ފަލަސްޠީނުގެ ޝައުފާޠު އަވަށް އިސްރާއީލުން ޙިޞާރުކޮށް އެ އަވަށުގެ ރައްޔިތުންނަށް ޢުދްވާނީ ޙަމަލާތައް ދެމުންދާތީ އެމީހުންނާ ބައިވެރިވުމުގެ ގޮތުން މުޅި ޤުދްސު މިއަދު ހަޅުތާލަކަށް ހިނގައްޖެއެވެ. މިއީ ޤުދްސުގެ ވަޠަނީ އަދި އިސްލާމީ ބާރުތަކުން އިންތިޒާމުކޮށްގެން ފެށި ހަޅުތާލެކެވެ.
އިސްރާއީލު ސިފައިން ޝަޢުފާޠު އަވަށް ޙިޞާރު ކުރީ މަރައިލި އިސްރާއީލު ސިފައިންގެ މީހާގެ ޤާތިލު ހޯދާންވެގެންނޭ ކިޔައިފައެވެ. އިސްރާއީލުން މި ފޭލިގެ އަވަށް ޙިޞާރު ކުރީ މި ދިޔަ ހޮނިހިރު ދުވަހުއެވެ. ޤުދްސުގެ ވަޠަނީ ބާރުތަކުން ބުނާގޮތުގައި މި ހަޅުތާލުގައި ޢާންމު މުވާޞަލާތާއި މަދަރުސާތައް ބައިވެރިވާނެއެވެ.
އިސްރާއީލު ސިފައިން ޝަޢުފާޠު ފޭލިގެ އަވަށް ޙިޞާރުކޮށް އެހެން ރަށްރަށަށް ދިޔުމުން މަނާކުރުމުން އެ އަވަށުގެ މީހުން ވަނީ މަދަނީ ނުކިޔަމަންތެރިކަމެއް އިއްޔެ ފަށައިފައެވެ. ޝަޢުފާތުގެ އަހްލުވެރީންގެ މަޖިލީހުން ބުނާގޮތުގައި މި ހަޅުތާލުގައި މިއަދު މަދަރުސާތަކާއި ވިޔަފާރި ކުރާ ތަންތަން ބައިވެރިވާނެއެވެ. އަދި މާދަމާއިން ފެށިގެން މަސައްކަތު މީހުން މަސައްކަތަކަށް ނުނުކުންނާނެއެވެ. އަދި ރޭގަނޑު 10:00 ގެ ފަހުން އެއްވެސް އުޅަނދެއް މަގުމައްޗަކަށް ވެސް ނުނުކުންނާނެއެވެ. މި ބައްދަލުވުމަށްފަހު އެ އަވަށުގެ ޒުވާނުން މަގުމައްޗަށް ނުކުމެ ޤުދުސް ސަހަރާ އެ އަވަށާ ދެމެދުގައި އޮންނަ ހުރަސް ކައިރިއަށް އެއްވެ އިސްރާއީލާ ދެކޮޅަށް މުޒާހަރާކުރާން ފެށިއެވެ. މި މުޒާހަރާ ރޫޅައިލުމަށް ޓަކައި އިސްރާއީލުގެ ސަލާމަތީ ބާރުތަކުން ކަރުނަ ގޭހާއި އަޑު ބޮން ބޭނުންކުރިއެވެ.
ޝައުފާޠުގައި ހިނގަމުންދާ ކަންތައްތައް ލޮލުން ދެކެފައިވާ މީހަކު ބުނާގޮތުގައި އިސްރާއީލުގެ ބާރުތައް މި އަވަށަށް އަރާ މި އަވަށުގެ ބައެއް ގެތަކަށާއި ފިހާރަތަކަށް ވަނީ ޙަމަލާދީފައެވެ.
އިސްރާއީލު ސިފައިންގެ މީހާ މަރައިލި ކަމަށް ތުހްމަތު ކުރެވޭ ފަލަސްޠީނުގެ ޒުވާނާ ދިރިއުޅޭ ގެއަށް އިސްރާއީލު ސިފައިން އިއްޔެ ވަދެ މި ގޭގެ މިންތައް ވަނީ ނަގައިފައެވެ. އެއީ މި ގެ ގޮއްވައިލުމަށް ބޭނުންވާ ގޮވާ އެއްޗެހި ތައްޔާރު ކުރުމަށް ޓަކައެވެ. ޖުމްލަ 130 ހާސް މަޤްދިސީން (ޤުދުސް މީހުން) ދިރިއުޅޭ މި އަވަށުގެ އެންމެން އިސްރާއީލުން ރަހީނުކޮށްފައި ވަނީ އިސްރާއީލުން ހައްޔަރުކުރާން ބޭނުންވާ ފަލަސްޠީނުގެ ބަޔަކު ހޯދާން ވެގެންނެވެ.
އިސްރާއީލު ސިފައިން މިއަދު ވަނީ ހުޅަނގު އައްސޭރީގެ ނާބްލުސް އަށް ވެސް އަރައިފައެވެ. އެއީ އެ ހިސާބުގައި އިސްރާއީލު ސިފައިންގެ މީހަކު މަރައިލެވުމާ ގުޅިގެންނެވެ.މިކަމާ ވިދިގެން ނާބްލުސްގެ ދެކުނުގައި ފަލަސްޠީނީންނާ އިސްރާއީލު ސިފައިންނާ ދެމެދުގައި ކުރިމަތިލުންތައް އެބަ ހިނގަމުން ދެއެވެ. މި ކުރިމަތިލުންތައް ފެށުނީ އިސްރާއީލު ސިފައިން ދެކުނު ނާބްލުސްގެ ބައިތާ ނަމަކަށް ކިޔާ ރަށަށް ވަދެވެން އޮންނަ ދޮރޯށި ބަންދު ކުރުމުންނެވެ. މި މަންޒަރު ދުށް މީހުން ބުނާގޮތުގައި އިސްރާއީލު ސިފައިން ދަނީ ކަރުނަ ބޮމާއި ޙަޤީޤީ ވަޒަން ވެސް ބޭނުންކުރަމުންނެވެ.
މީގެ އިތުރަށް ޔަހޫދީ ވަޒަންވެރީން އެމީހުން "އަލްޢުރްޝް" ޢީދު ފާހަގަކުރާށޭ ކިޔައިފާ އިއްޔެއިން ފެށިގެން ދަނީ އަޤްޞާ މިސްކިތަށް ވަންނަމުންނެވެ.މި ޢީދު ފެށުނީ މި ދިޔަ ހޯމަ ދުވަހުއެވެ. ނިމޭނީ އެއް ހަފުތާ ފަހުންނެވެ.
އަޤްޞާ މިސްކިތް ބަލަހައްޓާ އައުޤާފު އިދާރާ ބުނާގޮތުގައި އިއްޔެ ހެދުނު ބައިބަޔަށް ޔަހޫދީންގެ 1032 މީހަކު ވަނީ މި މިސްކިތުގެ ޙުރްމަތްކަނޑައި އެތެރެއަށް ވަދެފައެވެ. އެމީހުން މި މިސްކިތުން ނުކުތީ ނަށަމުން ލަވަކިޔަމުން މުސްލިމުންނަށް މަލާމާތުގެ ބަސްތައް ގޮވަމުންނެވެ.
އަޤްޞާ މިސްކިތަށް ވަދެގަތުމަށް ޔަހޫދީން ގޮވައިލަމުންދާތީ ފަލަސްޠީނުގެ ޚާރިޖިއްޔާއިން މިއަދު އެކަން ކުށްވެރި ކޮށް ބަޔާނެއް ނެރުނެވެ. މި ބަޔާން ބުނިގޮތުގައި އަޤްޞާ މިސްކިތުގެ ޙުރްމަތް ކެނޑުމަކީ މިއަދު ޔަހޫދީން އާދަކޮށް ކުރަމުންދާ ކަމެކެވެ. މިއީ އަޤްޞާ މިސްކިތަށް ވެރިވެގަތުމަށް ޓަކައި އިސްރާއީލުން ރާވަމުންދާ ރޭވުމެއްކަމެއް ވެސް އެ ބަޔާން ބުންޏެވެ.
ޔަހޫދީން އަޤްޞާ މިސްކިތަށް ވަންނަމުންދާ ދިޔުން ކުށްވެރިކޮށް ޙަމާސުން ނެރުނު ބަޔާނުގައި މި ކަމުގެ ސަބަބުން " ދީނީހަނގުރާމައެއް" ފެށިދާނެ ކަމުގެ އިންޒާރު ދިނެވެ. މި ޙަރަކާތުގެ ތަރްޖަމާނު ޙާޒިމު ޤާސިމު ވިދާޅުވިއެވެ. "އިސްރާއީލުގެ ނޭއްގާނި ޢަމަލުތަކުގެ ސަބަބުން ދީނީ ހަނގުރާމައެއް ފެށިދާނެކަމުގެ ބިރު ދަނީ އިތުރުވަމުންނެވެ."
އުރްދުންގެ އައުޤާފު މިނިސްޓްރީގެ ހުއްދައާ ނުލައި 2003 ވަނަ އަހަރުން ފެށިގެން އިސްރާއީލުން ދަނީ ޔަހޫދީން އަޤްޞާ މިސްކިތަށް ވައްދަމުންނެވެ. ޤުދްސުގެ މުޤައްދަސް ތަންތަން ބެލެހެއްޓުން އދ ން ހަވާލުކޮށްފައި ވަނީ އުރްދުނާއެވެ. ޤުދްސަކީ އދ ބުނާގޮތުގައި އިސްރާއީލުން ހިފައިފައިވާ ފަލަސްޠީނުގެ ބިމެކެވެ.



advertisment