Support Us

ކޮލަމް ކޯދު: ރޫހާނިއްޔަތާ ބެހޭ ބަސްކޮޅެއް

ރޫހާނިއްޔަތޭ ހެއްޔެވެ؟ އޭގެ މާނައަކީ ކޮބައިހެއްޔެވެ؟ ރޫހައްނިޔައްތުގެ ލަފްޒު އިޝާރަތްކުރާ ފަދައިން ރޫހާނިއްޔަތު ގުޅެނީ ރޫހާއެވެ. އިންސާނާގެ ރޫހާއެވެ. މި ބުނުން، ބިނާވެފައި އޮތީ އިންސާނާ އެކުލެވިގެންވާ ވަކި ގަބޫލުކުރުމެއްގެ މައްޗަށެވެ. އިންސާނާގެ ކިބައިގައި ރޫހަކާއި ޖިސްމެއްވާ ކަމުގެ މައްޗަށެވެ. ރޫހާނިއްޔަތު ގުޅެނީ އިންސާނާގެ ރޫހާނީ ބައި ކުރިއެރުވުމާއެވެ.

ހުރިހާ ދީންތަކެއްގައިހެން، އިންސާނާގެ ރޫހާނިއްޔަތުގެ ބައި ކުރިއެރުވުމާ ބެހޭ ތައުލީމާތުތަކާއި ކުރަން އޮންނަ ކަންތައްތަކެއް ވެއެވެ. އިސްލާމް ދީނުގައި، މި ތައުލީމާތުތަކާއި ކަންކަން ގުޅެނީ މައިގަނޑު ދެ ކަމަކާއެވެ. ތިމާ ހެއްދެވި ފަރާތް، އާދެ، މާތްﷲއާ ގުޅުން ބަދަހިކުރުމަށާއި އެ ގުޅުންމަތީ ތިމާއީ ހެޔޮލަފާ މީހަކަށް ވުމާއެވެ. އިންސާނާ އެކުލެވިގެން ވަނީ، މަތީގައި ބުނެވިދިޔަ ގަބޫލުކުރެވުމުގެ މައްޗަށް ބަލާއިރު، މާއްދީ ބަޔަކާއި އަދި ރޫހާނީ ބައެއްގެ މައްޗަށެވެ. އެހެންވެ، އިންސާނާގެ އިންސާނިއްޔަތުކަން ދެމެހެއްޓެނީ މި ދެބައި ވެސް ދަމަހައްޓައިގެންނެވެ. އޭނާގެ ޖިސްމަށް ނުވަތަ ހަށިގަނޑަށް ބޭނުންޖެހޭ ކަންކަން ފުއްދައިދިނުމާއި އޭނާގެ ރޫހަށް ބޭނުންޖެހޭ ކަންކަން ފުއްދައިދީގެންނެވެ. ފުރަތަމަ ބައި ގުޅެނީ މާއްދީ ކަންކަމާއެވެ. ކެއުން ބުއިމާއި ހިއްސީ ލައްޒަތާއި އުފާތައް ހާސިލުކުރުމާއެވެ. ދެވަން ކަންކަން ގުޅެނީ އަޅުކަމާއި އަދި އަޚުލާގީ ގޮތުން ރިވެތި ސިފަތައް ލިބި، އެހެން މީހުންނަށް ވެސް އަޅާލައި ކަމޭ ހިތުމާއެވެ. އާދެ، ރޫހާނިއްޔަތޭ ބުނެ އިޝާރަތް ކުރަނީ މި ބަޔަށެވެ.

ދެން، ރޫހާނިއްޔަތާ ބެހޭ ބައެއް ބުނުންތައް ނަކަލުކޮށްލާނަމެވެ.

  1. ދުނިޔެވަނީ ޖާދުވީ ކަންކަމުން ފުރިފައެވެ. އެކަންކަން ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުންދަނީ އަހަރުމެންގެ ހިއްސަތުކުގެ ތޫނުކަން އިތުރުވެ، އެކަންކަން ދެނެގަތުމުގެ ވަގުތަށެވެ.
  2. އަލިފާނާއި ނުލައި އުއްބަތިއެއް ރޯކޮށް ދިއްލާފައި ނުބެހެއްޓޭނޭ ފަދައިން، އިންސާނާއަށް ވެސް، އެންމެ ފުރިހަމަ ގޮތުގައި، ރޫހާނިއްޔަތާއި ނުލައި ދިރި ނޫޅެވޭނެއެވެ.
  3. ލޯތްބަކީ އިންސާނާގެ ރޫހުގައި އުފެދި ބޮޑުވަމުން އަންނަ އެއްޗެކެވެ. އިންސާނާގެ ރޫހުގައި އެ ސިފަ އުފެދި ބޮޑުވަމުން އަންނަހެން، އިންސާނާގެ ރޫހުގައި ރީތިކަން ވެސް އުފެދި ބޮޑުވަމުން އާދެއެވެ. އެހެނީ ލޯތްބަކީ އިންސާނާގެ ރޫހުގެ ރީތިކަމެވެ.
  4. ރޫހާނީ ހޭލުންތެރިކަމަކީ ކަލޭ މުޅިން ބަދަލުވުމެއް ނޫނެވެ. ނަމަވެސް، ކަލޭގެ ކިބައިގައި ހަގީގަތުގައި އެކުނުލެވޭ ސިފަތަކާ ދުރުވުމެވެ.
  5. މާތްﷲގެ މަތިވެރިކަން އެންމެ ފުރިހަމަ ގޮތުގައި ދާދީ ކުދިކުދި އެއްޗެހީގެ ކިބައިން ވެސް ފާޅުވެ ފެންނަން ހުރެއެވެ.
  6. ސައިންސުގެ ހޯދުންތަކާއި ރޫހާނިއްޔަތާ ފުށުއަރާނޭ އެއްވެސް ކަމެއް ނެތެވެ. އަދި ކިއެއް ހެއްޔެވެ؟ ސައިންސުގެ ހޯދުންތަކަކީ ރޫހާނިއްޔަތުގެ މަގަށް އިންސާނާ ގެންގޮސްދޭ ރޫހާނިއްޔަތުގެ މަސްދަރެކެވެ.
  7. އަހަރުމެން ހަނދާންކުރަން ޖެހޭ އެންމެ މުހިއްމު ކަމަކީ، އަހަރުމެންގެ ވިސްނުންތަކާއި އިހުސާސުތައް އައިސް ނެތި ބަދަލުވަމުން ދިޔަކަމުގައި ވިޔަސް، އަހަރުމެންގެ މައްޗަށް އޮންނަ އިލާހީ ލޯތްބާއި ރަހުމަތަކަށް ބަދަލު ނައިސް އަބަދު ވެސް އެކަން ދެމިއޮވެއެވެ.
  8. ރޫހާނިއްޔަތަކީ ކޮބައިކަމާއި ރޫހާނިއްޔަތުގެ މަގު ކަލެއަށް ދަސްކޮށްދޭނޭ އެހެން މީހަކު ނުވެއެވެ. އެކަން ފެށިގެން އަންނަނީ ކަލޭގެ ނަފްސުގެ ތެރެއިންނެވެ. ކަލޭގެ ރޫހުންނެވެ. އެހެންވެ، ރޫހާނިއްޔަތާއި ރޫހާނިއްޔަތުގެ މަގު ކަލެއަށް ދަސްކޮށްދޭނީ ކަލޭގެ އަމިއްލަ ނަފްސެވެ. ކަލޭގެ ރޫހެވެ.
  9. އެހެން މީހަކަށް ހެޔޮކަމެއް ކޮށްދިނުމުން، ކަލެއަށް ވެސް އުފަލާއި ހިތް ހަމަޖެހުން ލިބެއެވެ. ސަބަބަކީ ހެއްޔެވެ؟ އުފަލާއި ހިތް ހަމަޖެހުމުގެ ކޯވަރު ގުޅިފައި އޮންނަނީ ރޫހާކަމަށްވާތީއެވެ. އެފަދަ ކަމެއް އެހެން މީހަކަށް ކޮށްދިނުމުން ކަލެއަށް ވެސް ރޫހާނިއްޔަތުގެ ތަށިން ފެން ފޮދެއް ބޯލެވި އުފަލާއި ހިތް ހަމަޖެހުން ލިބެއެވެ.
  10. ކަލޭ އެކަނި އެއްގޮތަކަށް ވެސް ނުވެއެވެ. ކަލޭގެ ރޫހު ވަނީ އެހެން އެންމެނާ ގުޅިފައެވެ. އެހެން މީހުންނަށް ހެޔޮކޮށް ހިތައި ރޫހާއި ރޫހުގެ އެ ގުޅުން ދަމަހައްޓާށެވެ.
  11. އަހަރުމެންނަކީ ރޫހާނިއްޔަތުގެ ތަޖުރިބާކުރާ އިންސާނީ ވުޖޫދެއް ލިބިފައިވާ ބައެއް ނޫނެވެ. ނަމަވެސް، އިންސާނީ ތަޖުރިބާއެއް ކުރާ ރޫހާނިއްޔަތުގެ ވުޖޫދެއް ލިބިފައިވާ ބައެކެވެ.
  12. ހަމަހިމޭން ޒަމީރެއް ލިބިފައި ވުމީ އިންސާނާ ވަރުގަދަ މީހަކަށް ހަދާލާ ކަމެކެވެ.
  13. އަހަރުމެންގެ ނަސީބު ގުޅެނީ ތަރިތަކަކާ ނޫނެވެ. ނަމަވެސް އަހަރުމެންގެ އަމިއްލަ ނަފްސާއެވެ. އަހަރުމެންގެ ރޫހާއެވެ.
  14. އުފާވެރިކަމަކީ އެއަށް ވަކި މަންޒިލެއްވެ، އެ މަންޒިލާ ހަމައަށް ދަތުރުކުރެވެން އޮންނަ ކަމެއް ނޫނެވެ. ނޫނީ ލިބިގަނެ މިލްކުކުރެވޭ ވެސް ކަމެއް ނޫނެވެ. ނޫނީ ލެވޭ ހެދުމެއް ނުވަތަ ކާލެވޭ އެއްޗެއް ވެސް ނޫނެވެ. އުފާވެރިކަމަކީ ހަޔާތުގެ ކޮންމެ ހިނދުކޮޅެއް ވެސް، ލޯތްބާއި ހެޔޮކަން ކުރުމާއި ޝުކުރުވެރިވުމުގައި ހޭދަކޮށްލުމެވެ.
  15. އުއްމީދަކީ، އަހަރުމެންގެ އެކަންކަމާ މެދު ބިރުގަންނަ ކަންކަން ކޮންޓުރޯލު ކުރުމަށް މާތްﷲ އަހަރުމެންނަށް ދެއްވާ ބާރެކެވެ. ފަހަރެއްގައި ވެސް އެއީ އެފަދަ ބިރުވެރިކަން ނެތިކޮށްލުމަށް އޮންނަ ކަމެއް ނޫނެވެ.
  16. މާތްﷲއަށް ދުއާ ދެންނެވުން ގުޅެނީ މުއުމިނާގެ ފުރާނައިގެ އެދުންތަކާއެވެ. މާތްﷲގެ ހަޟުރަތުގައި އެ ފުރާނައިގެ ބަލިކަށިކަމާއި ނިކަމެތިކަމާއެވެ. ކޮންމެ ދުވަހަކުމެ، އަޅުކަންކޮށް ދުއާކުރުމުން، އަބަދުމެ، އެ ފުރާނަ، މާތްﷲގެ ހަޟުރަތުގައި އޭގެ ބަލިކަށިކަމާއި ނިކަމެތިކަމަށް އިއުތިރާފުވެއެވެ. އަދި، އެކަންކަން ފޫބެއްދުމުގެ ގޮތްތައް ހޯދުމުގެ އެދުންވެސް އެކަލާނގެ ހަޟުރަތުގައި ދެންނެވެއެވެ.
  17. މަލެއް ދެކެ ލޯބިވެއްޖެ ނަމަ، އެ މާ ބިނުން ބުއްދިވެރިއެއް ނޫނެވެ. ކީއްވެ ހެއްޔެވެ؟ އެ މާ ބިނދެފި ނަމަ، އެ މާ މޯޅިވެ، މަރުވެއެވެ. އޭރު އެ މާ ވާނީ ކަލޭ އެ ދެކެ ލޯބިވި އެއްޗަކަށް ނޫނެވެ. މިއިން އެނގެނީ ކޮން ކަމެއް ހެއްޔެވެ؟ ލޯތްބަކީ މިލްކޮށް، ތިމާގެ ބާރުގެ ދަށުގައި ބާއްވަން ޖެހޭ އެއްޗެއް ނޫންކަމެވެ. ލޯތްބަކީ އެއަށް އަޅާލައި، އެ ބަލަހައްޓައި އޭގެ އަގު ވަޒަން ކުރަންޖެހޭ އެއްޗެކެވެ.
  18. ދީނީ ޝިއާރުތަކުގެ ހަގީގީ މާނައަށް ނުވިސްނާ، އެކަންކަން ކުރާ ނަމަ، އެކަންކަމަކީ ރޫހާނިއްޔަތުގެ ދިރުން އިތުރުކުރާކަމަށް ނުވެ ހިނގައިދާނެއެވެ.
  19. ކަލޭގެ އަޅާލުމާއި ކަމޭ ހިތުމުގެ ދާއިރޭގެ ތެރޭގައި ކަލޭގެ އަމިއްލަ ނަފްސު ނުހިމެނޭނަމަ ކަލޭގެ އަޅާލުމާއި ކަމޭ ހިތުން ފުރިހަމަ ވެއްޖެ ކަމުގައި ނުބެލެވޭނެއެވެ.
  20. ރޫހާނިއްޔަތުގެ މަގަކީ ދުނިޔެއާ ކަލޭ ދުރަށް ގެންގޮސް ދުނިޔެއާ ކަލޭ ވަކިކޮށްލާ ކަމެއް ނޫނެވެ. ނަމަވެސް، އެއީ ދުނިޔޭގެ އެންމެ އުމްގަށް، އެންމެ ފުންމިނަށް، ކަލޭ ވާސިލުކޮށްދީ، ދުނިޔެއަކީ ހަގީގަތުގައި ކޮބައިކަން، ކަލެއަށް ދަސްކޮށްދޭނޭ ކަމެކެވެ.
  21. ރޫހާނިއްޔަތުގެ މަގުގައި ދަތުރުކުރަން ފަށާއިރު، ހުޅުވާލެވިފައިވާ ބޮޑު ހިތެއްގެ ވެރިއަކަށް ވުމީ ކޮންމެހެން ވެސް ބޭނުންތެރި ކަމެކެވެ.
  22. ރޫހާނިއްޔަތުގެ ބާރުގެ ތައުސީރު ނަފަސަށް ކުރުވުން، ދާއިމީ ސިފައެއްގައި، ހުއްޓުވައި ހިފެހެއްޓުމަކީ ޖިސްމާނީ ބާރަށް ކުޅަދާނަ ކަމެއް ނޫނެވެ.
  23. އަނެކުން ހާލަތު ވިސްނިގެން މެނުވީ އަނެކުންނަށް އަޅައެއް ނުލެވޭނެއެވެ. އަނެކުންނަށް އަޅާލެވިގެން މެނުވީ އޭނާއަށް އެހީތެރިއެއް ނުވެވޭނެއެވެ. އަނެކުންނަށް އެހީތެރިކަން ފޯރުކޮށް ދެވިގެން މެނުވީ ދިންނެވުމުގެ މަގުގައި ހިނގޭކަށް ނޯވެއެވެ.
  24. އަހަރުމެންނަށް މާފުވެވެނީ، އަހަރުމެން މާފުކުރުމުންނެވެ.
  25. ލައިބުރަރީ އަކަށް ނުގޮސް ފޮތް ކިޔިދާނެއެވެ. ހަމަ އެހެންމެ، ރޫހާނިއްޔަތުގެ މަގުގައި ހިނގުމަށްޓަކައި އަބަދު އަޅުކަމުގެ ގެއެއްގައި އިންނާކަށް ނުޖެހެއެވެ.
  26. ކަލެއަށް އެއްވެސް އެއްޗެއް އުނިވެގެން ނުވާކަން އިހުސާސުވުމުން، މުޅި ދުނިޔެ ކަލެއަށް ލިބުނީއެވެ.
  27. އަހަރުމެން އިތުރަށް ބޭނުންވަނީ ޒިހުނީ، ސިކުނޑީގެ ބާރެއް ނޫނެވެ. އަހަރުމެން އިތުރަށް ބޭނުންވަނީ ރޫހާނިއްޔަތުގެ ބާރެވެ. އަހަރުމެން އިތުރަށް ބޭނުންވަނީ މާއްދީ ފެންނަ ތަކެއްޗެއް ނޫނެވެ. އަހަރުމެން އިތުރަށް ބޭނުންވަނީ ނުފެންނަ ރޫހާނީ އެއްޗިއްސެވެ.
  28. އުފާވެރި މީހުން އެމީހުންގެ އެތެރެވަރީގެ ދުނިޔެ ބިނާކުރެއެވެ. ހިތްހަމަ ނުޖެހޭ މީހުން އެމީހުންގެ ބޭރުގެ ދުނިޔެ ބަދުނާމު ކުރަން ތިބެއެވެ.
  29. ކަލޭގެ އެތެރެ ހަށީގެ ރޫހާނިއްޔަތުކަމުގެ ރީތިކަން ދިރުވައި ދެމެހެއްޓޭތޯ ބަލާށެވެ. އޭރުން އެ ރީތިކަން ކަލޭގެ މޫނު މަތިން ވިދަވިދައި ފެންނަން ހުންނާނެއެވެ.
  30. ހަޔާތުގެ ދަތުރުގައި އެތައް އެތައް ނާކާމިޔާބުތަކަކާއި ކަލޭ ކުރިމަތިލާން ޖެހޭނެއެވެ. ނަމަވެސް، އެއިން އެއްވެސް ނާކާމިބީއަކީ ކަލޭ ބަލިކޮށްލައި ކަލޭގެ ހިއްވަރު ދުއްވާލާ ކަމަކަށް ނުހަދާށެވެ.