގެ ދަށުން ކަމުގައި ބައެއް އިލްމުވެރިން ފާހަގަކުރައްވައެވެ. މިސާލެއްގެ ގޮތުން، ޝާމްކަރައިގެ ސިޔާސީ އަދި ދީނީ އިލްމުވެރިއެއް ކަމަށްވާ މަރުހޫމް މުސްތަފާ އައްސިބާއީގެ 'މިން ރަވާއިއު ޙަޟާރަތިނާ' މި ފޮތް ބަލާލާށެވެ. އަދި، ހުޅަނގުގެ ބައެއް ލިޔުންތެރިން ވެސް މިކަންކަން ފާހަގަކޮށްފައި ވެއެވެ. މިސާލެއްގެ ގޮތުން އެމެރިކާގެ ފޮރޯވޯ، ޔޫޓާގެ ބްރިގަމް ޔަންގް ޔުނިވަރސިޓީގެ ތާރީޚު އިލްމުގެ އުސްތާޒެއް ކަމަށްވާ ގުލެން ކޫޕަރގެ ނަން ލިޔެލަމެވެ. އަދި، ހަމަ އެހެންމެ، މިކަން ފާހަގަކޮށް، މިކަމާ ބެހޭ ބައެއް އަރަބި ލިޔުންތައް ތަރުޖަމާކޮށް، ފުރާންސް ކައްސާރު ވެސް ލިޔުއްވާފައިވެއެވެ. އިހުގެ މުސްލިމުންގެ ތެރޭގައި، ކިޔެވުމުގެ މަރުހަލާތައް ކަޑައްތުކުރުމުން، އެކަން ފާހަގަކޮށް، އިހުތިފާލުކުރާ ވާހަކަ، ފިލިޕް ހިއްތީގެ ހިސްޓުރީ އޮފް އެރެބްސް (އަރަބި ތާރީޚު) ގައި ވެސް ލިޔެފައި ވެއެވެ. އާދެ، ދަސްވެނިވުމާއި ގުޅިގެން ދެވޭ ފާސް ދިނުމާއި އެކަމުގެ ހަފްލާ ބާއްވައި އެ ހަފްލާގައި އަޅާ ހެދުމުގެ އަސްލު ގުޅެނީ ހުޅަނގަކާ ނޫނެވެ. އަރަބީ އިސްލާމީ ސަގާފަތާއެވެ. އެހެންވެ، އެފަދަ ހަފްލާތަކުގައި އަރަބި ދިގު ހެދުން ފަދަ ހެދުން އެޅުމަކީ ބިދުއައެކޭ ބުނެވޭނީ ކިހިނެއް ކަމެއް ނޭނގެއެވެ!

ހަމަ އެހެންމެ، މިފަދަ އަރަބި އިސްލާމީ އިހުގެ ސަގާފަތާ ގުޅޭ ކަންކަމުގެ މައްޗަށް އަލިއަޅުވާލި އިރުމަތީގެ އާދަކާދަތައް ދިރާސާކުރި ޖަރުމަނުގެ އިލްމުވެރިއެއް ކަމަށްވާ ޒިޣްރިދް ހޮންކޭގެ އަރަބިންގެ އިރު ހުޅަނގުގައި ވިދާލުން މި ފޮތް ބަލައިލުން ވެސް މުހިއްމެވެ. ކޮފީއާއި ހަކުރު ފަދަ ވަރަށް އާންމު އެއްޗިއްސަކީ އިހުގެ އަރަބި އިސްލާމީ ސަގާފަތާ ގުޅިފައި އޮތް އެއްޗެހިކަން ސާފުވެ ދިޔުމަށްޓަކައެވެ. މިކަން ފާހަގަކޮށްލަން ޖެހުނީ މިއަދު، ހަކުރު އަޅައިގެންނާއި ނާޅައި ކޮފީ ބުއިމަކީ ވެސް ހުޅަނގުން އައި ބިދުއައެއް ކަމަށް މީހަކު ބުނެ، މިކަމަކީ ވެސް މުސްލިމުންނަށް މަނާ ކަމެއް ކަމުގައި ކަނޑައަޅާލަފާނެތީއެވެ!

ދެން، ނިންމާލަމުން ބުނެލަން އޮތް ވާހަކައަކީ، އަޅުގަނޑުމެންގެ ދީނީ ޚިތާބު ކޮންމެ ވެސް ވަރަކަށް ނަމަވެސް، ބަދަލުވާން ވެއްޖެކަމުގެ ވާހަކައެވެ. އިސްލާމީ ހުކުމްތަކަކީ ހަމައެކަނި ތިމާ ދެކޭ ގޮތް ކަމުގައި ކަނޑައަޅައި، ތިމާގެ ރައުޔާ ޚިލާފު ކޮންމެ ގޮތަކީ ހަރާން ނުވަތަ ބިދުއައިގެ ގޮތެއް ކަމުގައި ކަނޑައަޅައި، ތިމާން ނޫން އެހެން ހުރިހާ އެންމެންނަކީ ބިދުއަވެރި، މަގުފުރެދިފައިވާ ނަރަކަވެރިން ކަމުގައި ހެދާލުމުގެ ދީނީ ޚިތާބު ދޫކޮށްލަން ވެއްޖެއެވެ. މީގެ މާނައަކީ ކަންކަމާ ބެހޭ ގޮތުން ފާޑު ނުކިޔާށެކޭ ނޭނެވެ. އެކަން ވެސް ކުރަންވީއެވެ. ނަމަވެސް، ތަންކޮޅެއް އަދަބުވެރި ގޮތެއްގައި، އަނެކާއަށް ވެސް އިހުތިރާމުކުރަމުންނެވެ. ނަރަކަވެރިންނާއި ސުވަރުގެވެރިންނަކީ ކޮބައިކަން ތިމާއަށް އެނގުނު ކަމުގައި ވިޔަސް ވެހެވެ. މީގެ އިތުރުން، ދީނީ ޚިތާބު އަމާޒުވާން ވާނީ ހެޔޮލަފާ އަފުރާދުންނާއި މުޖުތަމައެއް، އަދުގައި ބިނާކުރާނީ ކިހިނެއްތޯ ހޯދުމާއެވެ. މި ސުއާލުގެ ހުރިހާ ޖަވާބެއް، ތަފްސީލީ ސިފައެއްގައި، އިހުގެ އިސްލާމީ ސަގާފަތުގައި ލިޔެވިފައި ނެތިދާނެއެވެ. އެކަންކަން ހޯދަން ޖެހޭނީ އިހުގެ އުސޫލުތަކުގެ އެހީގައި، އަދި، މިއަދުގެ އިޖުތިމާއީ، އިގުތިސާދީ އަދި ސިޔާސީ އޮނިގަނޑުގެ ވެސް ދެނެގަނެ، އެ އޮނިގަނޑަށް ފެތޭ ފަދަ ގޮތެއްގައެވެ.