Support Us

ކޮލަމް ކޯދު: ހިތިކަމާ ބެހޭ ގޮތުން ބުނެފައިވާ ބުނުންކޮޅެއް

ހިތިކަމާ (ބިޓަނަސްއާ) ބެހޭ ގޮތުން މީހުން ބުނެފައިވާ ބައެއް ބުނުންތަކުގެ މައްޗަށް ކަޅިއެއް އެއްލުމުގެ ކުރިން ހިތިކަމޭ ބުނެ މިތާ އިޝާރަތް ކުރަނީ ކޮން ކަމަކަށް ކަން ބަޔާން ކޮށްލަން ޖެހެއެވެ.

ހިތިކަމުގެ ހިއްސީ މާނައަށް ބަލާލާއިރު އެއީ ފޮނިކަމުގެ އިދިކޮޅެވެ. ހަކުރަކީ ފޮނި އެއްޗެކޭ ބުނާއިރު، ހަބަރަކީ ހިތި އެއްޗެކޭ ބުނެއުޅެއެވެ. ދެން، ހިތިކަމުގެ މައުނަވީ މާނައަށް ބަލާލާއިރު، ދެ އުންސުރެއް ހިތިކަމުގެ މާނައިގައި އެކުލެވިގެންވާކަން ފާހަގަކުރެ ވެއެވެ. ފުރަތަމަ އުންސުރަކީ ނަފްރަތެވެ. ނުވަތަ ރުޅިވެރިކަމެވެ. އުއްމީދު ގެއްލުވާލުމެވެ. މީހަކު ނުވަތަ ބަޔަކު، ތިމާއާ މުއާމަލާތް ކުރާއިރު، ބެލެވޭނީ، އިންސާފުވެރިކަމާއި އަދި އިހުތިރާމާއެކު އެ މުއާމަލާތެއް ކުރާނޭ ކަމެވެ. ނަމަވެސް، މިއާ ޚިލާފަށް، ބޭއިންސާފުވެރި އަދި އިހާނަތްތެރި ގޮތެއްގައި މުއާމަލާތްކުރުމުން، ނުވަތަ ކުރަމުން ގެންދިޔުމުން، ތިމާއަށް ކުރެވުނު، ހެޔޮގޮތުގައި މުއާމަލާތް ކުރާނެ ކަމުގެ، އުއްމީދު ގެއްލިގެން ދެއެވެ. އަދި، މިކަމުގެ ސަބަބުން، އެފަދަ އަނިޔާވެރި މުއާމަލާތް ކުރި މީހަކާ ނުވަތަ ބަޔަކާ ތިމާގެ ހިތުގައި ނަފުރަތާއި ރުޅިވެރިކަން އުފެދުމަކީ ތަބީއީ ކަމެކެވެ. މި ލިޔުމުގައި ހިތިކަމޭ ބުނެ އިޝާރަތް ކުރަނީ މި އިހުސާސަށެވެ. ތިމާއަށް އިހާނަތްތެރިވެ، ތިމާއާ މެދު ބޭއިންސާފުވެރިވެ، ތިމާއަށް ލިބެންޖެހޭ ގަދަރާއި އިހުތިރާމު ނުދީ އަދި މީގެ އިތުރުން، ތިމާއަށް އަނިޔާވެރިވުމުން ހިތުގައި އުފެދޭ ނަފުރަތާއި ރުޅިވެރިކަމަށެވެ.

ދެން، މިފަދަ ހިތިކަމާ ބެހޭ ގޮތުން މީހުން ބުނެފައިވާ ބަސްކޮޅެއް ލިޔެލާނަމެވެ.

  1. "ހިތިކަމަކީ ކެންސަރެއް ފަދަ އެއްޗެކެވެ. އެކެންސަރަށް މެހެމާނުދާރީ އަދާކުރާ ފަރާތް އެކެންސަރު ކަމުން ގޮސް އެފަރާތް ހަލާކުކޮށްލައެވެ. އަދި ރުޅިވެރިކަމަކީ އަލިފާންގަނޑެއް ކަހަލަ އެއްޗެކެވެ. އެ އަލިފާންގަނޑު ހުރިހާ އެއްޗެއް އެއްކޮށް އަންދާލައި ސާފުކޮށްލައި ނެތިކޮށްލައެވެ."
  2. ކަލެއަށް މީހަކު ޚިޔާނަތްތެރި ވެއްޖެ ނަމަ، އޭނާއާ މެދު ކުރެވުނު ހެޔޮ އުއްމީދު– އޭނާ ޚިޔާނަތްތެރި ނުވާނޭކަން– ވަގުތުން ހިތުން ނެރިލާށެވެ. އެ ގޮތަކަށް ކަންތައް ކުރުމުން، ތިމާގެ ނަފްސުގައި ހިތިކަން އަށަގަނެ، ތިމާ ހަލާކުކޮށްލާނެ ފުރުސަތެއް ނޯންނާނެއެވެ."
  3. "ހަނަފަސް ސަހަރާއެއްގެ ބިންމަތީ ފަސްގަނޑުގައި ފައިވަށްކޮށްލައިގެން އިށީނދެ އިނދެ މަޚުލޫގަކު، އޮރިޔާމުން، ޖަނަވާރެއް ފަދައިން، އޭނާގެ ހިތް އަތަށް ލައިގެން ކާން އިނެވެ." އެ މަޚްލޫގަށް އަހަރެން ބުނީމެވެ. "ރަހުމަތްތެިޔާއެވެ! ތި މީރު ހެއްޔެވެ؟"

"މި ވަރަށް ވެސް ހިއްޗެވެ!" ހިތިކަން ބުންޏެވެ. "މި ކާން އަހަރެން ގަޔާވަމެވެ. އެ ހިތިވީމައެވެ. އަދި، އެއީ އަހަރެންގެ ހިތަށް ވެސް ވާތީއެވެ."

  1. "ހުރިހާ ރުޅިއަކަށް ވުރެ ވެސް، އެންމެ ވަރުގަދަ، އަދި އެއަށް އެއްވެސް ޝިފާއެއް ލިބިގެން ނުވާ ރުޅިގަނޑަކީ، އެންމެ ވަރުގަދަ ލޯތްބެއް، އެ މަގާމެއްގައި އޮންނަ ޖެހޭ މަގާމުގައި ރޯވެ އަނދަމުންދާ ރުޅިގަނޑަނޑުގެ އަލިފާންގަނޑެވެ."
  2. "ދެ މީހަކު، ނުހަނު ކުލުނަވެރިކަމާއި ފުރިހަމަ ލޯތްބާ އެކު، އެކަކު އަނެކަކުގެ ލޮލަށް ބަލާލައި، ދެން އެއަށް ފަހު، އެކަން، ގަނޑުފެންގަނޑެއް ވިރޭހެން، ދާދި އަވަހަށް ވިރި، އެއަޅާލުމާއި ލޯބި، ރުޅިއާއި ނަފުރަތާއި ހިތިކަމަށް ފުރޮޅި ބަދަލުވެގެންދާ ގޮތަކީ ވަރަށް ވެސް ހައިރާން ކުރުވަނިވި، އަޖައިބެއް ފަދަ ކަމެކެވެ."
  3. ހިތިކަން ތަހައްމުލުކުރުމަކީ އެހެން މީހުން ހަދާ ގޯސްތަކުގެ އަދަބު އަމިއްލަ ނަފްސަށް އަމިއްލައަށް ދިނުމެވެ.
  4. ހައްގު ގޮތުގެ ހިތިކަން ތަހައްމުލުކުރެވޭނީ ކެރޭ ހިތްތަކުގެ ވެރިންނަށެވެ.
  5. ރުޅިއަކީ ކަލޭ ކޮންޓުރޯލުކުރާ އެއްޗަކަށް ވިޔަ ނުދޭށެވެ. ނަފުރަތަކީ ކަލޭ އަޅުވެތި ކުރާ އެއްޗަކަށް ވެސް ވިޔަނުދޭށެވެ. ނައްސިކަން، ހުރިހާ ކަމެއްގައި ވެސް އޮންނާނީ ނުރަނގަޅުކަން، މި ގޮތް ކަލޭގެ މައްޗަށް ވެރިވިޔަ ނުދޭށެވެ. ހިތިކަން ކަލޭގެ މައްޗަށް ނަސްރު ހޯދައި ކަލޭ ފަތަހަ ކުރިޔަ ނުދޭށެވެ.
  6. ހިތިކަމުގެ އިހުސާސުތަކުގެ ތެރެއަށް ގެނބިފައި އޮންނަ ފުރާނައަކަށް ވުރެ، ޝުކުރުވެރިކަން އިހުސާސުކުރާ ހިތެއް މޮޅު އިތުރުވެގެން ވެއެވެ.
  7. ހިތިކަމުގެ އިހުސާސުތައް ހިތުގައި އުފައްދާ ކުރަތަކާއި ލަކުނުތައް ހިނިތުންވެ، އުފާވެރިވުމަށް ހުރަސް އަޅައެވެ.
  8. ހަޔާތަކީ އޭގެ ބޭރު ފުށުގައި ހިތި ތޮށިގަނޑެއް ލެވިފައި އޮންނަ ފޮނި މޭވާއެއް ފަދަ އެއްޗެކެވެ. އޭގެ ފޮނިކަމާ ހަމައަށް ވާސިލުވުމަށްޓަކައި އޭގެ ބޭރުފުށުގެ ތޮށިގަނޑު ނޮޅަމުން ގެންދަން ޖެހެއެވެ.
  9. އަމިއްލަ ނަފްސަށް ހަމަޖެހުން ލިބިދިނުމަށްޓަކައި ތިން ކަމެއް ދޫކޮށްލަން ޖެހެއެވެ. އަމިއްލަ ނަފްސު ކުށްވެރިކުރުމާއި ރުޅިވެރިކަން ދޫކޮށްލުމާއި، ހިތިކަމުގެ އިހުސާސުތައް ނެތިކޮށްލުމެވެ.
  10. އިންސާނާގެ ކިބައިން ހުރިހާ އުފަލެއް ނިގުޅައިގަންނަ އެއްޗަކީ ބިރެވެ. އޭނާގެ ހަޔާތަށް ޒަހަރުލައި ހަޔާތް މަރާލާ އެއްޗަކީ އޭނާގެ ހިތުގައި ހިނގާ ހިތިކަމުގެ އިހުސާސުތަކެވެ.
  11. ކަލޭގެ ހިތުގެ ތެރޭގައި ހިތިކަމުގެ އިހުސާސު އޭގެ ގެ އެޅިޔަ ނުދޭށެވެ. ކޮންމެ ގޮތެއް ހަދާފައި ނަމަވެސް، އެ އިހުސާސުތައް ހިތުގެ ތެރެއިން ނެރެލާށެވެ. އެކަމާ ވިސްނައިގެން މަސައްކަތްކޮށްފި ނަމަ އެކަން ކުރެވޭނެއެވެ. މިއަދު ނޫނީ މާދަމާއެވެ. މި މަހު ނޫނީ އަންނަ މަހުއެވެ. ދޫ ނުދީ މަސައްކަތް ކުރާށެވެ. މި ގޮތުގައި މަސައްކަތްކޮށްފި ނަމަ، ހިތިކަމުގެ އިހުސާސުތަކަކަށް ކަލޭގެ ހިތުގައި ދެމި ނޯވެވޭނެއެވެ.
  12. ހިތިކަމުގެ އިހުސާސުތަކަކީ ކަލޭގެ ހިތުގައި އުފެދިފައިވާ ލޯބި ކިލަނބުކޮށްލާ ކަމެކެވެ.
  13. ކަލޭގެ ލޯބިވުން އިތުރުކޮށް އޭގެ ދަރަޖަ، ލޯބީގެ ހަރުނގަނޑުގެ އެންމެ މަތީ ހަރަށް އަރުވާށެވެ. ރުޅިވެރިކަމާއި ހިތިކަމުގެ އިހުސާސުތަކުގެ އަތް ނުފޯށާ ފަށަށެވެ.
  14. ހަޔާތަކީ ހިތި އެއްޗެއް ކަމުގައި ދެކޭ ނަމަ، ހަޔާތުގެ އެއްވެސް ފޮނި ހުވަފެނެއް ފެންނާނޭ ގޮތެއް ނޯންނާނެއެވެ.
  15. ހިތިކަމުގެ އިހުސާސުކުރުމުން އަރައިގަތުމަށްޓަކައި ދިހަ ކަމެއް ކުރެވިދާނެއެވެ. ރުޅިއައުމާ ދުރުވުން، ހިނިތުންވުމާއި އުފާވެރިކަމާއެކު އުޅެވޭތޯ މަސައްކަތްކުރުން، ހަސަދަވެރިވުމާ ދުރުވުން، ޝުކުރުވެރިވާން ދަސްކޮށް އެކަން ކުރުމުގައި ދެމިހުރުން، މާފުކުރުން އާދައަކަށް ހެދޭތޯ ބެލުން، ސުލްހަ މަސަލަސްކަން އެދެން މަތީ ދެމިހުރުން، ފުދިގެން އުޅެން ދަސްކުރުން، މަވެތިކަމުގެ ސިފަ، ހުރިހާ ވެސް އެއްޗަކީ ތިމާ ކަމާއި، މުޅި ދުނިޔެވެސް އެނބުރެނީ ތިމާގެ ވަށައިގެންކަން، މި ސިފަ އުތުރި އަރައި ނުގެނެ ހުރޭތޯ ބަލައި އެކަން މައިތިރިކޮށްފައި ބެހެއްޓުން، ނުރުހުމުގެ ބަސްތައް އަމިއްލަ ނަފްސު ގާތު ސިއްރުން ދެއްކުމާ ދުރުވުން، އެންމެން ދެކެ ވެސް ލޯބިވެވޭތޯ މަސައްކަތްކުރުން. މިއެވެ.