...

Support Us

މަދަހަ ރެކޯޑިންގެ މަސައްކަތުގައި ކުޑަ އިއްބެ އާއި މުއާވިއަތު (ބިއްދޮށުގައި)

އެ ހަނދާންތަކާއެކު ކުޑަ އިއްބެ އާއި މުއާވިއަތު

ކާށިދޫ އީސާ މޫސާ އާއި އިސްމާއިލް މޫސާގެ މަދަހަ ކުޑަ އިއްބެ އާއި މުއާވިއަތުގެ އަޑުން

"ޕްރޮގްރާމުގެ މިހާ ހިސާބުން މި ގެނެސްދެނީ ކ. ކާށިދޫ އިސްމާއިލް މޫސާ އާއި އީސާ މޫސާގެ އަޑުން ގެނެސްދޭ މަދަހައެއް،" ހުކުރު ނަމާދަށްފަހު ރޭޑިއޯއިން ފޮނުވާ މަދަހަ ޕްރޮގްރާމުގައި ވަރަށް ގިނައިން މިހެން ކިޔާ ހަނދާން އަދިވެސް ހުރެ އެވެ.

"އިތުރު ރަސޫލާ، ފާޅުވި ޠާހާ، އެންމެ ވިދާ އަލި ނޫރު މާތް، ފެންނަނީ އަލިވި ޒަމާނޭ، ދުނިޔެއިން ސާފު ނިޝާން."

މިއީ ކާށިދޫ މަރުހޫމު އަލީ ރިޒާގެ ހިތްގައިމު ޅެމެކެވެ. ރިޒާ އަކީ އިސްމާއިލް މޫސާ އާއި އީސާ މޫސާގެ އެއްބަނޑު އެއްބަފާ ބޭބެ އެވެ.

މި ޅެން އެހާ ރީތިވެފައި ވަނީ ކާށިދޫ މުޝްތަރީ ކްލަބުގެ ދެބެންގެ އަޑުން ވިރުވާ އަޅާލައިފައިވާލެއް ފުރިހަމަކަމުންކަން ޔަގީނެވެ.

މި ދެބެންގެ ތެރެއިން އިސްމާއިލް މޫސާ އެއީ ކާކުކަން އެނގޭހެއްޔެވެ؟ އެއީ ކާށިދޫ ކަތީބު ކަލޭފާނުގެ ދަރިއެކެވެ. މިއުޒިކް ކުޅުންތެރިޔާ މަޖީދު އިސްމާއިލާއި މަޝްހޫރު ލަވަކިއުންތެރިޔާ އިމާދު އިސްމާއިލްގެ ބައްޕަ އެވެ. އަދި މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އުނޫޝާގެ ކާފަ އެވެ.

އީސާ މޫސާ އަކީ ކުރިން މެޒޯ ބޭންޑުގައި ލަވަކީ އަބްދުﷲ ޖިނާން އާއި އަހުމަދު ރިޝްވާންގެ ބައްޕަ އެވެ.

ވީމާ، އިސްމާއިލް މޫސާ އާއި އީސާ މޫސާގެ ވާހަކަ ދެން އިތުރަށް ދެއްކުމުގެ ބޭނުމެއް އެބައޮތް ހެއްޔެވެ؟

މަދަހަ ރެކޯޑިންގެ މަސައްކަތުގައި މުއާވިއަތު އަންވަރު

އަދިވެސް މި ގެނެސްދެނީ އެ މަދަހައެވެ. އެކަމަކު މިއީ އެ ދެބެންގެ އަޑެއް ނޫނެވެ. މުޅިން ތަފާތު ދެ އަޑެކެވެ. ރާއްޖޭގައި މި ޒަމާނުގެ ލަވަކިއުންތެރިންގެ ތެރޭގައި އެންމެ ފާހަގަކުރެވޭ އިބްރާހިމް ޒައިދު އަލީ (ކުޑަ އިއްބެ) އާއި، މަޝްހޫރު ލަވަކިއުންތެރިޔާ މުއާވިއަތު އަންވަރުގެ އަޑުންނެވެ. (މުއާވިއަތުގެ އަޑު މި އިވުނީ ވަރަށް ޒަމާންތަކަކަށް ފަހު އެވެ.)

މިއީ ކުޑަ އިއްބެގެ "ޓޮނިކްލައިވް ސްޓޫޑިއޯ"ގައި، އިއްބެ އާއި މުއާވިޔަތާ ވެގެން ހަމަ އެއްރެއިން ކޮށްލި މަސައްކަތެކެވެ. މި މަދަހަ ޔޫޓިއުބުގައި ރިލީޒްކޮށްފައި ވަނީ ވީޑިއޯ ވެސް ހިމަނައިފަ އެވެ. އެ މަދަހަ އަށް ވަރަށް ބޮޑު ތަރުހީބެއް އަންނަނީ ލިބެމުންނެވެ.

"މި މަދަހަ (އަހަރުމެން) ކިޔައިފައި އޮންނާނީ އީސަ އާއި އިސްމާއިލް މޫސާ އޮރިޖިނަލް ކިޔައިފައިވާ ގޮތަށް، އަމިއްލަ އެއްވެސް ގޮތެއް ނަހަދާ،" އިއްބެ ބުންޏެވެ. "ބޭނުންވީ މީހުން މި މަދަހަ އަޑުއަހައިފަ އެ މީހުންގެ މަތިން ހަނދާންވުން."

"ވަރަށް ރީތި އެ ކުދިން އެ މަދަހަ ކިޔައިފައި އޮތްލެއް. ވަރަށް އުފާވި އަޑު އިވުނީމަ،" ކުޑައިއްބެމެންގެ މަދަހަ އަޑު އެހުމަށްފަހު، ކާށިދޫގައި ދިރިއުޅޭ އިސްމާއިލް މޫސާ މިއަދު ބުންޏެވެ. "ހަމަ ކުރީގެ ހަނދާންތައް އާވޭ."

ކ. ކާށިދޫ އީސާ މޫސާ އަދި އިސްމާއިލް މޫސާ (ވ) މިއަދު ފޮޓޯއަކަށް މަޑުކޮށްލައިގެން: -އަދިވެސް ފޮޓޯ: މަޖީދު

ކާށިދޫގައި ދިރިއުޅޭ އީސާ މޫސާ، 65، ވެސް ބުނީ ހަމަ އެހެންނެވެ. "ވަރަށް ރީތި އެ މަދަހަ ކިޔާފައި އޮތްލެއް."

ރޭޑިއޯ އިން އިވޭ، އީސަ އާއި އިސްމާއިލް މޫސާގެ އޮރިޖިނަލް މަދަހަ ރެކޯޑުކޮށްފައި ވަނީ ކެސެޓް ރެކޯޑަރަކަށް ކެސެޓް ރޯލް ލައްވައިގެން، ކާށިދޫގަ އެވެ. ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގެ ކުރީކޮޅު އެވެ.

"އެއީ އޭރު އެކަން ކުރާ ގޮތް އަޅުގަނޑުމެން،" އިސްމާއިލް މޫސާ، 77، ބުންޏެވެ.

ކުޑަ އިއްބެމެންގެ މި މަދަހައާއެކު އިސްމާއިލާއި އީސަ ވެސް ވަނީ ކުރީގެ ހަނދާންތަކުގެ ތެރެއަށް ގެނބިފަ އެވެ. ވާނީ ވެސް އެހެންތާއެވެ!

"އިތުރު ރަސޫލާ، ފާޅުވި ޠާހާ، އެންމެ ވިދާ އަލި ނޫރު މާތް، ފެންނަނީ އަލިވި ޒަމާނޭ، ދުނިޔެއިން ސާފު ނިޝާން."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
31
ޚިޔާލު ފާޅުކުރައްވާ!

One Response

  1. އީސަ އަކީވެސް ހަމަ ކަތީބުކަލޭފާނުގެ ދަރިއެއް. އެއީއެންމެ ހަގުދަރި. އޮލުންއަރާގޮތަށް ލިޔެފަ އިނީމަ ބުނެލީ ހަމަ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.