Support Us

ކޮލަމް ކޯދު: "ހެޔޮލަފާ އިންސާނަކަށް ވާށެވެ!"

ޅެމެއްގެ މާނައާއި ޝަރަހައެއް (އަރަބި ބަސްދަސްކުރާ ކުދިންނަށް!)

އަނެއްކާވެސް މިއީ އީލިޔާ އަބޫމާޟީގެ ޅެމެއްގެ ތަރުޖަމާއާއި އެޅެމުގެ ޝަރަހައެކެވެ. އޭނާގެ كن بلسما މިޅެމުން ހޮވާލެވިފައިވާ ބައިތުކޮޅެއްގެ ތަރުޖަމާއާއި ޝަރަހައެކެވެ. މީގެ ކުރީން ވެސް އީލިޔާގެ ދެޅެމެއްގެ ތަރުޖަމާ ގެނެސްދެވިފައިވާނެއެވެ. އަދި އެއާއެކު އީލިޔާގެ ކުޑަ ތައާރަފެއްވެސް ގެނެސްދެވިފައިވާނެއެވެ. އެ ތައާރަފުން ބައެއް މިތަނުގައި ނަކަލު ކޮށްލާނަމެވެ.

އަރަބި ޅެންވެރިކަމުގެ ދުނިޔޭގައި އީލިޔާ އަބޫމާޟީ މަޝްހޫރުވެފައި ވަނީ "ޝާޢިރުއް ތަފާއުލު"ގެ ނަމުންނެވެ. އާދެ، ހެޔޮ ފާލުގެ ޅެންވެރިޔާގެ ގޮތުގައެވެ. ކޮންމެ ހާލަތެއްގައި ވިޔަސް، އުފަލުން ހިނިތުންވެހުރެ ދުނިޔަވީ ހަޔާތުގައި ކުރިމަތިވާ އިމްތިހާނުތަކުގައި ކެރިގެން ކުރިމަތިލާން، އޭނާގެ ޅެންތަކުގައި ގޮވާލައްވައިފައިވާތީ އެވެ.

މި ޅެމަކީ ޚާއްސަ މުނާސަބަތަކާއި ގުޅިގެން ޝާއިރު ހެއްދެވި ޅެމެކެވެ. ގަދަރުވެރި ޝަޚުސިއްޔަތެއް ކުރެއްވި ޒިޔާރަތެއްގެ މުނާސަބަތާ ގުޅިގެން ބޭއްވުނު ހަފުލާއެއްގައި ކިޔުއްވި ޅެމެކެވެ. މިޅެމުގައި ޝާއިރު ފޯރުކޮށްދެއްވާ މެސެޖަކީ ކޮންމެ މީހަކުވެސް ހެޔޮލަފާ އިންސާނަކަށް ވެވޭތޯ މަސައްކަތް ކުރަންވީއެވެ. އަދި މީހެއްގެ ހެޔޮލަފާކަން ފެނިގެންދަނީ އޭނާގެ އިހުސާންތެރިކަމުގެ ތެރެއިންނެވެ. އޭނާގެ ފަރާތުން އެހެން މީހުންނަށް ލިބިދޭ އަޅާލުމާއި އޯގާތެރިކަމުގެ ތެރެއިންނެވެ. މިކަން ކުރެވޭނީ އެހެން މީހުން ދެކެ ފޫހިވުމާއި ރުޅިއައުން ދޫކޮށް އެމީހުން ދެކެ ލޯބިވެވިގެންނެވެ. އެމީހުންނަށް އިހުތިރާމު އަދާކުރެވި ގަދަރުކުރެވިގެންނެވެ. މިގޮތަށް ކަންތައް ކުރެވިއްޖެނަމަ ތިމާއަށް ހަގީގީ އުފަލާއި ހިތްހަމަޖެހުން ލިބެއެވެ. އަދި ތިމާގެ އަމިއްލަ ހަޔާތް އުޖާލާވެ ބާއްޖަވެރިވެއެވެ.

މި ތަރުޖަމާ މިހުށަހަޅާލަނީ އަރަބި ޅެމުގެ އަސްލާއެކުގައެވެ. އަދި ޅެމުގައި އެކުލެވޭ ލަފްޒުތަކާއި އިބާރާތްތަކުގެ މާނަ ވަކީންވެސް ގެނެސްދެމުންނެވެ. ތަރުޖަމާއާއި ޝަރަހައާ މެދު ފާޑުކިޔުމުގެ ނަޒަރަކުން ބަލައިލުމުގެމަގު ފަހިވެގެންދާނެ ކަމަށް ހީކޮށެވެ.

****

ޅެމާއި ތަރުޖަމާ

كُنْ بَلْسَمًا إنْ صَارَ دَهْرُكَ أرْقمَا وَحَلاوَةً إنْ صَارَ غَيْرُكَ عَلْقَمَا

كن ވާށެވެ!

بلسما ބާމަކަށް، ހެޔޮލަފާ އިންސާނަކަށް،

ބަލްސަމް އަކީ ހަމަ މިނަންދެވިފައިވާ ގަހަކުން ނެގެނޭ ކިރަށް ކިޔާނަމެކެވެ. މިކިރު ބޭސްފަރުވާއަށް ބޭނުންކުރެވެއެވެ. އިނގިރޭސި ބަހުގެ 'ބާމް' ވެސް ގުޅެނީ މިލަފުޒާއެވެ. އަރަބި ބަހުގައި، 'ހެޔޮލަފާ މީހާ، މިމާނައިގައިވެސް ބަލްސަމް ބޭނުންކުރެވެއެވެ. މިތަނުގައި ބަލްސަމްގެ ލަފްޒީ މާނައަކީ 'އެއިން ބަލިބައްޔަށް ފުރިހަމަ ޝިފާ ލިބިދޭ އެއްޗެއް' މިއެވެ. މުރާދަކީ 'ހެޔޮލަފާ އިންސާނާ' މިއެވެ.

إن صار ބަދަލުވެގެން، ފުރޮޅިގެން ދިޔަސްވެހެވެ.

دهرك ކަލާގެ ޒަމާން، ކަލާގެ ދުވަސްތައް،

أرقما ކަޅު ވިހަގަދަ ހަރުފައަކަށް

وحلاوة މީރުފޮނިކަމަކަށް

إن صار ބަދަލުވެގެން، ފުރޮޅިގެން ދިޔަސްވެހެވެ.

غيرك އެހެން މީސްމީހުން

علقما ހިތިކަމުގެ ބަޔަކަށް، އެބަހީ ހަސަދަވެރިބަޔަކަށް،

އަލްގަމަކީ ސަހަރާގައި ފަޅާ ޙަންޡަލުގަހަށް ކިޔާނަމެވެ. އަދި ކޮންމެ ހިތި އެއްޗަކަށްވެސް ޢަލްގަމޭ ކިޔެއެވެ. މިތަނުގައި ޢަލްގަމް މިލަފުޒުން ގަސްދުކުރެވޭ މާނައަކީ ހިތްނުބައިވުން، ހަސަދަލުން ނުވަތަ ހަސަދަވެރިވުން، މިއެވެ.

ޒަމާން (ކަލާގެ ހަޔާތަށް ވިހަލާ) ހަރުފައަކަށް ވެއްޖެނަމަ، (އެވިހައިގެ) ފުރިހަމަ ޝިފާ ކަމުގައި ކަލާވާށެވެ.

އަދި އެހެން މީސްމީހުން، (ކަލާއާ މެދު ހަސަދަވެރިވެ ހިތް ނުބައިކޮށް، ކަލާގެ ހަޔާތަށް) ހިތިކަން ގެނެސްފިނަމަ، (އެ ހިތިކަން ފިލުވާލަދޭ) މީރުފޮނި ކަމަކަށް ކަލާ ވާށެވެ.

ޝަރަހަ

އިންސާނާއާ މުހާތަބުކޮށް، އޭނާ ގާތުގައި ޅެންވެރިޔާ ވިދާޅުވަނީ ހެޔޮލަފާ މީހަކަށްވުމަށެވެ. ކިތަންމެ ދަތި ހާލުގައި އުޅެންޖެހިފައި އޮތް ކަމަށް ވިޔަސްވެހެވެ. އަދި، އޭނާއަށް ހެޔޮގޮތެއް މެދުވެރިވާ ހިނދު، އެހެން މީހުން، އެކަމާމެދު ހިތްނުބައިކޮށް، އޭނާއާމެދު ހަސަދަވެރިވިޔަސްވެހެވެ. އަދޭ! އުފަލުގައި ހުއްޓަސް ނޫނީ ދެރަ ހިތާމަވެރި ހާލަތެއް މެދުވެރިވެފައި އޮތް ކަމުގައިވިޔަސް، ލަފާއިންސާނެއްގެ ގޮތުގައި ދެމިހުންނާށެވެ.

ޅެމާއި ތަރުޖަމާ

إنَّ الْحَيَاةَ حَبَتْكَ كُنُوزَهَا لا تَبْخَلَنَّ عَلَى الْحَيَاةِ بِبَعْضِ مَا

إن ހަމަކަށަވަރުން

الحياة ހަޔާތްވަނީ

حبتك ކަލާއަށް ދީފައެވެ

كنوزها އޭގެ ކަންޒުތައް، ގިނަގުނަ ނިއުމަތްތައް،

لا تبخلن ދަހިވެތި ނުވާށެވެ.

على الحياة ހަޔާތުގެ މައްޗަށް، އެބަހީ އެހެން މީސްމީހުންނަށް ފޯރުކޮށްލަދިނުމަށް،

ببعض ما އޭގެ ތެރެއިން ކުޑަ މިންވަރެއް ނަމަވެސް،

(މިދުނިޔަވީ) ހަޔާތްވަނީ ކަލާއަށް އެތައް އެތައް އަގުހުރި ނިއުމަތެއް ހިބައިން ދީފައެވެ. އެހެންވެ، އެއިން ކުޑަކުޑަ އެއްޗެއް ނަމަވެސް (އެހެން މީހުންނަށް) އަނބުރާދިނުމަށް ދަހިވެތިނުވާށެވެ.

ޝަރަހަ

މިބައިތުގައި ހެޔޮލަފާ އިންސާނަކަށް ވެވިދާނެގޮތް ޅެންވެރިޔާ ވިދާޅުވެދެއްވައެވެ. އެއީ އެހެން މީސްމީހުންނަށް ހެޔޮކޮށްހިތައިގެންނެވެ. އެހެން މީސްމީހުންނަށް އިހުސާންތެރިކަން ފޯރުކޮށްދީގެންނެވެ. މިފަދަ ގޮތަކަށް އަމަލު ނުކުރެވެންވީ ސަބަނެއް ނެތްކަން ޅެންވެރިޔާ ފާހަގަކުރައްވައެވެ. އެއީ ކޮންމެ މީހަކަށްވެސް ގުދުރަތުން ވަނީ އެތައްއެތައް ނިއުމަތްތަކެއް ދެއްވާފައެވެ. ބައެއް މީސްމީހުންނަށް މާއްދީ ނިއުމަތްތަކެވެ. މުދަލާއި ފައިސާއެވެ. އަނެއްބައި މީހުންނަށް އިލްމާއި ހުނަރެވެ. އަދި ފުރިހަމަ ސިއްހަތާއި ދުޅަހެޔޮކަމެވެ. އެހެންވީއިރު، އެމީހަކަށް ގުދުރަތުން ދެއްވައިފައިވާ އެއްޗަކުން ކިތަންމެ ކުޑަ މިންވަރެއްވެސް އަނެކާއާ ހިއްސާކޮށްލާ އިހުސާންތެރި ނުވެވޭންވީ ކީއްވެހެއްޔެވެ؟ ނަބަވީ އިރުޝާދެއްގައި ވާ ފަދައިން، ތިމާ އަނެކުންނާ ބައްދަލުވާއިރު، ހިނިތުންވެލާ އުފާވެރި މޫނެއް ދައްކާލުންވެސް އެއީ ސަދަގާތެކެވެ. މަގުމަތީގައި އޮންނަ ކުނިކޮޅެއް ނަގައި ނޫނީ މަގުމައްޗަށް ކުޅުޖެހުން ފަދަ، މަގުމަތި ހަޑިވެ، މީހުންނަށް އުނދަގޫވެދާނެ ފަދަ ކަންކަމުން ދުރުހެލިވުންވެސް ހިމެނެނީ ހެޔޮކަންތައް ތަކުގެތެރޭގައެވެ. ހަމަ އެހެންމެ، ހެޔޮ ބަހެއްބުނެ އަނެކުން އުފާކޮށްލަދިނުމަކީވެސް އިހުސާންތެރިވުމެކެވެ. އެހެން މީހުންނާ ދޭތެރޭ ނުބައި ހީތައް ހީކުރުން ދޫކޮށް، ހިތް ހެޔޮކޮށްލުމަކީވެސް ހަމަ ސާލިހު އަމަލެކެވެ.

ޅެމާއި ތަރުޖަމާ

أحْسِنْ وَإنْ لَمْ تُجْزَ حَتَّى بِالثَّنَا أيَّ الْجَزَاءِ الْغَيْثَ يَبْغِي إنْ هَمَى

أحسن އިހުސާންތެރިވާށެވެ! ދީލަތިވާށެވެ! ހެޔޮކޮށް ހިތާށެވެ!

وإن لم تجز އެކަމުގެ ހެޔޮ ހެޔޮޖަޒާ ކަލާއަށް ނުލިބުނަސް،

حتى بالثنا އެންމެ ކުޑަވެގެން ތައުރީފުގެ ބަސްކޮޅަކުން ވިޔަސްވެހެވެ.

أي الجزاء ކޮން ހެޔޮ ޖަޒާ އެއްހެއްޔެވެ؟

الغيث ވާރޭ

يبغي އެދެނީ

إن همى ވެހިއްޖެނަމަ

(އެހެން މީހުންނަށް) އިހުސާންތެރިވާށެވެ. (އެންމެ ރަނގަޅު ގޮތުގައި އެންމެ ފުރިހަމައަށް އަބަދުވެސް ކަންތައްކުރެވޭތޯ ބަލާށެވެ.) އިހުސާންތެރި ވުމުން އެންމެ ކުޑަވެގެން މީހެއްގެ ތައުރީފުގެ ބަހެއްހާ ހިސާބުވެސް ނުލިބުނަސްވެހެވެ.

(ނިކަން ދެކިބަލާށެވެ!) ވާރޭ (އޭގެ ފެން) ވެއްސާލުމަށްފަހު، އޭގެ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުންވެގެން އުޅޭހެއްޔެވެ؟

ޝަރަހަ

ޅެންވެރިޔާ މިބައިތުގައި ވިދާޅުވަނީ ހެޔޮ ކަންތައްތައް ކުރުމުގައި އިޚުލާސްތެރިވުމަށެވެ. އެހެން މީހަކަށް ކަމެއް ކޮށްދޭނަމަ، އޭނާގެ ކިބައިން އެއްވެސް ބަދަލަކަށް ނޭދުމަށެވެ. މިއީ އެންމެ މާތް އިލާހީގޮތެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރައްވައިފައިވާ ފަދައިން، މާތްﷲ އަޅުތަކުންނަށް ނިއުމަތްލައްވާ ހެޔޮ ގޮތްތައް މިންވަރުކުރައްވަނީ އެމީހުންގެ ކިބައިން ބަދަލެއް ކީއްކުރަން އަދި ޝުކުރުވެރިވުންވެސް އެދިވޮޑިގެންނެއް ނޫނެވެ. ނަބަވީ އިރުޝާދެއްގައިވެސް މިއީ އިހުލާސްތެރިކަމުގެ އިންތިހާ ކަމުގައި ބަޔާންކުރެވިފައިވެއެވެ. ސަދަގާތްކުރުމުގައި ކަނާތުން ދޭ އެއްޗެއް ވާތަށްވެސް ނޭނގޭގޮތަށް ދިނުމަށް އިރުޝާދު ދެވިފައިވެއެވެ.

އިހުލާސްތެރިކަމުގެ މިސާލެއް ދެއްކުމުގެ ގޮތުން މިބައިތުގެ އަޖުޒުގައި، ވާރޭގެ މިސާލު ގެނެވިފައިވެއެވެ. ވާރޭ، އޭގެ ފެން، ތަންތަނަށް ވެއްސައި ބޯނޭފެނާއި އަދި އެފެން މެދުވަރިކޮށް ދަނޑުގޮވާންކޮށްގެން ކާނާ ލިބޭނޭގޮތް މެދުވެރިކުރެއެވެ. ނަމަވެސް މިފަދަ ބޮޑު އިހުސާންތެރިކަމެއް ފޯރުކޮށްދިނުމަށްފަހުވެސް އެކަމުގެ އަގެއް ހޯދާކަށް ނޫނީ އެކަމުގެ އެއްވެސް ބަދަލެއް ބޭނުންވެގެންނެއް ވާރޭއެއް ނޫޅެއެވެ. އިންސާނާވެސް އިހުސާންތެރިވުމުގައި ނަމޫނާއަކަށް ބަލަންވީ ވާރޭއެވެ! އަދި އެއްވެސް ބަދަލެއް ނޭދި އެހެން މީހުންނަށް އަޅާލާ ކަމޭހިތާންވީއެވެ.

ޅެމާއި ތަރުޖަމާ

مَنْ ذَا يُكَافِئُ زَهْرَةً فَوَّاحَةً؟ أوْ مَنْ يُثِيبُ الْبُلْبُلَ الْمُتَرَنِّمَا

من ذا އެމީހަކު ކޮބާހެއްޔެވެ؟

يكافئ ހައްގު ބަދަލުދޭ

زهرة މަލަކަށް

فواحة މީރުވަސް ދުއްވާލާ

أو ނޫނީ

من ކާކުހެއްޔެވެ؟

يثيب ޘަވާބު ދެނީ، ހެޔޮޖަޒާ ދެނީ

البلبل ބުލްބުލަށް

المترنما ތަރާނާ، ލަވަ، ކިޔަމުންދާ

(ހަމަ އެހެންމެ، ޖައްވުގެތެރޭގައި އޭގެ އަތަރުވަހުން) މީރުވަސް ދުއްވާލާ މަލަށް، އެކަމުގެ ބަދަލުދެނީ ކާކުހެއްޔެވެ؟

ނޫނީ ތަރާނާތައް ކިޔަމުން (މީހުންގެ ހިތްތަކަށް އުފާވެރިކަން ގެނެސްދީ އުދުހިއުޅޭ) ބުލްބުލަށް އެކަމުގެ ހެޔޮޖަޒާ ދެނީ ކާކުހެއްޔެވެ؟

ޝަރަހަ

އިހުލާސްތެރިކަމުގެ އިތުރު މިސާލުތައް މިބައިތުގައި ގެނެސްދެވިފައިވެއެވެ. ގުލްޒާރުގައިވާ މާމެލާމެއްޔާއި އެޒާރުގައި އުދުހިއުޅޭ ބުލްބުލު ފަދަ ދޫނިތަކުގެ މިސާލެވެ. މާމެލާމެލި ޖައްވުގެތެރެއަށް މުއައްތަރު މީރުވަސް ދުއްވާލައި މީސްތަކުންގެ ހިތްތަކަށް ހިތްހަމަޖެހުން ގެނެސްދެއެވެ. އަދި ބުލްބުލް ފަދަ ދޫނިތައް ލަވަކިޔައި އުދުހި މީސްތަކުން އުފާކޮށްދެއެވެ. މިއިންކަމަށް، އެއްވެސް މީހަކު، އެއިން އެއްޗަކަށް، ބަދަލެއްދޭ ހެއްޔެވެ؟ ނުދެއެވެ. ނަމަވެސް މާމެލާމެލި މުޅިޖައްވު މުއައްތަރުކުރަމުން ގެންދެއެވެ. ބުލްބުލްތައް ލަވަކިޔައި މީސްތަކުން އުފާކޮށްދެއެވެ.

ޅެމާއި ތަރުޖަމާ

عُدَّ الْكِرَامَ الْمُحْسِنِيْنَ وَقِسْهُمُ بِهِمَا تَجِدْ هذَيْنِ مِنْهُمَ أكْرَمَا

عد ގުނާ ހިމަނާށެވެ!

الكرام ދީލަތިމީހުން

المحسنين އިހުސާންތެރި، ހެޔޮކަންތައްކުރާ،

وقسهم އަދި އެމީހުންނާ އަޅާކިޔާބަލާށެވެ!

بهما އެދޭއްޗާއި، (މީރުވަސް ދުއްވާލާ މަލާއި އަދި ލަވަކިޔާ ބުލްބުލާއި)

تجد ކަލާއަށް ފެންނާނެއެވެ، އެނގޭނެއެވެ.

هذين އެދޭތިވެސް

مهنم އެމީންނަށްވުރެން، ދީލަތި އިހުސާންތެރީނަށްވުރެން،

أكرما މާބޮޑަށް ދީލަތިކަން

(ދުނިޔޭގައި ވާހައި) ދީލަތި އިހުސާންތެރީން ގުނައި އަދަދުކޮށްބަލާށެވެ. އަދި މި އިހުސާންތެރީންނާއި މިނަންގަތް މަލާ އަދި ބުލްބުލާ އަޅާކިޔާލަބަލާށެވެ! އެމަލާ ބުލްބުލްގެ ދީލަތިކަން، ހުރިހާ އިހުސާންތެރީންނަށްވުރެވެސް، ބޮޑުކަން ކަލާއަށް އެނގިސާފުވާނެއެވެ.

ޝަރަހަ

ޅެންވެރިޔާ މިބައިތުގައި ވިދާޅުވަނީ ބޮޑެތި ބޮޑެތި ދީލަތި މުހުސިނުން ގުނާ އަދަދުކޮށް އަދި މާމެލާމެއްޔާއި ބުލްބުލް ފަދަ ދޫނިތަކާ އަޅާކިޔުމަށެވެ. މިދެބައިމީހުންކުރެން ދީލަތިކަން ބޮޑީ ކާކުތޯ ބެލުމަށްޓަކައެވެ. ޅެންވެރިޔާގެ ނަޒަރުގައި މާމެލާމެއްޔާއި ބުލްބުލް ފަދަ ދޫނިތަކުގެ ދީލަތިކަން މާބޮޑެވެ. އެހެނީ އެވެރީން އެވެރީންގެ އިހުސާންތެރިކަމުގެ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުމެއް ނުވެއެވެ. މާއްދީ ފައިދާއެއް، ޝުހުރަތެއް، ނޫންނަމަ ޝުކުރާއި ތައުރީފެއްވެސް ބޭނުމެއްނުވެއެވެ.

ޅެމާއި ތަރުޖަމާ

يَاصَاحِ خُذْ عِلْمَ الْمَحَبَّةِ عَنْهُمَا إنِّي وَجَدْتُ الْحُبَّ عِلْمًا قَيِّمَا

ياصاح އޭ އަހަރެންގެ އެކުވަރިޔާއެވެ. (މިތާނގައި ياصاح ރަމްޒުކުރަނީ ياصاحبي އަށެވެ.)

خذ އުނގެނޭށެވެ، ލިބިގަންނާށެވެ! (ލަފުޒީ މާނައަކީ 'ނަގާށެވެ'!)

علم އިލްމު

المحبة ލޯބީގެ

عنهما އެދޭތީގެ ކިބައިން

إني ހަމަކަށަވަރުން އަހަރެންނަށް

وجدت އެނގެއެވެ.

الحب ލޯތްބަކީ

علما އިލްމެއްކަން

قيما އަގުހުރި

އޭ އަހަރެންގެ އެކުވެރިޔާއެވެ! (ހާލިސް) ލޯބީގެ އިލްމު އެމަލުންނާއި ބުލްބުލްގެ ކިބައިން އުނގެނި ދަސްކުރާށެވެ.

އަހަރެން ދެކެނީ ލޯބީގެ އިލްމަކީ (ކޮންމެހެންވެސް އުނގެނެންޖެހޭ) އަގުހުރި އިލްމެއްކަމެވެ.

ޝަރަހަ

މާމެލާމެއްޔާއި ބުލްބުލް ފަދަ ދޫނިތަކުގެ އިހުސާންތެރިކަން ބޮޑެތި ބޮޑެތި ދީލަތި މުހުސިނުންނަށްވުރެ ބޮޑު ކަމަށްވާއިރު، ޅެންވެރިޔާ އޭނާގެ ހިޔާލީ އެކުވެރިޔަކާ މުހާތަބުކޮށް ވިދާޅުވަނީ ލޯބީގެ އިލްމު އެވެރީންގެ ކިބައިން އުނގެނުމަށެވެ. އެހެން މީހުންދެކެ ލޯބިވެ، އެހެން މީހުނަށް ކަމޭހިތައި އިހުސާންތެރިވާން ދަސްކުރަންވީ މިފަދަ ދޫނިތަކާއި މާމަލުގެ ކިބައިންނެވެ. އެއްވެސް އަމިއްލަ އެދުމެއްނެތި، އެންމެ ތާހިރު ގޮތުގައި އެހެން މީހުން ދެކެ ލޯބިވެ އެމީހުންނަށް އިހުސާންތެރިވާނީ ކިހިނެތްކަން ދަސްކުރަންވީ މާމަލާމެއްޔާއި ބުލްބުލް ފަދަ ދޫނިދޫނީގެ ކިބައިންނެވެ.

ޅެމާއި ތަރުޖަމާ

لَوْ لَمْ تَفُحْ هذِي وَهذَا مَا شَدَا عَاشَتْ مُذَمَّمَةً وَعَاشَ مُذَمَّمَا

لو ނަމަ

لم تفح މީރުވަހެއް ނުދުވި

هذي މިއިން (މިމަލުން)

وهذا އަދިމި (މިބުލްބުލް)

ما شدا ލަވަ ނުކީ (ނަމަ)

عاشت މި(މާ) ދިރިހުންނަހުށީ

مذممة ބަދުބަސް ލިބޭހާލުގައެވެ. مذمم ގެ އައިސްފައިވަނީ ذم މިމަސްދަރުންނެވެ. އޭގެ މާނައަކީ ބަދުބަހެވެ. ذَمَّمَ ގެ މާނައަކީ 'ބަދުބަސްބުނެ އެއްޗެތި ކިޔައިފި' މިއެވެ. ތައުރީފުކުރުމުގެ އިދިކޮޅެވެ. مذمم އަކީ ذم، ބަދުބަސް، ރައްދުވާފަރާތެވެ. ބަދުބަސް ލިބޭ މީހާއެވެ. މީގެ އިދިކޮޅަކީ محمد އެވެ. ތައުރީފާއި ޝުކުރު ލިބޭ ފަރާތެވެ.

وعاش އަދި އެ(ބުލްބުލް) ދިރިހުރީހީ

مذمما ބަދުބަސް ލިބޭހާލުގައެވެ

އެމަލުން މީރުވަސް ނުދުވިނަމަ، އަދި އެބުލްބުލް ލަވަނުކީނަމަ އެމަލާއި އަދި ބުލްބުލްވެސް އޭގެ ހަޔާތް ވޭތުކޮށްލީހީ އެއަށް އެއްޗެތި ކިޔެވި އަދި ނަރްފަތު ލިބިގެންވީ ހާލަތުގައެވެ.

ޝަރަހަ

ފިނިފެންމަލުން މީރުވަސް ނުދުވިނަމަ، އަދި ބުލްބުލް ރިވެތި ތަރާނާތައް ނުކޔާނަމަ، މީސްތަކުން އެ އެއްޗިއްސަށް ލޯބިކޮށް ތައުރީފުގެ ބަސްތައް ކިޔައި އުޅުނީސްހެއްޔެވެ؟ މިފަދަ ގޮތެއްގައި މީސްތަކުންނަށް އެއެއްޗެތި އިހުސާންތެރި ނުވިނަމަ، އެ އެއްޗިއްސަށް ލިބޭނީ ކޮން ހެޔޮބަހެއް ހެއްޔެވެ؟ އަދި ކިއެއް ހެއްޔެވެ! އެހެންނުވިނަމަ އެއަށް ލިބޭނީ މީހުންގެ ބަދުބަހެވެ. ގަބުރުމަލަށް (މިއީ އިންޑޮނީސިއާގެ ސުމާޓުރާގައި ހެދޭ، ދުނިޔޭގައިވާ އެންމެ ނުބައިވަސްދުވާ މާކަމުގައި ހިމެނޭމަލެވެ. އެއިން ދުވާ ކަމަށްވަނީ ކުނިވެ ފުޅައަޅާފައިވާ ގަބުރަކުން ދުވާވަހެވެ.) ނުވަތަ ކާޅުގެ ގޮވުމަށް ލިބޭފަދަ ބަދު ބަސްބަހެވެ. އެހެންވެ، އިންސާނުންނަށްވެސް އިހުލާސްތެރިކަމާއެކު އިހުސާންތެރި ނުވެވޭނަމަ، ލިބޭނީ ބަދުބަސްތަކެވެ. މީހުންގެ ނަފުރަތާއި ބަދު ދުއާތަކެވެ.

ޅެމާއި ތަރުޖަމާ

فَاعْمَلْ لإسْعَادِ السِّوَى وَهَنَائِهِم إنْ شِئْتَ تَسْعَدُ فِي الْحَيَاةِ وَتَنْعَمَا

فاعمل އެހެންވެ، މަސައްކަތްކުރާށެވެ!

لإسعاد އުފާކޮށްދިނުމަށްޓަކައި

السوى އެހެންމީސްމީހުން

وهنائهم އަދި އެމީހުންގެ ހިތްހަމަޖެހިދިޔުމަށްޓަކައި

إن شئت ކަލާ އެދޭނަމަ

تسعد ބާއްޖަވެރިވުމަށް

في الحياة (ކަލާގެ އަމިއްލަ) ހަޔާތުގައި

وتنعما އަދި ކަލާއަށް ނިއުމަތް ލިބިގެންވުމަށާއި

އެހެންވެ (ކުރީން މިދެންނެވި ކަންކަމުން އިބުރަތް ލިބިގަނެ) އެހެން މީސްމީހުން (ގެހަޔާތް) ބާއްޖަވެރިކޮށްދީ އެމީހުންގެ ހިތް ހަމަޖެއްސުމަށްޓަކައި މަސައްކަތްކުރާށެވެ! ކަލާގެ ހަޔާތް ބާއްޖަވެރިކޮށް ހިތްހަމަޖެހުން އެދޭނަމައެވެ.

ޝަރަހަ

އިހުސާންތެރިވުމުގައި އިޚުލާސްތެރިކަމުގެ މިސާލުތައް ބަޔާންކުރުމަށްފަހު، މިބައިތުގައި ޅެންވެރިޔާ ވިދާޅުވަނީ ކޮންމެ މީހަކުވިޔަސް، އޭނާގެ ހަޔާތް ބާއްޖަވެރިކޮށް، ހަގީގީ އުފާ ހޯދަން ބޭނުން ކަމަށްވަންޏާ، އެހެން މީހުންނަށް ކަމޭހިތައި އިހުސާންތެރިވުމަށެވެ. މިބަހުގައި ވަރަށްވަރުގަދަ ހަގީގަތެއް ވާކަމަށް ގަބޫލުކުރެވެއެވެ. އިންސާނީ ހަޔާތައް ބަލާލުމުންނެވެ. އާއްމު ގޮތެއްގައި އިންސާނުންގެ ދުނިޔެވީ މަގުސަދަކަށްވެފައި އޮންނަނީ އެމީހުންގެ އަމިއްލަ ހަޔާތް ބާއްޖަވެރިކުރުމަށެވެ. މިލަނޑުދަނޑި އާހަމައަށް ވާސިލުވުމަށްޓަކައި ތަފާތު ކަންތައް ކުރެއެވެ. އުނގެނުމުގެ މަސައްކަތެވެ. އެކިއެކި ވަޒީފާތައް އަދާކުރުމާއި ކުޅިވަރުކުޅުން ފަދަ މަސައްކަތެވެ. މުދަލާއި ފައިސާ ހޯދުމުގެ މަސައްކަތްތެވެ. މިކަންކަމުގައި ގިނަގުނަ ކާމިޔާބުތައް ހޯދުމެވެ. އަދި އެފަދަ ކާމިޔާބުތަކާއި ގުޅިގެން ލިބޭ ޝުހުރަތާއި ބާރާއި ޖާހުވެސް އެދިގެންނެވެ. މިއިންކަމެއް ހާސިލުނުވާ ހާހިނދު، މި ކަންކަން ފެންނަނީ ހަޔާތް ބާއްޖަވެރިކޮށް، އުފަލާއި ހިތްހަމަޖެހުން ގެނެސްދޭނޭ ކަންކަމުގެ ގޮތުގައެވެ. ޝައްކެއްނެތެވެ. މިފަދަ މަސައްކަތްތައްކޮށް ކާމިޔާބުތައް ހޯދުމަކީ ނުހަނު އެދެވިގެންވާ ކަމެކެވެ. އެކަމަށް ހިތްވަރުދީ ބާރުއަޅަންޖެހޭނޭ ކަންތައްވެސްމެއެވެ. ނަމަވެސް، ސުއާލަކީ އިންސާނާގެ ހުރިހާއުފަލެއް ގުޅިފައިވަނީ ހަމައެކަނި މިކަންކަމާތޯއެވެ. ޖަވާބުގައި ދެންނެވޭނީ ހިޔެއްނުވެއެވެ. ދުނިޔޭގައި އެކިއެކި ބޮޑެތި ކާމިޔާބުތައް ހޯދައިފައިވާ މީހުންގެ ހަޔާތަށް ބަލާލާއިރު މިކަން ސާފުވެއެވެ. ދެތިން މިސާލެއް ލިޔެލާނަމެވެ.

އެންމެ ފުރަތަމަ ސައިންސް އިލްމުވެރިޔެއްގެ ވާހަކައެކެވެ. އާނާއަކީ އެމީލް ފިޝަރއެވެ. ޖަރުމަނުވިލާތުގެ މަޝްހޫރު ކެމިސްޓެކެވެ. އޭނާއަށް ކެމިސްޓްރީގެ ނޯބެލް އިނާމު 1902 ގައި ލިބުނެވެ. އާދެ! އިލްމުވެރިކަމުގައި ލިބޭނޭ އެންމެ މަތިވެރި ކާމިޔާބެވެ. ހަޔާތަށް އުފަލާއި ބާއްޖަވެރިކަން ގެނެސްދޭން ޖެހޭނޭ ކަމެކެވެ. ނަމަވެސް އޭނާގެ ހަޔާތުގެ ނިމުމަށް ބަލާލާއިރު ފެންނަނީ ހިތްދަތިކަމާއި އަބާއްޖަވެރިކަމެވެ. މީގެ ސަބަބަކީ ކޮބައިކަން މި މަގާމުގައި ހޯދުން މުހިއްމެއް ނޫނެވެ. މުހިއްމީ އޭނާގެ ހިތްހަމަނުޖެހިފައިވާކަން ފާހަގަކޮށްލުމެވެ. ފައިސާއާއި މުދަލާއި ޝުހުރަތު ލިބިފައި ވީއިރުވެސްމެއެވެ. އެހެންވެ، އަމިއްލައަށް މަރުވެގެން ހަޔާތް ނިންމާލަންޖެހުނުކަމެވެ.

ހަމަ މިގޮތަށް ކާމިޔާބު ހާސިލުކޮށް މުދަލާއި ޝުހުރަތު ލިބުމަށްފަހު އެމީހުންގެ ހަޔާތް އަމިއްލައަށް މަރުވެ، ނިންމާލި މީހުންގެ ތެރޭގައި އެހެން ދެ ނޯބެލް އިނާމު ހާސިލުކުރި ދެބޭކަލަކުވެސް ހިމެނެއެވެ. އަދަބިއްޔާތުގެ ރޮނގުން ނޯބެލް އިނާމު 1954 ގައި ހާސިލުކުރި އެމެރިކާގެ އާރނަސްޓް ހެމިންގްވޭ އާއި ހަމަ އެރޮނގުން ނޯބެލް އިނާމު 1968ގައި ހާސިލުކުރި ޖަޕާނުގެ ޔަސުނާރީ ކަވަބާޓާއެވެ.

މީގެ އަނެއްކޮޅުވެސް އަޅުގަނޑުމެންނަށްފެނެއެވެ. މުދަލާއި ފައިސާ ހޯދުމަށްފަހު، އެކަމުންވެސް އެންމެ އެދެވޭ ހިތްހަމަޖެހުން ނުލިބުމުން، އެމީހުންނަށް ލިބުނު ފައިސާއާއި މުދާ އެކި ސިފައިގައި އެހެން މީހުންނަށް ސަދަގާތްކޮށް ހޭދަކުރާ ވާހަކައެވެ. މިގޮތުން، ދުނިޔޭގެ އެންމެ ބޮޑެތި ފައިސާވެރީންގެ ގޮތުގައި ހޮވާލެވޭ ބިލިޔަނަރުން ކަމުގައިވާ ވޮރަން ބުފޭ، ބިލް ގޭޓްސްގެ ވާހަކައަކީ އާއްމު ވާހަކައެވެ. އެމީހުންގެ ފައިސާ އެހެން މީހުންނަށްޓަކައި ސަދަގާކޮށް ހޭދަކުރާ ވާހަކައެވެ. މިކަންކަމުން، ޅެންވެރިޔާ ވިދާޅުވެފައި އޮތްބަހުގެ ސައްހަކަމަށް ބާރުލިބެއެވެ. އޭގެ ތެދުކަން އެނގިގެންދެއެވެ. އާދެ! ހަޔާތަށް ބާއްޖަވެރިކަމާއި ހަގީގީ އުފާ ލިބިދެނީ އެހެން މީހުނަށްވެސް އެހީފޯރުކޮށްދެވިގެންނެވެ.

ޅެމާއި ތަރުޖަމާ

أيْقِظْ شُعُورَكَ بِالْمَحَبَّةِ إنْ غَفَا لَوْلا الشُّعُورُ النَّاسُ كَالدُّمَي

أيقظ ހޭލައްވާލާށެވެ!

شعورك ކަލާގެ ޝުއޫރު، މިތަނުގައި ޝުޢޫރުގެ މުރާދަކީ 'ޒަމީރު’އެވެ.

މިތަނުގައި "ޝުޢޫރު"ގެ މުރާދަކީ ޒަމިރޭ ބުނެފައިވުން ފަހުމުވެގަތުމަށްޓަކައި އިތުރު ވާހަކައެއް ލިޔެލަން ޖެހެއެވެ. އަރަބި ބަހުގައި ޝުއޫރުއާއި އިހުސާސުއަކީ އެ ދެ ލަފުޒުގައި ގާތްކުރާ މާނައެއް އެކުލެވިގެންވާ ދެލަފުޒެވެ. ދެލަފުޒުންވެސް އިޝާރަތްކުރަނީ އެނގިގަނެވޭ އެނގުމަކަށެވެ. ތަފާތުވަނީ އެނގިގަނެވޭ ވަސީލަތެވެ. ގޮތެވެ. އިހުސާސަކީ ހިއްސުތަކުން އެނގިގަނެވޭ އެނގުންތަކެވެ. ފެނުމުގެ ހިއްސުންނާއި އިވުމުގެ ހިއްސުން އެނގިގަނެވޭ ރީތި ހުތުރު މަންޒަރުތައް ނުވަތަ ރީތި ހުތުރު އަޑުތައް، ރަހަބެލުމުގެ ހިއްސުން އެނގިގަނެވޭ ފޮނިކަމާއި ކުޅިކަން، ބީހުމުގެ ހިއްސުން އެނގިގަނެވޭ އޮމާންކަމާއި ކުރަކިކަން، ވަސްދުވުމުގެ ހިއްސުން އެނގިގަނެވޭ މީރުވަހާއި ނުބައިވަސް، މިފަދަ، ހިއްސުތަކުގެ ޒަރިއްޔާއިން އެނގިގަނެވޭ އެނގުންތަކެވެ. މިއާ ޚިލާފަށް ޝުއޫރަކީ ހިތުގެ އެނގުމެވެ. ރޫހު ނުވަތަ މުޅި އިންސާނީ ޖައުހަރާއި ގުޅިފައިވާ އެނގުމެވެ. ރުހުމާއި ނުރުހުމެވެ. ލޯބިވުމާއި ފޫހިވުމާއި ނަފުރަތުކުރުމެވެ. މިފަދަ ހިތުގެ ޒަރިއްޔާއިން އެނގިގަނެވޭ އެނގުންތަކެވެ. އެހެންވެ ޝުޢޫރޭ ބުނުމުން ދޭހަވަނީ އިންސާނާގެ ޖައަހުރަށް، މުޅި ހަށިގަނޑަށް، އަސަރުކުރުވާ ގޮތެއްގައި އެނގިގެންދާ އެނގުމެވެ.

بالمحبة އޭގައި ލޯބިއަށަގަންނުވައި

إن غفا އެޒަމީރު ނިދިޖެހިފައިވާނަމަ

لو لا الشعور ހިތުގެ އެނގުންނެތް ނަމަ، ޒަމީރެއްނެތްނަމަ،

الناس އިންސާނުންވީހީ

كالدمي (ޖާމިދު، ފުރާނައެއްނެތް، ދިރުމެއްނެތް،) ބުދުތަކެއްފަދަ އެއްޗިއްސަށެވެ.

ކަލާގެ ޒަމީރު ނިދައިމަރުވެފައިވާނަމަ، އެޒަމީރުގައި (އެހެން މީހުން ދެކެ) ލޯބިވުމުގެސިފަ އުފައްދައި އެއަށްދިރުން ގެންނާށެވެ!

(ދިރިހުރި) ޒަމީރެއް ނެތްނަމަ އިންސާނުން ވާހުށީ (ފުރާނައެއްނެތް، ދިރުމެއްނެތް) ބުދުތަކަކަށެވެ.

ޝަރަހަ

އިންސާނީ ހަޔާތުގެ ބާއްޖަވެރިކަމާއި އިހުސާންތެރިވުމާއި ގުޅިފައިވާތީ އެއީ ކޮންމެހެންވެސް ކުރަންޖެހޭނޭ ކަމެކެވެ. މިކަން ކުރާނީ ކިހިނެއްތޯ މިބައިތުގައި ބުނެދެވިފައިވެއެވެ. އޭނާ ދެކޭގޮތުގައި ތިމާގެ ހިތް ހޭލައްވައި ހިތުގެ އިހުސާސު ވަރުގަދަކޮށްލަންވީއެވެ. އަދި ތިމާގެ ޒަމީރަކީ އެއަށް ދިރުން ލިބިގެންވާ ޒަމީރަކަށް ހަދާލަންވީއެވެ. ފޫހިވުމާއި ނަފްރަތުކުރުމާއި ހަސަދަވެރިވުމާއި ރުޅިއިސްކުރުމާއި މިފަދަ ސަލްބީ އިންފިއާލީ ޝުޢޫރުތަކުން (ނެގަޓިވް އިމޯޝަން) ހިތް ހުސްކޮށްލަންވިއެވެ. އަދި އޭގެ ބަދަލުގައި ހިތުގައި އެހެން މީހުންގެ މައްޗަށް ލޯބިވުން އުފައްދާލަންވީއެވެ. އޭރުން އެހެން މީހުންނަށް އޯގާތެރިވެ ކަމޭހިތި އެމީހުންނަށް ހެޔޮގޮތުގައި މުއާމަލާތްކުރެވޭނެއެވެ. ދިރިހުރި ޒަމީރެއް ނެތްނަމަ، އަދި އެހެންމީހުންގެ އިހުސާސުތައް ދެނެނުގަނެވޭނަމަ، އިންސާނާއާއި ފުރާނަނެތް ޖާމިދު އެއްޗިއްސާ ހުރި ތަފާތަކީ ކޮބާހެއްޔެވެ؟ ޅެންވެރިޔާ ވިދާޅުވަނީ ނެތްކަމަށެވެ.

ޅެމާއި ތަރުޖަމާ

أحْبِبْ فَيَغْدُو الْكُوخُ قَصْرًا نَيِّرَا وَابْغَضْ فَيُمْسِي الْكَوْنَ سِجْنًا مُظْلِمَا

أحبب (އެންމެންދެކެވެސް) ލޯބިވާށެވެ

فيغدو އޭރުން، ބަދަލުވެގެންދާނެއެވެ.

الكوخ ޖިފުޓި ގަނޑުވެސް

قصرا ގަނޑުވަރަކަށް

نيرا ގަދައަށް އަލިކުރެވިފައިވާ

وابغض (މީހުންދެކެ) ފޫހިވެ (އެމީހުންނަށް) ނަފުރަތު ކުރާށެވެ

فيمسي އޭރުން، ވެގެންދާނީ

الكون (މުޅި) ކައުނު(ވެސް)

سجنا ހަރުގެއަކަށެވެ، ޖަލަކަށެވެ.

مظلما އަނދިރިކަން މުޅިއެތާގައި ފެތުރިފައިވާ

(އެންމެން ދެކެވެސް) ލޯބިވެ (އެންމެނަށްވެސް) ކަމޭހިތާށެވެ! އޭރުން (ކަލާއަށް އުޅެންޖެހިފައި އޮތީ ނަކަމެތި ޖިފުޓި ގަނޑެއްގައި ކަމަށްވިޔަސް) އެޖިފުޓިގަނޑު އޮންނާނީ އަލިވެއުޖާލާވެފައެވެ.

(ނަމަވެސް އެހެން މީހުންދެކެ ފޫހިވެ އެހެންމީހުންނަށް) ނަފުރަތު ކުރާނަމަ، ކަލާއަށް (މުޅި)ކައުނުވެސް، އޮންނާނީ ކަޅުއަނދިރި ޖަލަކަށް ވެފައެވެ.

ޝަރަހަ

ހިތުގައި، އެހެން މީހުންގެ މައްޗަށް އިޚުލާސްތެރި ލޯތްބެއް އުފައްދައިލެވިއްޖެނަމަ، ޅެންވެރިޔާ ވިދާޅުވަނީ، އެމީހަކަށް އޮތީ އުފަލާއި ބާއްޖަވެރިކަމެވެ. އެމީހެއްގެ އަތުގައި މާއްދީ މާބޮޑު މުއްސަނދިކަމެއް ނެތަސްވެހެވެ. އެމީހަކު ނިކަމެތި ޖިފުޓިގަނޑެއްގައި އުޅެންޖެހިފައި ވިޔަސްވެހެވެ. މިއާ ޚިލާފަށް، މީހެއްގެ ހިތްނުބައިވެ، ހަސަދަވެރިވެ ނުބައި އަޚުލާގެއްގެ ވެރިޔަކަށް ވެއްޖެނަމަ، ޅެންވެރިޔާ ވިދާޅުވަނީ އެމީހަކަށް މުޅި ދުނިޔެ ލިބިފައި އޮތަސް އުފަލެއްނެތެވެ. އެދުނިޔެ ވެގެންދާނީ އަނދިރި ހަރުގެއަކަށެވެ. ހިތްދަތިކަމާއި އުނދަގޫތައް މެދުވެރިކުރުވާ ޖަލަކަށެވެ.

ޅެމާއި ތަރުޖަމާ

كَرِهَ الدُّجَى فَاسْوَدَّ إلا شُهْبَهُ بَقِيَتْ تَضْحَكُ مِنْهُ كَيْفَ تَجَهَّمَا

كره (ދުނިޔެމަތީން) ފޫހިވިއެވެ

الدجى ރޭގަނޑު އަނދިރިކަން، މުރާދަކީ ރޭގަނޑު،

فاسود ދެން (އޭގެ މޫނުމަތި) ކަޅުވެ (އަނދިރިވިއެވެ)

إلا ނަމަވެސް

شهبه އެރޭގަނޑުގެ ތަރިތައް، شَهاب ގެ ޖަމާ. ގަދައަށް އަލިކޮށްދޭ ހުޅުކޮޅު، ދުންތަރި. މިތާނގައި މުރާދަކީ ތަރިތައް.

بقيت ދެމިހުރެއެވެ.

تضحك منه ރޭގަނޑަށް މަލާމާތް ކުރުންމަތީ، ތަރިތަކުގެ ފިޔަޖެހުން މިތާނގައި ސިފަކުރެވިފައިވަނީ ތަރިތަކުގެ ހުނުން ކަމުގައެވެ

كيف ކިހިނެއްވެތޯ

تجهما ރޭނގަޑު ނަފުރަތުގެ މޫނެއްދެއްކީ

ރޭގަނޑު (ދުނިޔެމަތީން) ފޫހިވެއެވެ. އަދި (އޭގެ މޫނުމަތި ކުނިކޮށް) ކަޅުކޮށްލިއެވެ. ހަމައެކަނި (ރޭގަނޑުގެ) ތަރިތައް ފިޔަވައެވެ. އެތަރިތައް، ރޭގަނޑު (ދުނިޔެމަތިން ފޫހިވެ) މޫނުކުނިކުރިކަމާމެދު އެއަށް މަލާމާތްކޮށްކޮށް (އެބަހީ ފިޔަޖަހަޖަހާ) ދެމިހުއްޓެވެ.

ޝަރަހަ

މީހުން ދެކެ ފޫހިވެ ނަފުރަތު ކުރުމަކީ ހުތުރު ސިފައެކެވެ. އަހުލާގީ މާތް ސިފަތަކުގެ ތެރޭގައި ހިމެނޭ ސިފައެއްނޫނެވެ. އަދި އެހެންވެ، އަހުލާގީ މާތްސިފަތަކަށް ލޯބިކުރާ އެންމެވެސް މިފަދަ ސިފަތަކާމެދު ނުރުހޭނެއެވެ. މިކަން ބަޔާންކޮށްދިނުމުގެ ގޮތުން، މިބައިތުގައި، ރޭގަނޑާއި ތަރިތައް ވަނީ ތަޝްޚީސްކުރެވި، އިންސާނީ ޝަޚްސިއްޔަތުގެ ސިފަ އެ އެއްޗިއްސަށް ދެވިފައެވެ. ރޭގަނޑުގެ މޫނު ކަޅުކޮށްލައި ނުރުހެން ޖެހޭނޭ ސަބަބެއް ތަރިތަކަށް ނުފެނުމުން، ތަރިތައް އެކަމާ ހީނ މަލާމާތްކޮށް ހަދައެވެ. އާދެ، ނުރުހުމާއި ނަފްރަތުގެ މޫނު ދައްކާ މީހުންނަށްވެސް އެކަމުން ކުރާނޭ އެއްވެސް ފައިދާއެއްނެތެވެ. އެކަންވާނީ އެމީހުންގެ އަމިއްލަ ނަފްސަށް ހަމަ ހިލޭ ކުރެވޭ މަސައްކަތަކަށެވެ. އަދި ކިއެއްހެއްޔެވެ! އެކަމުން އޮތީ ހުސްގެއްލުމެވެ. އެފަދަމީހުންނާ ކައިރިވާކަށް އެއްވެސް މީހަކު ބޭނުމެއްނުވާނެތީއެވެ.

ޅެމާއި ތަރުޖަމާ

لَوْ تَعْشِقُ الْبَيْدَاءُ أصْبَحَ رَمْلُهَا زَهْرًا وَصَارَ سَرَابُهَا الْخَدَّاعُ مَا

لو تعشق ލޯބިވި ނަމަ

البيداء ހަނަފަސް ސަހަރާ

أصبح ވީހެވެ

رملها އޭގެ ވެލިގަނޑު

زهرا މާމެއްޔަށް

وصار އަދި ބަދަލުވެގެން ދިޔައީހެވެ

سرابها އޭގެ އަވާމެންދުރު

الخداع ކެހިވެރި

ما ފެނަށް. މިތަނުގައި ޅެން ވަޒަނަށް ފައްތައި ގާފިޔާ ހަމަކޮށް ފަހުއަކުރު މީމަކަށް ނިންމުމަށްޓަކައި ماء (ފެން) މިލަފުޒުގެ ކުރުއަލިފު ء ވަނީ އުނިކުރެވިފައެވެ

ހަނަފަސް ސަހަރާއަށްވެސް (އެހެން އެއްޗިއްސަށް) ލޯބިކުރެވުނުނަމަ އޭގެ ވެލިގަނޑު ބަދަލުވެގެން ދިޔައީހީ މާތަކަކަށެވެ. އަދި އެސަހަރާގެ ކެހިވެރި އަވާމެންދުރު ފެނަށް ވެގެންދިޔައީހެވެ.

ޝަރަހަ

އަނެއްކާވެސް އިތުރު ތަޝްޚީސެކެވެ. ސަހަރާގެ ބިންގަޑު މަރުވެފައިވަނީ އޭގެހިތުގައި ލޯބި އުފައްދާލަން ނޭނގުނީތީއެވެ. އެކަން ހަނަފަސް ސަހަރާއަށް އެނގޭނެނަމަ، އަދި އެހެން މީހުން ދެކެ ލޯބިވެވުނުނަމަ، ސަހަރާގެ ވެލިގަނޑު ބަދަލުވެގެން ދިޔައިހީ މަލުގެ ހިތްގައިމު ބަގީޗާއަކަށެވެ. ހަމަ އެފަދައިން އިންސާނެއްގެ ހިތުގައި އެހެންމީހުންގެ މައްޗަށް ލޯބި އުފައްދައިލެވިއްޖެނަމަ އޭނާގެ ހިތް ދިރިގެންދާނެވެ. އަދި އެކަންވާނީ އޭނާއަށް ނުހަނު އުފަލާ ހިތްހަމަޖެހުން ގެނެސްދޭ ކަމަކަށެވެ.

ޅެމާއި ތަރުޖަމާ

لَوْلَمْ يَكُنْ فِي الأرْضِ إلاَّ مُبْغِضٌ لَتَبَرَّمَتْ بِوُجُودِهِ وَتبَرَّمَا

لو لم يكن ނުވި ނަމަ

في الأرض ދުނިޔޭގައި، ބިމުގައި

إلا ފިޔަވައި

مبغض ނަފުރަތުކުރާ މީހެއް

لتبرمت ދުނިޔެ ފޫހިވީހެވެ

بوجوده އޭނާ ވުޖޫދުގައި ވީތީވެ

وتبرما އަދި އޭނަވެސް (ދުނިޔެމަތީން) ފޫހިވީހެވެ

ދުނިޔޭގައި ހުރީ (އެހެން މީހުން ދެކެ) ފޫހިވާ އެއްމެ މީހަކު ކަމުގައިވީ ކަމުގައި ވިޔަސް، ދުނިޔެ، އެމީހާ މިވުޖޫދުގައި ވީތީވެ، އޭނާ ދެކެ ފޫހިވީހެވެ. އަދި އޭނަވެސް ދުނިޔެ ދެކެ ފޫހިވީހެވެ.

ޝަރަހަ

މީހުން ދެކެ ފޫހިވެ ނަފުރަތުކުރާ މީހާ ދެކެ، ޅެންވެރިޔާ ދެކިލައްވާ ގޮތުގައި، އެންމެންވެސް ފޫހިވާނެއެވެ. މިކަން ބަޔާންކޮށްދިނުމުގެ ގޮތުން، ޅެންވެރިޔާ ވިދާޅުވަނީ، މުޅި ދުނިޔެއިން އެހެން މީހުން ދެކެ ލޯބިވާ މީހުން ހުސްވެ ދުނިޔޭގައި ބާކީ ހުރީ އެއްމެ މީހެއް ކަމުގައި ވީނަމަވެސް، އެމީހަކީ މީހުން ދެކެ ނަފުރަތުކުރާ މީހެއްނަމަ، އޭނާ ދެކެ، ދުނިޔެ ފޫހިވާނޭކަމެވެ. އެހެނީ އެފަދަ މީހަކަށް ފައިދާ ހުރި ކަމެއް ކޮށްދެވިދާނެބާވައެވެ؟ ނޫނެކެވެ! އެހެން ކަމަށްވާއިރު އޭނާ ވުޖޫދުގައި ވުމުގެ ބޭނުކަމީ ކޮބައިހެއްޔެވެ؟ މިސުއާލުގެ ޖަވާބުގައި ދުނިޔެވެސް ބުނާނީ އެއްވެސް ބޭނުމެއް ނެތްކަމެވެ. ޝައްކެތް ނެތެވެ. އޭނާ ވާނީ އެކަނިވެރިއަކަށެވެ. ޚުދް އޭނާވެސް ހުންނާނީ ދުނިޔެމަތީން ފޫހިވެފައެވެ. އަދި އޭނާ ދެކޭނީ ދިރިހުރުމަކީ ބުރައެއް ކަމަށެވެ.

ޅެމާއި ތަރުޖަމާ

لاحَ الْجَمَالُ لِذِي نُهًى فَأحَبَّهُ وَرَآهُ ذُو جَهْلٍ فَظَنَّ وَرَجَمَا

لا ح ވިދާބަބުޅާލިއެވެ. މުރާދަކީ ފެނުނެވެ.

الجمال ރީތިކަން

لذي ވެރިއަކަށް

نهى ބުއްދީގެ

فأحبه ދެން (ހަމަ ވަގުތުން) އެއަށް ލޯބިޖެހުނެވެ.

ورآه އަދި އެތަން ފެނުނެވެ.

ذو ވެރިއަކަށް

جهل ޖާހިލުކަމުގެ

فظن ދެން އޭނާ (އެކަމާމެދު) ނުބައިހީތައް ހީކުރިއެވެ.

ورجما އަދި (އެއާދިމާލާށް އެއްޗެތި) އުކިއެވެ. މުރާދަކީ އޭނާއަކަށް އެކަން ބަލައެއް ނުގަނެވުނެވެ.

(ދުނިޔޭގެ) ރީތިކަން ބުއްދީގެ އަހުލުވެރިއެއްގެ ކުރިމަތީން ވިދާބަބުޅާލައިފިނަމަ، އޭނާ އެރީތިކަންބަލައިގަނެ އެކަމަށް ލޯބިކުރެއެވެ. މިއާޚިލާފަށް ގޮތެއްފޮތެއް ނެތް ޖާހިލަކަށް ރީތިކަމެއް ފެނިއްޖެނަމަ، އެއާދޭތެރޭ ނުބައިހީތައް ހީކޮށް އެކަން ބަލައިގަތުމަށް ދެކޮޅުހަދައެވެ.

ޝަރަހަ

ވިސްނޭ ހެޔޮލަފާ މީހުން، ރީތި ގޮތްތަކާއި، މާތް އަހުލާގީ ސިފަތައް ފެނުމުން، އެކަންކަން ގަބޫލުކޮށް ބަލައިގަނެ، އެސިފަތަކުން ޒީނަތްތެރިވުމަށް މަސައްކަތްކުރާނެއެވެ. ނަމަވެސް ގޮތެއް ފޮތެއް ނެތް، ރިވެތި އަޚުލާގީ މިންތައް ގަބޫލުނުކުރާ މީސްމީހުންނަށް މިކަންކަން ބަލައެއްނުގަނެވޭނެއެވެ. ހެޔޮލަފާ ގޮތްތަކާއި ރީތިސިފަތައް މީހެއްގެ ކިބައިން ފެނިއްޖެނަމަ، މި މީސްމީހުނަށް އެކަން ބަލައެއް ނުގަނެވޭނެއެވެ. އެމީސްމީހުންނަށް، އެފަދަ މޫރިތި ގޮތް ހުރި މީހުންނާ ދޭތެރޭ ހީކުރެވޭނީ ނުބައި ގޮތްތަކެވެ. މަސައްކަތްކުރެވޭނީ ކޮންމެވެސް އައިބެއް، ނުރަނގަޅު ކަމެއް އެމީހުންގެ ކިބައިންފެނޭތޯއެވެ.

ޅެމާއި ތަރުޖަމާ

لا تَطْلُبَنَّ مَحَبَّةً مِنْ جَاهِلٍ الْمَرْءُ لَيْسَ يُحَبُّ حَتَّي يُفْهَمَا

لا تطلبن ނޭދޭށެވެ.

محبة ލޯބިވުމެއް

من جاهل ޖާހިލެއްގެ ކިބައިން،

المرء އިންސާނާ

ليس يُحب އޭނާދެކެ ލޯތްބެއް ނުވެވޭނެއެވެ.

حتي يُفهما އޭނާއަށް ވިސްނައިދެވިއްޖައުމަށް ދާންދެން

(މީހުންދެކެ) ލޯބިވެ އެމީހުންނަށް ހެޔޮކޮށްހިތަން، (ގޮތެއްފޮތެއް ނެތް) ޖާހިލެއްގެ ކިބައިން ނޭދޭށެވެ.

މީހެއްދެކެ ލޯބިވެވޭނީ އޭނާއަށް ރަގަޅަށް ވިސްނައިދީ ފަހުމުކޮށްދެވި ގެންނެވެ.

ޝަރަހަ

ގޮތެއްފޮތެއް ނެތް މީހަކަށް ހެޔޮ ރަނގަޅުގޮތް ބަލައިނުގަނެވޭ ކަމަށްވަންޏާ، އެފަދަ މީހެއްގެ ފަރާތުން އެހެން މީހުން ދެކެ ލޯބިވެ، އެހެން މީހުންނަށް އިހުސާންތެރިވާން އެދުމުގެ ބޭނުމެއްނެތެވެ. އެއީ މިފަދަ މޫރިތިކަމެއް މީހެއްގެ ކިބައިގައި އުފައްދައިލެވޭނީ ގޮތާއިފޮތް އެނގި ދަސްވެގެންނެވެ. ހެވާއި ނުބައި ސާފުގެންނެވެ. ރަގަޅާއި ނުރަނގަޅު ވަކިކުރެވިގެންނެވެ. މިކަންކަން ނޭނގި ހެޔޮލަފާ އިންސާނަކަށް ނުވެވޭނެއެވެ.

ޅެމާއި ތަރުޖަމާ

وَارْفُقْ بِأبْنَاءِ الغَبَاء كَأنَّهُمْ مَرْضَى فَإنَّ الْجَهْلَ كَالْعَمَى

وارفق މަޑުމައިތިރިކަމާއެކު މުއާމަލާތް ކުރާށެވެ!

بأبناء މީހުންނާދޭތެރޭ

الغباء ނުވިސްނޭ، ތަންދޮރު ނުދަންނަ، ދިވެހި ބަހުގެ 'ގަބު' މިލަފުޒުގެ އަސްލަކީ غباء ހެން ހީވެއެވެ.

كأنهم (އެހެނީ) އެމީހުންނަކީ ފަދަ ބައެކެވެ.

مرضى ބަލިމީހުން

فإن ހަމަކަށަވަރުން

الجهل ތަންދޮރުނުދަތުމަކީ

كالعمى ކަނުއަނދިރިވުން ފަދަ ކަމެކެވެ.

އެހެންވެ (އެފަދަ) ތަންދޮރު ނުދަންނަ މީހުންނަކީ ބަލިމީހުން ކަމަށް ދެކިގެން، (ރުޅިއިސްނުކޮށް) މަޑުމައިތިރިކަމާއެކު އެމީހުންނާ ދޭތެރޭ ހިތާށެވެ. އެހެނީ ތަންދޮރު ނުދަތުމަކީ ކަނުއަނދިރިކަން ފަދަ ކަމެކެވެ.

ޝަރަހަ

ގޮތްފޮތް ނެތް މީހުންނާ ދޭތެރޭވެސް ނިކަމެތިކޮށް ހިތައިގެންނުވާނެއެވެ. އެމީހުން ދެކެންޖެހޭނީ ބަލިމީހުން ކަމުގައެވެ. ބަލިމީނުން އެމީހުންގެ ބައްޔަށް ޝިފާ ހޯދަން މަސައްކަތްކުރާ ފަދައިން، ގޮތްފޮތް ނެތް މީސްމީހުންގެ ބައްޔަށްވެސް ބޭސްކޮށް ޝިފާ ހޯދަން މަސައްކަތް ކުރަންޖެހެއެވެ. އެއީ ރިވެތި ގޮތަކީ ކޮބައިކަން ބުނެދީގެންނެވެ. އެކަން ވިސްނައި ފަހުމްކޮށްދީގެންނެވެ.

ޅެމާއި ތަރުޖަމާ

وَالْهَ بِوَرْدِ الرَّوْضِ عَنْ أشْوَاكِهِ وِانْسَ الْعَقَارْبَ إنْ رَأيْتَ الأنْجُمَا

واله އުފާލިބިގަނެ މުނިފޫހިފިލުވާށެވެ!

بورد ފިނިފެންމަލުން

الروض ބަގީޗާގެ

عن أشواكه އެ ފިނިފެންމަލުގައިވާ ކަށިތަކުން އެއްކިބާވެ ހުރެ، މާނައަކީ އެކަށިތައް މަތީން ހަނދާން ނައްތާލައިގެން ހުރެ

وانس އަދި ހަނދާންނައްތާލާށެވެ.

العقارب ނަގުލަންދާށި މަތީން، ނުބައި މީސްމީހުންނާއި ހިތްދަތިކުރާ ކަންތައްތައް މަތީން

إن رأيت ފެނިއްޖެނަމަ

الأنجما ތަރިތައް، ހެޔޮލަފާމީހުންނާއި އަދި ހިތައް ހަމަޖެހުން ގެންނަ ކަންތައްތައް.

(ގޮތްފޮތް ނެތް ޖާހިލުން ދުނިޔޭގައި އުޅުނެތްކަމަކު، އެހެން މީސްމީހުންނަށް، އިހުސާންތެރިވުމަށް ފަސް ނުޖެހޭށެވެ.) ބަގީޗާގެ ފިނިފެންމަލުގެ ވަށައިގެންވާ ކަށިތައްމަތީން ހަނދާންނައްތާލައި، އެމަލުން އުފާލިބިގަނެ މުނިފޫހިފިލުވާ ފަދައިންނެވެ. އަދި (ބިމުގައި އުޅޭ) ނަގުލަންދާށި މަތީން ހަނދާންނައްތާލައި، (ފިޔަޖަހަޖަހާ އުޑުގައިވާ) ތަރިތަކަށް ބަލައި އުފާ ލިބިގަންނަ ފަދައިންނެވެ.

ޝަރަހަ

ނުރަނގަޅު މީހުން އެބައުޅެޔޭ ކިޔައި ރަނގަޅު ހެޔޮގޮތް ހިޔާރުކޮށް އެހެން މީހުންނަށް އިހުސާންތެރިވުން ދޫކޮށް ނުލާށެވެ. ފިނިފެންމަލުގެ ވަށައިގެން ކަށިތައްފަޅާފައި ހުއްޓެއްކަމަކު، އެ ފިނިފެންމަލުން އުފާ ލިބިގަނެވެއެވެ. އަދި ބިމުގައި ނަގުލަންދާށި އުޅެނެއް ކަމަކު އުޑުގައި ވިދަވިދާ ހުންނަ ތަރިތަކުން އުފާލިބިގަނެވެއެވެ. އެހެންވެ، ބައެއްގެ ކިބައިން ނުރަނގަޅު ކަމެއް ފެނުނަސް، އިހާނެތި ކަމެއް ލިބުނަސް އެ ނުރަނގަޅު ގޮތް ކޮޕީކުރަން ނުހަދާށެވެ. އެފަދަ ކަންކަން، ރަނގަޅު ގޮތުގައި ކަންތައް ކުރުމަށް ހުރަސް އެޅިޔަނުދޭށެވެ.

މި މަގާމުގައި ހަނދާނަށް އަންނަނީ އިޓަލީގެ މުސްތައުމިރުންގެ ކިބައިން ލީބިޔާ މިނިވަންކުރުމަށް މަސައްކަތް ކުރެއްވި ލީބިޔާގެ ގާއިދު އުމަރު އަލްމުޚްތާރު ވިދާޅުވި ކަމަށް ބުނެއުޅޭ ވާހަކައެވެ. އެއްދުވަހަކަ އިޓަލީގެ ހަނގުރާމަވެރި ސިފައިންގެ ބަޔަކު އަސީރުކުރެވި ގާއިދު އުމަރު އަލްމުޚްތާރުގެ ކުރިފުޅު މައްޗަށް ހާޒިރުކުރެވުނެވެ. ދެން އެ އަސީރުންނާ ދޭތެރޭ ރަނގަޅަށް ކަންތައް ކުރުމަށް ގާއިދު އެންގެވިއެވެ. މިހިނދު، ލީބިޔާގެ ބައެއް ހަނގުރާމަވެރިން ގާއިދަށް ދެންނެވިއެވެ. އަހަރުމެންގެ އަސީރުންނާ ދޭތެރޭ އެމީހުން ކަންތައް ކުރަނީ ތިވިދާޅުވާ ގޮތަކަށް ނޫނެވެ. އެމީހުން އަހަރުމެންގެ އަސީރުން ގަތުލުކޮށް މަރާލަނީއެވެ. ދެން ގާއިދު އުމަރު ވިދާޅުވިއެވެ. "އަހަރުމެންނަށް އުނގަންނައިދޭ ބަޔަކު ކަމުގައި އެމީހުންނެއް ނުވެއެވެ." އާދެ، ބަޔަކު މީހުން ނުރަނގަޅުކަމެއް ކުރުމުން، އެގޮތަށް ކަންތައް ކުރާކަށް ނުޖެހެއެވެ. އެއީ ފަހަރައްގައިވެސް ރީތި އަދި ރަނގަޅުގޮތެއް ނޫނެވެ. ބާރު ލިބިގެންވީ ވަގުތުގައި ބަދަލުހިފުމަކަށް އެކަލޭގެފާނު ގަބޫލުފުޅު ކުރައްވާ އުސޫލުތައް ތަނެއް ނުދިނެވެ. އޭނާ އެވަގުތުގައި ދެއްކެވީ ހެޔޮލަފާ އިންސާނުން ކަންތައްކުރާނޭ ގޮތެވެ. އާދެ، އިހުސާންތެރިކަމުގެ ވަރަށް ރީތި މިސާލެކެވެ. 'ބަލްސަމް' އަކަށް، ހެޔޮލަފާ އިންސާނަކަށް، ވުމުގެ ލާމަސީލު މިސާލެކެވެ.