Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ސަންބަލްދޫގެ ބަރުލަމާނީ ކެންޑިޑޭޓުންގެ އަގުވަޒަންކޮށް ކަނޑައެޅުން

މިއީ އެވޭލާ ޒަމާނުގެ އެވޭލާ ރާއްޖެއެއްގެ ވާހަކައެކެވެ. މީލާދުގެ ހައެއްކަ ގަރުނުގެ ކުރީގެ ވާހަކައެކެވެ. އެ ޒަމާނުގައި ޔޫނާނުގައި ޑިމޮކުރަސީ އުސޫލުން ހިންގި ރަށްތަކުގެ ދައުލަތްތައް އޮތެވެ. މިފަދަ އުސޫލުތަކެއްގެ މަތިން ސަރުކާރުތައް ހިންގުމަކީ ހެޔޮ ގޮތެއް ކަމުގައި ބެލެވުނެވެ. އަދި މި ޚަބަރު، ކައިރީގައްޔާއި ދުރުގައި އޮންނަ ރާއްޖެތަކަށް ވެސް ފޯރިއެވެ. އަދި ތަންކޮޅެއް ދުރުގައި، ފަރުބަދަތަކެއްގެ މަތީގައި އޮތް ރާއްޖެއެއް ކަމަށްވާ ސަމްބަލްދޫއޭ ކިޔުނު ރާއްޖެއަކަށް ވެސް ޔޫނާނުގެ ޑިމޮކުރަސީގެ ވާހަކަ އޮޔާއި ވައިގެ އެހީގައި ފޯރިއެވެ.

ދެން، ސަންބަލްދޫގެ ކަމުވޮށިވެގެންވާ ބޭކަލުން ގަސްދުކުރެއްވީ ޔޫނާނީ ޑިމޮކުރަސީ ސަންބަލްދޫގައި ވެސް ހިންގާލުމަށެވެ. އެމީހުންނަށް ލިބިފައި އޮތް ޚަބަރުތައް ބުނާގޮތުން، މިކަން ކުރުމަށްޓަކައި، ބަރުލަމާނޭ ކިޔާ ތަނެއް ބޭނުންވެއެވެ. އަދި އެތަނަށް ބަރުލަމާނީންނޭ ކިޔާ މީހުންތަކެއް ހޮވަން ޖެހެއެވެ. މިފަދަ ތަނަކާއި އެތަނަކަށް ބަޔަކު އައްޔަނުކުރުމަކީ ސަންބަލްދޫގައި، މީގެ ކުރިން، ކުރެވިފައި ނެތްކަމުން، މިކަން ކުރަން ބައެއް ދަތިތައް މެދުވެރިވިއެވެ. އެންމެ ބޮޑު މައްސަލައަކަށްވީ ބަރުލަމާނަށް އެންމެ ގާބިލު ބަރުލަމާނީން އިސްކުރުމުގެ މައްސަލައެވެ. ސަންބަލްދޫގެ ރައްޔިތުން އަޑުއަހާފާވައި ގޮތުން، ޔޫނާނުގެ ޑިމޮކުރަސީ އުސޫލުތައް ބުނަނީ ބަރުލަމާނީއަކަށް ވުމަށް އޮތް ހަމަ އެކަނި ޝަރުތަކީ މިނިވަން ރައްޔިތަކަށް ވުމެވެ. ސަންބަލްދޫއަކީ އެއްގޮތަކަށް ވެސް އަޅުން ނޫޅޭ ރާއްޖެއަކަށް ވުމުން، ސަންބަލްދޫގެ ހުރިހާ ރައްޔިތުންނަށް ވެސް ބަރުލަމާނީއަކަށް ވުމުގެ ފުރުސަތު އޮތެވެ. އެހެންވެ، ބަރުލަމާނީއަކަށް ވުމަށް އެދޭ މީހުންނަކީ، ސިކުނޑީގެ ތެތްކަމެއް ހުރި، ގާބިލު ބައެއްކަން ރައްޔިތުންނަށް އަންގައިދޭނޭ ގޮތެއް ހޯދަން ޖެހުނެވެ.

ސަންބަލްދޫގެ ކަމުވޮށިގެންވާ ބައެއް މި މުހިއްމު މައްސަލައާ މެދު ބަހުސްކުރިއެވެ. އަދި، އެއަށްފަހު ނިންމީ ބަރުލަމާނީއަކަށް ކުރިމަތިލާ ކޮންމެ މީހެއްގެ އަގުވަޒަންކޮށް، އެމީހެއްގެ އަގަށް އަދަދެއް ކަނޑައެޅުމަށެވެ. އަދި، މިގޮތުން ބަރުލަމާނީ ކޮންމެ ކެންޑިޑޭޓެއްގެ އަގުކުރުމަށް ފަހު، އެންމެ އަގު ބޮޑު ކެންޑިޑޭޓުން ބަރުލަމާނީންގެ ގޮތުގައި ހޮވުމަށެވެ.

ދެން، ސަންބަލްދޫގެ ކަމުވޮށިވެގެންވާ ބޭކަލުން، ބަރުލަމާނީން އަގުކުރާނޭ ކޮމިޓީއެއް އުފެއްދެވިއެވެ. އަދި، އެކަމަށްޓަކައި ޚާއްސަ އުސޫލެއް ކަނޑައެޅިއެވެ. ކޮންމެ ބަރުލަމާނީ ކެންޑިޑޭޓެއްގެ އެތެރެފުށާއި ބޭރުފުށް ބަލައި އޭނާގެ އަގު ފައިސާއިން ވަޒަންކޮށް ކަނޑައަޅާލުމަށެވެ. މި އުސޫލު ބުނާގޮތުން، ބަރުލާމާނީ ކެންޑިޑޭޓުގެ ބޭރުފުށުގެ އަގު ކަނޑައެޅޭނީ ކޮންމެ މީހަކުވެސް އޭނާގެ ބޭރުފުށް ފެންނަ ގޮތުގެ މައްޗަށް ބަލާފައެވެ. އޭނާގެ ހެދުމާއި އަދި ޒީނަތްތެރިކުރުމަށް ބޭނުންވާ ގަހަނާއަށް ވެސް ބޭރުފުށް އަގުކުރުމުގައި ބެލެވޭނޭ ކަމަށް މިނަންގަތް އުސޫލުތަކުގައި ލިޔެވިފައި އޮތެވެ. އެތެރެފުށުގެ އަގު ވަޒަން ކުރެވޭނީ ކޮންމެ ބަރުލަމާނީ ކެންޑިޑޭޓަކާ ކުރެވޭ ދެތިން ސުއާލެއްގެ މައްޗަށް ބިނާކޮށެވެ. އާދެ، އޭނާގެ ސިކުނޑިގެ ތެތްކަން ވަޒަން ކުރުމުގެ ގޮތުންނެވެ.

ކޮންމެއަކަސް ސަންބަލްދޫގެ ބަރުލަމާނަށް ބަރުލަމީނީން އިންތިޚާބުކުރުމަށްޓަކައި ކުރިއާލައި ބަރުލަމާނީ ކެންޑިޑޭޓުންގެ އަގު ވަޒަންކޮށް ކަނޑައެޅުމުގެ މަސައްކަތް ފެށުނެވެ. މިކަމަށް ކަނޑައެޅުނު ކޮމިޓީއެއްގެ ދަށުންނެވެ. އަގު ވަޒަންކުރުމުގައި ބޭނުންކުރަން ހަމަޖެހިފައި އޮތީ ސަންބަލްދޫގެ ފައިސާ ކަމަށްވާ ޑުރަޚުމާއެވެ. ބައެއް ހިސާބުތަކުގައި މި ފައިސާއަށް ދިރުހަމޭ ވެސް ކިޔެއެވެ. ކޮންމެއަކަސް އަދުގެ ކިޔުންތެރިންނަށް ފަސޭހަކޮށްލަދިނުމުގެ ގޮތުން، ބަރުލަމާނީ ކެންޑިޑޭޓުންގެ އަގު، ކަމާ ބެހޭ ކޮމިޓން ކަނޑައެޅުމުން، އެ އަގު ޑޮލަރުގެ ރޭޓުން ބުނެދޭނަމެވެ.

ސަންބަލްދޫގެ ބަރުލަމާނަށް ވަރަށް ގިނަ ކެންޑިޑޭޓުން ކުރިމަތިލިއެވެ. މައިގަނޑު ސަބަބަކީ ބަރުލަމާނީ މެންބަރަކެއްގެ މުސާރު ބޮޑުވުމެވެ. އަދިވެސް، އެހެން އިތުރު މާއްދީ ފައިދާތައް އޮތުމެވެ. ތަފާތު މާއްދީ އިނާޔަތްތަކެވެ. އަދި، މި ކަންކަން އިތުރު ކުރުމުގެ ބާރާއި އިޚްތިޔާރުވެސް އޮންނަނީ އެމީހުންގެ އަތްމަތީކަމުގައި ވުމުން، އެއީ އެމީހުން ބޭނުންވެއްޖެ ހިނދެންގައި އިތުރުކޮށްލެވިދާނޭ މުސާރައަކާއި އިނާޔަތްތަކެވެ. އަދި މީގެ އިތުރުން، ސަންބަލްދޫގައި ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކުން ބައި ލިބޭ ގޮތްވުން ވެސް މެންބަރަކަށް ވުމަށް ދަހިވެތިކުރުވައެވެ. އެފަދަ މަސައްކަތްތައް ކުރާ ކުންފުނިތަކާ އެ މަޝްރޫއުތައް ހޯދައިދިނުމުގެ މާތް މަތިވެރި އެހީތެރިކަމުގެ އަތެއް ފޯރުކޮށްލަދިނުމުން ލިބޭ ހަދިޔާގެ އިނާމުގެ ބައެވެ. އަދި މީގެ އިތުރުން ވެސް، މާ ބޮޑު މަސައްކަތްތެއް ކުރަން ނުޖެހުމަކީ ވެސް ބަރުލަމާނީ އަކަށްވުމަށް ހިތްވަރުދޭ ކަމެކެވެ. ސަންބަލްދޫގެ ޚަބަރުތައް ބުނާގޮތުން، ބަރުލަމާނީއަކަށް ވެވިއްޖެނަމަ، ބަރުލަމާނުގެ ކޮންކުރީޓު މައް ތަނބުތަކާ ވާދަކޮށް، ހަނުހުރެ، އެތަކެއް އަހަރުތަކެއް ވޭތުކޮށް ބަރުލަމާނުގެ އެފަދަ، ނަމަވެސް، ދިރިހުރި މަންމަނު ތަނބަކަށް ވުމުގެ ފުރުސަތު ވެސް އޮންނާނެއެވެ. އަދި، ބަރުލަމާނުގެ މިފަދަ ކޮންކުރީޓު މަންމަނު ތަނބަކަށް ވުމުން، މުސްތަގުބަލުގައި ސަންބަލްދޫގެ ވެރިކަމަށް ވެސް އާދެވިދާނެއެވެ. ކޮންމެއަކަސް މިހުރިހާ ސަބަބަކަށްޓަކައި ސަންބަލްދޫގެ ރައްޔިތުން ދުށީ ބަރުލަމާނީއަކަށް ވުމަކީ ކުރު މުއްދަތެއްގައި މުއްސަނދިވުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމުގައެވެ. އާދޭ ސަންބަލްދޫގެ ޑިމޮކުރަސީ ވާނީ ހަމަ ނަމޫނާ ޑިކުކުރަސީއަކަށެވެ.

ކޮންމެއަކަސް، ވަގުތު ޖެހުމުން، ބަރުލަމާނީ ކޮންމެ ކެންޑިޑަޓަކު ވެސް އޭނާގެ އަގު ވަޒަން ކުރުމުގެ ގޮތުން އަގު ވަޒަންކުރާ ކޮމިޓީއަށް ހާޒިރުވިއެވެ. މީގެ ތެރެއިން ގިނަ މީހުންނަކީ ކުޅި މަޖަލުގައި ކޮންމެވެސް ވަރައްގެ ފޯރުންތެރިކަމެއް ހުރި، އެމީހުންގެ މައިންބަފައިންގެ ފިޔަތަކުގެ ދަށުގައި އުޅެ ބޮޑުވެ މެދުއުމުރަށް އެޅިފައި ތިބި މީހުންނެވެ. އެމީހުންގެ ބަސްކޮށާރުގައި މަސައްކަތްކުރުމަކީ ނެތް ލަފްޒެކޭ ބުނުމަކީ މުޅިއަކުން ދޮގަކަށް ނުވާނެއެވެ. އަދި، އުނގެނުމާއި ކިޔެވުމުގެ މާ ބޮޑު ބޭނުމެއް އޮތް ކަމަކަށް ވެސް މި ފަދަ މީސްމީހުންނެއް ނުދެކެއެވެ. އެމީހުން ދެކޭ ގޮތުގައި، ބަރުލަމާނުގައި ބޭނުންވާނީ ހުޅުވިފައިވާ ތޫނުފިލި ސިނކުޑިތަކެއް ނޫނެވެ. އެމީހުންގެ ނަޒަރުގައި ބަރުލަމާނުގައި ބޭނުން ޖެހޭނޭ ހުނަރަކީ ސަންބަލްދޫގެ ސައި ހޮޓާތަކުގައި އޮންނަ ބޮޑު ބަސް ބުނުމާއި ވައި އަނގަތެޅުމުގެ ހުނަރެވެ. މި ފަދަ ހުނަރުތައް މި މީހުންނަށް ލިބިފައި އޮތް ކަމަށް މި މީހުން ދުށްޓެވެ.

މިފަދަ ބޮޑު ބަސް ބުނުމާއި ވައި އަނގަ ތެޅުމުގެ ހުނަރު އެ މީހުންނަށް ލިބިފައި އޮތް ކަމަށް ވިޔަސް، ބަރުލަމާނީންގެ އަގުކުރާ ކޮމިޓީން މަތީ އަގެއް ނުލިބިދާނެތީ އެކަމާ މިމީހުން ކަންބޮޑުވިއެވެ. މިކަމުން އަރައި ގަތުމުގެ ގޮތުން މިފަދަ މީހުން ނިންމީ އެމީހުންގެ ބޭރުފުށުގެ އަގު މައްޗަށްދާނޭ ގޮތް ހެދުމަށެވެ. އެތެރެ ފުށުގެ ތެތްކަމަށް މާ ބޮޑު މާކުހެއް ނުލިބުނުކަމުގައި ވިޔަސް، ބޭރުފުށުގެ އަގު މަތިވެއްޖެ ނަމަ، އެބައި ފޫބެއްދިދާނޭ ކަމަށް ފެންނާތީއެވެ.

ބަރުލަމާނީ ކެންޑިޑޭޓުންގެ އަގުވަޒަން ކުރުމުގެ ދުވަސް އައުމުގެ ކުރިން، ބޮޑު ބަސް ބުނުމާއި ވައިއަނގަތެޅުމުގެ ހުނަރުވެރި ބަރުލަމާނީ ކެންޑިޑޭޓުން ބާޒާރަށް ގޮސް ބައެއް ކަހަލަ އެއްޗެހި ހޯދިއެވެ. އެދުވަސްވަރުގެ އެންމެ އަގު ބޮޑެތި ފޭރާމުގެ ހެދުމެވެ. މިހާރުގެ ބަހުރުވައިން ނަމަ މޮޅެތި ބުރޭންޑުތަކުގެ ގަމީހާއި ފަޓުލޫނެވެ. ކޯޓާއި ޓައިއެވެ. އަދި، ރަންރިހީގެ ގަހަނާތަކެވެ. ބޮޑެތި ރަން ހާރުތަކާއި އުޅާތަކެވެ. އަގު ބޮޑު ބޮޑެތިބޮޑެތި އަސްރަފީ ޖަހައިފައިވާ ރަންރިހީގެ އަނގޮޓިތަކެވެ. އަދިވެސް، އެމީހުންގެ ބޭރުފުށުގެ އަގު ވަޒަންކުރުމުގައި ހިމެނިދާނެ ކަހަލަ އެއްޗިއްސެވެ. މިހާރުގެ ބަހުންނަމަ، އަތުގައި އަޅާނޭ އަގު ބޮޑެތި ގަޑިތަކާއި ރީތި އައިނުތަކެވެ. ހެދުމުގައި ޖަހާފައި ބައިންދާނޭ އަގު ބޮޑެތި ގަލަންތަކެވެ. މީރުވަސް ދުވާ ބޮކަރު އަތަރާއި އެކި ބާވަތް ބާވަތުގެ ސެންޓުތަކެވެ.

ދެން ބަރުލަމާނީ ކޮންމެ ކެންޑިޑޭޓަކު ވެސް، އޭނާގެ ވަގުތު ޖެހުމުން، ބަރުލަމާނީ ކެންޑިޑޭޓުންގެ އަގުކުރުމުގެ ކޮމިޓީއާ ކުރިމަތިލާން ވަނެވެ. ފުރަތަމަ ކެންޑިޑޭޓު ކޮމިޓީގެ ކުރިމައްޗަށް އައިސް ހުއްޓުނެވެ. އޭނާގެ ފުރިހަމަ ނަމަކީ ޑޮމިނީކް ވިލިޔަމް އެވެ. ސަންބަލްދޫގައި ޑޮމިނިކް ކިޔާ މީހުންނަށް އާންމު ގޮތެއްގައި ކިޔައި އުޅެނީ ޑޮމް އެވެ. އަދި ވިލިޔަމް ކިޔާ މީހުންނަށް ބިލް އެވެ. އާދެ، ޑޮމްބިލް، އަގުކުރާ ކޮމިޓީގެ ކުރިމައްޗަށް އައުމުން، އޭނާގެ އަގު ވަޒަން ކުރުމުގެ މަސައްކަތް ފެށުނެވެ. ވަރަށް ވެސް ސިއްރިއްޔާތުގައި، ކެންޑިޑޭޓަށް ނޭނގޭނޭ ފަދަ ގޮތެއްގައި ކޮމިޓީގައި އެކުލެވޭ ތިން މެންބަރުންގެ މެދުގައި މަޝްވަރާކުރެވިގެންނެވެ. ފުރަތަމަ ކެންޑިޑޭޓު ޑޮމްބިލްގެ ފައިން ފެށިގެން ބޮލުގެ ފުއްކިބައާ ހަމައަށް ބަލާލުމަށް ފަހު، އޭނާގެ އަގު ވަޒަންކުރުމުގެ މަސައްކަތް ފެށުނެވެ. ކޮމިޓީގެ މެންބަރުންގެ މެދުގައި އޭނާގެ ބޭރުފުށުން ފެންނަން ހުރި އެއްޗިއްސަށް އަގެއް ދިނެވެ. އެގޮތުން، އޭނާގެ ހެދުމަށް 500 ޔޫ.އެސް ޑޮލަރު ދެވުނެވެ. އަދި، އޭނާގެ ކަރުގައި އޮތް ރަންފަށަށް 1500 ޑޮލަރު ދެވުނެވެ. އޭނާ އަރައިގެން ހުރި ބޫޓަށް 500 ޑޮލަރު ދެވުނެވެ. އަތުގައި އޮތް ގަޑިއަށް 2،000 ޑޮލަރު ދެވުނެވެ. ޖީބުގައި ޖަހާފައި އިން ގަލަމަށް 1،000 ޑޮލަރު ދެވުނެވެ. ގައިން ދުވި މީރު ވަހުގެ ސެންޓުގެ އަގަށް 500 ޑޮލަރު ދެވުނެވެ. ދެން އެތެރެ ފުށުގެ އަގު ވަޒަން ކޮށްލުމުގެ ގޮތުން ތަފާތު ސުވާލުކޮށްލިއެވެ. ޔޫރަޕާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް އެދުމުން، އޭނާގެ ކަންފަތުގައި ޖެހުނީ ޕާގެ އަޑެވެ. އޭނާއަށް ހީވީ މިދައްކަނީ 'ޕޯނު’ގެ ވާހަކަކަމަށެވެ. ދެން، ޕޯނަކީ ކޮންއެއްޗަކަމާއި އަދި އާންމުންގެ ތެރޭގައި ގެންގުޅުން މާރަނގަޅު ނޫން އެއްޗެއްކަން ވެސް އޭނާ ބުންޏެވެ. އެކަކާ އެކަކާ އެއްކުރީމައިވަނީ ކިހާވަރެއްތޯ އެހުމުން، އޭނާ ބުނީ އެގާރަކަމަށެވެ. މެދުއިރުމައްޗަކީ ކޮބާތޯ ބުނުމުން އޭނާ ބުނީ އެއީ އިރު އުޑުގެ މެދަށް އައުމުން ދުވަސް ދެބައިވީކަމުގެ ނިޝާނެވެ. ކޮންމެއަކަސް މިފަދަ އެތައް ސުވާލެއްކޮށް، ޑޮމްބިލް ދިން ޖަވާބުތަކުގެ މައްޗަށް ބަލައި، އަގުކުރާ ކޮމިޓީން ނިންމީ ޑޮމްބިލްގެ އެތެރޭގައި މާބޮޑު އެއްޗެއް ނެތްކަމެވެ. އޭނާގެ އެތެރެ ހޮއިވެފައި ސިކުނޑީގެ އެއްވެސް ތެތްކަމެއް ނެތް ކަމެވެ. އެހެންވެ، ޑޮމްބިލްގެ އެތެރެފުށުގެ އަގަކަށް އަގުކުރާ ކޮމިޓީން ދިނީ ސުމެކެވެ. އެހެންކަމަށް ވިޔަސް، ބޭރުފުށަށް ބަލައި، އޭނާގެ ޖުމްލަ އަގު 6،000 ޑޮލަރު ކަމުގައި ނިންމިއެވެ.

ބަރުލަމާނީ ފުރަތަމަ ކެންޑިޑޭޓު ޑޮމްބިލްގެ އަގު ވަޒަންކޮށް ނިމުމުން، އޭނާއަށް އޭނާގެ ނަތީޖާ ދެވުނެވެ. އަދި، މައްސަލައެއް އޮތް ނަމަ، ވަގުތުން ކޮމިޓީއަށް ހުށަހެޅުމުގެ ފުރުސަތު އޮތް ވާހަކަވެސް އޭނާ ގާތު ބުނެވުނެވެ. ޑޮމްބިލް އޭނާގެ ނަތީޖާއާ މެދު ހިތް ހަމަ ނުޖެހުމުން އެކަމުގެ ޝަކުވާ ކޮމިޓީއަށް ހުށަހެޅިއެވެ. އަދި، ވަރަށް ވެސް ރަނގަޅު ވާހަކައެއް ޑޮމްބިލް ބުންޏެވެ. ތިމަންގެ ބޭރުފުށުގެ އަގަށް އެކަނިވެސް 6،000 ޑޮލަރު ޖެހޭނެއެވެ. އެހެންވީމާ ތިމަންނަގެ އެތެރެފުށުގެ އަގު މިއަށް އިތުރުކޮށްފި ނަމަ، ތިމަންނާގެ އަގު 6،000 ޑޮލަރަށް ވުރެ މަތިވާން ޖެހޭނޭކަން ވެސް ޑޮމްބިލް ބުންޏެވެ.

ދެން، ކޮމިޓީގެ ފަރާތުން، އޭނާއަށް ޖަވާބު ދިނެވެ. އުފަލާއެކު، ކޮމިޓީއިން ފާހަގަކުރީ ކޮމިޓީއަށް ހެޔޮގޮތުގައި އޭނާގެ އަގު ވަޒަންކުރެވުނު ކަމެވެ. ސަބަބަކީ އޭނާގެ ބޭރު ފުށުން ފެންނަން ހުރި އެއްޗެހީގެ އަގު ބާޒާރުގެ އަގާ އެއްފަދަ ގޮތެއްގައި ކަނޑައަޅާލެވުނު ކަމެވެ. އަދި، ޑޮމްބިލްގެ އަމިއްލަ އިއުތިރާފުން ވެސް އެކަން ކަށަވަރުވާ ކަމެވެ. ޑޮމްބިލްއާ ކުރެވުނު ސުއާލުތަކަށް އޭނާ ދިން ޖަވާބަށް ބަލައި، ކޮމިޓީއަށް ފެނުނީ އޭނާގެ އެތެރެ ފުށް ހޮއިކަމެވެ. ސިކުނޑީގައި ބަރުލަމާނީއަކަށް ވުމުގެ ތެތްކަމެއް ނެތަކަމެވެ. އެހެންވެ، އޭނާއަށް އެކަމުން އެއްވެސް ޕޮއިންޓެއް ނުލިބުނީ ކަމުގައެވެ. އަދި، އޭނާގެ އަގެއް ހުރި ނަމަ، އެ އަގު ހުރީ އޭނާގެ ހެދުމާއި ބޫޓާއި ގަޑިއާއި ފަށާއި ގަލަމުގައި ކަމެވެ. ނަމަވެސް، މިއީ ހިތާމަކުރަން ޖެހޭނޭ ކަމެއް ނޫންކަން ވެސް ކޮމިޓީން އޭނާއަށް ބުނެދިނެވެ. ސަބަބަކީ ދެން ތިބި ކެންޑިޑޭޓުންގެ އަގު އޭނާގެ އަގަށް ވުރެ ދަށް ވެއްޖެ ނަމަ، އޭނާއަކީ އެތެރެ ހޮއި މީހަކަށް ވިޔަސް، އަދި ބަރުލަމާނީއަކަށް ވުމުގެ އެންމެ އެކަށޭނަ ގާބިލުކަން ނެތަސް، ސަންބަލްދޫގެ މިނިވަން ރައްޔިތަކަށް ވުމުން، ސަންބަލްދޫގެ ބަރުލަމާނީ އަކަށް ވެވިދާނެތީއެވެ.

ފުރަތަމަ އަގު ކުރެވުނު ކެންޑިޑޭޓު، ޑޮމްބިލްގެ ނަސީބު ވަރަށް ވެސް ރަނގަޅެވެ. ދެން ވެސް ތިބި ގިނަ ކެންޑިޑޭޓުން، އެމީހުންގެ އެތެރެ ހޮއިވުމުން، އެމީހުންގެ އަގު ވެސް ބިނާވީ ހަމަ އެމީހުން ލައިގެން ތިބި އެއްޗަކަށާއި އަޅައިގެން ހުރި އެއްޗެއްގެ މައްޗަށެވެ. އެހެންވީމާ، އަގުގެ ގޮތުން އެންމެ މަތިވީ އެންމެ އަގު ބޮޑު ހެދުމަކާއި ބޫޓަކާއި ގަޑި ފަދަ އެއްޗިހި އޭނާގެ ބޭރުފުށުން ފެންނަން އޮތް މީހުންގެއެވެ. އަދި، މިކަމުގެ މައްޗަށް ބަލައި، ބަރުލަމާނީ މެމްބަރުންނަށް ހޮވަން ޖެހުނީ އެތެރެ ހޮއި، ނަމަވެސް ގަމީހާއި ގަޑީގެ އަގުބޮޑު މީސް މީހުންނެވެ. އަދި، މިފަދަ މީސް މީހުން، ސަންބަލްދޫގެ ބަރުލަމާނަށް ހޮވުމުން، އެމީހުންގެ އަގު އިތުރަށް ބޮޑުކުރުމުގެ ގޮތުން، އެމީހުންގެ ގަމީހާ ފަޓުލޫނު، ޓައިއާއި ބޫޓު، އަދި ގަޑިއާއި ގަލަން، މިތަކެތީގެ އެންމެ އަގު ބޮޑު ވައްތަރުތައް ހޯދިއެވެ.

މިކަމުގެ ނަތީޖާއަކީތޯއެވެ. ސަންބަލްދޫގެ ޑިމޮކުރަސީ ހިންގަން، އެތެރެ ހޮއި ތަންދޮރު ނުދަންނަ، ޖާހިލު ބައިގަނޑެއް އިންތިޚާބުވުމެވެ. އެމީހުންގެ އަގު ބިނާވީ އެމީހުންގެ ބޭރުފުރަށެވެ. ލައިގެން ހުންނަ ގަމީހާ ފަޓުލޫނުގެ މައްޗަށެވެ. އަޅައިގެން ހުންނަ ޓައިއާއި ޖީބަށް ޖަހާފައި ހުންނަ ގަލުމުގެ މައްޗަށެވެ. ލިޔެކިޔަން ނޭނގުނު ކަމުގައި ވިޔަސްވެހެވެ. އެމީހުންގެ ހުރިހާ ވެސް ހުނަރަކީ ސައިހޮޓާތަކުގެ ބޮޑުބަސް ބުނުމާއި ވައިއަނގަތެޅުމުގެ ހުނަރަވެ. ނަމަވެސް، އުފާވެރި ޚަބަރެއްވެސް ސަންބަލްދޫގެ ނޫސްތަކުގައި ލިޔެވިފައި އޮތެވެ. ސަންބަލްދޫގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި، އެމީހުންގެ ގައުމު ބިނާކޮށް ގައުމާއިގެން، ތަރައްގީގެ މަގުގައި ކުރިއަށް ދިޔުމަށް ބޭނުންވަނީ ބޮޑުބަސް ބުނެ، ވައި އަނގަތަޅާ ބަޔެކެވެ. އެހެން ވުމުން، އަގު ބޮޑު ގަމީސްތަކާއި ފަޓުލޫނުތަކާއި އަތުކުރު ގަޑިތަކާއި ގަލަންތަކުގެ ވެރި ބަރުލަމާނީންގެ ބޮޑު ބަސްބުނުމުންނާއި ވައިއަނގަތެޅުމުން ގައުމު ބިނާކޮށް ސަންބަލްދޫގެ މުސްތަގުބަލު އުޖާލާ ކުރެވޭނެއެވެ.