އޭނާ އަހަންނަށް ދޮގުހަދައި އޮޅުވައި އެ ލީ ފަހެ ކީއްވެބާ؟
ވޭނާ ތަދުގެ ޚަންޖަރު ހިތަށް ކޮއްޕައި އެ ލީ ފަހެ ކީއްވެބާ؟
ހަނދުވަރުފޮއެއް ގެނުވައި ހިތަށް އަލި ފަތުރަމުން ހުރިހައި ބިތަށް
ހިނދުކޮޅަކު އުޅެފައި ކަޅުފޮއަށް ފުރޮޅައި އެ ލީ ފަހެ ކީއްވެބާ؟
ނާނާތަކުން ލޯމަރުވަމުން ހުވަފެންތަކުން ލޯހުޅުވަމުން
ދާނާން ބިލާހެއް ލޮލުތެރޭ ކުރަހައި އެ ލީ ފަހެ ކީއްވެބާ؟
އުންމީދު ހިތުގައި ދިރުވަމުން މާކަނޑުދުވާން އޮޑި ނެރުވަމުން
ފުން ކަނޑު ނުބެދި ރޫޅޭށަ އޮޑި ބައްސައި އެ ލީ ފަހެ ކީއްވެބާ؟
ވިއްސާރަ ތޫފާނީ އެ ރޭ ގަތް ބިރު ފިލައި ގޮސް ހިތުތެރޭ
ދިއްލުނު ވޮށަށް ފުމެފުމެ މިއަދު ނިއްވައި އެ ލީ ފަހެ ކީއްވެބާ؟
އަންނާނަމޭ ތިޔަ ދުނިޔެއަށް މާތައް ފޮޅޭ ތިޔަ ގުލްޝަނަށް
ވަންނާނަމޭ ބުނެ އަތުތެރަށް ހައްދައި އެ ލީ ފަހެ ކީއްވެބާ؟
އިޔަހޫދި، ހީލަތް، ކެހި، މަކަރު، ލަފުޒެއް ނައޭ ދުލަކަށް، ވެ ބަރު
ވިޔަކަސް ސިކުނޑި، އަދިވެސް ލުއޭ އަންގައި އެ ލީ ފަހެ ކީއްވެބާ؟
ކަޅު، ހުދުވިޔަސް އުޅެއުޅެ މި ތާ ދާ އިރު ދުވަސް ކުޅެކުޅެ ހިތާ
ކަޅުހުދު ނުވީ ވަކި، ޝާހިދަށް، ކައްސައި އެ ލީ ފަހެ ކީއްވެބާ؟
