Support Us

ކަޅުއޮއްފުންމި ގޮތަށް 2015 ގައި އަލުން ބަނދެފައިވާ އޮޑިއެއް

ބޮޑުތަކުރުފާނުގެ ޖިހާދު: އަސްކަރީ ވިސްނުމަކުން- 1

ބޮޑުތަކުރުފާނު ނުވަތަ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންނަކީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލެވެ. މި ސަރަޙައްދުގެ ގިނަ ރަށްތަކަކާއި ޤައުމުތަކެއް ޕޯޗްގީޒުން އޭރު ތިބީ އަޅުވެތިކޮށްގެންނެވެ. ރާއްޖެއަށް ޕޯޗްގީޒުންގެ ލަޝްކަރު އައީ އިންޑިއާގެ ގޯވާއިންނެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ ހިފީ ޢަލީ ރަސްގެފާނު ޝަހީދުކުރުމަށްފަހު މީލާދީން 1558 ވަނަ އަހަރުއެވެ. ބޮޑުތަކުރުފާނު ދިވެހިރާއްޖެ މިނިވަން ކުރެއްވީ 1573 ވަނަ އަހަރުއެވެ. ބޮޑުތަކުރުފާނާއި އެ ތަކުރުފާނާއެކު ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ކަޅުއޮށްފުންމީގެ މުޖާހިދުންގެ ޓީމުން ފަސް އަހަރަށްވުރެ ގިނަ ދުވަހު ގެރިއްލާ ހަނގުރާމައެއް ކޮށް ކާމިޔާބު ހޯދާފައިވަނީ 16 ވަނަ ޤަރުނުގައި ދުނިޔޭގެ ކަނޑުގެ އެންމެ ބޮޑު ބާރުކަމުގައިވާ ޕޯޗްގީޒުންގެ މައްޗަށެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުން ހަނގުރާމައިގެ ޒަމާނީ ޕްރިންސިޕަލްތައް

ހަނގުރާމައިގެ ޕްރިންސިޕަލްތަކަކީ ހަނގުރާމަތަކާއި އަސްކަރީ އޮޕަރޭޝަންތަކުގައި ޢަމަލީ ގޮތުން ބޭނުންކުރާ އުކުޅުތަކާއެކު ހަނގުރާމަ ކާމިޔާބުކުރުމަށް ޢަމަލުކުރާ ޤަވާޢިދުތަކާއި ގައިޑްލައިންތަކެވެ. ޕޯޗްގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ޖިހާދުން މި ޒަމާނުގެ ހަނގުރާމައިގެ ޕްރިންސިޕަލްތައް ހުރި މިންވަރު ބެލުމަށް އަޅާކިޔާފައި މިވަނީ އެމެރިކާގެ އާމީގެ ހަނގުރާމައިގެ ނުވަ ޕްރިންސިޕަލްގެ މައްޗަށެވެ. އެ ޕްރިންސިޕަލްތަކަކީ އޮބްޖެކްޓިވް (މަޤްޞަދު)، އޮފެންސިވް، މާސް، މެނޫވަރ، ސަޕްރައިޒް (ހައިރާންކަން)، ސެކިއުރިޓީ (ސަލާމަތްތެރިކަން)، އިކޮނޮމީ އޮފް ފޯސަސް (ބާރުތަކުގެ އިޤްތިޞާދު)، ޔުނިޓީ އޮފް ކޮމާންޑް (ކޮމާންޑްގެ އެއްބައިވަންތަކަން) ސިމްޕްލިސިޓީ (ސާދާކަން) މިއެވެ.

ކަޅުއޮއްފުންމި ގޮތަށް 2015 ގައި އަލުން ބަނދެފައިވާ އޮޑިއެއް
  1. އޮބްޖެކްޓިވް (މަޤްޞަދު)

ކޮންމެ އަސްކަރީ އޮޕަރޭޝަނެއްގައި ވެސް ސާފުކޮށް ކަނޑައެޅިފައިވާ، ނިމުމަކަށް ގެނެވޭނެ އަދި ޙާޞިލުކުރެވޭނެ މަޤްޞަދެއް އޮންނަން ޖެހެއެވެ. ހަނގުރާމައިގެ އެންމެ ފަހުގެ އަސްކަރީ މަޤްޞަދަކަށް ވާންޖެހޭނީ ދުޝްމަނުންގެ ހަނގުރާމަ ކުރުމުގެ ޤާބިލުކަމާއި ހަނގުރާމަ ކުރުމުގެ އިޚްތިޔާރު ނައްތާލުމެވެ.

ބޮޑުތަކުރުފާނާއި ކަޅުއޮށްފުންމީގެ މުޖާހިދުންގެ ޖިހާދުގެ މަޤްޞަދު ވަރަށް ސާފެވެ. އެ ބޭފުޅުން ޖިހާދަށް ފެށްޓެވީ ކަޅުއޮށްފުންމީގައި ދުޝްމަނުންނާ ދެމެދު ހިނގި ވަރުގަދަ ކުރިމަތިލުމަކަށް ފަހުގައެވެ. އެއީ އުތީމު ތިންބެއިންގެ ބޯކަނޑައިގެން މާލެ ގެނައުމަށް އަނދިރިއަނދިރިން ވިޔަޒޯރަށް އެންގެވި އެންގެވުމާ ގުޅިގެން ކުރެއްވި ދަތުރުފުޅެވެ. ޕޯޗްގީޒުންނާއި އުތީމު ތިންބެއިން ފުރަތަމަ ކުރިމަތިލުން ހިނގީ އަނދިރިއަނދިރިންގެ އެންގުމާ އެއްގޮތަށް އެކަން ކުރައްވަން ނުކެރިގެން ނުވަތަ ކުރެއްވޭނެ ގޮތެއް ނެތިގެން އުތީމު ތިންބެއިންނާއެކު ކަޅުއޮށްފުންމީގައި މާލެއަށް ފެށްޓެވި ދަތުރުފުޅުގައި ކާށިދޫ ކަނޑުގައެވެ.

ހުރިހާ ޕޯޗްގީޒުން މަރައި ކަނޑަށް އުކާލުމަށްފަހު ކަޅުއޮށްފުންމިއައިގެން އުތީމު ތިންބެއިންނާއި ދަންޑަހެލާ އައީ އުތީމަށެވެ. އެ ބޭފުޅުން އުތީމު ކަނދުވަލު މިސްކިތަށް ވަޑައިގެން ޢިޝާ ނަމާދު ކުރައްވައި މިސްކިތް ދޮށުގައި ތިއްބައިގެން މާތްﷲ އަށް ދުޢާ ދަންނަވައި، ޖިހާދަށް ނިޔަތްގަނެ ޖިހާދު ފެށްޓެވިއެވެ.

ޖިހާދަށް ފެށްޓެވި ރޭ ކަނޑައެޅުއްވި ފުރަތަމަ މަޤްޞަދަކީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކުރެއްވުމެވެ. ދެވަނަ މަޤްޞަދަކީ ދިވެހިރާއްޖެ ޣައިރުދީނުން (ނަސޯރާދީނުން) ސަލާމަތްކުރެއްވުމެވެ. ތިންވަނަ މަޤްޞަދަކީ އެ ޖިހާދުގައި ނަޞްރު ހޯއްދެވުން ނުވަތަ ޝަހީދެއްގެ މަތިވެރި ދަރަޖަ ހޯއްދެވުމެވެ. އެންމެ ފަހު މީހާގެ ފުރާނައާ ހަމައަށް ވެސް ޖިހާދުގައި ސާބިތުވެ ތިއްބެވުމެވެ.

މި ޒަމާނުގައި ހަނގުރާމައެއް ނުވަތަ އަސްކަރީ އޮޕަރޭޝަނެއްގައި އެންމެ މުހިންމު ދެކަމަކީ އެ ހަނގުރާމަކުރާ ބަޔަކަށް އެ ހަނގުރާމައިގެ މިޝަންއާއި ދުޝްމަނުންނަކީ ކޮން ބައެއްކަން ސާފުވުމެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގެ މިޝަން އަކީ "ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުން ސަލާމަތްކޮށް، ދިވެހިރާއްޖެ އިސްލާމް ކުރުން"ކަން ވަރަށް ސާފުކޮށް ޖިހާދުގެ ބައިވެރިންނަށް ވަނީ އޮޅުންފިލުވައި ދެއްވައިފައެވެ. އަދި އެ ޖިހާދުގައި ދުޝްމަނުންނަކީ ދިވެހިރާއްޖެ އަޅުވެތިކޮށްގެން ތިބި ޕޯޗްގީޒުންކަން ތަރުކާރުކޮށް ބޮޑުތަކުރުފާނު ގެންދެވީ ހަނދާންކޮށް ދެއްވަމުންނެވެ. ދިވެހީންގެ ތެރޭގައި ޕޯޗްގީޒުންނަށް ވާގިދޭ މީހުން ތިބި ނަމަވެސް އެ ފަރާތްތައް ދުޝްމަނުންގެ ގޮތުގައި ބަލައި އެ ފަރާތްތަކަށް އަމާޒުކޮށް ހަމަލާދެއްވާފައެއް ނުވެއެވެ.

ބޮޑުތަކުރުފާނު ވިދާޅުވެފައިވެއެވެ. "އަހުރެން ކުރާން މިއުޅޭ ކަމަކީ މާތް ރަސްކަލާނގެ ހިންމަވައި ދެއްވިއްޔާ ދިވެހިރާއްޖެ ކާފަރުންގެ އަތްދަށުން ސަލާމަތް ކުރުމެވެ."

  1. އޮފެންސިވް

އޮފެންސިވް އެކްޝަނަކީ ސާފުކޮށް ކަނޑައެޅިފައިވާ މަޤްޞަދެއް ހާސިލު ކުރުމަށް އެންމެ ފައިދާހުރިގޮތަށް ނިންމާ ނިންމުމެވެ. އޮފެންސިވް އޮޕަރޭޝަންތަކަކީ އަސްކަރީ ބާރަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި މިނިވަންކަން ދެމެހެއްޓުމާއި ކަނޑައަޅާ މަޤްޞަދުތައް ހާސިލުކުރުމަށް އެގްރިސިވްކޮށް އަސްކަރި ކެމްޕޭނު ހިންގުމުގައި މޮމެންޓަމް ދެމެހެއްޓުމެވެ.

ބޮޑުތަކުރުފާނުގެ ޖިހާދަކީ ޕޯޗްގީޒުންނާ ދެކޮޅަށް ހީވާގިކަމާއެކު ކުރިއަށް ގެންދިޔަ އަސްކަރީ ގެރިއްލާ ކެމްޕޭނެކެވެ. ޖިހާދު ފެށްޓެވުމަށްފަހު ރޭގަނޑަށް ސިއްރިޔާތުގައި ރާއްޖޭގެ ރަށްރަށަށް އަރުވައި، ދުޝްމަނުންނަށް ކުއްލި ހަމަލާތައް ދެއްވަމުން ގެންދެވިއެވެ. ދުވާލަށް ރާއްޖެ ދޫކުރައްވައި ރާއްޖެ އޮބާ ހިސާބު ބޭރަށް ވަޑައިގަންނަވައެވެ. ނުވަތަ މީހުން ދިރިނޫޅޭ އަދި ފަޅުރަށްރަށުންނާއި މަލިކުން ހިމާޔަތް ހޯއްދެވިއެވެ. މާލެ ފަތަޙަކުރުމާ ހަމައަށް ޖިހާދުގައި މެދުކެނޑުމެއްނެތި އަސްކަރީ ކެމްޕޭން ފޯރިއާއި ޖޯޝުގައި ކުރިއަށް ގެންދެވިއެވެ.

  1. މާސް (ގިނަގުނަ)

މާސްއަކީ ހަނގުރާމަވެރި ބާރުގެ ގިނަގުނަކަން ނުވަތަ ލަޝްކަރުގެ ބޮޑު ކަމުގެ ސަބަބުން ނިކުންނަ އަސަރުތަކެވެ. ހަނގުރާމަވެރި ބާރުގެ ހުރިހާ އުފެއްދުންތަކެއް ސިންކްރޮނައިޒް ކުރުމެވެ. އަސްކަރީ މަފްހޫމުގައި މާސް ހާސިލުކުރުމަކީ ކުރު މުއްދަތެއްގެ ތެރޭގައި ދުޝްމަނުންނަށް އެންމެ ބޮޑު ގެއްލުމެއް ނުވަތަ ނޭދެވޭ އަސަރުކުރާނެ ގޮތަކަށް ރޭވުންތެރިކަމާއެކު ލަޝްކަރުގެ ހުރިހާ ބަޔަކާއި ތަކެއްޗެއް ގުޅުވައިލުމެވެ. ބާރުތައް އެއްކުރުމުގެ ބަދަލުގައި މާސިންގ އިފެކްޓްސްގެ ސަބަބުން، އަސްކަރީ ގޮތުން ސބޭނުންވާ ނަތީޖާ ހާސިލުކުރުމަށް މަގުފަހިކޮށްދެއެވެ.

ބޮޑުތަކުރުފާނުގެ އަސްކަރި ކެމްޕޭނުގައި ކަޅުއޮށްފުންމީގެ މުޖާހިދުންނަކީ ބޮޑުތަކުރުފާނާއި ޢަލީ ތަކުރުފާނާއި ޙަސަން ތަކުރުފާނާއި ދަންޑަހެލާއި ދެ ހާޖީންނެވެ. ޖިހާދުގެ ތެރޭގައި ޢަލީ ތަކުރުފާނު ޝަހީދުވީއެވެ. ކަޅުއޮށްފުންމީގެ މުޖާހިދުންގެ އަދަދު މަދު ނަމަވެސް ޕޯޗްގީޒުންނާ ދެކޮޅަށް ޙަޤީޤަތުގައި "ބިޔަ ބޮޑު ލަޝްކަރެއް" އެއްކުރެއްވިއެވެ.

ރޭގަނޑަށް ރަށްރަށަށް އަރުވައި ރައްޔިތުންނާ ބައްދަލުކުރައްވައި، ބޮޑުތަކުރުފާނު ކުރިއަށް ގެންދަވާ ޖިހާދުގެ މަޢުލޫމާތު ދެއްވައި އެފަރާތްތަކުގެ ތާއީދު ހޯއްދަވަމުން ގެންދެވިއެވެ. މިގޮތުން ވަރަށް ގިނަ ބައެއްގެ އެއްބާރުލުމާއި ރުހުމާއި ތާއީދާއި ލޯބި ހާސިލުކުރެއްވިއެވެ. މީގެ ތެރޭގައި ބޮޑުތަކުރުފާނުގެ ޖިހާދަށް ޢަމަލީ ގޮތުން އެއްބާރުލުންދެއްވައި މަދަދު ފޯރުކޮށްދެއްވި އެތައް ބޭފުޅުންނެއް ރާއްޖޭގެ އުތުރުގެ އެކި ރަށްރަށުގައި ތިއްބިއެވެ. އަދި އޭރު އިންޑިއާ ކަނޑުގައި އޮތް މަލާބާރު ކަރައިގެ އަލީ ރާޖާގެ މަދަދާއި އަސްކަރީ އެހީ ވެސް ހޯއްދަވައި ދިވެހިރާއްޖޭގައި ތިބި ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދުކޮށް ކާމިޔާބު ހޯއްދެވޭނެ ލަޝްކަރެއް އުފައްދަވައި މާސް ހާސިލުކުރެވިއެވެ.

ބޮޑުތަކުރުފާނުގެ ވާހަކައިގައި އޮވެއެވެ. "އުތީމު ތިންބެއިންނާއި ބައެއް ރަށްރަށުގެ މީހުން ރިވެތިކޮށް އެއްބައިވެ، ވެވުނު އެހީއެއް ވުމަށާއި ކާފަރުންނާ އެއްބައިނުވުމަށް ބައިއަތު ހިފައިގެން އެބައުޅެތެވެ."

  1. އިކޮނޮމީ އޮފް ފޯސް

އިކޮނޮމީ އޮފް ފޯސް އަކީ ލިބެންހުރި ހުރިހާ އަސްކަރީ ބާރެއް އެންމެ ފައިދާހުރި ގޮތެއްގައި ބޭނުންކުރުމެވެ. އަސްކަރީ މަޤްޞަދުތައް ޙާޞިލުކުރުމަށް އިންސާނީ ވަސީލަތާއި، މާއްދީ ބާރާއި، ވަގުތު ވިސްނުންތެރިކަމާއެކު ހެޔޮގޮތުގައި ބޭނުންކުރުމެވެ. ބޭކާރުގޮތުގައި ނުވަތަ މަޤްޞަދެއް ނެތި ލަޝްކަރުގެ ބަޔަކު ބޭނުން ނުކުރުމެވެ. ކޮންމެހެން ދޭންޖެހޭ ހަމަލާތަކެއް ނޫނީ ނުދިނުމެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގެ ތެރޭގައި ކޮންމެހެން ހިންގަން ޖެހުނު އޮޕަރޭޝަންތަކެއް ފިޔަވައި ހިންގާފައެއް ނުވެއެވެ. އަދި އެ ޖިހާދުގައި މީހުން ބައިވެރިކުރައްވާފައިވަނީ ވީހާ ވެސް މަދުންނެވެ. އެންމެ ފުރަތަމަ ޖިހާދު ފެށްޓެވިއިރު ކަޅުއޮށްފުންމީގެ މުޖާހިދުންގެ ތެރޭގައި ތިއްބެވީ އުތީމު ތިންބެއިންނާއި ދަންޑަހެލެވެ. ފަހުން ލެއްވީ މަލިކުން ބައްދަލުވެވަޑައިގެންނެވި ތިމަރަފުށީ ދެ ހާޖީންނެވެ. ރާއްޖޭގެ އެކި ރަށްރަށުގައި އެހީތެރިކަމާއި މަދަދު ދެއްވަން އެތައް ބަޔަކު ތައްޔާރަށް ތިއްބެވި ނަމަވެސް ކަޅުއޮށްފުންމީގެ ރިޔާ މުޅީންވެސް ވިޔެ ތައްޔާރުކުރުމުގައި އެހީތެރިކަން ހޯއްދެވީ މަރޮށީ ރައިވެރިބޭގެ އަރިހުންނެވެ.

ބޮޑުތަކުރުފާނު މާލެ ހިއްޕެވި ރޭ ޒިޔާރަތްދޮށުން ޕޯޗްގީޒުންނާ އިދިކޮޅަށް ނިކުމެތިބި، ދިވެހީންގެ ބަޔަކާ ބައްދަލުވިއެވެ. އެ މީހުންނަކީ އެ މީހުންގެ އެންމެ ފަހު ނޭވާއާ ހަމައަށްވެސް އިސްލާމްދީން މަތީގައި ސާބިތުވެ ތިބުމަށް ޢަޒުމު ކަނޑައަޅައިގެން ތިބި އަޤީދާ ވަރުގަދަ އަދި ހިތްވަރުގަދަ ބައެކެވެ. އެކަން އެނގިވަޑައިގެންނެވުމުން ވެސް ބޮޑުތަކުރުފާނު އެ މީހުން އަސްކަރީ އޮޕަރޭޝަންގައި ސީދާގޮތުން ބައިވެރިއެއް ނުކުރައްވައެވެ.

ކަންނަންނޫރު އަލީ ރާޖާއާ ގާތް ގުޅުމެއް އޮވެ، އަސްކަރީ އެހީތެރިކަން ލިބިފައި އޮތަސް އެ އެހީތެރިކަން ބޭނުން ކުރެއްވީ އެންމެ ފަހު ވަގުތު މާލެ ހިއްޕެވުމަށެވެ. އަދި ދުޝްމަނުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ޖެއްސެވީ އެންމެ ވަޒަނެކެވެ. އެ ވަޒަނުން ދުޝްނަމުންގެ ވެރިޔަކަށް ހުރި އަނދިރިއަނދިރިން މަރާލިއެވެ.

  1. މެނޫވަރ

އަސްކަރީ ހަނގުރާމަތަކުގައި ހަނގުރާމަވެރި ބާރުން ޢަމަލުކުރާ ފަހެލި (ފްލެކްސިބަލް) ގޮތްތައް މެދުވެރިކޮށް ދުޝްމަނުންނަށް އެޑްވާންޓޭޖެއް ނުނެގޭނެ ޙާލަތެއްގައި ބައިތިއްބައެވެ. މެނޫވަރ ކުރުމަކީ މަޤާމުގެ ފައިދާ ހޯދުމަށްޓަކައި ދުޝްމަނުންނަށް އެޑްވާންޓޭޖް ނުނެގޭނެގޮތަކަށް ސިފައިންގެ ބާރުތައް ހަރަކާތްތެރިވުމެވެ. ރަނގަޅަށް މެނޫވަރ ކުރެވިއްޖެނަމަ ދުޝްމަނުން ހަމައިންނެއްޓި، ސިފައިން ރައްކާތެރިކޮށްދެއެވެ. އެއީ ކާމިޔާބީއަށް ވާސިލުވުމަށާއި ބޭނުންވާ ކަންކަން ކުރުމުގެ މިނިވަންކަން ހޯދުމަށާއި ނާޒުކު ހާލަތްތައް މެދުވެރިވުމަށް އޮތް ފުރުސަތުތައް ހަނިކުރުމަށް މުހިންމުކަމެކެވެ. އެއީ ދުޝްމަނުންގެ ރޭވުންތަކާއި ހަރަކާތްތައް ނާކާމިޔާބުކޮށް، އެންމެ ފަހުން ދުޝްމަނުން ބަލިކުރުމަށް މަގުފަހިކޮށްދީ، ދުޝްމަނުންނަށް މެދުނުކެނޑި އާ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުން މި ޒަމާނުގެ ހަނގުރާމައިގެ ފަންނުގައި ވެސް ވަރަށް ބޮޑު އަހުމިއްޔަތުކަމެއް ދޭ މަފްހޫމެއްކަމަށްވާ "މެނޫވަރިސްޓް އެޕްރޯޗް" ބޭނުންކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. ބޭނުންކުރުމަކީ ދުޝްމިނުންގެ ހަނގުރާމަވެރި ޤާބިލިއްޔަތުގެ ޖިސްމާނީ މާއްދަތަކަށްވުރެ ބޮޑަށް މަފްހޫމީ އަދި ޢަޤީދާގެ މާއްދާތައް ސީދާ އަދި ނުސީދާ ގޮތްގޮތުން ޓާގެޓްކޮށް ދުޝްމިނުންގެ އެއްބައިވަންތަކަމަށާއި ހަނގުރާމަކުރުމުގެ ރޫޙަށް ބުރޫ އަރުވާލުމެވެ. ދުޝްމަނުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ނަފްސާނީ ގޮތުން ވެސް ބަލިކަށިކޮށްލުމެވެ. ރާއްޖޭގެ ކަނޑުފަޅުތަކަށް ފަރިތަ ބޭފުޅަކަށް ބޮޑުތަކުރުފާނު ވެވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އެޑްވާންޓޭޖެކެވެ. ދުޝްމަނުންގެ ކިބައިން ސަލާމަތްވުމަށް ދެ ކޮމަންޑޫ ދޭތެރެއިން ކަޅުއޮށްފުންމީގައި ވަޑައިގެން ވަޑައިގަތުމާއި، މާލެ ފަތަޙަ ކުރެއްވިރޭ މާލެއަށް އެރުއްވުމުގައި ޢަމަލުކުރެއްވިގޮތުން ބޮޑުތަކުރުފަނަކީ އަސްކަރީ ގޮތުން ޤާބިލު ހަރުދަނާ ލީޑަރެއްކަން އެނގިހާމަވެއެވެ.

  1. ޔުނިޓީ އޮފް ކޮމާންޑް (އަމުރުގެ އެއްބައިވަންތަކަން)

ޔުނިޓީ އޮފް ކޮމާންޑަކީ ހުރިހާ ބާރުތަކެއް ޒިންމާދާރު އެއް ކޮމާންޑަރެއްގެ ދަށުގައި އޮތުމެވެ. އެއީ ސިފައިންގެ ލަޝްކަރުތަކުގެ މެދުގައި އެއްބައިވަންތަކަން ދެމެހެއްޓުމަށް ވަރަށް މުހިންމު ކަމެކެވެ. ހުރިހާ ބާރުތަކަކަށް އެއް ވެރިއެއްގެ މަޤްޞަދެއް ޙާޞިލުކުރުމަށްޓަކައި ހުރިހާ ބާރުތަކަށް އިރުޝާދު ދިނުމަށް ބޭނުންވާ ބާރު ލިބިފައިވާ އެއް ކޮމާންޑަރަކަށް ލާޒިމުކުރާ ކަމެކެވެ. ހަނގުރާމައިގެ ހުރިހާ ފެންވަރެއްގައި ވެސް، އެއް މަޤްޞަދަކަށް ގިނަ ބަޔަކު ހަނގުރާމަކުރާއިރު ކޮމާންޑް ނުވަތަ އަމުރުގެ އެއްބައިވަންތަކަމާއި، މަސައްކަތުގެ އެއްބައިވަންތަކަން ބޭނުންވެއެވެ.

ބޮޑުތަކުރުފާނުގެ ޖިހާދު ފެށުނުއިރު ބޭބޭފުޅު އަލިތަކުރުފާނު ހުންނެވި ނަމަވެސް ޖިހާދުގެ ކޮމާންޑަރަކީ ބޮޑުތަކުރުފާނެވެ. ބޮޑުތަކުރުފާނު ކޮމާންޑާ ހަވާލުވެވަޑައިގަތީ ބޭބޭފުޅު އަލިތަކުރުފާނުގެ އެދިވަޑައިގަތުމަށެވެ. އެ ވަގުތުންފެށިގެން މުޅި އޮޕަރޭޝަން ކުރިއަށް ގެންދެވީ ބޮޑުތަކުރުފާނުގެ ކޮމާންޑްގެ ދަށުންނެވެ. ރާއްޖޭގެ އެކިއެކި ރަށްރަށުގައި ތިބި ބޮޑުތަކުރުފާނަށް ވާގިވެރިވާ ފަރާތްތަކާއި ކަޅުއޮށްފުންމީގެ މުޖާހިދުން ވެސް ޢަމަލުކުރެއްވީ ބޮޑުތަކުރުފާނުގެ އަމުރާ އެއްގޮތަށެވެ. ބޮޑުތަކުރުފާނަށް އެ ބާރާއި އިޚްތިޔާރު ފުރިހަމައަށް އޮތެވެ. އަދި ބޮޑުތަކުރުފާނާއެކު ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންނަކީ ބޮޑުތަކުރުފާނުގެ އަމުރުފުޅުތަކަށް ފުރިހަމައަށް ކިޔަންތެރިކަން އަދާކުރެއްވި ނަމޫނާ ބޭފުޅުންތަކެކެވެ. މީގެ އިތުރުން ޖިހާދު ފެށުނު ދުވަހުން ފެށިގެން ޖިހާދުގެ އެންމެ ފަހު ދުވަހާ ހަމައަށް ވެސް މުޖާހިދުންގެ މެދުގައި ވަރަށް ވަރުގަދަ އެއްބައިވަންތަކެއް ދެމެހެއްޓެވިއެވެ. އެއްބޭފުޅަކު އަނެއް ބޭފުޅަކަށް އިތުބާރު ކުރެއްވުމުގައާއި ހިތްވަރުދެއްވުމުގައި އެކަތިގަނޑެއްގެ ގޮތުގައި ސާބިތުވެ ދެމިތިއްބެވިއެވެ.

  1. ސެކިއުރިޓީ (ސަލާމަތްތެރިކަން)

ސަލާމަތްތެރިކަމަކީ ސިފައިންނަށް ސަލާމަތުން ޢަމަލުކުރުމުގެ މިނިވަންކަން އިތުރުކޮށްދެނީ ޢަދާވާތްތެރި އަމަލުތަކާއި، ނުފޫޒުތަކާއި، ނުވަތަ ހައިރާންކަން ގެނުވާ ކަންކަމުން ރައްކާތެރިވެތިބުމެވެ. ސަލާމަތީ ގޮތުން ނަތީޖާ ހާސިލުކުރެވެނީ ހަނގުރާމައެއް ނުވަތަ އޮޕަރޭޝަންގެ ކޮމާންޑަރަކު އޭނާގެ ސިފައިން ހިމާޔަތް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުންނެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގައި ހަނގުރާމަ ކުރަން ޖެހުނީ އޭރު ދުނިޔޭގައި އޮތް ކަނޑުގެ އެންމެ ވަރުގަދަ ބާރާ ދެކޮޅަށެވެ. ޖިހާދުގެ ތެރޭގައި މީހުންގެ ސަލާމަތްތެރިކަމަށާއި ދިވެހި ރައްޔިތުންގެ ރައްކާތެރިކަމަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. ޖިހާދުގައި ޢަމަލީ ގޮތުން ފާޅުގައި ނިކުމެވަޑައިގެން ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ އާއިލާތައް މަލިކަށް ބަދަލު ކުރެއްވިއެވެ. އާއިލާ މަލިކަށް ބަދަލު ކުރެއްވިއިރު ބަދަލު ނުކުރައްވަނީ އަލިތާކުރުފާނުގެ އާއިލާ އެވެ. އެ އާއިލާ މަލިކަށް ބަދަލު ކުރެއްވުމަށް ބޮޑުތަކުރުފާނު އަލިތާކުރުފާނުގެ އަރިހުގައި ފުރަތަމަ ދެންނެވުމުން އެ ބޭފުޅުންނަށް ހއ. ތަކަންދޫގައި ކައިގެންބޮއިގެން އުޅެވޭނެ ގޮތް ހުރި ކަމަށް ވިދާޅުވެ އެކަން ފަސްކުރެއްވީއެވެ. ފަހުން ބާރަށުގައި ޕޯޗްގީޒުންގެ ސިފައިން ވެސް ތިއްބައި އެއްރެއަކު ސިއްރިޔާތުގައި ޙަސަން ތަކުރުފާނު ފޮނުއްވައިގެން އެރަށުގައި ތިއްބެވި ބޮޑުތަކުރުފާނުގެ ދެވަނަ އަނބިކަބަލުން ސިއްތިމާވާ ރަނިކެލެގެފާނާއި ޙަސަން ތަކުރުފާނުގެ އަނބިކަނބަލުން ކަތީބުގޭ ކަމަނާ ގެންނަވައި މަލިކަށް ބަދަލުކުރެއްވިއެވެ. އޭގެފަހުން ވެސް ތަކަންދޫގައި ތިއްބެވި އަލިތަކުރުފާނުގެ އާއިލާ މަލިކަށް ބަދަލު ކުރެއްވުމަށް މަސައްކަތް ކުރެއްވިއެވެ. އެކަމަކު ޕޯޗްގީޒުން ފާރަލާވަރު ބޮޑުކަމުން އެކަން ކުރެވޭގޮތް ނުވީއެވެ.

ބޮޑުތަކުރުފާނަށް ދުޝްމަނުންގެ ސްޓްރެޓެޖީއާއި، އުކުޅުތަކާއި (ޓެކްޓިކްސްތަކާއި)، ޑޮކްޓްރިންއާއި، ސްޓާފް ޕްލޭނިންގ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅުއްވުމަށް ފަސޭހަފުޅުވީ އެކަންކަމަށް ބައްލަވައި ޕްލޭންތައް ހެއްދެވުމުންނެވެ.

  1. ސަޕްރައިޒް (ހައިރާންވުން)

ދުޝްމަނުން ތައްޔާރު ނުވެތިއްބައި ކުއްލިއަކަށް ދޭ ހައިރާންކުރަނިވި ހަމަލާއަކީ ހަނގުރާމަވެރި ބާރުގެ ހަމަހަމަކަން ނިމުމަކަށް ގެނެސް، ކާމިޔާބަށް ވާސިލުކޮށްދޭނެ ކަމެކެވެ. ހައިރާންކަން ގެނުވާފަދަ ކާމިޔާބު ހަމަލާއެއް ދެވޭނީ ވަރަށް ހިކުމަތްތެރިކަމާއެކު ވަރަށް ރަނގަޅަށް ރާވައި، ޕްލޭންކޮށް، ތަންފީޒުކޮށްގެންނެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގައި ގިނަ އަދަދަކަށް ހުރީ ސަޕްރައިޒް އެޓޭކް (ހައިރާންކަން ގެނުވާ ޙަމަލާ) ތަކެވެ. ބޮޑުތަކުރުފާނާއި ކަޅުއޮށްފުންމީގެ މުޖާހިދުންގެ ސިއްރުތައް ހިފެހެއްޓުމުގައި ރަށްރަށުގައި ތިބި ރައްޔިތުންގެ ފަރާތުން ލިބިވަޑައިގަތީ އާދަޔާ ޚިލާފު އެއްބާރުލެއްވުމެކެވެ. އެހެންކަމުން ރޭގަނޑަށް ރަށްރަށަށް އަރުއްވައި ދެއްވި ކުއްލި ހަމަލާތަކުގައި ޕޯޗްގީޒުންނަށް ވަރަށް ބޮޑެތި ގެއްލުންތައް ދިޔައީ ކުރިމަތިވަމުންނެވެ. "ކާފަރުންގެ މީހުން ގިނައިން ތިބެފައި އެ މީހުންގެ އޮފިސަރުން ތިބޭ ރަށްރަށަށް ވެސް ކަޅުއޮށްފުންމީގެ ފަހުލަވާނުން އަރައްޖިއްޔާ ވާގޮތަކީ އެ މީހުންތައް ސިހި ތެޅިފޮޅެ އޮޅެނިކޮށް ދެތިން މީހަކު މަރާލާފައި ކުރާނެކަމެއް ކޮށްގެން ރައްކާވެގެން ހިނގައިދެއެވެ."

ބޮޑުތަކުރުފާނު މާލެ ފަތަޙަކުރެއްވި ރޭގައި މާލެއަށް ހަމަލާ ދެއްވާނެކަން މާލޭގައި ތިބި އެއްވެސް މީހަކަށް ނޭނގެއެވެ. އަމުދުން ދުޝްމަނުންނަށް އެކަން ރޭކާވެސް ނުލައެވެ. ބޮޑުތަކުރުފާނުގެ ޖިހާދުގައި ކަންތައްތައް އޮޅުވާލުމަށް ކުރެއްވި ކަންތައްތަކުން ދުޝްމަނުންނަށް ލިބުނު ހައިރާންކަން ވަރަށް ބޮޑެވެ. އޭގެތެރެއިން އެއްކަމަކީ ފައިނަލް އެޓޭކަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ރަށްރަށަށް އަރުއްވައި ދެއްވަމުން ގެންދެވި ހަމަލާތައް މެދުކަނޑާލައްވައި، މަލިކުގައި ދުވަސްކޮޅަކު މަޑުކޮށްލެވުމެވެ. އެއަށްފަހު ރަނގަޅަށް ތައްޔާރުވެވަޑައިގެން މާލެއަށް އަރާވަޑައިގެން މާލެ ފަތަޙަކުރެއްވީއެވެ. ބޮޑުތަކުރުފާނު ޖެއްސެވި ބަޑިއާއެކު އަނދިރިއަނދިރިން މަރުވެގެން ވެއްޓުނެވެ. އަދި ﷲ އަކުބަރުން ނަޣަރާ ކުރެއްވުމާއެކު ދުޝްމަނުންނަށް ލިބުނީ ބޮޑު ހައިރާންކަމެކެވެ. އެވަގުތު ދުޝްމަނުންގެ ގިނަ މީހުން މަރުވެދިޔައީ ދަންޑަހެލާއި ޙަސަން ތަކުރުފާނާއި އޭގެ ތިން ބޭފުޅުން އެކުގައި ދެއްވި ކުއްލި ވަރުގަދަ ހަމަލާއިންނެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގައި ދުޝްމަނުންނަށް ހައިރާންކަން ގެނައުމަށް އަބަދުވެސް ޖިހާދުގެ ޓެމްޕޯ ހިފެހެއްޓެވިއެވެ. ލަޝްކަރުގެ ސައިޒަށް ޚާއްޞަ ސަމާލުކަމެއް ދެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގެ ގިނަބައެއްގެ ރުހުމާއި ތާއީދު ހޯއްދަވައި އެކަން ދެމެހެއްޓެވިއެވެ. ޖިހާދުގެ މައިގަނޑު މިސްރާބު އަބަދުވެސް ހިތްޕުޅުގައި ބޭއްވިއެވެ. ރާއްޖެ ޕޯޗްގީޒުންގެ އަތްދަށުން ސަލާމަތްކުރެވޭނީ މާލެ ފަތަޙަކުރައްވައިގެންކަން ދެނެވަޑައިގެން ހުންނެވިއެވެ. ޕޯޗްގީޒު ސިފައިން މާލޭގައި މަދުވި ވަގުތެއްގައި އަދި ދުޝްމަނުންގެ ޑިއުޓީ ބަދަލުވި ދަނޑިވަޅަކީ އެންމެފަހުގެ ހަމަލާދެއްވަން އެންމެ އެކަށޭނަ ވަގުތުކަމަށް ނިންމެވިއެވެ. އަދި އެ ރަނުގެ ފުރުސަތު ގެއްލުވާ ނުލެއްވިކަމީ ބޮޑުތަކުރުފާނުގެ އަސްކަރީ ޤާބިލުކަން ހުރި މިންވަރު ދައްކައިދޭ ކަމެކެވެ.

  1. ސިމްޕްލިސިޓީ (ސާދާކަން)

ސާދާކަމަކީ އަސްކަރީ އޮޕަރޭޝަންތައް ކާމިޔާބުކުރުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭ ކަމެކެވެ. އޮޕަރޭޝަން ޕްލޭންތަކާއި އަމުރުތައް ސާދާ، ސާފު އަދި ޚުލާޞާ ވެއްޖެނަމަ ސިފައިންނަށް ހޭދަވުމުގައި އަރާ އޮޅުންތަކާއި އެހެނިހެން އޮޅުންބޮޅުންތަކުން ސަލާމަތްވާނެއެވެ.

ބޮޑުތަކުރުފާނުގެ ޖިހާދުގައި އެ ތަކުރުފާނު ބޭނުންކުރެއްވީ ވަރަށް ސާދާ ގޮތްތަކެކެވެ. ދެއްކެވި ކޮންމެ ވާހަކަފުޅެއް ދެއްކެވީ ވަރަށް ސާފުކޮށެވެ. އަލިތަކުރުފާނު ޝަހީދުވުމާ ގުޅިގެން ކަޅުއޮށްފުންމީގެ މުޖާހިދުންނާ ވާހަކަދައްކަވަމުން ބޮޑުތަކުރުފާނު ވިދާޅުވި ވާހަކަފުޅުތަކުން ބޮޑުތަކުރުފާނުގެ މިޒާޖުފުޅާއި، ލީޑަރެއްގެ ގޮތުގައި ގޮތް ނިންމެވުމަށް އެހެން މީހުންގެ ލަފަޔާއި މަޝްވަރާ ހޯއްދެވި ގޮތުގައި ހުރި ހިތްތިރިކަމާއި މަޑުމައިތިރިކަމާއި ސާދާކަން ވަރަށް ރަނގަޅަށް ފާހަގަވެއެވެ.

ބޮޑުތަކުރުފާނު ވިދާޅުވެފައިވެއެވެ. "އަޚުންނޭވެ. ކޮންމެއަކަސް އަހަރެމެންގެ ބޭބެ އަލި ތަކުރުފާނު ޝަހީދުވެއްޖެއެވެ. ބޭބެއަށް މާތް ރަސްކަލާނގެ ރަޙުމަތް ލައްވައިފިއެވެ. ބޭބެ ޝަހީދު ވިއެކޭ ކިޔާފައި އަހުރެމެން މިކުރާންއުޅޭ ހުއްޓާލައިފައި މިރަށުގައި އަރާމުގައި ހިލެއި ތިބުމަކީ އެއްގޮތަކުން ވެސް އެކަށީގެންވާ ކަމެއް ނޫނެވެ. އެހެންނާ މިރަށުގެ މީހުންނާއި، އަހަރެމެންގެ އުމުރުން ދެން އޮތް ތަނެއްގައި އަރާމުގައި ތިބުމަކީ އުނދަގޫ ކަމެއް ނޫނެވެ. އަހުރެމެން މިގޮތްމަތީ މިރަށުގައި މިކަން ހުއްޓައިފައި ތިބެއްޖެނަމަ ރާއްޖޭގައި އަހުރެމެންނާ އެއްބަޔަކަށް އެތިބަ ޟައީފު އިސްލާމް މީސްކޮޅުގެ ހާލަކީ ކޮބައިހެއްޔެވެ؟ އަހުރެމެން މިކުރާ ކަންތަކުން ރާއްޖޭގައި ކާފަރުންނަށް އުނދަގޫ ލިބި، އެ މީހުންގެ އަތްދަށުން ތިލަދުންމައްޗާއި މިލަދުންމަޑުލާއި އަދިވެސް މާލެއިން އުތުރު ގިނަ ރަށްރަށް އެހެރީ ބޭރުވެފައެވެ. މިކަމުގެ ރުޅީގައި އިސްލާމްދީން ފުހެ ނެއްތައިލައި ކްރިސްޓިއަންވީ މީހަކު ޤަތުލުކޮށް ނިއްމައިލާން ގަސްތުކޮށްގެންނެވެ. އެކަމަށް ކުއްލިއަކަށް ފަށައިނުގެން އެމީހުން އެތިބެނީ ވެސް އަހަރެމެންނާ ހުރެ އެމީހުން ސިހޭސިހުމަކާއި އެކަން ކުޅައުމަށް މާގަދަ އަމުރެއް އެމީހުންގެ ސަރުކާރުގެ ފަރާތުން ނުލިބޭތީއެވެ. މިހެންވީއިރު އަހަރެމެން އެމީހުންނަށް ބޮޑުކޮށް ތަންވަޅުނުދީ މާލެއާ ދިމާކޮށްގެން އުޅުމާއި މެދުގައި ތިޔަބައި މީހުންގެ ބަހަކީ ކޮބައިހެއްޔެވެ؟"

މަސްދަރު:

ޙުސައިންޞަލާޙުއްދީން (1998) އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލްއަޢުޡަމުލް އުތީމީ ސިރީ ސަވާދީއްތަ މަހާރަދުން. ނޮވެލްޓީ ޕްރެސް

އިބްރާހީމް ބުނު އިސްމާޢީލް (1377ހ.) ބޮޑުތަކުރުފާނު ވާހަކަ، ބުރާރުމުޙައްމަދުފުޅު ކިޔާގޮތަށް. ނޮވެލްޓީ ޕްރެސް

ޔޫއެސް ނޭވަލް ވޯރ ކޮލެޖް (1951) ދަ ޕްރިންސްސިޕަލްސް އޮފް ވޯރ. ނޭވަލް ވޯ ކޮލެޖް އިންފޮމޭޝަން ސަރވިސް ފޯރ އޮފިސަރސް، އޮކްޓޫބަރު، 1951، ވޮލިއުމް. 4 ނަންބަރު 2 (އޮކްޓޫބަރު، 1951)، ޕީޕީ 1-26.

  • މައުލޫމާތު: އަބްދުﷲ ސަޢީދުގެ ލިއުއްވުމަކުން ނަގައިފައި

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *