...

Support Us

ކޮލަމް: ދިނަށަ

ކޮލަމް ދިނަށަ: ލާމަރުކަޒީ ނިޒާމާއި ބޮޑުއިސްޓޯރު ނިޒާމު

ފެށުނީއްސުރެ ވެސް ރާއްޖޭގެ ރައްޔިތުން ދިރިއުޅެނުން އައީ ލާމަރުކަޒީ ނިޒާމެއްގައެވެ. ބާނާ މަސްކޮޅާއި ރުއްގަހުން ލިބޭ ތަކެއްޗާއި އެއިން އުފައްދާ ލުއި، ބުރަ، ކާނާގެ ސާމާނު ހިފައިގެން އަމިއްލަ ނައުޒޯނގު ފަހަރުގައި އަވައްޓެރި ގައުމަކަށް ގޮސް އެތަކެތި ވިއްކައިގެނެވެ. އެއިން ލިބޭ ފައިސާކޮޅުން މުދާ ގަނެގެން ގެނެސް އަމިއްލަ ރަށުގައި ގުދަން ކޮށްގެން މާލެއަށް ބަރޯސާ ނުވެއެވެ.

އެހެން އެކަން ހިނގަހިނގައި އޮއްވައި ޚާރިޖީ އަދި ދާޚިލީ އެތައް އެތައް ސަބަބަކާއި ދުނިޔޭގެ މަޝްރަޙު އެނހިދަށް މަޖްބޫރު ކުރި ހިނދު، މުޙައްމަދު އަމީންދީދީ ވަޒީރުއް ދާޚިލިއްޔާގެ ގާތްމަޤާމުގެ ހައިސިއްގަތުން ދިވެހި ދައުލަތް ހިންގަވާން ހުންނަވައިގެން ދިވެހީން ބޭރަށް މުދާ ވިއްކާން ކުރަމުން ދިޔަ ދަތުރުތަކަށް ނިމުން ގެންނެވިއެވެ.

މާލޭގައި ބޮޑު އިސްޓޯރު އުފެއްދެވިއެވެ. އެކަން ވެގެން ދިޔައީ، ހުރިހައި ކަމެއްގައި ވެސް "ބޮޑު އިސްޓޯރު ނިޒާމު" (މާލެއަށް ބަރޯސާވާ ނިޒާމު) ގާއިމުވުމުގެ ފެށުން ކަމުގައެވެ. އެ ދުވަސްވަރުގެ ޙާލަތުގެ މައްޗަށް ރިޢާޔަތް ކުރައްވައި އެނޫން އެހެން އެއްވެސް ގޮތެއް ވެސް ނެތް ހިނދު، 10 ޑިސެމްބަރ 1942 ގައި ބޮޑު އިސްޓޯރު އުފައްދަވާން ދައުލަތަށް ލާޒިމު ވެސް ވީއެވެ. ކާޑުގެ ކޮންޓުރޯލް ކުރެއްވޭނެ އެނޫން އެހެން އެއްވެސް ގޮތެއް ވެސް އެހިނދަށް ނެތީއެވެ. ގައުމާއި ރައްޔިތުންގެ ޙާލަތަށްޓަކައެވެ. ރައްޔިތުންނަށް ލިބޭ ގެއްލުންތަކުން ސަލާމަތް ކުރެވިފައި ލިބޭނޭ ލާބަޔަށްޓަކައެވެ.

އެހެނަސް، އެދުވަސްވަރު ދުނިޔެއަށް ކުރިމަތިވި އެ ޙާލަތު ނިމިގެން ދިޔަނަމަވެސް، އޭގެ ފަހުން އަދިއަދަށް ދާންދެން ވެސް ދިވެހީން ދިރި އުޅޭން ޖެހިފައި މިވަނީ ބޮޑު އިސްޓޯރު ނިޒާމެއްގައެވެ. މާލެއަށް ބަރޯސާ ނުވެ ނޫޅެވޭނޭ ނިޒާމެއްގައެވެ.

އެ ނިޒާމުން ވީއްލި މިނިވަންވެ ލާމަރުކަޒީ ޙާލަތަށް އެނބުރެވޭނެ ފުރުޞަތެއް އޭގެ ފަހުގެ އެއްވެސް ވެރިކަމެއްގައި ދިވެހީންނަށް ފޯރުކޮށެެެއް ނުދެވެއެވެ. އިވެނީ ލާމަޒުކަޒީ ކުރާ ވާހަކައިގެ އަޑެވެ.
ނަމަވެސް، އިހު އޮތް ލާމަޒުކަޒީ ނިޒާމު އުވި، ބޮޑު އިސްޓޯރު ނިޒާމުގައި އުޅޭން ޖެހުމުން ނުކުތް ނޭދެވޭ ނަތީޖާއަކީ، ރަށްރަށް ފަޅުވާން ފެށުމެވެ. މާލޭގައި ދިރިއުޅޭން ބޭނުންވުމުގެ ޠަބީޢަތު އަށަގަންނާން ފެށުމެވެ.

ލިބޭ އާމްދަނީ ކުއްލީގެ ގޮތުގައި ހޭދަކުރާން ލާޒިމުވިއެވެ. ދިރިއުޅުމަށްޓަކައި ފައިސާ ހޯދުން ނޫން އެހެން ކޮންމެ ފިކުރަކާއި ވިސްނުމެއް ނެތިގެން ދިޔުމެވެ. ފައިސާ ހޯދުމުގައި ޙަލާލެއް ޙަރާމެއް ނުބެލޭން މަޖްބޫރުވާ މިންވަރަށް ދިރިއުޅުމުގެ އަގުތައް ބުރަވާން ފެށުމެވެ. މާއްދިއްޔަތުގައި ބަގުޑި ނުލައި ދިރިއުޅެވޭނެ ގޮތެއް ނުފެންނާން ފެށުމެވެ.

ފައިސާ ފޮއްޗެއް ދުވަހަކު ލޮލުން ނުފެނުނަސް، އެރިއަށް ލިބޭ ކާއްޓަކާއި ބަނބުކޭލަކީ މައިގަނޑު ކެއުމެއް ކަމުގައިވެ ފަތިހު ގޮނޑުދޮށަށް ދޮއްޓެއް ޖަހައިގެން ބާނަ ކަޅުއޮށު ގަރުދިޔަ ފޮދަކީ އެންމެ މީރު ލައިގެންކާއެތި ކަމުގައިވީ ހިތްފަހި ދިރިއުޅުން ހުވަފެނުން ވެސް ނުފެންނާން ފެށުމެވެ.

ބޯކެޔޮ ހޮޅުން މުޑިޖަހައިގެން މަގޫ ދަޑިން ބިތްގަނޑު ގަތައިގެން އޮށިން ފުރާޅު ގަތައިގެން ފުރާޅުގައި ފަންޖަހައި ތޮށަލިން ބިއް ބައްދައިގެން ހަދާ ޖިފުޓިގަނޑުގައި ފުޅިބައްތި ދިއްލައިގެން ފަނުން ވިޔޭ ފަންކާ އަކުން ވިހެލައިގެން އުފަލުގައި ދިރިއުޅުނު އުޅުން ނިމިގެން ދިއުމެވެ.

ފަނުން ބިއް ބައްދައިގެން ސުތުލި ގޯނިން ދޮރު ހަދައި އުވަލައިގެން ހަދާ ދޮރުފަތެއް ލައިގެން ހަދާ ގިފިލީ ވަޅުން ދާނިން ފެންވަރާލައިގެން ދިރިއުޅުނު ހިތްފަހި ދިރިއުޅުން ސަގާގަތުގެ ކަމަކަށް ވެގެން ދިއުމެވެ. އަދި ކޮށާރުގައި ހުންނަ ދަރު، އަޅިއުނދުނުގައި ޖައްސައިގެން އޮށި ބަދިގޭގައި ކައްކައި އުޅުނު ދިވެހިވަންތަ ދިރިއުޅުން އުވިގެން ދިއުމެވެ.

ލާމަޒުކަޒީ ނިޒާމޭ ކިޔާ ބަހުގެ އަޞްލު ދަންނަ މީހުން ދިރިއުޅުނު ޖީލުގެ މީހަކާ ބައްދަލުވި މީހަކާއި ދިމާވި މީހަކު ވެސް މިއަދަކު ދުނިޔޭގައެއް ނެތެވެ.

އެދެނީ ދިވެހީންނަށް ހުރިހައި ރޮނގަކުން ވެސް ފާގަތި، ހިތްފަސޭހަ ދިރިއުޅުމެކެވެ. ދުޢާއަކީ ވެސް އެ އެވެ.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.