Support Us

ޒައްރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އެކަން ދެކޭނެތެވެ.

އެއް ދުވަހަކު މުއުމިނުންގެ މައިކަމަނާ ޢައިޝާ ރަޟިޔަﷲ އަންހުމާގެ އަރިހަށް އަންހެނަކު ދިޔައެވެ. އޭރު އެ އަންހެން މީހާގެ ދެއަތް ވަނީ ވާގިނެތިފައެވެ. ފަހެ މި އަންހެން މީހާ ޢައިޝަތުގެފާނުގެ އަރިހުގައި ދެންނެވިއެވެ.

"އޭ މޫމިނުންގެ މައިކަމަނާއެވެ. އަހުރެން އިއްޔެ ނިދަން އޮށޯތް އިރު އަހުރެންގެ ދެއަތް އޮތީ ގަދަވެ ސަލާމަތުންނެވެ. ނަމަވެސް ހޭލެވުނު އިރު އަހުރެންގެ ދެއަތް މިއޮތީ ވާގި ނެތިފައެވެ." އެހިނދު އައިޝަތުގެފާނު އެއްސެވިއެވެ. "ތިޔައީ ކިހިނެއް ވީ ކަމެއް ހެއްޔެވެ؟"

މި އަންހެން މީހާ ކިޔައިދިނެވެ. "އަހުރެންގެ މަންމައާއި ބައްޕައަކީ ވަރަށް ތަނަވަސް ދެ މީހުންނެވެ. އަހުރެންގެ ބައްޕައަކީ ޤަވާއިދުން ޒަކާތްދީ، މީސްތަކުންނަށް މެހެމާންދާރީ އަދާކޮށް، ސަލާންޖަހާ މީހުންނަށް އެހީތެރިވެ، މިސްކީނުންނަށް ކާންދީ ހަދާ މީހެކެވެ. ﷲ ގަންދީ ބުނަމެވެ. ބައްޕައަށް ހެޔޮކަމެއް ފެނިއްޖެ ނަމަ އެކަމެއް ނޫކޮށް ދޫކޮށްނުލައްވައެވެ. އެކަމަކު އަހުރެންގެ މަންމަ އަކީ އޭގެ އިދިކޮޅެވެ. ވަރަށް މުށްބާރު ބަޚީލު މީހެކެވެ. ބައްޕަގެ މުދަލުން އެއްވެސް ހެޔޮ ކަމަކަށް ހޭދަކުރާ މީހެއް ނޫނެވެ. ދެން އަހުރެންގެ ބައްޕަ ނިޔާވިއެވެ. އަދި އޭގެ ދެމަސް ފަހުން މަންމަ ނިޔާވިއެވެ. އަދި ކުރިން ރޭގައި އަހުރެންނަށް، އަހުރެންގެ ބައްޕަ ހުވަފެނުގައި ފެނުނެވެ. ބައްޕަ ހުރީ ރީނދޫ ކުލައިގެ ވަރަށް ރީތި ފޭރާމެއްގައެވެ. ބައްޕަގެ ކުރިމަތީގައި ހިނގަހިނގައި އޮތް ކޯރެއް އޮތެވެ.

ދެން އަހުރެން ބައްޕަކުރެން އަހައިފީމެވެ. "ބައްޕާއެވެ. މިއީ ކޮން ކޯރެއް ހެއްޔެވެ؟" ޖަވާބުގައި ބައްޕަ ބުންޏެވެ. "ދުނިޔޭގައި ހެޔޮ ޢަމަލު ކުރާ ބަޔަކަށް މި ފެންނާނެއެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާ ބައްޕައަށް ދެއްވި ނިޢުމަތެކެވެ." އެއަށްފަހު އަހުރެން އަހައިފީމެވެ. "ބައްޕާއެވެ. މަންމަ އަށްވީ ކިހިނެއް ހެއްޔެވެ؟" އެހިނދު ބައްޕަ ސުވާލު ކުރިއެވެ. "މަންމަވެސް ނިޔާވީ ހެއްޔެވެ؟" އަހުރެން އާނއެކޭ ބުނުމުން ބައްޕަ ބުންޏެވެ. “އޭނާ އަހުރެންނަށް ފުރަގަސްދިނީ އެވެ. އެހެންކަމުން ތިބާގެ ވާތް ފަރާތުން މަންމަ ފެނޭތޯ ބަލާށެވެ."

ދެންފަހެ އަހުރެން، އަހުރެންގެ ވާތްފަރާތަށް އެނބުރި ބެލީމެވެ. އެހިނދު އަހަންނަށް ފެނުނީ އަހުރެންގެ މަންމަ އޮރިޔާން ހާލުގައި، ކޮޅަށް ހުއްޓައެވެ. ހަށިގަނޑުގެ ތިރީބައި ވަނީ ބިންމަތީގައި އަޅާ ދޫލައެއް ކަހަލަ ފޮތިގަނޑަކުން ނިވާކޮށްފައެވެ. އަތުގައި ސަރުބީކޮޅެއް އޮތެވެ. އޭރު މަންމަ ހުރީ ވަރަށް ބޮޑަށް ހިތާމަކުރާ ހާލު ކަރު ހިއްކައިގެންފައެވެ. ވަރުބަލިވެގެން ގޮސް ހާންތިވުމުން އެ ސަރުބީކޮޅު އަތުގައި އުނގުޅާލުމަށްފަހު ލޮވެލައެވެ. މަންމަގެ ކުރިމަތީގައި ވެސް ހިނގަހިނގައި އޮތް ކޯރެއް އޮތެވެ. އެކަމަކު އޭރުވެސް ކަރުހިއްކައިގެން ގޮސް ހަލާކުވެގެން ރޮނީ އެވެ. ދެން އަހުރެން އަހައިފީމެވެ.

"މަންމާއެވެ. ކުރިމަތީގައި ހިނގައިހިނގައި އޮތް ކޯރެއް އޮތް އިރުވެސް މަންމަ ކަރުހިއްކައިގަނެގެން ތިޔަ ރޮނީ ކީއްވެހެއްޔެވެ؟" އެހިނދު މަންމަ ބުންޏެވެ. "އަހުރެންނަކަށް އެކޯރުން ފެން ބުއިމުގެ އިޒުނައެއް ނެތެވެ." ދެން އަހުރެން ބުނީމެވެ. "އަހުރެން މަންމަ އަށް ފެން ދެންހެއްޔެވެ؟" މަންމަ ބުންޏެވެ. "އާނއެކެވެ. ތިކަމަށް އަހުރެން ނުހަނު އެދެމެވެ."

ދެންފަހެ އަހުރެން އަހުރެންގެ ދެއަތްގޮއްޓަށް އެކޯރުން ފެން ނެގުމަށްފަހު މަންމައަށް ބޯން ދިނީމެވެ.” އަދި މަންމަ ފެންފޮދު ބޯލިތަނާހެން އަހުރެންގެ ކަނައަތްފަރާތާއި ދިމާލުން ބުނާ އަޑު އިވުނެވެ. "މިއަންހެން މީހާއަށް ފެން ދިން މީހެއްގެ ދެއަތް ވާގިނެތިދާށިއެވެ."

މިއަޑު ދެފަހަރު ތަކުރާރުވިއެވެ. ދެން އަހުރެންނަށް ހޭލެވުނުއިރު އަހުރެންގެ ދެއަތް ވަނީ ވާގިނެތިފައެވެ. ދެއަތުން އެއްވެސް ކަމެއް ކުރުމަށް އަހުރެންނަކަށް ކުޅަދާނައެއް ނުވިއެވެ."

ދެންފަހެ މި ވާހަކަ އަޑުއައްސަވައިފައި އައިޝާ ރަޟިޔަﷲ އަންހު ސުވާލު ކުރެއްވިއެވެ. "ތިބާގެ މަންމަގެ ހަށިގަނޑުގެ ތިރީބައި ނިވާވެފައި ވަނިކޮށް ފެނުނު ފޮތިގަނޑު ތިބާ އަށް ފާހަގަކުރެވޭ ހެއްޔެވެ؟" އެކަނބުލޭގެ ދެންނެވިއެވެ.

"އާދޭހެވެ. މުއުމިނުންގެ މައިކަމަނާއެވެ. އަހުރެންނަށް ވަރަށް ރަނގަޅަށް ފާހަގަކުރެވުނެވެ. އެހެނީ އެ ނޫނީ އަހުރެންގެ މަންމަ ދުވަހަކުވެސް މީހަކަށް ޞަދަގާތުގެ ގޮތުގައި އެއްވެސް އެއްޗެއް ދިންތަނެއް އަހުރެން ނުދެކެމެވެ. އެގޮތުން އެއް ދުވަހަކު އަހުރެންގެ ބައްޕަ ގެރިއެއް ކަތިލިއެވެ. އެތަންވަޅު ސަލާންޖަހާ މީހަކު އައިސް އޭގެން އެތިކޮޅެެއް ދިނުމަށް އެދުނެވެ. އެހިނދު މަންމަ ސަރުބީކޮޅަކާ އެކު އޮތް ގެރީގެ ކަށިގަނޑެއް ނަގާފައި އެމީހާ އަށް ދިނެވެ. ދެން އެހެން ދުވަހަކު އެހެން މީހަކުވެސް ސަލާން ޖަހަން އައެވެ. އެމީހާ އެހީއަކަށް އެދުމުން ބިންމަތީގައި އަޅާ ކާޕެޓު ޒާތުގެ ފޮތިގަނޑެއް މަންމަ ދިނެވެ. އެނޫނީ ދުވަހަކުވެސް މަންމަ މީހަކަށް ޚައިރާތެއް ކޮށްލި ތަނެއް އަހުރެންގެ ލޮލުން ނުދެކެމެވެ. މަންމަ އަނދެގެން ހުއްޓާ އަހުރެންނަށް ހުވަފެނުގައި ފެނުނީ ސީދާ ހަމަ އެފޮތިގަނޑެވެ. އެއްވެސް ތަފާތެއް ނެތެވެ."

އެހިނދު އައިޝާ ރަޟިޔަﷲ އަންހުމާ ވިދާޅުވިއެވެ. "ﷲގެ ކުޅަދުންވަންތަކަމާއެވެ. އެކަލާނގެ ވަނީ ހައްޤު ބަސްފުޅު ވަހީ ކުރައްވާފައެވެ. އަދި ރަސޫލުﷲ ގެފާނު ވަނީ އަހުރެމެންނާ ހަމަޔަށް ފޯރުކޮށްދެއްވާފައެވެ. فَمَن يَعْمَلْ مِثْقَالَ ذَرَّةٍ خَيْرًا يَرَهُ ފަހެ، ޒަރެއްގެ މިންވަރުވިޔަސް، ހެޔޮކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ. وَمَن يَعْمَلْ مِثْقَالَ ذَرَّةٍ شَرًّا يَرَهُ އަދި ޒަރެއްގެ މިންވަރުވިޔަސް، ނުބައިކަމެއްކޮށްފި މީހާ، އޭނާ އެކަން ދެކޭނެތެވެ.

 

މަސްދަރު: [އައްޒަލްޒަލަ 7-8]  މި ހާދިސާ ރިވާކުރައްވާފައިވަނީ ހާފިޒް އަބޫ މޫސާ އަލް މަދަނީ ސައްޚަ ސަނަދަކުންނެވެ.

1- ޙަކީމް /އަލް މުސްތަދްރަކް

2- އިބްނި އަބީ އައް ދުންޔާ /ކިތާބު އަލް މުޖާބީ އަލް ދުޢާ [ސ74-75]

3- އިބްނި ރަޖަބް އަލް ހަންބަލީ/ "ދަ ތްރީ ދެޓް ފޮލޯ ޓު ދަ ގުރޭވް” [ސނ:29-30] / ދާރުއްސުންނަތް"

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *