Support Us

ސައެންސްވެރިން ނުކުޅެދޭ ހިސާބު

ބައެއް ޖާހިލުން ހީކުރަނީ އިންސާނާއަކީ އޭނާގެ ހަށިގަނޑުގެ ބައިތައް އެކުވެ ވަކިވުމަށް ކިޔާ ނަމެއް ކަމުގައެވެ. އެބައިތައް އެކުވެއްޖެނަމަ ދިރުނީއެވެ. ވަކިވެއްޖެނަމަ މަރުވީއެވެ. އެކަން އޮތީ އެހެން ކަމުގައި ވާނަމަ މޮޅު، ކުޅަދާނަ ސައިންސްވެރިޔަކަށް މި ބަހާތައް އެއްކޮށް ޖަމާކޮށްލައިގެން މުޅިން އައު ދިރުމެއް ނުވަތަ އައު ޙަޔާތެއް އުފެއްދުނީހެވެ. ނަމަވެސް މިއީ އިންސާނަކަށް ކުޅަދާނަކަން ލިބިގެންވާ ކަމެއް ނޫންކަން އެންމެން ވެސް ދަނެތެވެ.

މަރުވާ މީހުންނަކީ އަހަރެމެންގެ ލޯމަތިން ފެންނަ ފަދައިން ހަމައެކަނި ކޮންމެވެސް ހާދިސާއެއް ނުވަތަ އެކްސިޑެންޓެއް ހިނގުމުގެ ސަބަބުން ހަށިގަނޑުގެ ބައިތައް ބައިބައިވެ ހަލާކުވެގެން މަރުވާ މީހުން އެކަންޏެއް ނޫނެވެ. އެހެނެއް ކަމަކު މަރުވަނީ ތަފާތު ގޮތްގޮތަށެވެ. ހުރިހާ ހާލަތެއްގެ މީހުންނަށާއި އުމުރެއްގެ މީހުންނަށް ވެސް މިކަން ކުރިމަތިވެއެވެ. ބައެއް ފަހަރު ނުހަނު ދުޅަހެޔޮ ޞިއްޙަތެއްގައި ހުރި މީހަކު ވެސް ހިތް ހުއްޓިދެއެވެ. ސީދާ ޑޮކްޓަރު ވެސް އޭނާގެ ހިތް ހުއްޓުނު ސަބަބު ދެނެގަތުމަށް ނުކުޅެދެއެވެ. މަރުވެފައިވާ މައްޔިތާގެ ހަށިގަނޑު އަހަރެމެންނަށް ފެންނަނީ ނިދާފައި އޮންނަ އިންސާނެއްގެ ހަށިގަނޑު ފަދައިންނެވެ. އޭނާގެ ހަށިގަނޑުގެ ބައިތަކާއި ބަހާތައް ފެންނަނީ ފާހަގަކުރެވޭ ބަދަލެއް ނައިސް ހަމަ ކުރިއެކޭ އެއްގޮތަށެވެ. ހަށިގަނޑުގެ ނިޒާމާއި ތަރުތީބަށް ވެސް ބަދަލެއް ނައިހެވެ. ހަށިގަނޑުގައި ރޫޙު ނުވަތަ ފުރާނަ ނެތް ކަމުގައި ވިޔަސް ވެހެވެ. ހަށިގަނޑާއި ފުރާނަ ވަކިވެފައި ވުމާއެކު ވެސް މެއެވެ.

މިއިން ދޭހަވަނީ މާއްދީ ބަހާތައް ނުވަތަ ބައިތައް ތަރުތީބުކޮށް އެއްކޮށްލުމަކުން އިންސާނީ ޙަޔާތެއް ނުއުފެއްދޭނެކަމެވެ. އައު ޙަޔާތެއް އުފަން ނުވާނެ ކަމެވެ. ވީއިރު ދިރުމަކީ ނުވަތަ ޙަޔާތަކީ މުޅިން ތަފާތު އެއްޗެކެވެ. މިއީ ހަގީގަތެވެ.

ކެމިކަލް ނުވަތަ ސައިންސްގެ ލެބޯޓަރީއެއްގައި ދިރުން ހުރި އިންސާނެއް ނުއުފެއްދޭނެއެވެ. އިންސާނެއްގެ ހަށިގަނޑުގެ ސޫރައިގައިވާ އެއްޗެއް އުފެއްދިދާނެއެވެ. އަހަރެމެން އެންމެން ވެސް ދަންނަ ފަދައިން ދިރިއޮތް ހަށިގަނޑެއްގެ ބައިތައް އުފެދެނީ ކެމިކަލް ޒައްރާތަކަކުންނެވެ. އޭގެތެރޭގައި އަހަރެމެންނަށް އެނދި އަޅީގައި ހުންނަ މާއްދާ ކަމުގައިވާ "ކާރބަން" އާއި ފެނުގެ އަސްލު އެކުލެވުން ކަމުގައިވާ ހައިޑްރޯޖަނާއި އޮކްސިޖަން އަދި ވައިގެ އަސްލު އެކުލެވުމުގައި ހިމެނޭ މައިގަނޑު މާއްދާ ކަމުގައިވާ "ނައިޓްރޯޖަން" ހުއްޓައި ފެނެއެވެ. އަދި އެނޫން އެއްޗެއްސާއި މާއްދާތައް ވެސް ހުރެއެވެ. ނަމަވެސް ސުވާލަކީ، ދިރިހުރި އިންސާނާއަކީ، އާދަޔާ ޚިލާފު ތަރުތީބަކުން އަތުރާލެވިފައިވާ އާދައިގެ ޒައްރާތަކެއްގެ ޖަމާއެއް ހެއްޔެވެ؟ ނުވަތަ އޭނާއަކީ އިސްވެ ދިޔަ ތަކެތި ފިޔަވައި އެހެން އެއްޗެއް ހެއްޔެވެ؟

ސައިންސްގެ ޢިލްމުވެރިން އެއްބަސްވާ ގޮތުގައި އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ އަހަރެމެން އެންމެން ދަންނަ އެއްކަލަ ބައިތަކުން ކަމުގައި ވިޔަސް އެބައިމީހުންނަށް އިސްވެދިޔަ އުންސުރުތައް ރާވައި ތަރުތީބުކޮށްގެން ދިރުމެއް ނުވަތަ ޙަޔާތެއް އުފެއްދުމުގެ ކުޅަދާނަކަން ލިބިފައެއް ނުވެއެވެ. އެހެން ޢިބާރާތަކުން ނަމަ ދިރިހުރި އިންސާނާގެ ހަށިގަނޑަކީ ހަރަކާތެއް ނެތް ޒައްރާތައް އެކަންޏެއް ނޫނެވެ. އަދިކިއެއްތަ؟ އެއީ ޒައްރާތަކާއި ދިރުމާއި ދޭތީގެ މައްޗަށް އެކުލެވޭ އެކުލެވުމެކެވެ. މިގޮތުން މަރުވުމަށްފަހުގައި ވެސް ޒައްރާތައް ޖަމާވެފައިވާ ހަށިގަނޑު ފެންނަން އޮވެއެވެ. ނަމަވެސް ޙަޔާތް ނުވަތަ ދިރުން އަނެއް ޢާލަމަށް ދަތުރުކުރެއެވެ. މި މޭރުމުން އިސްވެދިޔަ ތަފުސީލުގެ މައްޗަށް ނަޒަރު ހިންގާލުމުން އެނގެނީ، ޙަޔާތް ނުވަތަ ރޫޙު ފަނާވެ ނުދާކަމެވެ. އަދިކިއެއްތަ؟ އެއީ ފަނާނުވެ ދެމިއޮންނަ އެއްޗެއް ކަމެވެ. މިގޮތުން އަހަރެމެންނަށް އޮޅުމެއްނެތި ގަބޫލުކުރެވެނީ މަރުވުމަށްފަހު އަންނަން އޮތް ޙަޔާތާ ބެހޭ ނަޒަރިއްޔާއަކީ ބުއްދި ގަބޫލުކުރާ ހަގީގަތެއްކަމެވެ.

މި ހަގީގަތް ހަރުއަޑުން ގޮވަނީ، ހަމަ ކަށަވަރުން އަހަރެމެންގެ ހަޔާތަކީ، މަރުވުމުގެ ކުރިން ލޮލަށް ފެންނަން މިއޮތް ދުނިޔަވީ ޙަޔާތް އެކަންޏެއް ނޫނެވެ. އަދިކިއެއްތަ؟ މަރުވުމަށްފަހު އަހަރެމެން ދިރިދެމިގެންވާ އެހެން ހަޔާތަކަށް ބަދަލުވާނެއެވެ.

އެންމެންވެސް ދަންނަ ފަދައިން އިންސާނާގެ އުމުރާއި އޭނާ ދިރިއުޅޭ ދުނިޔެއާއި ދެ އުންސުރަކީ ވެސް ފަނާވެދާ އެއްޗެއްސެވެ. އެހެންނަމަވެސް އުމުރާއި ދުނިޔެ ފަނާވެ ދިއުމަށްފަހު ވެސް އިންސާނާގެ ވުޖޫދު ފަނާނުވެ ދެމި އޮވެއެވެ. އިންސާނުން މަރުވުމުން ހަގީގަތުގައި މަރުވަނީއެއް ނޫނެވެ. އަދިކިއެއްތަ؟ އެހެން ދުނިޔެއަކަށް ބަދަލުވަނީއެވެ. އެއީ، އެތާނގައި ދިރިތިބުމަށެވެ. އަހަރެމެންނަށް އިންތިޒާރުކުރާ އެ ދުނިޔޭގެ ނިސްބަތުން މިހާރު މިތިބަ ދިރިއުޅުމަކީ ކުރު މުއްދަތެކެވެ. މަދު ވަގުތުކޮޅެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *