Support Us

ހަމައެކަނި މާއްދީ ކުރިއެރުން ހޯދުމުގައި އިންސާނާ ވަނީ ޣާފިލުވެ މަސްތުވެފައެވެ.

މިއީ ހަމައެކަނި ބޮޑެތި ސަހަރުތަކަށް ކުރިމަތިވެފައިވާ ހާލަތެއް ނޫނެވެ. އަދި ކިއެއްތަ؟ މީސްތަކުން ދިރިއުޅޭ ކޮންމެ ދިމާއަކުން ފެނިގެންދަނީ މި ހާލަތެވެ. އިންސާނީ ޖަމާޢަތަށް ނިސްބަތްވާ ކޮންމެ ފަރުދަކު އުޅޭގޮތާމެދު ތިބާ ވިސްނާލި ކަމުގައި ވިޔަސް ތިބާއަށް ފެންނާނީ ހަމަ މިދެންނެވި ހާލަތުގެ ޝިކާރައަކަށް ވެފައިވާ މަންޒަރެވެ. ފިކުރާއި ޚިޔާލުގެ ގޮތުންނެވެ. އުޅުންތަކާއި ގުޅުންތަކުގެ ގޮތުންނެވެ. ފިރިހެނުންނާއި އަންހެނުންނެވެ. މުއްސަނދިންނާއި ފަޤީރުންނެވެ. މުސްކުޅިންނާއި ޒުވާނުންނެވެ. ތަންދޮރު ނުދަންނަ ޖާހިލުންނާއި ޢިލްމުވެރިންނެވެ. ރަށްފުށު މީހުންނާއި ސަހަރުތަކުގައި އުޅޭ މީހުންނެވެ. ދީންވެރިކަމަށް ނިސްބަތް ކުރެވޭ މީހުންނާއި ލާދީނީ މީހުންނެވެ. މިއެންމެންގެ ޤިބްލައަކީވެސް އެއް ޤިބްލައެކެވެ.

އެއީ ދުނިޔެ ހޯދުމެވެ. އެހެން އެއްވެސް މަގުސަދެއް އެބައިމީހުންގެ ނެތެވެ. މިއަދުގެ އިންސާނާގެ އެންމެ ބޮޑު އުއްމީދަކީ ދުނިޔެއިން އޭނާއަށް  ލިބުނު އެންމެ ގިނަ މިންވަރެއް ބައްކުރުމެވެ. ރެޔާދުވާލު އޭނާގެ މަސައްކަތަކީ އެއީ މެއެވެ. އޭނާގެ އަގުބޮޑު ވަގުތުތަކާއި ލިބިފައިވާ ހުނަރާއި ޤާބިލިއްޔަތު ހޭދަކުރަނީ، ހަމައެކަނި އިސްވެ ދެންނެވި މަގުސަދު ހާސިލްކުރުމަށްޓަކައެވެ. ތާއަބަދު އޭނާގެ ސިކުނޑީގައި ހިނގާ ފިކުރަކީވެސް އެއީއެވެ.

މާއްދީ ކުރިއެރުންތައް ހޯދުމަށްޓަކައި މިއަދުގެ އިންސާނާ، އޭނާގެ އިންސާނީ ޒަމީރާއި އީމާންތެރިކަން ޤުރުބާން ކޮށްލުމަކަށް ފަހެއް ނުޖެހެއެވެ. އޭނާގެ ނަޒަރުގައި އެއީ އެހައި ކަންބޮޑުވާންޖެހޭ ކަމެއް ނޫނެވެ. އެދުންތަކުގެ ކަލާނގެތަކުގެ ކުރިމަތީގައި ޤުރުބާނެއްގެ ގޮތުގައި އޭނާގެ ޒަމީރާއި އީމާންތެރިކަމާއި ދީންވެރިކަން ހުށައަޅާލުމަށް މިއަދުގެ އިންސާނާ ހުރީ ތައްޔާރަށެވެ. އޭނާ ބޭނުންވަނީ ކޮންމެ ވަސީލަތެއްގެ ބޭނުން ހިފަން ޖެހުނު ކަމުގައި ވިޔަސް، އަދި ކޮންމެ އަގެއް ދޭންޖެހުނު ކަމުގައި ވިޔަސް ދުނިޔެ ހާސިލްކުރާށެވެ.

ތެދެކެވެ. މިއީ ދުނިޔަވީ ނަޒަރުން ބަލާއިރު ކިތަންމެހައިވެސް ބޮޑު ކާމިޔާބީއެކެވެ. ނަމަވެސް އުޚުރަވީ ގޮތުން ބަލާއިރު މިއީ އާޚިރަތުގައި އެކަމަކުން ފައިދާކުރާނޭ ކަމެއް ނޫންކަން ކަށަވަރެވެ. އެމީހެއްގެ މުޅި މަޤުޞަދަކީ އާޚިރަތުގެ މަތިން ޣާފިލްވެހުރެ ދުނިޔެ ބިނާކުރުން ކަމުގައިވާ މީހާގެ މިސާލަކީ، މުސްކުޅި ޢުމުރަށްޓަކައި ޒުވާންކަމުގެ ދުވަސްތައް ހެޔޮގޮތުގައި ބޭނުން ނުކުރި މީހާގެ މިސާލެވެ. މިފަދަ މީހަކު އޭނާގެ ލޯބޯ ކޮށިވެ ގައިބާރު ދެރަވެ މަސައްކަތް ކުރުމަށް ނުކުޅެދޭ ދުވަހު ބޯހިޔާކޮށްލާނޭ ހިޔާވައްސެއް، ނިދާލާނޭ އަރާމު ތަންމައްޗެއް މިފަދަ މީހަކަށް ލިބިފައެއް ނުވާނެއެވެ. ވަޒަނަކަށް ބޭނުންވީ ދުވަހު އޭނާގެ ވަޒަނެއް ނުހުންނާނެއެވެ. އެދުވަހަކުން އޭނާ ވާނީ ހަށިގަނޑު ނިވާކޮށްލާނޭ ފޮތިކޮޅެއްހައި ހިސާބުވެސް ނެތް މީހަކު ކަމުގައެވެ. އަތްވާއި ވާރެއިން ތިމާގެ ނަފްސު ހިމާޔަތް ކޮށްދޭނޭ ތަންމަތިގަނޑެއް ވެސް ނެތް މީހަކު ފަދައިންނެވެ. އެދުވަހަކުން ފޭރާމާއި ތަންމަތި ހޯދުމަށް މަސައްކަތް ކުރުމަށް ހަށިގަނޑުގެ ހަކަތަ ތަނެއް ނުދޭނެއެވެ. ކެއިންބުއިމުގެ ކަންތައް ތަދުބީރު ކުރުމުގެ ކުޅަދާނަކަން އަމިއްލަ ހަށިގަނޑުގެ ކިބައަކު ނުހުންނާނެއެވެ. އެދުވަހުން އޭނާ ބާފޮތިކޮޅަކުން ލަގޮޓީމަރާލައިގެން ހުރި ހާލުގައި ފާރެއްގެ ދޮށަށް ހުއްޓޭ ހިނދު މަގުމަތީގައި އުޅޭ ކުއްތާތައްވެސް އެތަން މިތަނުން ނުކުމެ އޭނާއާ ދިމާއަށް ހޭރޭނެތެވެ. އަދި މޮޔަ ކުޑަކުދިން އޭނާއާ ދިމާކޮށް އޮށްގާ އުކާނެތެވެ. މިއީ އަހަރެމެންނަށް ރެޔާދުވާލު ފެނިފެނި ހުންނަ މަންޒަރުތަކެކެވެ. މި މަންޒަރުތަކުގެ ތެރެއިން އަހަރެމެންނަށް އާޚިރަތުގެ ދިރިއުޅުން ތަޞައްވުރު ކޮށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. އާޚިރަތަށްޓަކައި ތައްޔާރު ނުވި ނަމައެވެ. ނަމަވެސް ހިތާމައަކީ، އަހަރެމެންކުރެ އެކަކުވެސް މިކަމާމެދު ކަންބޮޑުވެ އުޅޭ ތަނެއް ނުފެނެއެވެ. ކޮންމެ މީހަކުވެސް އުޅެމުންދާތަން ފެންނަނީ އޭނާގެ މިއަދު ބިނާކޮށް އާރާސްތު ކުރުމުގައެވެ. ފަހަރެއްގައިވެސް މާދަމާއާއި މެދު ވިސްނާލާ މީހަކު ހުރިހެނެއް ހިޔެއް ނުވެއެވެ.

ހަނގުރާމައިގެ ޙާލަތެއްގައި ވައިގެ މަގުން ބިރުވެރި ޙަމަލާތަކެއް ޢަދުއްވުންގެ ބަޔަކު ދޭން އުޅޭކަމުގެ އިންޒާރުގެ ކަށިގަނޑު ފުމެލެވިއްޖެއެވެ. ދުޝްމަނުންގެ ހަނގުރާމަވެރި ބޮންއަޅާ ބޯޓުތައް ދޫނި ބައިގަނޑެއްހެން އެބަ އަންނަކަން މުޅި ރަށުތެރޭ އިޢުލާނު ކުރެވިއްޖެއެވެ. އަދި މުޅި ރަށުތެރެ އަލިފާނާއި ދުމުން ފުރާލާ ކަހަލަ ބޮންތަކާގެން އަންނަ ބޯޓުފަހަރު ކުޑަ ހިނދުކޮޅެއްގެ ތެރޭ ކުރިމަތިލައި އަންނަ ކަމުގެ ޚަބަރު ވެސް ލިބިއްޖެއެވެ. މި ހާލަތުގައި ކޮންމެ މީހަކުވެސް ދުވާނީ އެމީހާގެ އަމިއްލަ ޖާނާއިގެން ސަލާމަތް ވުމަށްޓަކައި އަމާން ޖާގައެއް ހޯދުމަށެވެ. އޭރުން ކުއްލިއަކަށް ފެނިގެންދާނީ މީސްތަކުންނައިގެން ތޮއްޖެހިފައިވީ މަގުތައް ހަމަހިމޭން ސަހަރާއަކަށްވީ ތަނެވެ. މިފަދަ ހާލަތެއްގައި އަމިއްލަ ނަފުސައިގެން ސަލާމަތްވުމަށް މަސައްކަތް ނުކުރާ މީހާއަކީ މޮޔަފަރީގެ ކަންތައް ހުންނަ މީހެއް ކަމުގައި ނޫނީ ނުބެލެވޭނެއެވެ. މިއީ ދުނިޔޭގެ ކުޑަވަރެއްގެ ނުރައްކާތެރި ހާދިސާއަކާއި މެދުގައި ކަންހިނގާ ގޮތެވެ. މިއަށްވުރެ ބޮޑު މިއަށްވުރެ މުހިންމު ނުރައްކާތެރިކަމެއް ހިނގާނަމަ ވާނެގޮތް ހިތަށް ގެނެސްބަލާށެވެ.

ޤިޔާމަތުގެ ނުރައްކާތެރި މޮޅިވެރި ހާދިސާއަކީ ހަމަކަށަވަރުން ހިނގާނެ ހާދިސާއެއްކަން މި ކާއިނާތުގެ މާލިކު ވަނީ އަންގަވައި އިންޒާރު ކުރައްވާފައެވެ. އަރަހުށި މާތްރަސްކަލާނގެ އެކަލާނގެ ރަސޫލު ބޭކަލުންގެ ދޫފުޅުމަތިން އިޢުލާން ކުރައްވާފައި ވެއެވެ. ((أيّها النّاس اعبدوا ربّكم وليؤدّ كلّ منكم حقّ الآخرواقضوا حياتكم وفق مرضات الله ومن لم يفعل ذلك فسوف يعاقب عقابا شديدا)(1) (އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެއަށް ތިޔަބައިމީހުން އަޅުކަން ކުރާށެވެ. ކޮންމެ މީހަކުވެސް އަނެކާގެ ޙައްޤު ހަމައަށް އަދާކުރާށެވެ. އަދި ތިޔަބައިމީހުންގެ ދުނިޔަވީ ޙަޔާތް ﷲ ގެ ރުއްސެވުން ލިބޭ ގޮތަށް ހޭދަކުރާށެވެ. މިގޮތަށް ޢަމަލުތައް ނުބަހައްޓައިފި މީހާ ދަންނާށެވެ! ފަހެ، އެމީހަކަށް ގަދަވެގެންވާ ޢުޤޫބާތަކުން ޢުޤޫބާތް ލިބޭހުށްޓެވެ).

އެއްވެސް އިންސާނަކަށް ތަޞައްވުރު ކުރަން ދަތި ޢުޤޫބާތެކެވެ. އެ އަޒާބެއްގައި އަޒާބު ލިބެވޭ މީހާއަށް ދާއިމީ ވޭނާއި ކެކުޅުން ލިބެއެވެ. އަބަދީ އަޒާބެކެވެ. ތާއަބަދަށް މިންޖުވުމެއް ނެތް ގޮތެއްގައެވެ. މިއީ ކޮންމެ ކަންފަތަކަށްވެސް އަޑު އިވިއިވި ހުންނަ އިޢުލާނެކެވެ. އަދި ކޮންމެ އިންސާނަކުވެސް ކޮންމެވެސް ސިފައެއްގައި މިއިޢުލާނު ޤަބޫލުވެސް ކުރެއެވެ. ނަމަވެސް ތިބާ، މީސްތަކުންގެ އުޅުންތަކާއި ގުޅުންތަކަށް ފުންކޮށް ނަޒަރު ހިންގާލައިފި ނަމަ މި އިލާހީ އިޢުލާނަށް އެކަށީގެންވާ ގޮތެއްގައި އަހައްމިއްޔަތު ދޭތަނެއް ނުފެންނާނެއެވެ. ކޮންމެ މީހަކުވެސް ހަމައެކަނި ދުނިޔަވީ މަންފާތައް ލިބިގަތުމަށްޓަކައި ހެޔޮނުވާހައި ޢަމަލު ކުރާތަން އެބަ ފެނެއެވެ. އިންސާނިއްޔަތުގެ ގާފިލާ، އެދިމާއަށް މިސްރާބު ނުބަހައްޓަންވީ ދިމާއަށް ފިސާރު ހަލުއި ދުވެއްޔެއްގައި ވަނީ މިސްރާބު ޖަހާފައެވެ. "ޢަސްކަރީ ޤިޔާދަތުގެ މަރުކަޒުން" އިއްވަވާފައި ނުރައްކާތެރިކަމުގެ އިންޒާރު، މީސްތަކުންނަށް ކުއްލި ހާލަތަށް އައުމަށް ވަނީ ގޮވާލައްވާފައެވެ. އެކަމަކު އެއްވެސް މީހަކުގެ ކިބައަކުން މި ނުރައްކަލާމެދު ކަންބޮޑުވުމުގެ އަސަރެއް ނުފެނެއެވެ. މުޅި ކާއިނާތުގެ މާލިކުގެ އިންޒާރަކަށްވުމާއެކުވެސް ވެހެވެ. ރަސޫލުބޭކަލުންގެ ތެދުވެރި ދޫފުޅުމަތިން އިއްވަވާފައިވާ އިންޒާރަކަށް ވުމާއެކުވެސް މީސްތަކުން މި ނިދާއަށް ޖަވާބު ދިނުމަށް އަވަސްވެގަންނަ ތަނެއް ނުފެނެއެވެ.

 

1_ މިއީ ޙަދީސެއްގެ ނައްޞެއް ނޫނެވެ. އެންމެހައި ރަސޫލުން ދެއްވި ތަޢުލީމުގެ ޚުލާސާ އެވެ.

_نقله من العربية إلى الديفيهية من كتاب القضية الكبرى لعلامة الهند مولانا وحيد الدين : محمد قباد أبوبكر و حامد أبوبكر غفر الله لهما و لوالديهما

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *