ފަތިސްވެއްޖޭ ފަތިސްވެއްޖޭ ކިޔައިފައި
ދެތިން ހާލެއް ގޮވައިލިއެ ރާގުލައިފައި
ދުރުން ކައިރީން ނިދީ ތިބި އިތުރު ހައުތައް
އުރުން ނުކުތޭ ނިދީގެ، އެ އަޑު އަހައިފައި
ހިމޭނުން ނުތިބެ ބުލްބުލްތައް ކޮވެއްޔާ
ފުމޭން އެ ފެށީ ސަރިންދާތައް ނަގައިފައި
އޮމާން ލަވަތައް، ގުޅޭ މިޔުޒިކުގެ ރާގާ
ކިޔާން އެ ފެށީ އަލުން މާމުއި އަޅައިފައި
އެ ލަވަ އަހަމުން ފަތިސްތައް ވޭތިވީ އިރު
ދެ ލަވައެއް ނެތް އަހާކަށް ހިތްކިޔައިފައި
ވިޔަސް އަޑު މިއަދު އިވެނީ ކުރަކި ރާގޭ
ކިޔަސް ލަވަ ހުންނަނީ ހަބަރޭ އަޅައިފައި
ކޮބައިހޭ؟ އޮނު، ސަރިންދާތައް އެ ތާލާ
ކޮބައިހޭ؟ ނޯޓު ހުރި ގަނޑުތައް، ފަވައިފައި
ކޮބައިހޭ؟ ރީތި ފޮނި ލަވަތައް އެ ރާގާ
ކޮބައިހޭ؟ ލަވަ ލިއުނު ފޮތްތައް، ހަދައިފައި
އެ ލަވަތައް ރީތި، ފޮހެލީހޭ ހަނދާނުން
މެ ލަވަތައް ލިޔުނު ފަތްފުށްތައް ކަނޑައިފައި
ކުރީގެ އެ ލަވަތަކާ ރާގާ އިވޭތޯ
ހުރީން އެބަ މާމުޔަށް ފޮނި ދަހިލަވައިފައި
* * * * *
ބަދަލުވީމާ ދުނިޔެ، ކިހިނެއް އިވޭނީ؟
ޣަޒަލުތައް އޭރު ކީ މިޔުޒިކު އަޅައިފައި
ނެތީކީ ލަވަތަކެއް ނޫނޭ ކުރީން ކީ
ނެތީ ލަވަކީ ކޮވެއްޔޭ އުދުހިލައިފައި
ކޮވެއްޔާ ބުލްބުލާ މައިނާ ފަހައިލީ
މި ވެށްޓަށް ކާޅުތައް އައި ގަދަހަދައިފައި
އިވޭނެތަ، ޝާހިދަށް އަޑު ރީތި ލަވަތައް؟
ގޮވާ އިރު ކާޅުތައް ހޯބޯލަވައިފައި
