Support Us

ކޮލަމް ކޯދު: ކުރު ވާހަކަ- ދެމަފިރިންގެ ވާދަވެރިކަން

މި ދުވަސްކޮޅަކީ އިސްމާއީލުގެ ދެމަފިރިންގެ ދެމެދުގައި އެހެން ކަހަލަ ވާދަވެރިކަމެއް ފެށިގެން އުޅޭ ދުވަސްކޮޅެކެވެ. އެއްކޮޅުން އިސްމާއީލުގެ އަންހެނުން އިސްމާއީލު ގާތު ބުނަމުންދަނީ އިސްމާއީލުގެ އުމުރުން ދުވަސްވަމުން ދިޔަދިޔަހެން އިސްމާއީލުގެ ހަނދާން ބަލިވަމުންދާ ކަމުގެ ވާހަކައެވެ. އެހެންވެ، ކޮންމެ ދުވަހަކު ވެސް އޮފީހަށް ދާން ނުކުންނައިރު، އިސްމާއީލު ހަނދާން ނެތޭ ކޮންމެ ވެސް އެއްޗެއްގެ ވާހަކަ ބުނެ އެ އެއްޗެއްގެ މަތިން ހަނދާންކޮށްދެއެވެ. އެއް ދުވަހު އޮފީސް ތަޅުދަނޑި ގެންދަން ހަނދާންނެތިދާނެއެވެ. އަނެއް ދުވަހު ގޭގެ ތަޅުދަނޑި ހިފައިގެން ދާން ހަނދާން ނެތިދާނެއެވެ. ބައެއް ފަހަރު އިސްމާއީލުގެ ފޯނު ގެންދަން ހަނދާން ނެތެއެވެ. އަނެއްބައި ފަހަރު އޭނާގެ ސައިކަލުގެ ތަޅުދަނޑި މަތިން ހަނދާންނެތެއެވެ. މިއިން ކޮންމެ ފަހަަރަކު ވެސް، އިސްމާއީލުގެ އަންހެނުން އިސްމާއީލުއަށް އޭނާ ހަނދާންނެތޭކަން ފާހަގަކޮށް، ހަނދާން ނެތުނު އެއްޗެއް އޭނާ އަތަށް ދެއެވެ.

އިސްމާއީލުގެ ހަނދާން ނެތުމާ ދޭތެރޭ އޭނާ ވިސްނާފައި ނިންމީ އެކަމާ މެދު ރަނގަޅު ފިޔަވަޅެއް އަޅައި އަންހެނުންގެ އަނގަ ބަންދުކޮށްލާށެވެ. އެހެންވެ، އިސްމާއީލު އޮފީހަށްދާއިރު ގެންދަން ޖެހޭ ހުރިހާ އެއްޗެއް ގަނޑެއްގައި ލިޔުނެވެ. އަދި، ގެއިން ނިކުތުމުގެ ކުރިން، އެ ހުރިހާ އެއްޗެއް އަތުގައި އޮތްތޯ ބަލައި ޗެކް ކުރިއެވެ.

ކޮންމެއަކަސް ވަރަށް ވެސް ޔަގީންކަމާއެކު އިސްމާއީލު ގެއިން ނިކުތެވެ. ހަމަ ގައިމުވެސް މިއަދު ގެންދަން ޖެހޭ އެއްވެސް އެއްޗެއް ނުގެންދެވި ނެތްކަން އޭނާއަށް ކަށަވަރުވިއެވެ. އަދި، އެހެންވެ، އަންހެނުންގެ އަނގަ ބަންދުކޮށްލެވިއްޖެ ކަމަށް ބަލައި، ހިތްހަމަޖެހިލައިގެން އޮފީހަށް ދާން ނިކުމެ، ސައިކަލަށް އެރިއެވެ. އެ ވަގުތު އޭނާގެ ފޯނުގެ ރަނގަބީލު ވިއެވެ. ބަލައިލިއިރު އެއީ އޭނާގެ އަންހެނުންނެވެ. އަވަހަށް ފޯނު ނަގައި ފޯނަށް ޖަވާބު ދިނެވެ. އަދި، އަންހެނުން އެއްޗެއް ބުނުމުގެ ކުރިން، "މިއަދު އަހަރެން މި ދަނީ ހުރިހާ އެއްޗެއް ވެސް ހިފައިގެންނެވެ!" މިހެން ބުންޏެވެ. ދެން، އަންހެނުން ބުނި އަޑު އިވުނެވެ. "އިސްމާއީލެވެ! މިއަދު މީ ހޮނިހިރު ދުވަހެވެ. މިއަދުމީ ބަންދު ދުވަހެކެވެ. އެނބުރި އަވަހަށް ގެއަށް ވަންނާށެވެ!"