Support Us

ކޮލަމް ކޯދު: ތަސްވީރެއް ކިޔައިދޭ ވާހަކައެއް- ވަފާތެރިކަމުގެ ނަމޫނާއެއް

މިއީ 'އަރަބިއްޔާ ނެޓް' އިން ގެނެސްދީފައިވާ ތަސްވީރަކާއި އެއާ ގުޅޭ ވާހަކައެކެވެ. އެއީ އޭގައި ހަގީގީ މީހުން އެކުލެވޭ ހަގީގީ ވާހަކައެކެވެ.

މަތީގައިވާ ތަސްވީރުން އެ ފެންނަނީ އުމުރުން 75 އަހަރުގެ އައްސިރްހާނީއެވެ. އޭނާއަކީ ސައުދިއެރޭބިޔާގެ ރައްޔިތެކެވެ. އެ ރާއްޖޭގެ ޖައުފޭ ކިޔާ ސަރަހައްދުގައި އޮންނަ ގާރާއޭ ކިޔާ ރަށެއްގައި އުޅޭ މީހެކެވެ. އޭނާއަށް ވަނީ އިސްޓުރޯކެއް ޖެހި އަތްފައިން ހަރަކާތްކުރުން ދަތިވެ، އަދި ވާހަކަ ވެސް ދައްކަން ވެސް އުނދަގޫވެފައެވެ.

އޭނާގެ ކާފަދަރިއަކު ކިޔައިދީފައިވާ ގޮތުގައި ކޮންމެ ހުކުރު ދުވަހަކު ވެސް އޭނާއާއި އަދި ގާތް ތިމާގެ މީހުން ކާފައަށް ޒިޔާރަތްކުރެއެވެ. އެފަދަ ޒިޔާރަތްތަކުގައި ކާފަ، ކާފަގެ މަރުވެފައިވާ އަންހެނުންގެ މަގުބަރާއަށް ޒިޔާރަތް ކުރަން އެދެއެވެ.

ކާފަގެ އަންހެނުން ވަނީ މީގެ ހައެއްކަ މަސްކުރިން މަރުވެފައެވެ. މާމަގެ މުޅި އުމުރުހެން ކާފައާ އެއްކޮށް ހޭދަކުރުމަށް ފަހުއެވެ. މާމަގެ އުމުރުގެ އެންމެ ފަހުގެ ދެތިން އަހަރު ހޭދަކުރީ، ކާފަ ބަލިވެ އުޅޭތީ، ކާފަ ބެލުމުގައެވެ.

ކޮންމެއަކަސް ކާފަގެ އެދުމުގެ މަތިން ކާފަ ގޮވައިގެން، ކާފަ ދަރިފުޅު ގާރާގެ ގަބުރުސްތާނަށް ދިޔައެވެ. އަދި، މާމަގެ މަގުބަރާ ދޮށަށް ވެސް ޒިޔާރަތްކުރިއެވެ. އެ ވަގުތު ކާފަ އެދުނީ، ކާފަ ތިރިކޮށްލަދިނުމަށެވެ. ކާފަ ބުނި ގޮތަށް، މާމަގެ މަގުބަރާއާ ދިމާއަށް ތިރިކޮށްލުމުން، މާމަގެ މަގުބަރާގެ ފަސްގަނޑުގައި ބޮސްދިނެވެ. އާދެ، ތަސްވީރުން އެ ފެންނަނީ ކާފަ، މާމަގެ މަގުބަރާގެ ފަސްގަނޑުގައި ބޮސްދޭ ތަނެވެ.

ކާފަގެ ނަޒަރުގައި މާމަ އަދިވެސް ދިރި އެބަހުއްޓެވެ. ކާފަގެ ހަނދާނުގައެވެ. ކާފަގެ ހިތުގެ ތެރޭގައެވެ. ކާފަގެ ރޫހާއި މާމަގެ ރޫހުވަނީ ގުޅި، އެކުވެ، ލާމެހިފައެވެ. މަރަށް ވެސް ވަކިނުކުރެވޭ ދަރަޖައަށެވެ. މި ވަގުތު، ދެ މީހުންގެ ދެ ޖިސްމު ދެތާ ވިޔަސް، ކާފަ ދެކޭ ގޮތުގައި، އެއީ އެއްވެސް މައްސަލައެއް ނޫނެވެ. އަލުން ބައްދަލުވާނެ ކަމުގެ ޔަގީންކަންމަތީ އަދި އެ ދުވަހުގެ އިންތިޒާރުގައި، މާމައަށާއި މާމަގެ ހަނދާންތަކަށް ވަފާތެރިކަން މަތީ ދެމިހުންނަންވީއެވެ.

ދެން އޮތް ސުއާލަކީ ދޭދޭ މިފަދަ ލޯބީގެ ގުޅުންތައް ދަމަހައްޓާނީ ކިހިނަކުން ހެއްޔެވެ؟ ޝައްކެއް ނެތް ގޮތުގައި ގުޅުންތައް ދެމެހެއްޓުމުގައި ބައިވެރިވާ އެތައް ކަމެއް އޮވެއެވެ. އެކަކު އަނެކަކަށް ބޭނުންވާ ޖިސްމާނީ ބޭނުމެވެ. މި ބޭނުން، ޚާއްސަ ގޮތެއްގައި ޒުވާންއިރު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ދެމިއޮންނައިރު، މި ގުޅުން ދެމިއޮންނަން ފަސޭހަވެދެއެވެ. މިކަން މިހެން އޮންނައިރު، މި ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި ހިތުގެ ރުހުމާއި އެކަކު އަނެކަކަށް އޮންނަ ހަގީގީ ޚާލިސް އަޅާލުން އިތުރުކޮށް ތަރައްގީކުރަން ޖެހެއެވެ. އުމުރުން ދުވަސްވެ، ދެ މީހުންގެ ގުޅުން މައިގަނޑު ގޮތެއްގައި މި ނަންގަތް ރުހުމާއި އަޅާލުމުގެ މައްޗަށް ބިނާކުރުމަށްޓަކައެވެ. އެހެންވެ، މިފަދަ ރުހުމާއި އަޅާލުމަށް އޮތް ހުރަސްތަކަކީ ކޮބައިތޯ ބަލައި އެކަންކަން ނައްތާލަން ޖެހެއެވެ. ޖިސްމާނީ ބޭނުންތަކަކީ އެންމެ މުހިއްމު ކަންކަމުގައި ނުބެލެވޭ އުމުރަށް ދާންވާއިރަށް، ހަމައެކަނި ހިތުގެ ވަރުގަދަ ރުހުމެއްގެ މައްޗަށް ބިނާވެފައި އޮންނަ ޚާލިސް ލޯތްބާ އެކަކު އަނެކަކުގެ މައްޗަށް އަޅާލާ އަޅާލުމުގެ މައްޗަށް އޮންނަ ގުޅުމަކަށް މި ގުޅުން ހަދާލުމަށްޓަކައެވެ.

އައްސިރްހާނީ، އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް، އޭނާގެ ލޯބިވާ އަނބިމީހާއަށް، ވަފާތެރިވެ ހުރި ފަދައިން ތިމާގެ ހަޔާތުގެ ބައިވެރިޔާއަށާއި ތިމާގެ އަމިއްލަ ލޯބިވެރިޔާއަށް ނުގުޑާ ފަދަ ގޮތެއްގައި ވަފާތެރިވެ ހުރުމަށްޓަކައެވެ.