Support Us

ކޮލަމް ކޯދު: ދެމަފިރިންގެ ދެމެދުގައި ދެކެވޭ ސިއްރު ބައެއް ވާހަކަ- 1

ތިރީގައި މިވަނީ ދެމަފިރިންގެ ދެމެދުގައި ދެކެވޭ ސިއްރު ބައެއް ވާހަކަތަކެވެ.

  1. އަނބިމީހާ ފިރިމީހާއަށް: އިނބަ އަތުގައި އެއްވެސް ފައިސާއެއް، މުދަލެއް ނެތް ވާހަކަ އަހަންނާ އިނުމުގެ ކުރިން އަހަރެން ގާތު އިނބަ ނުބުނީ ކީއްވެ ހެއްޔެވެ؟

ފިރިމީހާ: ކަމަނާ ނޫނީ އަހަރެންގެ އެހެން އެއްވެސް އެއްޗެއް ނެތް ވާހަކަ ކަމަނަ ގާތު އެތައް ފަހަރަކު އަހަރެން ބުނީމު ނޫން ހެއްޔެވެ؟

  1. ފިރިމީހާ އަނބި މީހާއަށް: ކަމަނައަށް ހުވަފެނުން އަހަރެން ފެނޭ ހެއްޔެވެ؟

އަނބިމީހާ: އަހަރެން ނިދަން އޮންނަނީ އައޫޛު ބިސްމިއާއި އިޚްލާސް، ފަލަގި، ނާސް މިހުރިހާ އެއްޗެއް ވެސް ކިޔައި ޝައިތޯނުންގެ ކިބައިން ސަލާމަތްކަން އެދި މާތްﷲ ހަޒުރަތުގައި ދެންނެވުމަށް ފަހުގައެވެ.

  1. ފިރިމީހާ އަނބިމީހާއަށް: އެއްވެސް ޝަރުތަކާ ނުލައި އަދި އެއްވެސް މީހެއްގެ ބާރު އެޅުމަކާ ނުލައި އަހަރުމެންގެ ކައިވެނީގެ އެއްބަސްވުމުގައި ސޮއިކުރި މަތިން ހަނދާންވާ ކޮންމެ ފަހަރަކުމެ، މި އާޔަތް މަތިން ވެސް ހަނދާން ވެއެވެ. وما ظلمناهم ولكن كانوا أنفسهم يظلمون (ތިމަން ﷲ އެމީހުންގެ މައްޗަށް އަނިޔާވެރިވެ ވޮޑިގެންނުވަމުއެވެ. ނަމަވެސް، އެމީހުންގެ ނަފްސުތަކުގެ މައްޗަށް އަނިޔާވެރިވީ ހަމަ އެމީހުންގެ (އަތުންނެވެ.)
  2. އަނބިމީހާ ފިރިމީހާއަށް: ފިރިމީހާ އަނބިމީހާ ރުޅިއަރުވައިފި ނަމަ، ފިރިމީހާގެ ނަމާދާއި ރޯދަ އަދި އެހެން އެއްވެސް ހެޔޮ އަމަލެއް ގަބޫލު ނުކުރެވޭ ހުއްޓެވެ. މިއީ އިއްތިފާގުވެފައިވާ މައްސަލައެކެވެ.

ފިރިމީހާ: އެކަމާ މެދު އިއްތިފާގުވީ ކޮންކޮން ދަންނަބޭކަލުންނެއް ހެއްޔެވެ؟

އަނބިމީހާ: އަހަންނާއި އަދި އަވަށު ހުރިހާ އަންހެނުންނެވެ.

  1. އަނބިމީހާ އަބަދުމެ ވަރުބަލިވެ، ގައިގައި ވަރު ނުހުންނާތީ ފިރިމީހާ އޭނާ ގޮވައިގެން ޑަކްޓަރަށް ދައްކަން ދިޔައެވެ. އަނބިމީހާ ބެލުމަށް ފަހު، ފިރިމީހާ ވަކިން ގެނެސް އޭނާ ގާތު ޑަކްޓަރު ބުންޏެވެ.

އިނބަގެ އަންހެނުން ވަރުބަލިވެ ގައިގައި ވަރު ނުހުންނަނީ މާ ގިނައިން ގޭ މަސައްކަތް ކުރާތީއެވެ. އެހެންވެ، އޭނާއަށް ލުޔެއްދީ އަރާމު ކުރާނޭ ވަގުތު ދޭންޖެހެއެވެ. ދެން ތިރީގައި އެވާ ގޮތަށް ކަންތައް ކުރުމަށް ޑަކްޓަރު ފިރިމީހާއަށް އިރުޝާދު ދިނެވެ.

  • ކޮންމެ ދުވަހަކު ވެސް އޭނާ ބޭނުން އިރެއް ވަންދެން ނިދަން ބާއްވާށެވެ.
  • ދުވާލު ދަޅައިގައި އޭނާ ބުނާ އެއްޗަކާ ދެބަސްނުވާށެވެ.
  • ދުވާލު ވަގުތުގައި އޭނާއަށް މީރު، ރަނގަޅު ކާނާ ހޯދައިގެން ގެނެސް ކާންދޭށެވެ.
  • ތާކުންތާކު ނުޖެހޭ ކުދިކުދި ކަންތައް ނަގައި އޭނައާ ޖަދަލުކުރަން ނުހަދާށެވެ.
  • ގޭތެރޭ މަސައްކަތްކުރަން އެއްގޮތަކަށް ވެސް އޭނާއަށް ނުޖައްސާށެވެ.
  • ޓީވީން އަންނަ ސިލްސިލާތައް އޭނާ ބެލުމަށް ބާރުއަޅައި ހިއްވަރު ދޭށެވެ.
  • ރޭގަނޑުގެ ކެއުން ތައްޔާރުކޮށް، ހިނިތުންވެ ހުރެ އޭނާއަށް ކާންދޭށެވެ.
  • މިފަދައިން ކަންތައް ކޮށްފި ނަމަ، މަސްދުވަހުގެ ތެރޭގައި އޭނާގެ ވަރުބަލިވުން ކެނޑި ގައިގައި ވަރު ޖެހޭނެއެވެ.

ދެން ފިރިމީހާ ޑަކްޓަރު ކުރެން އެއްސެވެ. "ތި ބުނެދިން ގޮތަށް ކަންތައް ނުކުރެވިއްޖެ ނަމަ، ވާނީ ކިހިނެއް ހެއްޔެވެ؟"

ޖަވާބުގައި ޑަކްޓަރު ބުންޏެވެ: "މަސްދުވަހުގެ ތެރޭ އަންހެނުން މަރުވާނެއެވެ!"

ދެން ދެމަފިރިން ޑަކްޓަރުގެ ކުލިނިކުން ނިކުމެގެން ގެއަށް ދާން ހިނގައިގަތެވެ. އަދި، އަންހެން މީހާ ފިރިމީހާ ކުރެން ޑަކްޓަރު ބުނީ ކީކޭތޯ އެއްސެވެ. ދެން ޖަވާބުގައި ފިރިމީހާ ބުންޏެވެ: "އެއްމަސް ފަހުން އިނބަ މަރުވާނެއެވެ!"

  1. ފިރިމީހާ އަނބިމީހާއަށް: އިބުނު ތައިމިއްޔާ ރަހިމަހުﷲ ވިދާޅުވެފައި އޮވެއެވެ. އަންހެނަކު ކައިވެނިކުރުމަށް ފަހު، އެ ކަނބުލޭގެ މައިންބަފައިންނަށް ވުރެ ވެސް އެކަނބުލޭގެ މައްޗަށް ބާރު ހިނގާނީ އެކަނބުލޭގެ ފިރިމީހާގެއެވެ. އެހެންވެ، ފިރިމީހާގެ އަމުރުތަކަށް އެކަނބުލޭގެ ކިޔަމަންވާން ޖެހެއެވެ.

އަނބިމީހާ: އިބުނު ތައިމިއްޔާ ރަހިމަހުﷲއީ ވަރަށް ވެސް ތަގުވާވެރި ބޮޑު އިލްމުވެރިއެކެވެ. ނަމަވެސް، އެކަލޭގެފާނު ކައިވެނި ބެއްލެވި ކަމެއް ނޭނގެއެވެ. ފިގުހީ މައްސަލަތަކުގައި އޮންނަނީ ކަމެއްގެ މައްޗަށް ހުކުމް ހިންގޭނީ އެކަމުގެ ރަނގަޅު ތަސައްވުރެއް ހިތަށް ލިބިގެންނެވެ. ކައިވެނީގެ އަމަލީ ތަޖުރިބާ ނެތް ބޭކަލަކަށް އެކަމާ ބެހޭ ބައެއް މައްސަލަތަކުގެ ރަނގަޅު ތަސައްވުރެއް ހިތަކަށް ނުނެގޭނެއެވެ. އެހެންވެ، އެކަމާ ބެހޭ ގޮތުން ރަނގަޅަށް އެއްޗެއް ބުނުމުގެ ހައްގު އޮންނާނީ ކައިވެންޏަކީ ކޮން ކަހަލަ ކަމެއް ކަން ތަޖުރިބާ ކުރުމަށް ފަހު، ދެމަފިރިންގެ ދޭތެރޭގެ ގުޅުން އޮންނަ ގޮތް ރަނގަޅަށް އެނގޭ މީހުންނަށެވެ.