Support Us

ކޮލަމް ކޯދު: މީހަކު ބުނި ވާހަކައެއް- ދައްކަންޖެހޭ ދީނީ ވާހަކައަކީ މިއެވެ.

އިސްލާމީ ތާރީޚު ބަލައި ދިރާސާކޮށް ހަދާ މީހުންނަށް ވަންހަނާ ވެގެން ނުވާނޭ ފަދައިން، އިސްލާމީ ތާރީޚުގެ އެންމެ އިހުގެ ސަފުހާތަކަށް ބަލާލާއިރު، އެންމެ ފާހަގަކުރެވޭ އެއް ޝަޚުސިއްޔަތަކީ އުމަރުގެފާނެވެ. އުމަރުގެފާނު ފާހަގަ ކުރެވިފައިވަނީ، ކީރިތި ރަސޫލާއަށް ފަހު، އިސްލާމީ މުޖުތަމައީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން އިސްލާމީ ދައުލަތް، ބިނާކުރެއްވި ޝަޚުސިއްޔަތުގެ ގޮތުގައެވެ. މިކަމުގެ ސަބަބުން، މުހައްމަދު ޚާން 2008ގައި ލިޔުއްވި އިސްލާމީ 'ދަ މުސްލިމް 100، އާދެ، އެންމެ ވަރުގަދަ ސަތޭކަ މުސްލިމު ޝަޚުސިއްޔަތު ހިމަނާލެވިފައިވާ މި ފޮތުގައި އުމަރުގެފާނު ހިމެނިވަޑައިގެންފައިވަނީ، ކީރިތި ރަސޫލާއަށް ފަހު، ދެވަނައަށެވެ. ހަމަ އެހެންމެ، މުޅި އިންސާނީ ތާރީޚަށް ބަލައި، މައިކަލް ހާޓުގެ 'ދަ ހަންޑްރެޑް’، އާދެ، އެންމެ ކާމިޔާބު އަދި ނުފޫޒު ގަދަ ސަތޭކަ ޝަޚްސިޔު ކަނޑައަޅާލެއްވި ފޮތުގައި އެއްވަނައަށް ކީރިތި ރަސޫލާ ހޮއްވަވައިފައިވާ އިރު، ދެވަނަ މުސްލިމަކަށް، ފަންސާސް ދެވަނައިގައި އޭނަ ވެސް ހިމަނުއްވާފައި ވަނީ އުމުރުގެފާނެވެ. ދުނިޔެ ދުށް އެންމެ ކާމިޔާބު އަދި ނުފޫޒުގަދަ ޝަޚުސިއްޔަތްތަކުގެ ތެރެއިން ކީރިތި ރަސޫލާއަށް މައިކަލް ހާޓު އެއްވަނަ މަގާމު ދެއްވި ސަބަބު ފަހުން ބަޔާންކޮށްލާ ނަމެވެ. އެންމެ ފުރަތަމަ ބަލައިލަން ބޭނުންވަނީ މި ނަންގަތް ދެ ފޮތުގައިވެސް އުމުރުގެފާނަށް އެހާ މަތީ ދަރަޖެއް ދެވިފައިވާ ސަބަބުގެ މައްޗަށެވެ. އެކަން ސާފުވެ، ހާމަވެ ދިޔުމައްޓަކައި ދެ ތިން ހާދިސާއެއްގެ ވާހަކަ ލިޔެލާނަމެވެ.

ފުރަތަމަ ހާދިސާ ގުޅެނީ މީހަކު ވާތުން ކާންއިން އިނުމާއެވެ. މިތަން އުމަރުގެފާނަށް ފެނިވަޑައިގަތުމުން، އޭނާ ކައިރިއަށް ޖެހިވަޑައިގެން މަޑުމަޑުން އޭނާއަށް ވިދާޅުވިއެވެ. "އޭ މާތްﷲގެ އަޅާއެވެ! އިނބަގެ ކަނާއަތުން ކައިބަލާށެވެ!"

ދެން، އެ މީހާ ޖަވާބުގައި ދެންނެވިއެވެ. "އޭ މާތްﷲގެ އަޅާއެވެ. އެ އަތް އޮތީ މަޝްޣޫލުވެފައެވެ."

ދެން އަނެއްކާ ވެސް ހަމަ އެ ސުއާލު އޭނައާ އުމަރުގެފާނު ތަކުރާރުކޮށް ކުރެއްވިއެވެ. އޭނަ ވެސް ހަމަ އެ ޖަވާބު ތަކުރާރުކޮށް ދެންނެވިއެވެ.

އެންމެފަހުން އުމަރުގެފާނު އޭނާ ކުރެން އެއްސެވިއެވެ. "އެ އަތް މަޝްޣޫލުވެފައި އޮތީ ކިހިނެއް ހެއްޔެވެ؟"

ޖަވާބުގައި އޭނަ ދެންނެވިއެވެ. "މުއުތާގެ ހަނގުރާމައިގައި އެއަތަށް ހަމަލާއެއް ރައްދުވީއެވެ. އަދި އެކަމުގެ ސަބަބުން މިހާރު އެ އަތަކުން ހަރަކާތެއް ނުކުރެވެއެވެ."

ދެން، އުމަރުގެފާނު ކީރިތިކުރައްވަން ފެއްޓެވިއެވެ. އަދި، އޭނަ ކައިރީގައި އިންނަވައި، އޭނައާ ސުއާލުކުރައްވަމުން ގެންދެވިއެވެ. "އިނބަ ވުޟޫކުރުމަށް އެހީވެދެނީ ކާކު ހެއްޔެވެ؟ އިނބަގެ އެއްޗެހި ދޮވެދެނީ ކާކު ހެއްޔެވެ؟ އިނބަގެ ބޯ ދޮއްވައި ސާފުކޮށްދެނީ ކާކު ހެއްޔެވެ؟ އިނބަގެ މިވެނި އެވެނި ކަމެއް ކޮށްދެނީ ކާކު ހެއްޔެވެ؟ ކާކު ހެއްޔެވެ؟ ކާކު ހެއްޔެވެ؟" މިސުއާލުތައް ކުރައްވަމުން ގެންދެވިއިރު އެކަލޭގެފާނުގެ ލޯފުޅުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހެމުން ދިޔައެވެ.

އޭނާގެ ވާހަކަތައް އޮޅުންފިލުއްވަމަށް ފަހު، އޭނާއަށް ޚާދިމަކާއި ސަވާރީއަކާއި އަދި ކޮއްތު ހަމަޖައްސަވައިދެއްވިއެވެ. އަދި، އޭނާގެ ކިބައިން މާފަށް ވެސް އުމަރުގެފާނު އެދިވަޑައިގަތެވެ. އޭނާގެ ހިތަށް، އުނދަގޫކުރެއްވުނީމައެވެ.

މި ހާދިސާ ގުޅެނީ ހަނގުރާމަތަކުގައި އަނިޔާ ލިބޭ މީހުންނަށް އެހީވުމުގެ ގާނޫނު ހެދުމާއެވެ. އާދެ، ގައުމުގެ ދިފާއުގައި ހަނގުރާމަކޮށް، އަނިޔާ ލިބުމުން، އެމީހުންގެ ކަންތައްތައް ބެލެހެއްޓުމަކީ، އުމަރުގެފާނު ދެކެވަޑައިގެންނެވި ގޮތުގައި ދައުލަތުގެ ޒިއްމާއެކެވެ. އެ ޒިއްމާ އަދާކުރުމަކީ ސަރުކާރުގެ ވާޖިބެކެވެ.

އާދެ، އެންމެން ވެސް ދައްކަން ޖެހޭ ދީނީ ވާހަކައަކީ މިއެވެ. ނުކުޅެދޭ މީހުންނަށް އަޅާލުމަކީ ދައުލަތުގެ ޒިންމާއެއް ކަމާއި އެކަން ސަރުކާރުތަކުން އުފުލަން ޖެހޭނޭ ކަމެވެ. އަދި، އިސްލާމީ ދައުލަތް އިސްލާމީ ދައުލަތަކަށް ވެގެންދަނީ މިފަދައިން، އެ ދައުލަތުގެ މުވާތިނުންނާއި ރައްޔިތުންނާ އަޅާލެވިގެންނެވެ.

އަދިވެސް، އުމަރުގެފާނުގެ ސިޔަރަތުން ހާދިސާއެކެވެ. އެއްދުވަހަކު، އެކަލޭގެފާނަށް ފެނިވަޑައިގަތީ ދުވަސްވެ، މުސްކުޅިވެފައިވާ މީހަކު ބުރަ މަސައްކަތް ކުރަމުންދާ ތަނެވެ. ދެން، އޭނާ ކުރެން އުމަރުގެފާނު އެއްސެވިއެވެ. "ތިހާ ބުރަކޮށް މަސައްކަތް ކުރަން ޖެހެނީ ކީއްވެ ހެއްޔެވެ؟" މި ސުއާލުގެ ޖަވާބުގައި އޭނާ ދެންނެވިއެވެ. "އަޅުގަނޑަކީ ޔަހޫދީއަކީމެވެ. އަޅުގަނޑު ޖިޒިޔަދޭން ޖެހެއެވެ." ދެން، އުމަރުގެފާނު ވިދާޅުވިއެވެ. "އިނބަގެ ޒުވާން އުމުރުގައި އިނބަ އޮތީ ޖިޒިޔަ ދައްކާފައެވެ. މިހާރު އަހަރުމެންގެ މައްޗަށް އިނބަ ބެލެހެއްޓުން ވާޖިބުވެގެން ވެއެވެ." ދެން، އޭނާއަށް ހަމަޖެހިގެން އުޅެވޭ ވަރުގެ މަހު އެލަވަންސެއް އުމަރުގެފާނު ހަމަޖައްސަވައި ދެއްވިއެވެ.

މިފަދަ އެހެން ވާހަކައެއް ވެސް ތާރީޚުގެ ފޮތްތަކުގައި ބަޔާން ކުރެވިފައި އޮވެއެވެ. އަހުލު ކިތާބީންގެ ދުވަސްވީ މީހަކު ސަލާންޖަހަން އުޅެނިކޮށް އުމަރުގެފާނަށް ފެނިވަޑައިގެން އޭނާއަށް މަހު އެލަވަންސެއް ހަމަޖެއްސިވި ވާހަކައެވެ. އޭނާގެ ޒުވާން ދުވަސްވަރު ޖިޒިޔަދައްކާފައި ވުމުންނެވެ.

މިކަމުން، އުފެދިގެން ދިޔައީ އިޖުތިމާއީ ޟަމާނަތުގެ، ސޯޝަލް ސެކިޔުރިޓީގެ، ގާނޫނެވެ. މުޅި އުމުރު މަސައްކަތްކޮށް، ދައުލަތަށް ޓެކްސްދެއްކުމަށް ފަހު، މުސްކުޅިވުމުން، ކޮންމެ މީހަކަށް ވެސް ހަމަޖެހިގެން އުޅެވޭ ވަރުގެ ޕެންޝަނެއް ހަމަޖެހިފައި އޮންނަން ޖެހޭނޭ ކަމުގެ ގާނޫނެވެ.

އާދެ، އެންމެން ވެސް ދައްކަން ޖެހޭ ދީނީ ވާހަކައަކީ މިއެވެ. ދުވަސްވެ، މުސްކުޅިވާ ދުވަހު، ރައްޔިތުން ބެލުމަކީ ދައުލަތުގެ ޒިންމާއެއް ކަމާއި އެކަން ސަރުކާރުތަކުން އުފުލަން ޖެހޭނޭ ކަމެވެ. އަދި، އިސްލާމީ ދައުލަތް އިސްލާމީ ދައުލަތަކަށް ވެގެންދަނީ މިފަދައިން، އެ ދައުލަތުގެ މުވާތިނުންނާ، ރައްޔިތުންނާ، އަޅާލެވިގެންނެވެ.

އަދިވެސް، މިފަދަ އެތައް އިސްލާހީ މަސައްކަތްތަކެއް އުމަރުގެފާނު ކުރެއްވިއެވެ. ތުއްތު ކުއްޖާ ދުނިޔެއަށް އައިއްސުރެން، ވަކި އުމުރެއް ވަންދެން، އެކުއްޖާއަށް އެލަވަންސެއް ލިބުން ފަދަ ކަންކަމެވެ. ތިރީސް މީހުން ގެންނަވައި އެމީހުންނަށް ކާންދެއްވައި، އެކަމުގެ މައްޗަށް ބައްލަވައި، މަހަކު ގޭބިސީއެއްގެ ޚަރަދުތައް ހުންނާނޭ ވަރު ލަފާ ކުރައްވައި، ފެންޝަންތައް ކަނޑައެޅުއްވުން ފަދަ ކަންކަމެވެ.

އާދެ، އެންމެން ވެސް ދައްކަން ޖެހޭ ދީނީ ވާހަކައަކީ މިއެވެ. މުވާތިނުންގެ، ރައްޔިތުންގެ، މުހުތާދުކަމާއި ފަގީރުކަން ނައްތާލައި، އެމީހުންގެ އިންސާނީ ކަރާމަތް ރައްކާތެރިކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމާއި އެކަން ސަރުކާރުތަކުން އުފުލަން ޖެހޭނޭ ކަމެވެ. އަދި، އިސްލާމީ ދައުލަތް އިސްލާމީ ދައުލަތަކަށް ވެގެންދަނީ މިފަދައިން، އެ ދައުލަތުގެ މުވާތިނުންނާއި ރައްޔިތުންނާ، އަޅާލެވިގެންނެވެ.

މިފަދަ ގޮތެއްގައި ކަންތައް ކުރުމަކީ އެއް ދުވަހުން ދެ ދުވަހުން ވާނޭ ކަންކަމެއް ނޫނެވެ. ނަމަވެސް، އެކަމާ އުޅެފި ނަމަ، ކުރު މުއްދަތެއްގެ ތެރޭގައި އެފަދަ ނިޒާމެއް ގާއިމުކުރެވިދާނެއެވެ. އުމަރުގެފާނު އެކަން ކުރައްވަން ނެންގެވީ ދިހަ ވަރަކަށް އަހަރެވެ.

އާދެ، ދައްކަން ޖެހޭ އެންމެ މުހިއްމު ދީނީ ވާހަކައަކީ މިއެވެ. ދައުލަތުގެ މުއްސަނދިކަން ހުރިހާ މުވާތިނުންނާ ހިއްސާ ކުރެވޭނޭ ނިޒާމެއް ގާއިމުކުރުމުގެ ވާހަކައެވެ. ދައުލަތުގެ މުއްސަނދިކަމަކީ ދެތިން މީހެއްގެ ނުވަތަ ދެތިން އާއިލާއެއްގެ މިލްކެއްގެ ގޮތުގައި އޮވެގެން ނުވާނެއެވެ. އެއީ ތަނުގައި ހަމަހަމަކަމާއި އަދުލުވެރިކަން ގާއިމުވެ ދިޔުމަށް އޮތް އެންމެ ބޮޑު ހުރަހެވެ. މިކަން، ހަމައަކަށް އަޅުވާނީ ކިހިނެއްކަމުގެ ވާހަކަ ވާންޖެހޭނީ އެންމެ މުހިއްމު ދީނީ ވާހަކައަށެވެ.

ދެން، ނިންމާލަމުން، ކުރިން ނަންގަނެވުނު، މައިކަލް ހާޓުގެ އެންމެ މަތިވެރި ސަތޭކަ، މި ފޮތުގައި ކީރިތި ރަސޫލާއަށް އެއްވަނަ ދެވިފައި އޮތް ސަބަބު ބަޔާން ކޮށްލާނަމެވެ. އެކަމުގެ ދެބައި ކުޅައެއްބައި މަތީގައި ދެންމެ މިނަންގަތް ކަމާ ގުޅެއެވެ. ދުނިޔޭގެ ތާރީޚުގައި އެންމެ މަތިވެރި އެންމެ ކާމިޔާބު ޝަޚްސިއްޔަތެއްގެ ގޮތުގައި ކީރިތި ރަސޫލާ އޭނާ ހޮއްވެވީ ދެ ސަބަބަކަށްޓަކައެވެ. ފުރަތަމަ ސަބަބަކީ ދީނީ ގޮތުން އެކަލޭގެފާނު ކާމިޔާބު ހޯއްދެވީތީއެވެ. ފުރިހަމަ ދީނެއް ތައުސީސުކުރައްވައި ބިނާކުރެއްވީމައެވެ. އަދި، ދުނިޔޭގެ އެންމެ ވަރުގަދަ ދީންތަކުގެ ތެރޭގައި، އެންމެ އިސް ސަފުގައި އިސްލާމް ދީން މިއަދު ވެސް ހިމެނޭކަން އެކަމުގެ އަލިގަދަ ހެއްކަކަށް ފުދެއެވެ. ދެވަނަ ސަބަބަކީ ސިޔާސީ ގޮތުން ވެސް އެކަލޭގެފާނު ކާމިޔާބު ހޯއްދެވި ކަމެވެ. ހަމަހަމަކަމާއި އަދުލުވެރިކަމުގެ މައްޗަށް ބިނާވާ މުޖުތަމެއް އެކަލޭގެފާނު ތައުސީސުކުރައްވައި ބިނާކުރައްވައި ގާއިމުކުރެއްވިއެވެ. ދުނިޔޭގެ ތާރީޚުގައި، އެކަލޭގެފާނު ފިޔަވައި، މި ދެކަމުގައި ކާމިޔާބު ހޯދި އެއްވެސް، މީހަކު ނެތެވެ. މިއީ އަޅުގަނޑުގެ ބުނުމެއް ނޫނެވެ. މައިކަލް ހާޓުގެ ބުނުމެކެވެ. އޭނާ ފާހަގަކުރި ކުރުމެކެވެ.

ދެން ހެއްޔެވެ؟ މިއަދު، މުސްލިމުންގެ ހާލަތަށް ބަލާލާއިރު، ދީނީ ކަންކަން އޮތީ ދިރިއޭ ބުނެވެން އެބައޮތެވެ. މުސްލިމުންގެ ބޮޑު އަޣުލަބިއްޔަތެއް، އެމީހުންގެ ދީނީ ޝިއާރުތަކަށް ހުރުމަތްތެރިކޮށް ހިތައެވެ. ނަމާދު ގާއިމުކޮށް ރޯދަހިފައި، ހައްޖުގެ އަޅުކަން ކުރެއެވެ. ހަލާލު ހަރާންކަންކަން ދެނެގަނެ، ހަރާންކަންކަމުން އެއްކިބާ ވެއެވެ. ނަމަވެސް، މުސްލިމުންގެ ކިބައިން އުނިވެފައި އޮތީ ކީރިތި ރަސޫލާ ތައުސީސުކުރައްވައި، އުމަރުގެފާނު ބިނާކުރެއްވި، އިސްލާމީ މުޖުތަމައީ އަގުތަކާއި އުސޫލުތައް، ފެންނަން އޮތް ދައުލަތެކެވެ. ހަމަހަމަކަމާއި އަދުލު އިންސާފު ހިންގާލެވޭ ދައުލަތެކެވެ. ތަނުގެ މުއްސަނދިކަން، މަދު ބައެއްގެ އަތްމަތީ ހިސޯރު ނުވެ، އެ މުއްސަނދިކަން ހުރިހާ މުވާތިނުން ހިއްސާކޮށް، ފަގީރުކަމާއި މުހުތާދުކަން ނެތިކޮށްލެވިފައިވާ އިސްލާމީ މުޖުތަމައެކެވެ. މުސްލިމުން މިއަދު ދައްކަން ޖެހޭ ދީނީ ވާހަކައަކީ މިއެވެ.