Support Us

ކޮލަމް ކޯދު: މީހަކު ބުނާ ވާހަކައެއް- ފަސާދައިގެ އަމަލުތައް ހިންގުމުގެ ބައެއް މުހިއްމު އުސޫލުތަކާއި ގަވާއިދުތައް

ފަސާދައިގެ ބައްޕަކަމުގައި ބެލެވޭ ރަށުގެ އެންމެ ބޮޑު ފާސިދު މީހާ އޮތީ މަރުގެ ތަންމަތީގައެވެ. އެ ވަގުތު، އެންމެ ފަހުގެ އަދަބު އިހުތިރާމު އޭނާއަށް އަދާކުރުމުގެ ގޮތުން އޭނާގެ އެންމެ 'ދޮށީ ދަރިޔާ' އޭނާ ކައިރިއަށް ދިޔައެވެ. އަދި، ސުއާލެއް ކުރިއެވެ. "އޭ އަހަރުމެންގެ ސާހިބާއެވެ! ފަސާދައިގެ އިލްމުގެ ވާހަކައިން ކޮންމެހެން ވެސް ހަނދާން ކުރަންޖެހޭނޭ ކަންކަން އަހަރެންނަށް ބުނެދީފާނަން ހެއްޔެވެ؟"

ދެން، ފަސާދައިގެ ބައްޕަ ބުންޏެވެ. "ދަރިފުޅާއެވެ! ފަސާދައިގެ ކަންކަން ކުރުމުގެ ވެސް އުސޫލުތަކަކާއި ގަވާއިދުތަކެއް ވެއެވެ. ފަސާދައިގެ އަމަލު ހިންގަން ވާނީ އެކަންކަމަށް ބަލައިގެންނެވެ. އެ ކަންކަމާ ބެހޭ ގޮތުން މި ބުނާ އެއްޗެއް ކަނުލައި އަޑުއަހާށެވެ!

ދަރިފުޅާއެވެ! ފަސާދައިގެ އަމަލުތައް އެއްގޮތަކަށް ވެސް އެކަނި ހުރެ ފަރުދީ ސިފައެއްގައި ހިންގައިގެން ނުވާނެއެވެ. ފަސާދައިގެ އަމަލުތަކުގައި ބޮޑުންނޭ ހީވާ އެންމެ ބައިވެރި ކުރަންވާނެއެވެ. އެފަދަ ފާސިދު ބޮޑުންނާ ގުޅުން އުފައްދައި، އެ ގުޅުން އެއް ދުވަހަކަށް ވުރެ އަނެއް ދުވަހަކު ވަރުގަދަ ވަރުގަދަވޭތޯ މަސައްކަތްކުރަންވާނެއެވެ. ދެން، ފަސާދައިގެ އަމަލުތައް ހިންގައިގެން ލިބޭ ފައިދާ މި ހުރިހާ ބޮޑުންނަށް ބަހަންވާނެއެވެ. މިފަދައިން ކަންތައް ކޮށްފި ނަމަ، ފަސާދައިގެ އަމަލުތައް ތަހުގީގުކުރުމަށް އޮންނަ އައްޑަނައަކަށް ވެއެވެ.

ދަރިފުޅާއެވެ! ފަސާދައިގެ އަމަލުތައް ހިންގާއިރު، ގާނޫނަށް ވުރެ މަތީގައި ތިބޭ މީހުން ދެނެގަނެ އެމީހުން ހޯދަންވާނެއެވެ. އެފަދަ މީހުންނަކީ، ގައުމު ވިއްކާލި ކަމުގައި ވިޔަސް، އެމީހުންގެ މައްޗަށާއި އަދި އެމީހުންގެ ގާތްތިމާގެ މީހުންގެ މައްޗަށް ވެސް ގާނޫނުގެ ފުރިހަމަ ބާރު ނުފޯރާ މީހުންނެވެ. މިފަދަ ގާނޫނަށް ވުރެ މަތީގައި ތިބޭ މީހުންގެ ރަހުމަތްތެރިކަން ކިތަންމެ ބޮޑު އަގެއް ދީފައި ވެސް ގަންނަންވާނެއެވެ. އަދި، ފަސާދައިގެ އަމަލުގެ ޕާޓުނަރުން، ބައިވެރިން ކަމުގައި އެމީހުން ވެސް ހަދާލަންވާނެއެވެ. ގާނޫނުގެ ލޮލަށް ނުފެންނަ ގޮތަށް، އަދި ގާނޫނުގެ ދިގު އަތުގައި ނުޖެހޭ ގޮތަށް، ކަންކަން ހިންގާލުމުގެ ކުޅަދާނަކަށް އެ ފަދަ މީހުންނަށް ލިބިފައިވެއެވެ. މިފަދަ މީހުންނާ ގުޅި، އެ ގުޅުން ބަދަހިވުމުން، ފަސާދައިގެ ހަރުގަނޑުގެ ހަރުފަތްތަކުން ދާދި އަވަހަށް އަދި ނުހަނު ފަސޭހަކަމާއެކު މައްޗަށް އެރޭ ގޮތް ވާނެއެވެ.

ދަރިފުޅާއެވެ! ފަސާދައިގެ ފޮނި ކޭކު ބަހާއިރު ހަނދާންކުރަން ޖެހޭ ކަމެއް އޮވެއެވެ. ދަރިފުޅުގެ މައްޗަށް ހުންނަ ފަސާދައިގެ ބޮޑަކަށް ވުރެ ބޮޑު ފޮއްޗެއް އެ ކޭކުން ދަރިފުޅު ނަގައިގެން ނުވާނެއެވެ. ފަސާދައިގެ ފޮނި ކޭކަކީ ހުރިހާ ފާސިދުންގެ މައްޗަށް ހަމަހަމައަށް ބެހޭ ކޭކެއް ނޫނެވެ.

ދަރިފުޅާއެވެ! ފަސާދައިގެ ކޭކު ބެހުމުގައި ދީލަތިވާން ޖެހޭނެއެވެ. މިކަމުގައި ދަރިފުޅުގެ މޮޓޯއަކަށް ވާންޖެހޭނީ 'ފައިދާ ލިބިގަންނާށެވެ! އަދި ފައިދާ ބަހާށެވެ!' މިއެވެ. އެހެންވީމާ އެހީއަކަށް އެދުނު ކޮންމެ މީހަކަށް ވެސް، އޭނާގެ ބޭނުން ފުއްދާލެވޭ މިންވަރަށް ކަޅު ކޮތަޅުކޮތަޅަށް އަޅައިފައި ނަމަވެސް، ފަސާދައިގެ ކޭކު ފޮތިން ފޮތިފޮތި ދޭންވާނެއެވެ. މި ގޮތަށް ކަންތައް ކުރުމުން، ފަސާދައިގެ ބޮޑުންނެކޭ އެއްފަދައިން ފަސާދައިގެ ކުދި ކުދިވެރިން ވެސް، ދަރިފުޅަށް ތަބާވާ މީހުންނަށްވެ، ދިފާއުގައި ވަކާލާތު ކުރާނެއެވެ.

ދަރިފުޅާއެވެ! ފަސާދައިގެ އަމަލު ހިންގާއިރު ގާނޫނީ މީހަކަށް ވާންޖެހެއެވެ. މީގެ މާނައަކީ ގާނޫނު ރަނގަޅަށް ދަންނަން ޖެހެއެވެ. އޭރުން، ގާނޫނުގެ މަޅިތަކުން ރެކިގަނެވޭނޭ ގޮތްތައް ފެންނާނެއެވެ. އަބަދުވެސް ހަނދާންކުރަން ޖެހޭނީ ފަސާދައިގެ އަމަލުތަކުގައި ބެދި އަދަބު ލިބޭނީ ގާނޫނު ނުދަންނަ، އަދި ފަރުދީ ސިފައެއްގައި ފަސާދައިގެ އަމަލު ހިންގަން އުޅޭ ކުދި ފާސިދުންނެވެ. ނަމަވެސް، ޖަމާއީ ސިފައެއްގައި ފަސާދައިގެ އަމަލުތައް ހިންގާ ބޮޑެތި ފާސިދުންނަށް އެންމެ ސަނާ ކިޔައި ތަރުހީބުގެ އަތްތިލަބަޑި ޖަހާނެއެވެ. އަދި، އެމީހުންގެ ދީލަތިކަމާއި މޮޅުކަމުގެ ތަސްބީހަތައް ނޫސްތަކުގައި ލިޔެ ކިޔޭނެއެވެ.

ދަރިފުޅާއެވެ! ފަސާދައިގެ އަމަލުތަކުގެ ހެކިތައް ފޮރުވަން ދަސްކުރަން ވާނެއެވެ. ކުރިން ވެސް ބުނިހެން އެކަންކުރާނީ ފަސާދައިގެ އަމަލުތަކުގައި އެންމެހައި ބޮޑުން ބައިވެރިކޮށް، ފަސާދައިގެ އަމަލުތަކާއި އެކަމުގެ ހެކިތައް އެއެންމެންގެ ތެރެއަށް ގަންބާލައިގެންނެވެ. އެއްގޮތަކަށް ވެސް އެކަން ވަޅުލައި ފޮރުވަން ނޫޅެއްޗެވެ.

ދަރިފުޅާއެވެ! ފަސާދައިގެ އަމަލުތައް ހިންގުމާ މެދު ފަހަރެއްގައި ވެސް ޖެހިލުންވެ ލަދުނުގަންނާށެވެ! މިސާލަކަށް ރިޝްވަތު ދިނުމާއި ހިފުމަކީ ޒަމީރަށް އުނދަގޫކުރާ ގޯސް ކަމެއްގެ ގޮތުގައި ނުދެކޭށެވެ! ތިމާގެ ޒަމީރު ގާތު ބުނެ ހަނދާންކޮށްދޭން ޖެހޭނީ ފަސާދައިގެ އަމަލަކީ އެކަމުގެ ފުރުސަތު ލިބޭ ކޮންމެ މީހަކުވެސް ކުރާނޭ ކަމެއް ކަމެވެ. އަދި، އާންމުންގެ ގިނަ ބަޔަކު ވަނީ އެއީ އެންމެ ރަނގަޅު ކަމެއް ކަމުގައި ގަބޫލުކޮށްފައިވާ ކަމެވެ. ތިމާގެ ޒަމީރު ގާތު ބުނަންވާނީ ފަސާދައިގެ އަމަލުތައް މަނާކުރާނޭ ގާނޫނެއް ގަވާއިދެއް ނެތް ކަމެވެ.

ދަރިފުޅާއެވެ! ދޭތެރެ ދޭތެރެއިން ފަސާދައިގެ ބޮޑުން އެއްކޮށް ޕާޓީތައް ބާއްވަންވާނެއެވެ. މިފަދަ ޕާޓީތައް ބާއްވައި މިކަން އިޝްތިހާރުކުރުމުން އާންމުން ވެސް މިއީ ހަމަ އެންމެ ރަނގަޅު ކަމެއް ކަމާއި ކަންކަން އޮންނަން ޖެހޭނީ ކަންކުރާ ގޮތަށް ކަމުގައި ބަލައިގަނެ ގަބޫލުކުރާނެއެވެ.

ދަރިފުޅާއެވެ! ފަސާދައިގެ ޚާއްސަ ބަހުރުވަ ދަސްކުރަން ޖެހޭނެއެވެ. މިސާލަކަށް ރިޝްވަތަށް ރިޝްވަތު ކިޔައިގެން ނުވާނެއެވެ. އެއީ ދޭ ކުޑަ ސަޔެކެވެ. ނޫނީ ނަގާ ކޮމިޝަނެކެވެ. ތިން މިލިޔަންގެ ލޯނެއް ނަގާ ނަމަ، އެކަމަށް މަގުފަހިކުރުމުގެ ގޮތުން ލޯނު ދޫކުރާ ވެރިޔާއަށް އެއްމިލިޔަން ދޭންޖެހުން ބަލަން ޖެހޭނީ ލޯނުގެ ޚަރަދެއްގެ ގޮތުގައެވެ.

ދަރިފުޅާއެވެ! ފަސާދަ ނެތްކަމުގެ ވާހަކަ އެއްގޮތަކަށް ވެސް ދައްކައިގެން ނުވާނެއެވެ. ބުނަން ޖެހޭނީ އެކަން ކުޑަކުރުމުގެ ވާހަކައެވެ. ދެން، ފަސާދައާއެކު ނަމަވެސް، ފަސާދައިގައި ނުޖެހި، އުޅެން ދަސްކުރަން ޖެހޭނެ ވާހަކައެވެ. އަބަދުވެސް ފަސާދައަށް އޮތީ 'ޒީރޯ ޓޮލަރަންސް' ކަމުގެ އިއުލާނު ކުރަންވާނެއެވެ. އަދި ފަސާދައަށް ލައުނަތް ހުއްޓޭ ވެސް ބުނަން ވާނެއެވެ. ނަމަވެސް، ފަސާދައިން ދުރުވެގެން އުޅުމަކީ ވަކި ބަޔަކަށް އުޅެން އޮތް ގޮތެކެވެ. ފަސާދައިގެ ބޮޑުން މިކަމުން އިސްތިސްނާވާނެއެވެ.

ދަރިފުޅާއެވެ! އަބަދުވެސް ފަސާދައާ އިދިކޮޅަށް މަސައްކަތްކުރާ މީހުންނާއެކު ފޮޓޯ ނަގަންވާނެއެވެ. އަދި ދަރިފުޅަކީ ވެސް ފަސާދައާ އިދިކޮޅަށް މަސައްކަތް ކުރާ މީހެއް ކަމުގައި މީހުންނަށް ދައްކަންވާނެއެވެ! އަދި، ކުލީ ގަލަމުގެ މީހުން ހޯދައި އެ ފޮޓޯތަކާއި ވާހަކަތައް ނޫސްތަކުގައި ލިޔުއްވަން ވެސް ވާނެއެވެ. މިފަދަ ކުލީ ގަލަންތަކުގެ އަހުލުވެރިންނަކީ ދަރިފުޅުގެ ފަސާދައިގެ އަމަލުތައް ކުރިއަށް ގެންދިޔުމުގައި ބޮޑެތި އެހީތަކެއް ވެދޭނޭ ބައެއްކަން ހަނދާނުގައި އަބަދުވެސް ބަހައްޓަން ޖެހޭނެއެވެ.

ދަރިފުޅާއެވެ! ފަސާދައަކީ ވަރަށް ފަސޭހައިން ގައިންގަޔަށް އަރާ ބައްޔެއް ފަދަ އެއްޗެއްކަން ހަނދާންކުރަން ޖެހެއެވެ. ކުޑަ މުސާރަތަކަށް މަސައްކަތްކުރާ މީހުން، ފަސާދައިގެ ދަލުގައި ޖައްސަން ވަރަށް ފަސޭހަވާނެއެވެ. އެ ފަދަ މީސްމީހުންނަށް ކުޑަކުޑަ ހަދިޔާއެއް ދިނުމުން ފަސާދައިގެ އަމަލުތައް ހިންގާލަން ފަސޭހަވެގެންދާނެއެވެ.

ދަރިފުޅާއެވެ! އިލްމުވެރިންނޭ، ކިޔަވައިގެން ތިބޭ މީހުންނޭ، މިފަދަ ލަގަބުތަކުގެ އަހުލުވެރިންނާ އަޅާނުލާށެވެ. އެމީހުން، ގިނައިން އުޅޭނީ ތާކުންތާކު ނުޖެހޭ މައްސަލަތައް ނަގައި އެކަކު އަނެކަކާ ހިފުމުގައެވެ. މުޖުތަމަތުގައި ހުންނަ ހަގީގީ އިޖުތިމާއީ މައްސަލަތަކާ މެދު އެމީހުން އަޅައެއް ނުލާނެއެވެ.

ދަރިފުޅާއެވެ! ފާސިދު ގާޒީންގެ ބަޔަކު ފަސާދައިގެ ދަލުގައި ޖެހިއްޖެ ނަމަ، އެ ދަލުގެ މަޅިތަކުން އެމީހުން ސަލާމަތްވިޔަ ނުދެއްޗެވެ. އެއީ އެއިން އުނިނުވާނޭ ކަންޒެއް ފަދަ ބައެކެވެ! އެފަދަ ފާސިދު ގާޒީން ލިބިފައި އޮތުމުން، ހުރަގެއަށް ދާން އޮންނަ މަގު މުޅިން ބަންދުވީއެވެ!

ދަރިފުޅާއެވެ! ދަރިފުޅުގެ އެންމެ ބޮޑު ދުޝްމަނަކަށްވާނީ ދަރިފުޅުގެ ޒަމީރުކަން ހަނދާންކުރައްޗެވެ. އެހެންވީމާ އެންމެ ފުރަތަމައިން ވެސް އެ ޒަމީރު މަރާލަން ޖެހެއެވެ. ފަސާދައިގެ އަމަލަކީ ފަސާދަ ނޫންކަން ޒަމީރަށް ހުއްޓާނުލާ ހަނދާންކޮށްދީގެންނެވެ!"

ދެން، ފަސާދައިގެ ބައްޕައަށް ޝުކުރު އަދާކުރުމަށް ފަހު، އޭނާގެ ދޮށީ ދަރި، ބައްޕަގެ ކޮޓަރިން ނިކުތެވެ!