Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- އެތަކާއި ހުސްވެފައި އޮތް ވަޒީފާއެއް

ޖަންގައްޔެއްގައި ވަޒީފައެއް ހުސްވެފައި އޮތް ކަން އިއުލާނު ކުރެވުނެވެ. ވަޒީފާއަށް ބޭނުންވަނީ މުސަޅެކެވެ. ނަމަވެސް، އެ ވަޒީފާއަށް އެދި ސިޓީލީ، ވަޒީފާއެއް ނުލިބިގެން އުޅުނު އެތެކެވެ. ކޮންމެއަކަސް ޖަންގަލީގެ ވަޒީފާތަކާ ބެހޭ ވުޒާރާއިން ނިންމީ އެތައް އެ ވަޒީފާ ދޭށެވެ.

ދެން، ދުވަސްކޮޅެއް ފަހުން، އެތައް ފާހަގަކުރެވުނީ، ޖަންގަލީގައި ވަޒީފާ އަދާކުރާ މުސަޅެއް ވެސް އުޅޭ ކަމެވެ. އަދި، އެ މުސަޅުގެ މުސާރައާއި އެލަވަންސާއި އިތުރު ގަޑީގެ ފައިސާއާއި ބޭސްފަރުވާގެ ޚަރަދުތަކާއި އެތެރެއާއި ބޭރުގެ ދަތުރުގެ ޚަރަދުތައް ވެސް އޮތީ އެތެއްގެ ޚަރަދުތަކާ އެއް ދަރަޖައެއްގައެވެ. ނަމަވެސް، އެތައް މި ލިބެނީ މުސަޅެއްގެ ކުޑަ މުސާރައެވެ. އެލަވަންސާއި އިތުރުގަޑީގެ ފައިސާ މުސަޅަށް ދޭން ހަމަޖެހިފައި ނޯންނާތީ މި އެތަށް އެއިން އެއްޗެއް ވެސް ނުލިބެއެވެ. އެހެންވެ، އެތް ނިންމީ މި މައްސަލަ ޖަންގަލީގެ ޝަކުވާއާ ބެހޭ މަޖުލިހަށް ހުށަހަޅައި އެތުގެ މުސާރައާއި އެހެން އިނާޔަތްތައް ވެސް ހަމަ އެތެއްގެ ދަރަޖައިގައި ހަމަޖައްސައިދޭތޯ ދެންނެވުމެވެ.

އެތުގެ މުސާރާއިގެ މައްސަލަ ކަމާ ބެހޭ ޖަންގަލީގެ ވުޒާރާއަށް ހުށަހެޅިއެވެ. އަދި އެމަޖިލީހުގައި އެކުލެވިގެން ފަސް ސިންގާގެ ކޮމޮޓީއަކުން، ވަރަށް ވެސް އިންސާފުވެރިކަމާއެކު ބެލިއެވެ. އަދި އެގޮތުން އެތާއި މުސަޅު ވެސް، އެ އެއްޗެހީގެ ހުރިހާ ސަނަދުތަކާއި އެހެން ވެސް ރަސްމީ ލިޔުންތަކާއެކު ހާޒިރުކުރެވުނެވެ. ދެން، އެތާއި މުސަޅުގެ ލިޔުންތައް ބެލުމަށް ފަހު، އެ ކޮމެޓީން ނިންމީ އެތަކީ މުސަޅެއް ކަމަށެވެ. އަދި މުސަޅަކީ އެތެއް ކަމަށެވެ. ކޮމިޓީން ބަޔާން ކުރި ގޮތުގައި އެތާއި މުސަޅު ހުށަހެޅި ހުރިހާ ލިޔުންތަކެއް ބުނަނީ އެހެން ކަމެވެ. އެހެންވީމާ، އަދުލުވެރިކަން ނިޔާކުރަނީ އެތައް ލިބެންޖެހޭނީ މުސަޅެއްގެ މުސާރައާއި އިނާޔަތްކަމެވެ. އަދި، މުސަޅަށް ލިބެން ޖެހޭނީ އެތެއްގެ މުސާރައާއި އިނާޔަތްތައް ކަމެވެ.

ދެން، އެތް އެކަން ގަބޫލުކުރިއެވެ. އެތަކީ ހަމަ މުސަޅެއް ކަމެވެ. އަދި، މުސަޅަކީ ހަމަ އެތެއް ކަމެވެ. އެހެންވެ، މައްސަލަ އިސްތިއުނާފުކުރާކަށް އެތް ބޭނުމެއް ނުވިއެވެ. ދެން، ޖަންގަލީގެ އަނގަ ގަދަ މަކުނެއް އެތް ކުރެން އެއްސެވެ. ތި މައްސަލަ އިސްތިއުނާފު ނުކުރަންވީ ކީއްވެ ހެއްޔެވެ؟ ކަލެއަކީ ހަގީގަތުގައި އެތެއް ނޫން ހެއްޔެވެ؟

ދެން، ޖަވާބުގައި އެތް ބުންޏެވެ. ހަގީގީ ހަގީގަތާއި އަމަލުކުރަން އޮންނަ ހަގީގަތް ތަފާތުވެދާނެއެވެ. މައްސަލަ ބަލާ ކޮމިޓީގެ ތިބި ފަސް ސިންގާއާ ބެހޭ ލިޔުންތަކެއް ލީކުކޮށްލައިގެން އުޅެނިކޮށް އަހަރެން ދުށީމެވެ. އެއިން އެނގޭ ގޮތުން ކޮމިޓީގައި ސިންގާގެ ހެދުން އަޅައިގެން ތިބީ ހުސް ހިމާރުންނެވެ. ނަމަވެސް، އެމީހުންގެ ލިޔުންތައް ބުނަނީ އެއީ ސިންގާ ކަމެވެ. އެހެންވީމާ، ސިންގާތަކެއްގެ ސިފައިގައި ތިބި ކަމުގައި ވިޔަސް، ހަގީގަތުގައި އެއީ ހުސް ހިމާރުން ކަމަށްވާއިރު، އެތާއި މުސަޅެއްގެ ތަފާތު ނޭނގޭ އެފަދަ ހިމާރުންގެ ގަރާރަކާ ދެކޮޅު ހަދަން އަހަންނަށް ކުރެވޭނެ ކަމެއް ނޯންނާނެއެވެ.