Support Us

ލަވައެއް ކިޔައިދޭ ވާހަކަ- ތަގުދީރުގެ ވައިރޯޅި

ބައެއް ފަހަރު، ހަޔާތުގައި، ކުރިމަތިލާން ޖެހެނީ ކަޅު އަނދިރި ރޭރެއާއެވެ

އަނެއްބައި ފަހަރު ހަޔާތުގެ ދުވަސްތައް ވަރަށް ވެސް ހިތްގައިމެވެ.

ހަޔާތުގެ ދުވަސްތައް އޮންނާނޭ ގޮތް ކަނޑައަޅާލަނީ ތަގުދީރެވެ

އެހެންވެ، ހަޔާތުގެ ދުވަސްތައް އޮންނާނޭ ގޮތް އެނގޭނީ ހަމަ ތަގުދީރަށެވެ

އޭ ކޮއިފުޅާއެވެ! ސާހިބާއެވެ!

ތަގުދީރުގެ ވައިރޯޅި ބައެއް ފަހަރު ފިނިވެފައި ނަލައެވެ

އަނެއްބައި ފަހަރު ހޫނުވެފައި ގަދައެވެ

ވަރަށް ވެސް ފަޚުރުވެރިވެލާފައި މިވެނި ކަމެއް ކޮށްލާނަމޭ ހިތައި މީހަކު އުޅެފާނެއެވެ

ނަމަވެސް، ތަގުދީރު، ބައެއް ފަހަރު، އެކަމަށް ހުރަސް އަޅައި އެކަން ވިޔަ ނުދެއެވެ

ހަޔާތް ގެނެސްދޭ ރަހަތައް ތަފާތެވެ

އޭގެ ތެރޭގައި ފޮނިފޮނި ރަހަތަކާއި ހިތިހިތި ރަހަތައް ހިމެނެއެވެ

ދުނިޔޭގައި ހިތްދަމައިގަންނަ އެތައްއެތައް ކަމެއް ވެއެވެ

ނަމަވެސް އެއްބަޔަކަށް ލިބެނީ ހަމަ ހިކިހިކި ރޮށިކޮޅެކެވެ

އަނެއް ބަޔަކު ހިތް ފުރެންދެން ކާން މީރު ކާނާ ލިބެއެވެ

ހަޔާތުގެ މުގު ބަތްޕެންގަނޑު ބައެއް ފަހަރު ވަރަށް ވެސް މީރެވެ

އަނެއްބައި ފަހަރު އެއިން ލަނީ ހިތި ރަހައެވެ

ހަޔާތް ވޭނާއި ހިތާމަ ވެސް މެދުވެރި ކުރުވައެވެ

ހަޔާތުގެ މަސްތީ މަޖާކުރުން ބައެއް ފަހަރު ވަރަށް ވެސް ހިތްގައިމެވެ

އަނެއްބައި ފަހަރު އެކަން ވެސް އޮންނަނީ އަނިޔާއަކަށް ވެފައެވެ.

ހަޔާތުގެ ކަންތައް ހަމަޖެހިފައި އޮންނަނީ މި ނަންގަތް ދެ ބައި ވެސް ހިމެނިގެންނެވެ

ފިނި ރޯޅިއާއި ހޫނު ރޯޅިއެވެ

ފޮނި ރަހަތަކާއި ހިތި ރަހަތަކެވެ

މީރާއި ނުބައި ކާނާއެވެ

ތަނަވަސް ކަމާއި ދަތިކަމެވެ

އުފަލާއި ހިތާމައެވެ

މިއިން އެއްވެސް ކަމަކީ ދާއިމަށް ދެމިގެން ދާނޭ ކަމެއް ނޫނެވެ. އެހެންވެ، އިންސާނާއަށް އޮތީ ކެތްތެރިކަމާއެކު އެކަންކަމާ ކުރިމަތިލުމެވެ