Support Us

ކޮލަމް ކޯދު: ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ދުނިޔޭގެ ދުވަހުގެ މުނާސަބަތުގައި

ދިހައެއް އޮކްޓޯބަރަކީ ނަފްސާނީ ދުޅެހެޔޮ ކަމާ ދުނިޔޭގެ ދުވަހެވެ. އާދެ، ދުސިކުނޑީގެ ބަލިތަކާ ބެހޭ ދުވަހެވެ. އެންމެ ސާދާ ގޮތަކަށް ބުނާނަމަ މޮޔައިންގެ ދުވަހޭ ވެސް ބުނެވިދާނެއެވެ. ސިކުނޑީގެ ބަލިތަކޭ ބުނެ އިޝާރަތް ކުރަނީ ހަމަ ބުއްދި ގެއްލުވާލާ ބަލިތަކަށެވެ. ސަލާމަތް ބުއްދި ފިލުވައިލުން މެދުވެރިކުރުވާ ބަލިތަކަށެވެ. ރަނގަޅާއި ނުރަނގަޅު ވަކިކޮށްދޭ ބާރު ކަމުގައިވާ ބުއްދި ނެތިދާން މެދުވެރިވާ ކަންތައްތަކަށެވެ. އެބާރު ސަލާމަތުން ހުރުމާއި ނެތުން ގުޅިފައި ވަނީ ސިކުނޑިއާކަމުން، ވާލްޑް މެންޓަލް ހެލްތް ޑޭގައި އޮތް 'މެންޓަލް’ގެ ދިވެހި ތަރުޖަމާ އަކަށް ސިކުނޑީގެ އޭ ކިޔައި އެ އިބާރަތް، ސިކުނޑީގެ ދުޅަހެޔޮކަމުގެ ދުނިޔޭގެ ދުވަހޭ ކިޔައި، މިފަދައިން ލިޔުނީއެވެ. އާންމު ގޮތެއްގައި އެ ދުވަހަށް ނަފްސާނީ ދުޅަހެޔޮ ކަމުގެ ދުވެހޭ ކިޔުން އާދަވެފައި ވެއެވެ.

އެކިއެކި ނަންނަމުގެ ދުވަސްތަކާއި މުނާސަބާތްތައް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ، އެ ފާހަގަކުރާ ކަމަކަށް، އާންމުން ހޭލުންތެރިކުރުވުމެވެ. ނުވަތަ އެކަމާ މެދު އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިސާލަކަށް ފެނުގެ ދުވަސް ފާހަގަކުރުމުގެ ބޭނުމަކީ ފެނުގެ އަގު ވަޒަންކޮށް، ފެން އިސްރާފުނުކުރުމުގެ ހޭލުންތެރިކަން އުފައްދައި އެކަން ދެމެހެއްޓުމެވެ. މުސްކުޅިންގެ ދުވަހެއް ފާހަގަކުރުމަކީ މުސްކުޅިންނަކީ ވެސް މުޖުތަމައުގައި އުޅޭ ބައެއްކަމާއި އަދި، އެމީހުންނަކީ އެއްދުވަހެއްގައި މުޖުތަމައުއަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދިން ބައެއްކަމާއިި އެކަމުގެ އަގުވަޒަންކޮށް އެމީހުންނަށް އިހުތިރާމުކޮށް، ކަމޭހިތައި، އަޅާލަން ޖެހޭނޭކަމުގެ ހޭލުންތެރިކަން އުފައްދައި އެކަން އިތުރުކުރުމެވެ. ހަމަ އެހެންމެ، ނަފްސުގެ ނުވަތަ ސިކުނޑީގެ ދުޅަހެޔޮކަމުގެ ދުވަސް ފާހަގަކުރުމަކީ ސިކުނޑީގެ ދުޅަހެޔޮކަން ދެމެހުއްޓުމުގެ މަސައްކަތް ކުރުމުގެ ހޭލުންތެރިކަން އުފައްދައި އެކަން ދެމެހުއްޓުމާއި އަދި އެކިއެކި ސަބަބުތައް މެދުވެރިވެ، ސިކުނޑިގެ ދުޅަހެޔޮކަން ގެއްލި، މޮޔަވުން މެދުވެރިވުމުން، އެފަދަ ސިއްހީ ނުވަތަ ނަފްސާނީ ހާލަތްތައް މެދުވެރިވެފައި ތިބި މީހުންނަށް އަޅާލައި ކަމޭހިތަންޖެހޭނޭ ކަމުގެ ހޭލުންތެރިކަން އުފައްދައި އެކަން ދެމެހެއްޓުމެވެ.

މިނަންގަތް ފަހު ސަބަބަށްޓަކައި، ސިކުނޑީގެ ދުޅަހެޔޮކަމުގެ ދުނިޔޭގެ ދުވަސް އެއީ ކުރިން ވެސް ނަންގަނެވިދިޔަ ފަދައިން ދުނިޔޭގެ މޮޔައިންގެ ދުވަހެވެ. ދެންމެ ނަންގަނެވުނު ފަދައިން، މިފަދަ ދުވަހެއް، އާދެ، މޮޔައިންގެ ދުވަހެއް، ފާހަގަކުރަންޖެހެނީ އެފަދަ މީހުންނަކީ ވެސް މުޖުތަމައުގައި އުޅޭ ބައެއްކަމާއި އަދި، އެފަދަ މީހުން ފާހަގަކޮށް، އެމީހުންނަށް ލިބިދޭންޖެހޭ އެހީތައް ފޯރުކޮށްދޭންޖެހޭނޭ ކަމާއި، އެމީހުންނާ މެދުވެސް އިހުތިރާމާއި އޯގާތެރިކަމާއެކު ކަންތައް ކުރަން ޖެހުމުގެ ހޭލުންތެރިކަން އުފައްދައި އެކަން އިތުރުކުރުމެވެ.

ކޮންމެއަކަސް، މިއަދު މިފާހަގަކުރަމުންދާ 'މޮޔައިންގެ ދުވަހު’ގެ މުނާސަބަތުގައި ސިކުނޑީގެ ބަލި ތަހައްމުލުކުރަމުންދާ މީހުންގެ ވާހަކައެއް ލިޔެލަން ގަސްދުކުރަމެވެ. އެފަދަ ބަލިތަކުގެ އުނދަގޫތަކާއި ކުރިމަތިވެ، ހަމަ ބުއްދިއާއި ވިިސްނުން ގެއްލިފައިވާ މޮޔައިންގެ ވާހަކައެކެވެ. މިވާހަކަ ގުޅެނީ ސިކުނޑީގެ ބަލިތަކުގެ މީހުން ބައިތިއްބާ މަރުކަޒަކުގައި އުޅޭ މޮޔައިންގެ ބަޔަކާއެވެ.

އެއްދުވަހަކު، އެ މަރުކަޒުގައި މަސައްކަތް ކުރައްވާ ޑޮކްޓަރަކު، އޭނާގެ އާދައިގެ މަތިން، މަރުކަޒަށް ވަޑައިގަތެވެ. މަރުކަޒަށް ވެދެވަޑައިގަތް ތަނުން، އޭނާގެ ނަޒަރު ހުއްޓުނީ މަރުކަޒުގެ ތިން މޮޔައަކު ވާހަކައެއްގެ ތެރެއަށް ގެއްލިފައި ތިބި ތަނަށެވެ. އެމީހުންގެ ކައިރިއަށް ޑޮކްޓަރު ވަޑައިގަތެވެ. ޑޮކްޓަރަށް ފާހަގަކުރެއްވުނީ ތިން މޮޔައިންގެ ތެރެއިން ދެމީހަކު ވަރުގަދަ ބަހުސެއް ކުރާތަނެވެ. އެމީހުންގެ ވާހަކަ ކަނުލައި އަޑުއަހަން، މަލާމާތުގެ ރާގާކަށް ހެވިފައި، ހަމަޖެހިލައިގެން، އެމީހުންނާ ދާދި ކައިރީގައި، އެއްވެސް އެއްޗެއް ނުބުނެ، ތިންވަނަ މޮޔަ ހުއްޓެވެ.

އެމީހުންގެ ވާހަކަ އައްސަވާލެއްވުމަށް ޑޮކްޓަރުވެސް ކުޑަކޮށް ޝައުގުވެރިވެ ވަޑައިގަތެވެ. އެހެންވެ، އޮލަ ބަހުސުކުރުމުގައި ތިބި ދެ މޮޔައިންގެ ވާހަކަ އަޑުއިވޭ ވަރަށް އެމީހުންގެ ކައިރިއަށް ޖެހިވަޑައިގަތެވެ. އެ ދެ މޮޔައިން ކުރެ ކޮންމެ މީހަކުވެސް ދައުވާ ކުރަމުންގެންދިޔައީ އޭނާއަކީ ކަލާނގެ ކަމަށެވެ. މިވާހަކަތައް އަޑުއިވި ވަޑައިގަތުމުން ޑޮކްޓަރު ހިތާމަކުރެއްވިއެވެ. އެ ދެމީހުންގެ ސިކުނޑީގެ ބައްޔަށް އަދިވެެސް ޝިފާއެއް ނުލިބޭތީއެވެ. ދެން ކޮންމެ އަކަސް ތިން ވަނަ މޮޔައިގެ ކައިރިއަށް ޖެހިލައްވާފައި، އޭނާކުރެން ޑޮކްޓަރު އެއްސެވިއެވެ. އެ ތިބަ ދެމީހުން އެކިޔަނީ ކީކޭ ހެއްޔެވެ؟ ޖަވާބުގައި ތިން ވަނަ މޮޔަ، ޑޮކްޓަރަށް، ދެންނެވިއެވެ. އެ ދެމީހުންނަކީ ކިހާ ބޮޑު ދެ މޮޔައިން ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެ ދައުވާއެކުރަނީ އޭނާއަކީ ކަލާނގެ ކަމަށެވެ. އެއީ ކިހާ މޮޔަ، ކިހާ ގޯސް، ވާހަކައެއް ހެއްޔެވެ؟

ތިންވަނަ މޮޔައިގެ ޖަވާބު އައްސަވާފައި، ޑޮކްޓަރު ނުހަނު އުފާކުރެއްވިއެވެ. މީނާގެ ބުއްދި އަނބުރާ އޭނާއަށް ލިބި، މޮޔަކަމުގެ ބަލިން އޭނާއަށް ޝިފާ ލިބުނުކަމަށް ހީކުރައްވާފައެވެ. ދެން، އެކަން، އިތުރަށް ޔަގީންކޮށްލެއްވުމުގެ ގޮތުން، އޭނާ ކުރެން ޑޮކްޓަރު އެއްސެވިއެވެ. އެމީހުންނަކީ ކަލާނގެ ކަމަށް ދައުވާކުރުމުގެ މައްސަލައަކީ ކޮބައި ހެއްޔެވެ؟ ޖަވާބުގައި ތިންވަނަ މޮޔަ މީހާ ބުންޏެވެ. ތިމަންމީ ކަލާނގެއަށް ވެފައި، ތިމަންނާ މިތާ އެމީހުން ކައިރީ ހުރި އިރުވެސް، އެމޮޔައިނަކަށް އެކަމެއް ނޭނގުނެވެ. އެމީހުންގެ ސިކުނޑި ސަލާމަތުން ނެތްތާނގައި ލޯވެސް ރަނގަޅު ނޫނީ ކަންނޭނގެއެވެ؟ މިވާހަކަ އަޑުއައްސަވާފައި، މާޔޫސްވެވަޑައިގެން، އިސްޖައްސަވާލައްވައިގެން ހުންނަވައި، އޭނާގެ އޮފީހާ ދިމާއަށް ޑޮކްޓަރު ވަޑައިގަތެވެ.

މިކަމުން ލިބޭ އިބުރަތަކީ ކޮބާ ހެއްޔެވެ؟ ފާހަގަކޮށްލެވުނު ދެތިން ކަމެއްގެ ވާހަކަ ލިޔެލާނަމެވެ. ވަރަށް ގިނަ ފަހަރު، އަޅުގަނޑުމެންނަށް ފެންނަނީ އެހެން މީހުންގެ މޮޔަކަމެވެ. އެހެން މީހުންގެ ބުއްދި ހަމަނުޖެހޭ ކަމެވެ. އެހެން މީހުންގެ ވާހަކަތައް ތާކުން ތާކު ނުޖެހޭ ކަމެވެ. ތިމާގެ ވާހަކަތަކުގެ ހަމަނުޖެހޭ ކަމެއް، ނުވަތަ ތިމާ ތާއީދުކުރާ މީހާގެ ވާހަކަތަކުގެ ހަމަނުޖެހޭ ކަމެއް، އަޅުގަނޑުމެންނަށް އޮންނަނީ ފާހަގަ ނުކުރެވިފައެވެ. ނުވަތަ އެކަން ފާހަގަ ކުރަން ބޭނުން ނުވެފައެވެ. ތިން ވަނަ މޮޔައަށް އަނެއް ދެމީހުންނަކީ މޮޔައެއްކަން ފާހަގަކުރެވުނު އިރު، ޚުދް ތިމާގެ ބުއްދީގައި މައްސަލައެއް ހުރިކަމެއް އޭނާއަށް ފާހަގަ ނުކުރެވުނު ފަދައިންނެވެ.

އަނެއްކަމަކީ އަޅުގަނޑުމެންގެ ތެރޭގައި މިތިން މޮޔައިންގެ ވާހަކަތައް ފަދަ ވާހަކަތައް މީސްމީހުން ދައްކާއިރަށް، އެމީހުންގެ ވާހަކަތަކަށް ނަޒަރު ހިންގާ ނުލައި، އެ މޮޔަ ވާހަކަތައް ނިކުތް އަނގަތަކަށް ބަލައި، އެވާހަކަތައް ރަނގަޅުވާ ގޮތް ވުމެވެ. އެވާހަކަތަކަކީ ކިތަންމެ ތާކުންތާކު ނުޖެހޭ ވާހަކަތަކަކަށް ވިޔަސް ވެހެވެ. އާދެ، މިއަދު، އަޅުގަނޑުމެންގެ ގޮތަކީ ތިމަންގެ މީހާ ދުވާލަށް ރޭގަނޑޭ ބުންޏަސް، އެއީ ހައްގު ތެދުކަމުގައި ދުށުމެވެ.

މިފަދަ ވާހަކަތަކުގެ އެންމެ ފަހުގެ މިސާލަކީ ބަދުއަޚުލާގީ އަމަލުތައް މުޖުތަމައުގައި ގިނަވެގެންދަނީ އެކަމާ ބެހޭ ރަނގަޅު ގާނޫނުތަކެއް ނެތްކަން ބުނާ ވާހަކައެވެ. ޝައްކެއްނެތް ގޮތުގައި ކުށްތައް ހުއްޓުވުމަށްޓަކައި އުގޫބާތުގެ ގާނޫނެއް އޮންނަން ޖެހެއެވެ. އަދި، ހަމަ އެހެންމެ، އެފަދަ ގާނޫނެއް އޮތް ކަމީ ވެސް ޝައްކެއް ނެތް ކަމެކެވެ. އެހެންވެ، ކުށްކުށަށް އަރައިގަތުން ގުޅެނީ ގާނޫނުތައް ނެތުމާއެއް ނޫނެވެ. އެފަދަ ގާނޫނުތައް ނެތް ނަމަ، ގާނޫނުތައް އުފެއްދުމުގެ ބާރު ވެސް ގުޅެނީ ހަމަ އެ ވާހަކަ ބުނާ ފަރާތާއެވެ. އެހެންވީމާ ކުށް ކުރުން ހުއްޓުވާ ގާނޫނެއް ނެތިގެންނޭ ކުށްކުރަނީ ބުނުމަކީ ހަމަޖެހޭ ވާހަކައަކަށް ނުވެއެވެ. އެހެން ބުނުމުން ދޭހަވަނީ އެހެން ކަމެކެވެ. ބައެއް ކަހަލަ ކުށްކުރުން ހުއްޓުވަން ބޭނުން ނުވާ ކަމެވެ. އަދި އެފަދަ ކުށަކީ ކުށެއް ނޫންކަމަށް ވެސް ހަދާލަން ބޭނުންވާ ކަމެވެ. މިފަދަ މާނަ ދޭހަވާ ގޮތަށް 'ކަމުވޮށިގެންވާ' ބައެއް ފަރާތްތަކުން ބުނެވެސްފިއެވެ.

މޮޔައިން މިފަދަ މޮޔަ ގޮވުމަކީ މައްސަލައެއް ނޫނެވެ. ތިން މޮޔައިންވެސް އެމީހުންގެ މޮޔަ ވާހަކަދައްކަން ދޫކޮށްލައްވާފައި ޑޮކްޓަރު ވެސް ދުރަށް ވަޑައިގަތީ ނޫން ހެއްޔެވެ؟ އެމީހުންގެ ވާހަކަތަަކަށް ރައްދުދީ އެވާހަކަތައް އިޝްތިހާރުކުރައްވާކަށް ނޫޅުއްވާ ނޫން ހެއްޔެވެ؟ ނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި މިކަން އޮތީ ދިމާ އިދިކޮޅަށެވެ. މީހުން މޮޔަ ވާހަކަ ދެއްކުމުން ވެސް، އެއީ 'ބޮޑު' މީހަކު ދެއްކި ވާހަކައަކަށްވާ ނަމަ، އެވާހަކައާ މެދު، އެއްވެސް ތަންގީދީ ނަޒަރަކުން ބަލައިލުމެއް ނެތި، އެވާހަކައަކީ ހައްގު ތެދުކަން ދޭހަވާ ގޮތެއްގައި، ނޫސްތަކުގައި، ފަލަ ސުރުޚީތައް އަޅާލައި މިފަދަ ތާކުންތާކު ނުޖެެހޭ ވާހަކަތައް އާންމުންގެ ކުރިމައްޗަށް ހުށަހަޅާލުމެވެ. ނަތީޖާއަކީ މޮޔައިންގެ ވާހަކަ ބުއްދި ހަމަނުޖެހޭ ވާހަކައަކަަށް ނުވުމެވެ. މޮޔައިންގެ ވާހަކަ އެންމެނަށް ގަބޫލުކުރެވި، އެންމެންވެސް މޮޔަވެ، މޮޔަ ގަބޫލުކުރުމެވެ. އާދެ، ސިޔާސީ މޮޔަ ބަލީގައި ޖެހި، އެންމެންގެ ސަލާމަތް ބުއްދި ފިލާ ދިޔުމެވެ. ތަންކޮޅެއް ކުރިން ލިޔުނު ލިޔުމެއްގައި ބުނި ފަދައިން، އުދުހިފައި ދިޔަ ދޫންޏަކީ ބަކަރިއެކޭ ތިމާގެ ލީޑަރު ބުނެފިނަމަ، ސިޔާސީ މޮޔަ ބަލި ޖެހިފައި ހުރި މީހަކު ނަމަ، އޭނާ ގަބޫލުކުރާނީ އެއީ ހަމަ ބަކަރިއެއް ކަމެވެ.

އާދެ! މޮޔައިންގެ ދުވަސް ފާހަގަކުރާއިރު، ސިޔާސީ ކުލަތަކުގައި ޖެހި، އަޅުގަނޑުމެންގެ ސިކުނޑީގެ ދުޅަހެޔޮކަން ގެއްލި ހިނގައިދާނޭކަން ފާހަގަކުރަން ޖެހެއެވެ. ސިޔާސީ ކުލައިގެ ހުމުގައި ޖެހި، އަޅުގަނޑުމެންގެ ސަލާމަތް ބުއްދިފިލައި ހިނގައިދާނޭކަން، ހަނދާންކުރަން ޖެހެއެވެ. ސިޔާސީ ކުލައިގެ ބަލިޖެހިގެން ނުވަތަ އެނޫން ވެސް އެހެން ބައްޔެއް ޖެހިގެން އަޅުގަނޑުމެންގެ ބުއްދި ފިލައި ގޮސްފި ނަމަ، އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި އަޅުގަނޑުމެންގެ ފައިސާއާއި މުދާ ވެސް ގެއްލި ހިނގައިދާނެއެވެ. އަދި، އަޅުގަނޑުމެންނަކީ ސިޔާސީ ކުލައިގެ ބަލިޖެހި، މޮޔަވެ، ބުއްދިފިލައި ގޮއްސައި ތިބި ބަޔަކަަށް ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ގައުމުވެސް އަތުން ބީވެގެންދާ އިރު އަޅުގަނޑުމެން ތިބޭނީ އެކަކު އަނެކަކު މޮޔަކުރުމުގައެވެ. އެއްކަލަ ތިން މޮޔައިން، އެމީހުންނަކީ ކަލާނގެ ކަމަށް ދައުވާކުރަން ތިބި ފަދައިންނެވެ. ދުނިޔޭގެ މޮޔައިންގެ ދުވަސް ނުވަތަ ސިކުނޑީގެ ދުޅަ ހެޔޮކަމުގެ ދުވަސް ފާހަގަކުރާއިރު، ސިޔާސީ ކުލައިގެ ބަލިން، އަޅުގަނޑުމެންގެ ސިކުނޑިތައް ސަލާމަތްކޮށް، ހަމަ ބުއްދި ރައްކާކުރެވޭތޯ ބެލުން ވަރަށް ވެސް މުހިިއްމެވެ.