ފަޅު ފެންގަނޑެއްގައި ފަސްހަ ބޮއް ގެއަޅައިފިއޭ
ބޮއްފެންގަނޑޭ ނަންދީ އެ ތަން ދިރުވައިފިއޭ
އެއް ބޮއް އެ ތާގައި ބަސްކިއާން އިސްކޮށްފިއޭ
* * *
ފާއިތުވަމުން އަހަރާ މަހާ ދުވަހާ ދެއޭ
ބޮއްތައް ވިހައި ބައިބޯވެ ބޯގިނަވެއްޖެއޭ
ޅަ ޒުވާން ބޮކެއް އެއް ދުވަހު ބުނެލައިފިއޭ
ބޮއްތަކުގެ މީ ބޮޑު ޤައުމަކަށް އަދު ވެއްޖެއޭ
ޤައުމެއް ކަމުން ވެރިއަކު ރަނގަޅު ބޭނުންވެއޭ
ވެރިއާއަކަށް، މިއަދަކު ބޮޑޭއެއް، ނުފުދެއޭ
އިހު، ބަސްކިއަސް، މުސްކުޅި، ބޮޑޭ އަދު ވެއްޖެއޭ
ޅަ ޒުވާން ބޮކެއް ވެރިކަންކުރަން މޮޅުވާނެއޭ
އުމުރުން ދުވަސްވީ ތިންހަތަރު ބޮއް ބުނެފިއޭ
ޝަޚުޞިއްޔަތެއް ވެރިއާގެ ހުންނަންވާނެއޭ
ވެރިއެއްގެ ވިއްޔާ ހައިބަތެއް ބޭނުންވެއޭ
ސިފަތައް މި، ހުރި އެއްވެސް ޒުވާނެއް ނެތްމެއޭ
ދޮށި ނޫން ބޮކެއް އެ މަގާމަކަށް ނުފުދޭނެއޭ
އެ ބަހާ ޒުވާން ބޮއްތައް ވަރަށް ނުރުހިއްޖެއޭ
ތިންވަނަ ގޮތެއް ދެން ކުޑަ ބޮކެއް އިއްވައިފިއޭ
ވެރިއަކު، ނުވުން ބޮކަކަށް، ރަނގަޅު، މާ، ވާނެއޭ
އެ ގޮތާ ބައެއް ބޮއްތައް ރުހޭ ކަން އެންގިއޭ
ދުރު މީހެކޭ ރަނގަޅީ ކިއައި އަތްއުފުލިއޭ
އެއްބަސްނުވެވި އެހެނަސް، ޒުވާބެއް ދިގުލިއޭ
* * *
ދިގުލީ ޒުވާބަށް ފަހު ގޮތެއް ނިންމައިފިއޭ
ބޮއް ނޫން ކަތެއް ލާން ވެރިއަކަށް އެއްބަސްވިއޭ
އެހެނަސް ބޮކެއް ނޫނީ އެ ތާއެއް ނޫޅެއޭ
މި ކަމާ އަނެއްކާ ވެސް ފިކުރު ބޮޑުވެއްޖެއޭ
ވެރިއެއް ލިބޭތޯ ދެން ދުޢާއެއް ކޮށްފިއޭ
އެ ވަގުތު މަތިން އެއްޗެއް ދިރޭ ވެއްޓިއްޖެއޭ
ފެންގަނޑުތެރަށް ޖެހުމާ އެކީ ތެޅިގެންފިއޭ
ފެންގަނޑުތެރޭގައި ބާނިތައް އުފެދިއްޖެއޭ
ކުއްކުއް ކުކުއްކުއް ކުކުގެ އަޑު ގުގުމައިލިއޭ
ބޮއްތައް ބިރުން ސިހިފައި ދުރުން ބަލަމުން ދެއޭ
ވެރިއެއް އައީ ބާއޭ ހިތައި ވިސްނައިލިއޭ
ތެޅިފޮޅިގަތުން އޭ ވެރިކަމުގެ ސިފައޭ ހީވިއޭ
ވެރިއާގެ "ހައިބަތު" ބޮއްތަކާ ކުޅެލައިފިއޭ
ގައިމޭ މިއީ ވެރިއާއެ ބޮއްތައް ނިންމިއޭ
ވެރިއާ އައީއޭ ބޮއްތަކަށް ބުނެވިއްޖެއޭ
* * *
އެކަމަކު އެއީ ވެރިއާއަކަށް އައި ނުމެ ވެއޭ
ކުކުޅެކެ އެއީ، އަނިޔާވެފައި އެ ސޮރަށް ވިއޭ
އިންދައި އެހެން، ބާޒެއް އެ ސޮރު އަތްދަށުލިއޭ
އަތްދަށުވުމުން ބާޒުގެ، އިތުރު އަނިޔާވިއޭ
އެހެނަސް އެ ސޮރު ކުރި ހިތްވަރުން މިނިވަންވިއޭ
ތެޅިފޮޅިގަތީމާ ބާޒުގެ އަތުން ދޫވީމެއޭ
ކުކުޅުގެ ވަރެއް ނެތެ ވީއްލުނަސް، ލޭއޮހޮރެއޭ
ފެންގަނޑުތެރޭ އޮވެގެން ދެ ފިޔަ ތަޅަމުންދެއޭ
* * *
ބޮއްތައް ބިރުން ގާތްވާން ނުކެރިފައި ތިބިމެއޭ
"ވެރިއާ" ގޮވައިލާތޯ ވަށައިގެން އެނބުރެއޭ
"ވެރިއާ" އެހެން އޮވެގެން މަރަށް ތެޅެމުންދެއޭ
ވަރުބަލިވެގެން ފެންގަނޑުތެރަށް ގެނބެމުންދެއޭ
އެ ގޮތަށް އެހެން ތެޅިތެޅި ހަކަތަ ދޫވެއްޖެއޭ
ނޭވާއުފުރިގެން ދެން ކުކުޅު މަރުވެއްޖެއޭ
* * *
"ވެރިއާ" ހިމޭންވީމާ ބޮކެއް ގާތްކޮށްލިއޭ
ހަރަކާތް ނެތީމާ ބިރު ދުރަށް އެއްލައިލިއޭ
މައްޗަށް އެ، ފުންމައިގެން އަރައި ހަމަޖެހިލިއޭ
ބޮއްތައް ދުރުން ދެކެފައި އެ ތަން ހެލިލައިފިއޭ
ގާތަށް ދެވުނު ބޮއްތައް ބޮލަށް މެ އަރައިފިއޭ
ވެރިއާގެ ހަރަކާތެއް ބަހެއް ނުމެ ނެތްމެއޭ
* * *
އެއްބައި ބޮކަށް މި ގޮތެއް ކަމަކު އަދި ނުދިއައޭ
ވެރިއެއް ކަމަކަށެއް މީ އެ ބޮއްބޮއް ނުދެކެއޭ
ގިނަ ބޮއްތަކާ އެކު މަޝްވަރާ ދެން ކޮށްފިއޭ
ވެރިއެއް ލިބޭތޯ ދަތުރެއް ކުރާން ނިންމައިފިއޭ
ހޯދާށަ ވެރިއެއް ބޭރު ދަތުރެއް ފެއްޓިއޭ
ދިއަ މަގުމަތީން މާކަނައަކާ ބައްދަލުވިއޭ
ބޮއްތައް ކުރެން ބޭނުން ދަތުރުގެ އަހައިލިއޭ
ވެރިއެއް ލިބޭތޯއޭ މި ހިނގަނީ ބުނެފިއޭ
އެއް ފައި މަތީ އިނދެ މާކަނާ ހިންދެމިލިއޭ
ދަހިވެތިކަމާ އެކު ބޮއްތަކަށް ކަޅިއެއްލިއޭ
ވެރިކަން މަ ކޮށްދީފާނަމޭ ދެން ބުނެފިއޭ
އެ މަގާމަކަށް މަ ކަމަކުނުދޭހެ އަހައިފިއޭ
ބޮއްތައް ކަނާ މޫނަށް ނަޒަރު ހުއްޓައިލިއޭ
ހައިބަތު ކަނާގައި ހުރި، ބޮކަށް ވެރިވެއްޖެއޭ
ބޮއްތައް ވަރަށް ރުހިފައި ޝުކުރުވެރިވެއްޖެއޭ
ވެރިކަމުގެ ދަޢުވަތު ދީ ރަށަށް ގެންގޮސްފިއޭ
* * *
ކަނައަށް އެ ވެރިކަން ޖާފަތެއް ކަމުގައި ވިއޭ
މުޅި ޢާއިލާ ކުރުވައި ހިޖުރަ ނިންމައިލިއޭ
ވެރިކަން އެއަށް ދިން ރައްޔިތުން، ކޮއްތަށް ވިއޭ
ދިގު މުއްދަތެއް ނުވެ ފެންގަނޑުން ބޮއް ހުސްވިއޭ
ކަނައަށް އިތުރުވީ މިލްކަކަށް ފެންގަނޑު ވިއޭ
ފެންގަނޑުގެނަމަކަށް މާކަނާފެންގަނޑު ކިއޭ
ބޮއްފެންގަނޑުގެ ނަން ދަފުތަރުން ފޮހެވިއްޖެއޭ
ނޯޓު:
- މި ޅެން ހަދައިފައި މި ވަނީ އެއް މިސްރާއިން ނިންމައިފައި ހުންނަ ބައިތުންނެވެ.
- އަރަބި ޅެންވެރިކަމުގެ ލިއުންތަކުގައި އެއް މިސްރާއިން ހުންނަ ބައިތަށް "ބައިތުލްމަޝްޠޫރު/ އަލްމަޝްޠޫރު/ އައްޝަޠުރު" ފަދަ ނަންނަން ބޭނުންކޮށްފައި ހުރެއެވެ. އަދި އެއް މިސްރާއިން ހުންނަ ބައިތުގެ ޅެން އާންމުކޮށް ހުންނަނީ އައްރަޖްޒު ވަޒަނުގައްޔާއި އައްސަރީޢު ވަޒަނުގައި ކަމަށް ވެސް ލިއެފައި ހުރެއެވެ. އަދި އެއް މިސްރާ ބައިތުން ހަދައިފައި ހުންނަ ޅެމަށް ވެސް އެއީ މަޝްޠޫރެކޭ ނުވަތަ މި ވެނި ވަޒަނެއްގެ މަޝްޠޫރެކޭ ލިއެފައި ހުރެއެވެ.
- މި ޅެން ހަދައިފައި މި ވަނީ ރަޖްޒު ވަޒަން (މުސްތަފްޢިލުން މުސްތަފްޢިލުން މުސްތަފްޢިލުން) ގެ ތައްގަނޑަށް ފެތޭ ދިވެހި ވަޒަން (ހޭހޯދަމާ ހޭހޯދަމާ ހޭހޯދަމާ) އަށެވެ. މި ވަޒަނަށް އފ. އާދަމް ނަޞީރު އިބްރާހީމުގެ (އަދި ޗާޕުނުކުރާ) ލިއުއްވުމެއްގައި "ރަން" ވަޒަނޭ ވިދާޅުވެފައި ވެއެވެ.
- ދިވެހިޅެމުގެ މި ބާވަތަށް "މަޑޫ" ކިއިދާނެއޭ ހިތަށް އަރައެވެ. އެއީ ކުރިއްސުރެން "ބަޑުވައްއަކުރު" ވެސް ބޭނުންކުރާތީއާ އެކުގައެވެ. ބަނޑުވަކަކީ މަޑޫތައް ފޭވިއަނުދީ ހިފަހައްޓާން އަޅާ ވާލެކެވެ. އެހެންކަމުން ބަނޑުވައްއަކުރު އެ ކުރާ ކަމަކީ ދެ މަޑޫ (ދެ މިސްރާ) އެއްކޮށް ހިފޭއްޓުމެވެ. މި ގޮތުން މި ނަމާ (މަޑުލާ) ބަނޑުވައްއަކުރާ ވެސް ގުޅުންއެބަހުއްޓެވެ.
- މި ބާވަތުގެ ޅެމުގައި ބަނޑުވައްއަކުރެއް ނެތެވެ. ކޮންމެ މިސްރާއަކީ ވަކި މަޑުލެކެވެ.
- އެހެންކަމުން މި ޅެމަކީ މަޑުލެކޭ ނުވަތަ މަޑޫރަނެކޭ ނުވަތަ ރަންވަޒަނުގެ މަޑުލެކޭ ބުނެވިދާނެއެވެ.
